ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރެވެ.

ރަމަޟާން މަހަކީ ރަޙްމަތުގެ މައްސަރު ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ! ރަމަޟާން މަހަށްވުރެ ﷲ ތަޢާލާގެ ރަޙްމަތް ބޮޑު މައްސަރެއް ނުވެއެވެ. އެކަލާނގެ ދީލަތިވަންތަކަން ވެސް އެންމެ ބޮޑުވެގެންދާ މައްސަރަކީވެސް ހަމަ ރަމަޟާން މަހެވެ.

އެހެންކަމާއިއެކުވެސް ހަމަ މިރަމަޟާން މަހަކީ ތިބާއަށް އެންމެ ބިރުވެރި އެންމެ ގެއްލުން ލިބޭ މައްސަރުކަމުގައިވުމުގެ ފުރުޞަތުވެސް ހަމައެބައޮތެވެ. ގިނަބައަކަށް ހަނދާން ކުރެވެނީ މިމައްސަރުގައިވާ ރަޙްމަތެވެ! ލިބިދާނެ ބޮޑު ގެއްލުމަށް ވިސްނައި ބިރުވެތިވެވެނީ ވަރަށް މަދު މީހަކަށެވެ.

މިމައްސަރުގައި އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވަވައިފި މީހަކީ ގެއްލެނިވެގެންވާ މީހަކު ކަމުގައި ލެއްވެވުވުމަށް ރަޙްމަތުގެ ނަބިއްޔާ އާމީން ވިދާޅުވިކަން ހަނދާންކުރަނީ ހާދަ މަދު މީހެކެވެ. ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި ތިމާ ހިމެނިދާނެ ކަމަށް ބިރުވެތިވެވެނީ ވެސް ހާދަ މަދު މީހަކަށެވެ.

ރަމަޟާން މަހުގެ ރަޙްމަތް ލިބުންވަނީ އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރާއަޅުންނަށެވެ. އެއީ ކަންނަތްވެ ޣާފިލުވެގެން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ރަމަޟާން މަހުގެ ރަޙްމަތް ހެޔޮ ގޮތުގައި ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ނުކޮށްފިނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހަކުކަމުގައިވުުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ވިސްނައި އެކަމަށް ސަމާލުކަންދޭށެވެ!

– ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *