މިއީ ކުރީގެ ޒަމާނެއްގައި ޢަރަބި ޝަހަރެއްގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން ގެންދިޔަ ޒުވާނެއްގެ ދިރިއުޅުމުގެ ވާހަކައެވެ. ރޫފަ ރަނގަޅު އާދައިގެ އިސްކޮޅެއް ހުންނަ މި ޒުވާނާއަކީ ވަރަށް މަޑުމައިތިރި އަޚުލާގުގެ ގޮތުން އެހިސާބުގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. ދިރިއުޅުމަށް ކުރަމުން ގެންދިޔަ މަސައްކަތަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގެ އިތުރުން ހިސާބަކަށް ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރަންވެސް މިޒުވާނާ އަށް ވަނީ ދަސްވެފައެވެ. ޅަފަތުގައި މައިންބަފައިން ނިޔާވެފައި ވުމުގެ ސަބަބުން، ދިރިއުޅުމުގެ ކަންކަން އަމިއްލަ މަސައްކަތުން ފުއްދަން ޖެހިފައިވާ މިޒުވާނާ ދަނޑުވެރިކަން ކޮށްގެން ދިރިއުޅުމުގެ ކަންކަން ފުއްދާލެވޭ ވަރުވެއެވެ. އަމިއްލަ މަސައްކަތުން ކަންކަން މިގޮތަށް ކުރަމުން އައިސް ޒަވާޖީ ހަޔާތެއް ފެށުމަށް އެހިސާބުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ، ހިސާބުގަނޑުގައި ރީތިކަމަށް ގުނާލެވޭ ކުއްޖަކާއި ކައިވެނި ކުރިއެވެ. ކައިވެންޏަށްފަހު ދެމީހުން ދިރިއުޅެމުން ގެންދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.
އާދެ! ޝުޢައިބު އާއި ސުރައްޔާ ގެ ދިރިއުޅުމުގެ ކަންކަން މިގޮތުގައި ވޭތުކުރަމުން ދަނިކޮށް ޝުޢައިބުގެ މަސައްކަތުން ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ބައެއްކަންކަން ކުރުމަށް ނުފުދި ދާ ފަހަރު އަންނަން ފަށައިފިއެވެ. މިކަމާއިމެދު ޝުޢައިބު ގެ އަނބިމީހާ ސުރައްޔާ ހިތްހަމަ ނުޖެހި ޝުޢައިބުއާއި ނުރުހުންވެ، އެކިކަހަލަ ޝަކުވާތައް ކުރަން ފަށައިފިއެވެ. މިކަން މިހެން ވާން ފެށުމުން ޝުޢައިބު އޭނާގެ އަނބި މީހާއަށް ބުނަމުން ގެންދިޔައެވެ.
"އަހަރެންގެ ލޯބިވާ ކަމަނާ! އުފާވެރި ޒަވާޖެއް ވޭތުކުރަމުން ދާއިރު ދިރިއުޅުމުގައި ދަތި އުނދަގޫ ވާ ފަހަރުތައްވެސް އަންނަމުން ދާނޭކަން ދަނެގެން އުޅެން ޖެހޭނެ. އަހަރެން މިހާ ބުރަކޮށް މަސައްކަތް ކުރަމުން މިގެންދަނީ އަހަރެމެން ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކޮށް ދެމީހުނަށްވެސް އުފާވެރި މުސްތަޤުބަލެއް ހޯދުމުގެ މާތް ނިޔަތުގައި. ވީމާ ކެތްތެރިވެ ލިބޭ މިންވަރަށް ޝުކުރުވެރިވާނަމަ އަބަދުވެސް ހިތުގައި ހިތްހަމަ ޖެހުމާއި އުފާވެރިކަން އޮންނާނޭކަން ކަށަވަރު."
ސުރައްޔާ ބުންޏެވެ. "ކަލެޔަކަށް ދުވަހަކުވެސް ތިނޫން ވަރެއް ނުވާނެ. އަހަރެން އަބަދުވެސް އުޅެން މިޖެހެނީ އަނގަޔާ އަތާ ދިމާނުވެގެން. އަހަރެން ކަލެޔާ އިނީ ކޮންމެހެން އަހަރެން އިންނާނޭ މީހުން ނުވާތީކީ އެއްނޫން. މި ޝަހަރުގެ ފޯރާ ކިތަންމެ މީހަކު އަހަރެންނާ ކައިވެނި ކުރުމަށް އެދުނު. އެކަމަކު އަހަރެންގެ ބައްޕަ ކަލެޔާ ކައިވެނި ކުރުމަށް ބުނުމުން ބައްޕަޔަށް ނޫނެކޭ ބުނަން ބޭނުން ނުވާތީ އަހަރެން ކަލެޔާ ކައިވެނި ކުރީ. ތީ ތިފެންވަރުގެ މީހެއްކަން ކުރިން އެނގުނުނަމަ އަހަރެން ކަލެޔަކާ ކައިވެނި ނުކުރީމުސް."
ސުރައްޔާގެ ވާހަކަތައް މިގޮތަށް ހުރެ ޝުޢައިބު އާއި ދޭތެރޭ އޭނާގެ އަނބިމީހާ ނުރުހުން ވުމުން އެކަންކަމާއި ވަރަށްދެރަވިއެވެ. ނަމަވެސް ޝުޢައިބު ދިރިއުޅުމާއިމެދު ކުރަމުން އައި އުންމީދު ގެއްލުވާ ނުލާ އަނބިމީހާގެ މިޝަކުވާތަކާއި އެކުވެސް ދިރިއުޅުމުގެ ކަންކަމާއިގެން ކުރިޔަށް ދިޔައެވެ. ދެމީހުންގެ ކައިވެންޏަށް އެއް އަރު ވީއިރު ސުރައްޔާ އަލަތު ދަރިފުޅަށް ބަލިވެއިނެވެ. އަދި ބަލިވެ އިންކަން އެނގުމުން އެކަމާއި ނުރުހިގެން ޝުޢައިބު ގާތު ބުނަމުން ގެންދިޔައެވެ.
" އަހަރެން ދަރިޔަކު ބޭނުމެއްނޫނޭ ކަލޭ ކައިރީ ކިހާ ވަރަކަށް ބުނިން. އެކަމަކު ކަލޭ އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑުނާހާ ކަލޭ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ތިޔަ ކުރަނީ. " ޝުޢައިބު މިކަމާއި ވަރަށް ދެރަވެގެން ސުރައްޔާ ގާތުގައި ބުންޏެވެ.
"އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ކަމަނާ. ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެން ނަށް ދެއްވާ ހާދަ މަތިވެރި ނިޢުމަތެކޭ. އެކަލާނގެ ދެއްވާ ނިޢުމަތް ތަކަށް ފުރުގަސް ދިނުމަށް އަހަރެމެނަށް އޮތީ ކޮން ހައްގެއް. ދަރިން ނުލިބިގެން އެކަމާއި ރޮއި ހިތާމަ ކުރަނީ ކިތައް މީހުންކަން ހަނދާން ބަހައްޓަންޖެހޭނެ ނޫންތަ؟ އެހެންވީމާ ﷲ އަށް ޝުކުރު ކޮށްބަލަ. އެކަލާނގެއަށް ޝުކުރުވެރިވާ އަޅަކަށް ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަށް ދެއްވާ ނޭކަން ހަމަ ނޭނގެނީތަ؟"
ދުވަސްތައް މިގޮތުގައި ވޭތުވަމުން ދަނިކޮށް ސުރައްޔާގެ ބަނޑަށް 7 މަސް ފުރިއްޖެއެވެ. ޝުޢައިބު ލިބެން އުޅޭ ދަރިފުޅުގެ ކަންކަން ކުރުމަށް ކުރިޔަށް ވުރެ ބޮޑަށް މަސައްކަތް ކޮށް ވިހެއުމުގެ ކަންކަމަށް ދިޔައީ ތައްޔާރުވަމުންނެވެ. މިގޮތަށް މަސައްކަތް ކުރުން ހުއްޓާނުލާ ކުރިޔަށް ގެންދަނިކޮށް އެ ސަރަހައްދަށް ކުރި ގަދަ ވިއްސާރަޔަކާއި އެކު މުޅި އެސަރަހައްދުގެ ދަނޑުބިންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކު ވިއެވެ. މި ދިމާވި ކަންތަކާއި ޝުޢައިބު ވަރަށް ދެރަވެގެން އޭނާގެ އަނބިމީހާގެ ގާތުގައި މިވާހަކަ ދެއްކިއެވެ. އަދި ވިހެއުމަށް އެއްކުރެވިފައިވާ ފައިސާއިން ކަންކަން ހަމަޖެއްސުމަށް ދަތިވާނޭ ކަމަށް ބުނެފިއެވެ. ޝުޢައިބު ގެ މިވާހަތަކަށް ސުރައްޔާ މާގަޔާ ނުވާކަން އެނގުމުން އިތުރު އާމްދަނީއެއް ލިބޭނޭ ގޮތަކާއިމެދު ވިސްނިއެވެ. އަދި މިކަމާއި ވިސްނުމަށް ފަހު ނިންމީ އޭނާގެ ބައްޕަގެ ފުށުން ދަސްވެފައި ހުރި ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރުމަށެވެ. އަދި އެކަމުން ރަނގަޅު އާމްދަނީއެއް ލިބޭނޭ ކަމަށް ބަލައި އެހިސާބުގައި އުޅޭ ބައެއް ބަލިމީހުނާއި ވާހަކަ ދައްކައިގެން އެމީހުން ގެއަށް ގެނެސް ބޭސްވެރިކަމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން ތިން ބަލިމީހަކު ގެއަށް ގެނައުމަށްފަހު އެމީހުންގެ ބައްޔާގުޅޭ އެންމެ ރަނގަޅު ފަތްޕިލާވެލި ހޯދާ ފަރުވާ ގެ މަސައްކަތް ފެށިއެވެ. އިސާހިތަކު ޝުޢައިބު ގެ ކައިރިޔަށް ފަރުވާ ހޯދުމަށް އަންނަމުން ގެންދިޔަ މީހުން ބަލިން ފަސޭހަވެ، މި ބޭސްވެރިކަމުގެ މަސައްކަތް މީހުންގެ ތެރޭގައި މަގުބޫލުވާން ފަށަފިއެވެ. އަދި މަޑުމަޑުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވޭނޭ ވަރަށް ފައިސާގެ ކަންކަން ދިޔައީ އިތުރުވަމުންނެވެ. މިކަމާއި މެދު ޝުޢައިބު ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ކުރިޔަށް އޮތްތަނުގައި މިމަސައްކަތް ހުއްޓާނުލާ ކޮށްފިނަމަ ދިރިއުޅުމަށް އެދެވޭ ހެޔޮބަދަލެއް ގެނެވިދާނޭ ކަމުގައި ދެކި މިމަސައްކަތް ފުޅާކުރުމަށް ނިންމިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ޝުޢައިބު އަންހެނުން ސުރައްޔާ ދުވަސްފުރާ ވަރަށް ލޯބި އަންހެން ދަރިޔަކު ވިހައިފިއެވެ. މިކަމާއި ޝުޢައިބު ވަރަށްއުފާވެ، ދަރިފުޅާއި އަނބިމީހާގެ ކަންކަން ފުރިހަމަކުރެވޭތޯ ވަގުތުތައް ހުސްކުރަމުން ގެންދިޔައެވެ. ދަރިފުޅަށް ހަތް ދުވަސް ފުރުމުން އަޤީޤާ ކަތިލުމަށްފަހު އެދަރިފުޅަށް "ސާރާ" ގެ ނަމުން ނަންކިޔައިފިއެވެ. ޝުޢައިބުގެ ވަގުތުތައް ހުސްކުރަމުން ގެންދިޔައީ ބަލިމީހުނަށް ބޭސްފަރުވާ ކުރުމުގެ އިތުރުން އަނބިމީހާ އާއި ދަރިފުޅު ސާރާގެ ޚިދުމަތުގައެވެ.
އެއްރޭ ޝުޢައިބު މަސައްކަތް ނިންމުމަށްފަހު ގޭތެރެޔަށް ވަތް އިރު ސުރައްޔާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުއްޓާ ފެނުމުން ސުރައްޔާއާއި ސުވާލު ކުރިއެވެ.
"ކަމަނާ މިރޭ ކޮންކަމަކާއި ހިތްހަމަ ނުޖެހިފައި ހުރި ރެޔެއް؟ ނިކަން ބުނެބަލަ."
ސުރައްޔާ ވަރަށް ރުޅިއައިސްގެން ޝުޢައިބުއާއި ދިމާއަށް ބުންޏެވެ.
"މިހާރު ކަލޭގެ ކަންތައް ވަރަށްބޮޑުވެއްޖެހެން އަހަރެންނަށް ހީވާން ފަށައިފި. އެއްފަހަރުވެސް ހިތަށްއަރާތަ ފާޑު ފާޑުގެ ބަލިމީހުން ތިގޮތަށް މިގެއަށް ގެނެސް ތިހެން އުޅެންފެށުމުން ފާޑު ފާޑުގެ ބަލިތައް ފެތުރޭނޭ ކަމެއް. އަހަރެން ބޭނުމެއްނުވޭ އަހަރެންގެ މި ދަރިފުޅަށް ކަލެޔާހެދި އެފަދަ ބަލިތައް ޖެހޭކަށެއް. ތިމަސައްކަތެއް ކުރަން ފެށިފަހުން މީހާ އަބަދު ތި ހުންނަނީ މުޑުދާރުކޮށް ގައިން ތާހިރުނުވެ. ކަލެޔާއެކު އަހަރެން އުޅެން ވެއްޖެއްޔާ އަހަރެން ގެ މި ރީތި ހަށިގަނޑު ބަލި ޖެހި މި ދޮން އޮމާން ހަންގަނޑު ހަލާކުވެދާނެ ކަމުގެ ބިރުވެސް އަހަރެންނަށް މިހާރު ހީވާން ފަށައިފި. ކަލޭ އަހަރެންނާ އެކީ އުޅޭން ބޭނުންވާ ކަމުގައި ވަންޏާ ތި މުޑުދާރު މަސައްކަތް ހުއްޓާލާ! ނުހުއްޓައިފިނަމަ އަހަރެންގެ ފަރާތުން ކަލެޔަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ. ހަނދާން ކުރާތި. މީގެ ފަހުން އަހަރެން އުޅޭ ގޮތްގޮތް ބަލާ އަހަރެންނަށް ހެޔޮ ނުބައި ކިޔައިދީ ހަދާނެކަމެއް ނެތް. އަހަރެންވެސް ދެން އުޅޭނީ އަހަރެންނަށް ފެންނަ އެންމެ ހިތް ރުހޭނޭ ގޮތަށް. "
ސުރައްޔާގެ މި ވާހަކަތައް އަޑު އަހަން ޝުޢައިބު ހުރީ އިސްދަށަށް ޖަހައި އޭނާގެ އަނބިމީހާ އޭނާއަށް ނަފުރަތު ކުރާ މިންވަރު އެނގި އެހިތުގައި ފިރިމީހާ އާއި ދޭތެރޭ އެއްވެސް ރަހުމެއް ނެތް ކަން އެނގުމުން ވަރަށް ބޮޑަށް ހިތުގައި ޖެހި ފެންކަޅި ވެފައެވެ. އަދި ޝުޢައިބުހިތަށް އެރިއެވެ. އޭނާގެ އަނބި މީހާ ރުހޭހާ ގޮތަކަށް އޭނާ ކަން ކޮށްފިނަމަ ފަހުން އޭނާ ކުރަން ޖެހޭނޭ ހިތާމަ މާ ބޮޑުވާނެއެވެ. އެވަގުތު ވިސްނުމަށް ފަހު ޝުޢައިބު ގޮތެއް ނިންމިއެވެ. ކޮންމެ ގޮތަކަށް ކަން ވީ ކަމުގައި ވީ ނަމަވެސް އޭނާގެ ބޭސްވެރިކަމުގެ މި މަސައްކަތް ހުއްޓާ ނުލުމަށެވެ. އަދި މިގޮތުގައި ޝުޢައިބުގެ ބޭސްވެރިކަމުގެ މަސައްކަތް ދިޔައީ އިތުރަށް ކުރިޔަށް ގެންދަމުންނެވެ. އަދި އޭގެ ސަބަބުން މިމަސައްކަތް އެހިސާބުގެ މީހުންގެ މެދުގައި މަގުބޫލުވެ، އަތްމަތި ތަނަވަސްވާން ފެށިއެވެ.
ޝުޢައިބުގެ އަނބިމީހާ އެވާހަކަ ދެއްކިފަހުން އަނބިމީހާއަށް އަންނަ ބަދަލުތައް ދިޔައީ ވަރަށް ބޮޑަށް ފާހަގަ ކުރަމުންނެވެ. އަމިއްލަ ގޭގައި ހަލާލު އަނބި މީހާ ގާތު ޝުޢައިބު ބާކީވެ ބީރައްޓެހި ވަމުން އަންނަ ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. އަދި މިކަމާއި ދެރަވެގެން އެއްރޭ ސުރައްޔާ އާއި މިކަމާއި ވާހަކަ ދައްކާ ނަސޭހަތްދިނުމުން ވެސް ޝުޢައިބު ދެއްކި އެއްވެސް ވާހަކައެއް ގަބޫލު ނުކޮށް ސުރައްޔާ ބުނަމުން ގެންދިޔައެވެ.
"އަހަރެން މިހާރު ކަލޭދެކެ ވަރަށް ފޫހިވޭ. އަދި ކަލެޔާއި އެކު އިތުރަށް އުޅޭކަށް ބޭނުމެއް ނޫން. އަދި ވީ އެންމެ އަވަހަށް މިނިވަން ކޮށްދީ."
ނަމަވެސް ޝުޢައިބު ސުރައްޔާގެ ގާތު އަހަރެމެން ދެމީހުންގެ ދަރިފުޅާއި ދޭތެރޭ އަދި ވިސްނާލުމަށް ނަސޭހަތްތެރި ވިއެވެ. މިހެން ބުނުމުންވެސް ޝުޢައިބު ދައްކަމުން އައި ވާހަކަތަކަށް ބީރު ކަންފަތްދީ، އަހަރެން މިހާރު ކަލޭ ފެނުނަސް ފަކުރު ގަންނަކަމުގައި ބުނެ އިތުރަށް ދެން ކައިވެނިކޮށްގެން އުޅެން ބޭނުން ނުވާކަމުގައި ބުނެފިއެވެ. ނަމަވެސް ޝުޢައިބު ކެތްތެރިކަން އިސްކުރިއެވެ. ސުރައްޔާއަށް ހެޔޮގޮތް އަދި ވިސްނިދާނޭކަމުގެ އުންމީދުގައެވެ.
ސުރައްޔާ ވަރިޔަށް އެދުނު ފަހުން އޭނާ ގެއިން ބޭރުގައި އުޅެމުން ދާ ވަގުތު ގިނަވާން ފަށައިފިއެވެ. އަވައްޓެރި އެކިމީހުންގެ ފުށުން ސުރައްޔާ އާއި ބެހޭ ގޮތުން އެކި ވާހަކަ ތައް ޝުޢައިބުއަށް އައީ އިވެމުންނެވެ. ލޯބީގެ ގޮތުން އެހެން މީހަކާއި ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް މުޅި ހިސާބު ގަނޑުގައި އެއް އަޑެއްގެ ގޮތުގައި ފެތުރެން ފެށިއެވެ. މިކަމާއި ބެހޭ ގޮތުން ޝުޢައިބު ސުރައްޔާއާއި ސުވާލުކުރުމުން ތިމަންނާ އުޅެން ޖެހޭގޮތް ކަލެޔަކަށް ނޭނގޭ ކަމަށް ބުނެ ޒުވާބު ކުރިއެވެ. އަދި ވަރިކޮށްފައި ހުރިނަމަ ލަދުގަންނަންވެސް ނުޖެހޭކަމުގައި ބުނެ ޝުޢައިބުއާއި ދިމާއަށް ހިތުހުރި ހުރި އެއްޗެއް ގޮވާލިއެވެ. ނަމަވެސް އިތުރަށް ވިސްނުމަށްފަހު ޝުޢައިބު ނިންމީ ސުރައްޔާ ދޫކޮށްލާނީ ސާބިތު ހެކި ލިބުނީމައެވެ.
އެއްރެޔަކު ޝުޢައިބު މަސައްކަތް ނިމާލުމަށްފަހު ފެންވަރާލައިގެން ދަރިފުޅު ގާތުގައި އޮއްވާ މީހަކު ސަލާން ގޮވާލުމުން ދޮރު ހުޅުވައި ސަލާން ބަލައިގަނެ ދޮރު ހުޅުވީއިރު ދޮރުމަތީގައި އަވައްޓެރިޔަކު ހުއްޓެވެ. އަދި އޭނާ ބުންޏެވެ. ޝުޢައިބުގެ އަނބި މީހާ ހިލޭ ފިރިހެނަކާއި އެކު މިތާ ކައިރީ ހުރި ފަޅު ތަނަކަށް ވަންނަނިކޮށް ތިމަންނާއަށް ފެނިޖެއެވެ. ޝުޢައިބު އިސްދަށަށް ޖަހާލުމަށްފަހު ބުންޏެވެ. އަހަރެން ތިކަން ގަބޫލު ކުރާނީ ހަމަ ލޮލަށް ފެނި އިތުރަށް ޔަގީން ކުރުމަށް ފަހުއެވެ. އެހެން ބުނުމުން އެމީހާ އާއި އެކު ދިއުމަށް ޝުޢައިބު ގާތު އެދުނެވެ. އޭނާ އެބުނި ފަޅު ގޭގެ ހުރި ކޮޓަރި އެއްގެ ތެރެއިން ފެނުނީ ޤަބޫލު ކުރަން ދަތި މަންޒަރެކެވެ. ޝުޢައިބުގެ އަނބިމީހާ ސުރައްޔާ ހިލޭފިރިހެނަކާއި އެކު ފާޙިޝް ޢަމަލު ކުރުމުގައި މަސްތުވެފައިވާ މަންޒަރެވެ. ޝުޢައިބު އިތުރަށް ބަލަން ނުހުރެ އެތަނުން ނުކުމެގެން ގެޔަށް ދިޔައެވެ. އަދި އެކަމާއި ވިސްނާ ހިތަށް ކުރި އަސަރުން އިތުރަށް ސުރައްޔާއާއި ކައިވެނިކޮށްގެން ނޫޅުމަށް ނިންމިއެވެ. ފެނުނު މަންޒަރާއިމެދު ވިސްނުމުގައި ދަރިފުޅުގެ ގާތުގައި އޮއްވާ ފަތިސް ނަމާދު ވަގުތު ކައިރިވުމުން ނަމާދު ކުރުމަށް ޝުޢައިބު ތައްޔާރު ވަނިކޮށް ސުރައްޔާ ގެޔަށް އަތުވެއްޖެއެވެ. އަދި އޭނާ ގެޔަށް އައުމުން ވަރަށް ހިތްހަމަ ނުޖެހުމާއިއެކު ޝުޢައިބު ސުރައްޔާ އާއި ދިމާއަށް ބުންޏެވެ.
"އަހަރެން މުޅި ހަޔާތުގައިވެސް ތިޔަކަހަލަ ގޮތްކުޑަ ވިޔާނުދާ އަންހެނަކު ނުދެކެން. ތިމާގެ ރީތިކަން ފެނި ބޮޑާކަންމަތީ ދެމިތިހުރީ، ތިމާގެ ހަލާލު ފިރިމީހާއަށް ޣައްދާރުވެ ބޭވަފާތެރި ވެވޭނީ ތިހާވަރަށް، ހުރިހާދުވަހު އެއްޗެއް ނުބުނެ ކެތްތެރި ވީ ކަލެޔަށް ވިސްނޭތޯ. އެކަމަކު ކަލޭ ފަހަރަކު ފާފައެއް ކުރަމުން ގޮސް މިހާރު ތިހުރީ އަތް ނުފޯރާ ހިސާބުގައި. އެހެންވީމާ އަހަރެން ކަލޭ ހިފައްޓަން އެއްވެސް މަސައްކަތެއް ނުކުރާނަން. ލޮލުން ދެކެ އަތުން ހިފިއްޖެ. އެހެން ވީމާ ކަލޭ އެދުނު ފަދައިން މިވަގުތުން ފެށިގެން ކަލޭތީ މިނިވަނެއް. ކަލޭ ތިހުރީ ވަރި ކޮށްފަ. އަދި ކަލޭ މިގެޔަށް އައީ ހުސް އަތާ. އެހެންވީމާ ދާންވެސް ވާނީ ހުސް އަތާ. ދަރިފުޅު ހުންނާނީ އަހަރެންގެ ގާތުގައި. އަހަރެންނަށް އަހަރެންގެ ދަރިފުޅު ބެލޭނެ. އަދި އެދަރިފުޅު ބޮޑުވާނީވެސް އަހަރެންގެ ފުރިހަމަ ހިމާޔަތާ ރައްކާތެރިކަމާއި އެކު. ސުރައްޔާގެ ތިވިޔާނުދާ މުޑުދާރު އަމަލުތައް އަހަރެންގެ ކުޑަކުޑަ ދަރިފުޅުގެ ގައިގަ އަށަގަނުވާކަށް އެފުރަސަތެއް އަހަރެން ނުދޭނަން. އެކަމަކު ކަލޭ ބޭނުން ކޮންމެ ވަގުތެއްގައި އެދަރިފުޅާއި ބައްދަލު ކުރެވޭނެ. ހަމަ މިވަގުތު އަހަރެންގެ ކުރިމަތިން ދުރަށްދޭ! "
ޝުޢައިބު މިވާހަކަތައް ދައްކާ ނިމުމުން ސުރައްޔާ ވަރަށް ރުޅިއައިސްގެން ބުންޏެވެ.
"އަމުދަކުން އަހަރެން ވެސް ކަލެޔާއެކީގައި އުޅޭކަށް ބޭނުމެއް ނޫން. އަދި ދަރިފުޅުވެސް ކަލެޔަށް. މިހާރު އަހަރެންނަކީ ފުރިހަމަ މިނިވަނެއް. އަހަރެން ދެން އުޅޭނީ ކުރިން ވެސް އުޅުނުހެން މިނިވަން ކަމާއި އެކު" މިހެން ބުނުމަށްފަހު ސުރައްޔާ ގެއިން ނުކުމެގެން ހިނގައްޖެއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް މިދިމާވިކަންކަމަށް ކެތްތެރިކަން އިސްކޮށްގެން ޝުޢައިބު ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނެސް މަސައްކަތް ނިންމާ ލިބޭ ހުސްވަގުތު ތަކުގައި ދަރިފުޅުގެ ކަންކަމަށް ހުސްކުރަމުން ގެންދިޔައެވެ. މަންމައަކާއި ނުލައި ދަރިޔަކު ގެންގުޅޭން ޖެހުމުން އެކަމުގެ ބުރަޔާއި އެކުވެސް އެއްވެސް ޝަކުވާއެއް ނެތި ﷲ އަށް ވަކީލުކޮށް ކޮންމެ ކަމެއްވެސް ވާނީ އޭގެ ފަހަތުގައި ކޮންމެވެސް ހެވެއް އޮތީމަ ކަމުގައި ދެކިގެން ދަރިފުޅާއިއެކު ދިރިއުޅުން ކުރިޔަށް ގެންދާން ފެށިއެވެ.
ޝުޢައިބު މަސައްކަތް ކުރަމުން އަންނަ ވަގުތުތަކުގައި ގެއިން ބޭރަށް ހަމައެކަނި ނުކުންނަނީ ކޮންމެ ނަމާދު ވަގުތަކު މިސްކިތަށް ދިއުމަށެވެ. އެގޮތަށް ބޭރުން ގެއަށް އަންނަ ބައެއް ވަގުތު ތަކުގައި ސުރައްޔާ އެއުމުރުގެ އެކި ފިރިހެނުންނާއި އެކު އެކި ތަންތަނުން ފެނެއެވެ. އަދި މިހެން މިމަންޒަރުތައް ފެންނަން ފެށުމުން ޝުޢައިބު އެކަމާއި ވަރަށް ދެރަވެސް ވެއެވެ. ނަމަވެސް ކޮންމެ ގޮތަކަށް ކަންވީ ކަމުގައި ވީނަމަވެސް ދެވަނަ ފަހަރަށް ސުރައްޔާ އޭނާގެ ހަޔާތަށް ގެންނަން ބޭނުން ނޫން ކަމުގައި ހިތުގައި އަޒުމް ކަނޑައަޅާ އާހިތްވަރަކާއިއެކު ދިރިއުޅުމުގެ ކަންކަން ކުރިޔަށް ގެންދަން ފެށިއެވެ.
( ނުނިމޭ )
