ރަމަޟާން މަހަކީ އެތައްގޮތަކުން މާތްކުރައްވާފައިވާ މައްސަރެކެވެ.

ކުރިމަތިވަމުން އަންނަ ރަމަޟާން މަހަކީ އެތައް ގޮތަކުން ﷲ سبحانه وتعالى މާތްކުރައްވާފައިވާ ބަރަކާތްތެރި މައްސަރެކެވެ. އެމައްސަރުގެ ރޭތަކުގެ ތެރޭގައި، 1000 މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ލައްވާފައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެމީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ. ރަސޫލު صلى الله عليه وسلم ގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން މި މާތް މައްސަރު ތިޔަބައިމީހުން ގާތަށް އަތުވެއްޖެއެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެ މީހެކެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމު ވާނީ ހަމަ އަބާއްޖަވެރިއެކެވެ."

ލޮބުވެތި ވިޔަފާރިވެރިންނޭވެ! މާތްވެގެންވާ ރަމަޟާންމަހުގެ ބަރަކާތާއި، ދަރުމަ ލިބިގަތުމަށް މަސައްކަތްކުރާށެވެ! ރަމަޟާންމަހު، ޢާއްމު ރައްޔިތުންގެ އަތްނުފޯރާ ހިސާބަށް ބައެއް ތަކެތީގެ އަގު ބޮޑުވާކަން ފާހަގަ ކުރެވެއެވެ. ކުއްލިއަކަށް ރަމަޟާންމަހު ތަކެތީގެ އަގުތައް ބޮޑުކުރުމަށް ވުރެ އައުލާކަން ބޮޑުވެގެންވަނީ، ޢާއްމު ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި، ވީހާވެސް ކުޑަ އަގެއްގައި، ވަކިން ޚާއްޞަކޮށް ރަމަޟާންމަހު ޢާއްމުކޮށް، ބޭނުންޖެހޭ ތަކެތި ލިބޭނެ ގޮތަށް ވިޔަފާރީގެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ. މާތް ﷲ ތިޔަ ބޭކަލުންގެ ވިޔަފާރީގައި ބަރަކާތް ލައްވާށިއެވެ!

މި ބަރަކާތްތެރި މައްސަރުގައި ތިމާގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވީހައި ވެސް ލުއިފަސޭހަ ގޮތެއްގައި ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މުވައްޒަފުން ވެސް ރަމަޟާން މަހަކީ، ކަންނެތްކަމުގެ މަހެއް ކަމުގައި ނުހަދައި، މި އުއްމަތުގެ އިސްވެދިޔަ ހެޔޮލަފާ މީހުން ނަމޫނާ ދައްކާފައިވާ ފަދައިން، ހިތްވަރާ އެކު ތިމާއާ ޙަވާލު ކުރެވިފައިވާ ޒިއްމާތައް ފުރިހަމައަށް އަދާކުރުމުގައި ހީވާގިވާން ވާނެއެވެ. މާތް ﷲ އަހަރެމެން އެންމެންގެ ޢަމަލުތަކުގައި ބަރަކާތް ލައްވާށިއެވެ! އާމީން!

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *