ބަޤަރާ ސޫރަތް ނަމަވެސް އެހެން ސޫރަތެއް ނަމަވެސް ރެކޯޑްކޮށްގެން ޖެހުމުން އެކަން ޝައިޠާނާއަށްވެސް އެނގޭނެއެވެ. ވީމާ ނުކިޔަވައި ހަމައެކަނި ރެކޯޑިންގ ޖަހާނަމަ އެގެއަކީ ކީރިތި ޤުރުއާނަށް ސަމާލުކަން ދޭ ގެއެއް ނޫންކަން ޝައިޠާނާއަށްވެސް އެނގޭނެއެވެ. ނަމަވެސް އެގެއެއްގައި ކިޔަވާނަމަ އެގޭގައި އުޅޭ މީހުން ކީރިތި ޤްރުއާނަށް ލޯބިކުރާ ކަމާއި އެގެއެއްގައި ޝައިޠާނާއަށް އެއްވެސް ޖާގައެއް ނެތްކަން އެނގޭނެއެވެ.
މީގެ މާނައަކީ ގޭގައި ކީރިތި ޤުރުއާން ނުޖަހަން ބުނުމެއް ނޫނެވެ. އަދި އެކަމުން ފައިދާއެއް ނުކުރާނެ ކަމަށް ބުނުމެއްވެސް ނޫނެވެ. މިބުނާ ބަހަކީ ފުރަތަމަ ކަމަކީ ކީރިތި ޤުރުއާން ކިޔެވުން ކަމެވެ. ޖަހަން ޖެހޭނީ އެގެއެއްގައި އުޅޭ ބައަކު ކީރިތި ޤުރުއާން ކިޔަވަމުން ކީރިތި ޤުރުއާނަށް ލޯބިކުރުމަށް އިތުރަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ބުނުމެވެ.
ބައެއް މައިންބަފައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ ކުދި ދަރިން ގާތުގައި ކީރިތި ޤުރުއާން ޖަހާފައި ބެހެއްޓުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. މައިން ބަފައިން ނަމާދު ނުކުރި ނަމަވެސް، ކީރިތި ޤުރުއާން ނުކިޔެވި ނަމަވެސް ފުދޭނެ ކަމަށެވެ.
އަނެއްކާވެސް ބުނަން ޖެހެނީ ރެކޯޑްކޮށްގެން ނަމަވެސް ކީރިތި ޤުރުއާނުގެ އަޑު ދަރިންނަށް އިއްވުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އެކަން ކުރުމާއިއެކު މައިން ބަފައިން، ކުދިންގެ ގާތުގައި ކީރިތި ޤުރުއާން ކިޔަވަން ޖެހޭނެއެވެ. ކިޔެވުމާއި ރެކޯޑްކޮށްގެން ޖެހުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ވަގުތުވާވަރަކުން ދަރިންގެ ގާތުގައި ކީރިތި ޤުރުއާން ކިޔަވާށެވެ. ބާކީ ވަގުތުތަކުގައި ރެކޯޑިންގ ޖަހާށެވެ. ބަލިމީހުންގެ ގާތުގައި ވެސް އަމަލުކުރަން ޖެހޭނީ ހަމަ މި އުޞޫލުންނެވެ.
ރޭގަނޑު ނިދަމުން އާޔަތުލްކުރުސި ކިޔަވައިފި ނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހެއްގެ ހިމާޔަތުގައި މަލާއިކަތަކު (ފާރަވެރިއަކު) ބަހައްޓަވައި ދެއްވަވާނެ ކަމަށް އޮތުމުންނާއި ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހަކަށް "ފުދިއްޖެ" ކަމަށް ޙަދީޘްފުޅުގައި އޮތުމުން ނުކިޔަވައި ރެކޯޑްކޮށްގެން ޖެހުމަކުން ނުފުދޭނެއެވެ. ފުރަތަމަ ކިޔަވާށެވެ! އެއަށްފަހު އިތުރަށް އަޑުއެހުމަށްޓަކައި ރެކޯޑްކޮށްގެން ޖަހާށެވެ! ކިޔެވުމަށްފަހު އެހެން މީހުންނަށާއި ޝައިޠާނުންނަށް އަޑު އިއްވުމަށްޓަކައި ވެސް ޖަހާށެވެ!
ކީރިތި ޤުރުއާން ކިޔެވުމުގެ ބޭނުމަކީ ކީރިތި ޤުރުއާނުން ހިތްތައް ފުރައިލުމެވެ. އެއީ ރެކޯޑިންގ ޖަހައިގެން އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ކިޔަވައި ހިތްތައް ފުރައިލާށެވެ! އެއަށްފަހު ހިތްތަކުން އުނިވިއަ ނުދިނުމަށްޓަކައި ރެކޯޑިންގ ޖަހައި އަޑުއަހައި އަބަދުވެސް ހިތްތައް ކީރިތި ޤުރުއާނުން ފުރާފައި ބަހައްޓާށެވެ.
މަޤްޞަދަކަށް ހަދަންވީ ދިރިއުޅޭ ގެއިންވެސް އަދި ތިމާގެ ހިތުން ނަމަވެސް އެއްވެސް ޖާގައެއް ޝައިޠާނާއަށް ނުދިނުމެވެ. ކިތަންމެ ކުޑަ ޖާގައެއް ދިން ނަމަވެސް ޝައިޠާނާ ވެރިވެގަންނާނެއެވެ. ވީމާ އެއްވެސް ވަރަކަށް އެކަމުގެ ފުރުޞަތު ނުދޭށެވެ.
ބަޤަރާ ސޫރަތުގެ އަޑުއިވުމުން ޝައިޠާނާ ދުވެފިލާނެ ކަމަށް އޮތުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ރެކޯޑްކޮށްގެން ޖެހި ނަމަވެސް ފުދޭނެ ކަމަށެވެ. ޙަޤީޤަތަކީ އެވަރުން ނުފުދޭނެ ކަމެވެ. އެހެނީ ޝައިޠާނާއަށް އަސަރުކުރާނީ ކިޔަވާ އަޑު އިވުމުންނެވެ. ޝައިޠާނާއަށް އަސަރުކުރާނީ އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާ ނަމައެވެ.
– ޢުމަރު ސުލައިމާނުގެ ދަރުސަކުން
