އެކި ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކާ ސިޔާސީ މަސްރަޙު ހަލަބޮލިކުރި ވަރަކަށް ގައުމަށް ނިކަމެތިކަން އަންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގައުމު މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ، ގައުމުގެ މަސްރަޙު ގޯސްކޮށްލަން ނުވަތަ ހަލަބޮލިކޮށްލަން މަސައްކަތްކުރާ މިންވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން ކަމަށާއި، ގައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލައިފި ނަމަ ސުކޫކާއި ރީޕޭމެންޓުތައް ދެއްކުމަށް ވެސް ފައިސާ ނުލިބޭނެ ކަމަށެވެ.
ގައުމު ހަލަބޮލި ކުރަނީ އެކަމުގެ ސަބަބުން އަންނާނެ ލޮޅުންތައް އެނގި ތިބެކަމަށް ވެދާނެ ކަމަށާއި، އެއީ އެއްވެސް މިންވަރަކަށް އެއްބާރުލުން ދެއްވާނެ ކަންކަމެއް ނޫން ކަމުގައި ޤާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތާއި އަމާންކަން ރިވެތި ގޮތުގައި އޮވެގެން މެނުވީ، އެއްވެސް އެހީތެރިކަމެއް ރާއްޖެއަށް ނުލިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ މެންބަރުން ކުރި މުޖުރިމް އަމަލެއް ނޫން ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް އެ ގެނައި އިސްލާހުގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތުމުން އެކަމާގުޅޭ ގޮތުން ވާހަކަދެކެވެން ނެތް ކަމަށާއި އެ ވާހަކަ މަޖިލިސް ތެރޭގައި ދެއްކުމުގެ އިހުތިޔާރުވެސް ނެތް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއް ހަދައިގެން މެންބަރުން އަމިއްލައަށް އިސްތިއުފާ ހުށަހަޅުވަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ފާސްކުރި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީކީ މީހަކު ކުރި މުޖުރިމު އަމަލެއް ނޫން އިނގޭތޯ ގާނޫނުއަސާސީ ބުނާ ގޮތުން. ވެރިއަކު ކުރި މުޖުރިމު އަމަލެއް ނޫނޭ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރި އެ މެންބަރުންވެސް ކުރި މުޖުރިމް އަމަލެއް ނޫން އެއީކީ"
ގާސިމް ވިދާޅުވީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމުގެ ކުރިން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން އެހެން ޕާޓީއަކަށް ބަދަލުކުރުވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި 16 މެންބަރަކު ޕީޕީއެމަށްވެސް ގެންދިޔަ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ގާސިމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް އެ ގެނައި އިސްލާހުގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތުމުން އެކަމާގުޅޭ ގޮތުން ވާހަކަދެކެވެން ނެތް ކަމަށާއި އެ ވާހަކަ މަޖިލިސް ތެރޭގައި ދެއްކުމުގެ އިޚްތިޔާރުވެސް ނެތް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ގާނޫނެއް ހަދައިގެން މެންބަރުން އަމިއްލައަށް އިސްތިއުފާ ހުށަހަޅުވަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ފާސްކުރި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް މިހާރުވެސް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕު މެންބަރަކަށްވިޔަސް އެއީ އޭނާއާއި މަޝްވަރާ ކޮށްގެން ކުރިކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައެވެ. އެ ބިލާމެދު ބަހުސްކޮށް، ހަމަ އެ ދުވަހު ބިލު ވަނީ ފާސްކޮށްފައެވެ. އެރޭގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުވެސް ކުރައްވައިފައެވެ.
އެ އސްލާހުގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
