އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ރޭ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވާއިރު، ފުލުހުން ގެންދަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.

އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭ ޝަމްއާން ހުންނެވީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލައިގައި ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅައިފައިވެއެވެ.

ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތެކެވެ.

އެގޮތުން ހޯމްލޭންޑް ޓެކްނޮލޮޖީއާއި، އިމިގްރޭޝަން ގުޅިގެން ހިންގަމުން އައި އޮޕަރޭޝަން ކުރަނގީގައި ވެސް އެ އިދާރާއިން މިހާތަނަށް މުހިންމު މަސައްކަތްތަކެއް ކޮށް، ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތުވަނީ އެއްކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ހުރި ބިދޭސީން ނުގަަވައިދުން ވިޔަފާރިކޮށް، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ހިންގި ރެއިޑު އޮޕަރޭޝަންތަކުން ވެސް ގިނަ މައްސަލަތަކެއް އާންމުންނާ ހަމައަށް ތިލަވެފައިވެއެވެ.

އެ ކަންކަމަށް ވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *