އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އެވަޓަން އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ 31 ޕޮއިންޓާއެކު ތާވަލުގެ12 ވަނަ މަގާމު ލިބިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ 15 ވަނައިގަ އެވެ.
މި މެޗުގެ 19 ވަނަ މިނިޓުގައި އެވަޓަންގެ ބެޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އެވަޓަން އަށް ލިބުނު ކޯނަރެއް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ސާފުކޮށް ނުލެވެނީސް އެ ބޯޅަ ލިބުމުން ބެޓޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
އަދި އޭގެ 14 މިނިޓު ފަހުން އެވަޓަންގެ އަބްދުالله ޑޯކޯރޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑުގައިވެސް އެވަޓަންގެ ބެޓޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މި މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭޒް އެވެ. މި ލަނޑާއެކު އެ ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި އިދިކޮޅު ޓީމުގެ ގޯލަށް ވަނީ ނުރައްކާ ކޮށްފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް މެނުއެލް އުގާޓޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑާއެކު ދެ ޓީމުންވެސް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ.
