އަވަސް އަރުވާލައިގެން ކުރާ ނަމާދަކީ ނަމާދަކަށް ނުވެއެވެ!

މިހާރަކަށް އައިސް މިސްކިތުގައި ކުރި ނަމަވެސް ގޭގައި ނަމާދުކުރިނަމަވެސް އަވަސް އަރުވާލައިގެން ނުވަތަ އަވަސްއަވަސް ކޮށްލައިގެން ނަމާދުކުރާ މީހުން ދަނީ ގިނަވަމުންނެވެ.

މިކަން ކުރާމީހުން އެކަންކުރަނީ އަވަސް އަރުވާލައިގެން ކުރާ ނަމާދަކީ ނަމާދަކަށް ނުވާކަން އެނގި ތިބެއެވެ. އަވަސް އަރުވާލައްވައިގެން ނަމާދު ކުރެއްވި ޞަހާބީ އަކަށް "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ." ޙަދީޘްފުޅު ކުރައްވަވާފައިވާކަމަށް އޮތް ޙަދީޘްފުޅަކީ ވަރަށް ގިނަ ބައަކަށް ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ. ނަމަވެސް ހިތާމައަކީ މި ޙަދީޘްފުޅަށް އަމަލުކުރުމުގައި އިހްމާލް ވެވެމުން އަންނަ ކަމެވެ.

ރަސޫލް ﷺ މިސްކިތްކޮޅުގައި އިންނަވަނިކޮށް ޞަހާބީ ބޭކަލަކު ވަޑައިގެން ނަމާދު ކުރެއްވެވިއެވެ. ރަސޫލް ﷺ އިންނެވީ އޭނާ ނަމާދުކުރައްވާ ގޮތް ބައްލަވާށެވެ! ނަމާދުން ނިމިވަޑައިގެން ރަސޫލް (ﷺ) އަރިހަށް ވަޑައިގެން ސަލާމް ވިދާޅުވުމުން ސަލާމަ ޖަވާބު ދެއްވެވިއެވެ. ސަލާމަށް ޖަވާބު ދެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވީ "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."

3 ފަހަރު ތަކުރާރުކުރެއްވެވުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ ހަމަ އެގޮތަށެވެ. "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."

އެ ހިނދު އެއަށްވުރެ ފުރިހަމައަށް ނަމާދުކުރައްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޞަޙާބީ އެދިވަޑައިގަތީ ނަމާދު ކުރައްވަން ދަސްކޮށް ދެއްވެވުމަށެވެ. ޞަޙާބީ ކުރެއްވެވި ނަމާދުގެ މައްސަލައަކަށްވީ ހިތްމައްޗަށް ﷲ ތަޢާލާ ގެންނަން ޖެހޭ ވަރަށް ނުގެންނަވައި، އެކަމަށް ވަގުތު ނުދެއްވަވައި އަވަސް އަރުއްވާލައްވައިގެން ނަމާދު ކުރެއްވެވުމެވެ.

ވީމާ މިކަމުން އެނގެނީ އަވަސް އަރުވާލައިގެން ކުރާ އެއްވެސް ނަމާދަކީ ނަމާދަކަށް ނުވާނެކަމެވެ. ނަމާދު ނަމާދަކަށް ވާނީ ހިތް މައްޗަށް ﷲ ތަޢާލާ ގެނެސް އެކަމަށް ވަގުތުދީގެން ނަމާދުކުރުމުންކަމެވެ. ވީމާ ވަގުތު ނެތް ނަމަ ކުރުކުރެވެން އޮތް ވަރަކަށް ކުރުކުރި ނަމަވެސް އަވަސް އަރުވާލައިގެން ނަމާދުކުރުމެއް ނެތެވެ.

ހަމައެއާއިއެކު އެނގިގެން މިދަނީ ނަމާދުގައި ކިޔާތަކެތި ހިތްމައްޗަށް ގެންނަން ޖެހޭނެ ކަމެވެ. އެކަން ކުރެވޭނެ ގޮތަކީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ހިތުން ދަސްކުރުމުގެ އިތުރުން ކިޔަވާ ސޫރަތްތަކުގެ މާނަވެސް ހިތުދަސްކޮށްގެން ނަމާދުކުރުމެވެ. ނަމާދު ނަމާދަކަށް ވާނީ ރޫޙާނީ ބައިވެސް ފުރިހަމަކުރެވިގެންނެވެ. ރޫޙާނީ ބައި ފުރިހަމަ ކުރެވޭނީ މިބުނި ގޮތަށް ނަމާދުގައި ކިޔާ ތަކެތި ހިތުން ދަސްކުރެވިގެންނެވެ.

ކޮންމެއަކަސް ބުނަން ބޭނުންވަނީ ކިތަންމެ މަސައްކަތް ބުރަނަމަވެސް، ކުރަންވެފައި ހުރި ކަންކަން ކިތަންމެ ގިނަ ނަމަވެސް ކުރާ ނަމާދަށް ރައްކައުތެރިވާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު ލަސްލަހުން ނަމާދުކުރާށެވެ. ކުރި ނަމާދުގެ ފައިދާކުރާނީ އެއިރުންނެވެ. ހިތަށް ގެންނަންވީ ކުރަންހުރި ކަންކަން ކުރެވެނީވެސް އެކަންކަމުގައި ބަރަކާތް ލައްވަވާނީވެސް ﷲ ތަޢަލާގެ ރުހިވޮޑިގަތުން ލިބުނުވަރަކުން ކަމެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *