ދީނުގެ ކަންކަމަށް އިހްމާލުވާ މީހުން މިކަންކަމަށް ވިސްނައިލާށެވެ!

ސުވަރުގެ ބޭނުންވަނީ އަހަރެމެންނަށެވެ. ސުވަރުގެ ހޯދަން މަސައްކަތްކުރަން ޖެހެނީ އަހަރެމެން ސުވަރުގެ ބޭނުންވާތީއެވެ. އަހަރެމެން ސުވަރުގެ ނުވަނުމަކުން ސުވަރުގެއަށް ލިބިގެންދާ އެއްވެސް އުނިކަމެއް ނެތެވެ.

އިސްލާމް ދީނަށް ނަޞްރު ދޭންވީ އިސްލާމްދީނަށްޓަކައެއް ނޫނެވެ! އެމީހަކަށްޓަކައެވެ. އެހެނީ އެކަމުގެ ފައިދާ ބޭނުންވާނީ އެމީހެކެވެ. އެކަމުގެ ސަވާބުން ސުވަރުގެ ވަންނާނީ އެމީހެކެވެ. ކިތަންމެ ގިނަ ބައަކު ކުފުރްވީ ނަމަވެސް އިސްލާމް ދީނަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ. އިސްލާމް ދީނުގެ ދަރަޖައަށް އަންނާނެ އެއްވެސް ބަދަލެއް ނެތެވެ. ހުރިހާ ގެއްލުމެއް ލިބޭނީވެސް ނަރަކައިގެ ގަދަފަދަ ޢަޛާބު ލިބިގެންދާނީވެސް ހަމަ ކުފުރްވީ ބައެކެވެ.

" ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." (އިޚްލާޞް: 1،2)

"ފަހެ، އެއުރެންގެ ކިބައިން ކުފުރް ވެރިކަން، ޢީސާގެފާނަށް އެނގިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ. ﷲ އަށްޓަކައި، ތިމަންކަލޭގެފާނަށް ނަޞްރު ދޭނީ ކޮންބައެއް ހެއްޔެވެ؟ ޙަވާރީ ބޭކަލުންގެ މީހުން ދެންނެވޫއެވެ. ތިމަންމެންނީ، ﷲ އަށް ނަޞްރުދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، ﷲއަށް އީމާންވެގެންނެވެ.

އަދި، ތިމަންމެންނީ މުސްލިމުން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.!" (އާލްޢިމްރާން: 52) "އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން އީމާންވެއްޖައީމުއެވެ.

އަދި، ރަސޫލާއަށް (އެބަހީ: ޢީސާގެފާނަށް) އަޅަމެން ތަބަޢަ ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، ރަސޫލާ އާއީ، އިބަރަސްކަލާނގެ ޙައްޤު ރަސޫލާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ! (އާލްޢިމްރާން: 53)

މިއަދުވެސް ކުރިމަތިވެގެން މިއުޅެނީ ހަމަ އެއް ކަމެކެވެ. މުސްލިމުންގެ ތެރެއިން ބައަކު މިވަނީ ކުފްރްވެފައެވެ. އިސްލާމް ދީނަށް ނަޞްރު ދޭނޭ މުސްލިމުންނަށް ބޭނުންވެފައެވެ. އެދުވަހު އެމީހުންނަކީ މުސްލިމުންކަމުގައި ހެކިވެވަޑައިގަތުމަށް ޢީސާގެފާނަށް ދެންނެވީ އެމީހުންގެ ކުރިމަތީގައި ޢީސާގެފާނު ހުންނެވީތީއެވެ. މިއަދު އަހަރެމެންގެ ކުރިމަތީގައި ވަނީ ކީރިތި ޤުރްއާނެވެ. ރަސޫލް (ޞޢވ)ގެ ސުންނަތެވެ. އަހަރެމެންގެ އަމަލުތަކަށް ހެކިވެވަޑައިގަންނަވާނީ މަލާއިކަތުންނެވެ. އަހަރެމެން ކުރާ ކޮންމެ ޢަމަލަކާއި އަހަރެމެންގެ ހިތަށް އަރާހައި އެއްޗެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

މިއަދުގެ މުސްލިމުން ވެސް ﷲ ތަޢަލާއަށް ދަންނަވަން އޮތީ ހަމަ އެއް ބަސްތަކެކެވެ. " އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް (ކީރިތި ޤުރްއާނަށް) އަޅަމެން އީމާންވެއްޖައީމުއެވެ. އަދި، ރަސޫލާ މުޙައްމަދު (ޞޢވ) އަށް އަޅަމެން ތަބަޢަ ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، ރަސޫލާ އާއީ، އިބަރަސްކަލާނގެ ޙައްޤު ރަސޫލާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ!"

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *