ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ވިލުންތެރި މުސްތަޤުބަލެއް ހޯދޭނީ ބައިނަލްއަޤުވާމީ އެހީތެރިކަން ލިބިގެންކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރމެންޓް ސަމިޓް 2025ގެ ޚަވާސާގައި ބޭއްވި ސަސްޓެއިނަބަލް ޑިވަލޮޕްމެންޓް ގޯލްސްއިން އެކްޝަން 2025 ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޕެނަލް ޑިސްކަޝަންގައި ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ވީހާވެސް އަވަހަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. އަދި އެންމެ ބޮޑަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ނާޒުކު ޤައުމުތަކަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދިމާވާ ދަތިތަކާއެކުވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ފުޅާ ދާއިރާއެއްގައި އެ ޤައުމުތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވާނެ ގޮތަށް އިމާރާތްތައް ބިނާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކުރުމަށްވެސް ރާއްޖެއިން ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެހެންނަމަވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރި މުސްތަޤުބަލެއް، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ހޯދޭނީ ބައިނަލްއަޤުވާމީ އެހީތެރިކަން ލިބިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
