ސަރުކާރުން ބޭނުންވާނަމަ އެއަރޕޯޓު ދޫކޮށްލަން ތައްޔާރު: ޤާސިމް

ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރުކަމަށް އެ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ވިލާ އެއަރއިން ކާޑެއްދޫ އެއަރޕޯޓު ރަނގަޅަށް ބަލަހައްޓަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓުގެ ހިންގުން ވިލާ އެއަރއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ 50 އަހަރަށެވެ. ނަމަވެސް އެ އެއްބަސްވުން 2107 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރިއެވެ. މިކަމާ ގުޅިގެން ވިލާ އެއަރއިން ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، ކާޑެއްދޫ އެއަރޕޯޓުގެ އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.

އިޤުތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިލާ އެއަރގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވީ މި ވަގުތު ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި ޚަރަދުތައް ފޫބެއްދުމަށް މަހަކު މިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށެވެ. އަދި ގެއްލުންވި ނަމަވެސް އެއަރޕޯޓުގައި ކުރަންޖެހޭ މަރާމާތުތައް ކުރަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

އެއަރޕޯޓުގެ ކުރިމަގާއި ގުޅޭޭގޮތުން ޤާސިމް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓު، ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް ކާޑެއްދޫ އެއަރޕޯޓާ ގުޅޭގޮތުން ސަރުކާރުން ވަކި ގޮތެއް ބޭނުންވާނަމަ ސަރުކާރަށާއި ވިލާ އެއަރއަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން އެއަރޕޯޓު ދޫކޮށްލަން ތައްޔާރުކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *