އެހެން މީހުންނަށް ނުބައި ބަސް ބުނުމަކީ މުސްކުޅިވާ ދުވަހު މީހާ ހިތްދަތިކޮށް ނިކަމެތިކޮށްލާ ބިރުހުރިކަމެއް!

ރުޅިއަކީ އިންސާނާގެ އުފެދުމުގައިވެސް ލައްވަވާފައިވާ އެއްޗެކެވެ. ނަމަވެސް އެއީ އެހެންކިޔާފައި ދޫކޮށްލެވެން އޮތްކަމެއް ނޫނެވެ. ރުޅި އަންނަހިނދު އަމިއްލަ ނަފްސްކޮންޓްރޯލްކޮށް ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެއްވެސް ދެމީހެއްގެ ޚިޔާލު އެއްގޮތް ނުވެދާނެއެވެ. އެއްގޮތްވާނެ ކަމަށް ބަލައިގެންވެސް ނުވާނެއެވެ. އެހެންކަމުން ބަލައި ބޮޑުކުރި މައިންބަފައިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ. އަދި އަމިއްލަ އަނބިދަރިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ.

އެކަން ޖެހޭނީ އެންމެންވެސް ޤަބޫލުކުރާށެވެ! މައިންބަފައިންނާއި ޚިޔާލުތަފާތުވިނަމަވެސް އަދި ޢާއިލާގެ އެހެން މީހަކާއި ޚިޔާލުތަފާތުވި ނަމަވެސް ޖުމުލަ ގޮތެއްގައި ކޮންމެ މީހަކާއި ޚިޔާލުތަފާތުވި ނަމަވެސް ދުލުން ހަޑި ބަހެއް ނުބުނާށެވެ! އެބަސް ތިބާ ޢާއި ދިމާއަށް އެނބުރި އަންނާނީ ކިހައި ބޮޑު މުޞީބާތެއްގެ ގޮތުގައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.

ބައެއް މީހުން ރުޅިގަދަވާ ވަގުތު ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލަތަށް އެބަ ދެއެވެ. ދުލުން ހުތުރުހައި ބަސްތައް އެބަ ބުނެއެވެ. ރަނގަޅަށް ވިސްނާށެވެ. ތިބާގެ ދުލުން ބޭރުކުރާ ކޮންމެ ބަހެއް ތިމާއާއި ދިމާއަށް އެނބުރި އަންނާނެއެވެ. ނުބައި ބަހެއް ބުނެފިނަމަ އެނބުރި އަންނާނީ ލައުނަތެއްގެ ގޮތުގައެވެ. ރިވެތި ބޭނުންތެރި، ފައިދާހުރި ބަހެއް ބުނެފިނަމަ އެނބުރި އަންނާނީ ނިޢުމަތެއްގެ ގޮތުގައެވެ. އެކަމުން ސަވާބު ލިބޭ ކަމެއްގެ ގޮތުގައެވެ.

މިސާލަކަށް މީހަކު އެމީހާގެ މައިންބަފައިންނަށް ނުވަތަ ޢާއިލާގެ މީހުންނަށް ހުތުރު ބަސްތައް ބުނަނީއެވެ. އެ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ހަމައެފަދައިން ފިރިމީހާ ނުވަތަ އަނބިމީހާއަށް ނުވަތަ ދަރިންނަށް އެފަދަ ބަސްތައް ބުނާއިރު އެމީހުންގެ ހިތަށް ކުރާނެ އަސަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ.

މިފަދަ ބަސްތައް ބުނާ މީހުންނަށް ދޫ ނުބައި މީހުން ކަމުގައިވެސް ކިޔައި އުޅެއެވެ. ދޫ ނުބައި މީހުންގެ ތެރެއިން ގިނަ މީހުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދުނިޔޭގައި ވެސް ބޮޑެތި މުސީބާތްތައް ކުރިމަތިވެއެވެ. ބޮޑެތި އާފާތްތަކާއި ކުރިމަތިވެއެވެ. އަދި އެފަދަ ގިނަ މީހުން އުމުރުން ދުވަސްވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު މީސްތަކުންގެ ނަފްރަތު ލިބޭ ބައަކަށްވެސް ވެގެންދެއެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް އަޅައިލުން ނުލިބި ބާކީވެގެންވެސް ދެއެވެ. އެކަން އެހެން އެވަނީ އެމީހަކު ދެކެ އެހެން އެންމެން އިންތިހާއަށް ފޫހިވެފައިތިބޭތީއެވެ.

މިފަދަ މީހުން ވިސްނައިލުން ވަރަށް މުހިންމު ޙަދީޘްފުޅެއް ކޮންމެ ހުކުރު ދުވަހަކުހެން ޚުޠުބާގައި ކިޔައެވެ. އެއީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ނުވާނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.

ކޮންމެއަކަސް ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމަކަށްވުމުން އަޢޫޛްކިޔުމަށް އަވަސްވެގަނެ ސުންނަތުގައިވާފަދައިން އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *