ވާހަކަ: ޝުޢައިބު (5 ވަނަބައި)

(27 މާރޗް 2025 ގެ ނޫހާއި ގުޅޭ)

ޝުޢައިބުގެ އެވާހަކަތައް އަހަން އިނުމަށްފަހު ވަޒީރު ބުންޏެވެ.

" ޝުޢައިބު ދާނީ ދަރިފުޅުވެސް ގޮވައިގެން. އަދި އެދަރިފުޅަށް ގެއްލުންވާނޭ އެއްވެސް ކަމެއް ނުވާނެ. ކަލޭ މިއަދު މިހުށަހެޅުމާއި ގަބޫލުވެ އަޅުގަނޑާއި އެކު ގޮސްފިނަމަ އެއީވެސް ދަރިފުޅުގެ މުސްތަގުބަލަށް ކޮށިގެންދާ މަގެއްކަން ޔަގީން. އަޅުގަނޑަށް އިތުބާރުކުރޭ. ބަލަ ޝުޢައިބު. ކަލޭ ސުރައްޔާ އާއި ދޭތެރޭ ނުވިސްނަ ބަލަ. އޭނާ ވެސް ކަލެޔާއި ދޭތެރޭ އަދި އެކުޑަ ދަރިފުޅާއި ދޭތެރޭ ކަންކުރީ ރަނގަޅަށް ނޫންކަން ކަލެޔަށް ކިޔައިދޭކަން ނުޖެހޭނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން ކަލެޔަކީ ވަރަށް ކެތްތެރި ފިރިހެނެއެއް. ކަލޭގެ ގައިގައިހުރި ތިޔަ ރީތި ސިފަތަކުން އަނތްބަކު ރަނގަޅުވާނެނަމަ ސުރައްޔާ ރަނގަޅު ވީހެއްނު. އެކަމަކު އޭނާ ރަނގަޅުވެއްޖެތަ. ސޯލިހު ފިރިއެއްގެ ފަރާތުން އަނތްބަކު ރަނގަޅުވެ ހެޔޮގޮތަށް ރުޖޫއަވާނޭނަމަ " ލޫތު ޢަލައިހިއްސަލާމްގެ " އަނބިކަނބަލުން ރަނގަޅުވީހެއްނު. އޭނާވެސް ހަލާކުގެ މަގު ޚިޔާރު ކުރީ ހަމަ އަމިއްލަޔަށް. މިކަން މިސާލަކަށް ނޫނީ ޢިބުރަތަކަށް ނުފުދެނީތަ؟ އެހެންވީމާ ކަލޭގެ ކުރިމަގާއި ދޭތެރޭ ރަނގަޅު ގޮތުގައި ވިސްނަންޏާ ސުރައްޔާގެ ހަނދާނުން ދުރަށްދޭ! "

" އެއްވެސް މީހަކަށް އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލު ވެގެންދާނީ ކޮންވަގުތެއްގައި ކަމެއް ބުނެދޭކަށް ނޭނގޭނެ. އަޅުގަނޑުގެ ވާހަކަވެސް އަޑުއަހާބަލަ. އަޅުގަނޑަކީވެސް މުއްސަނދި ބޮޑު އާއިލާއެއްގެ ތެރެއިން ރަސްގެފާނުގެ ޚިދުމަތަށް ދިޔަ މީހެއް ނޫން. އަޅުގަނޑަކީވެސް ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ވަރަށް ނިކަމެތި ހާލުގައި އުޅުނު މީހެއް. ނަމަވެސް އަޅުގަނޑުގެވެސް މިތްނެތް މަސައްކަތުން މިއަދު މިވަނީ އިއްޒަތާއި ގަދަރު ލިބިފައި. އެމީހަކު އަމިއްލަޔަށް ތިމަންނާމީ ނިކަމެއްޗެއް ކަމަށް ނިންމަގެން ހުރެފިނަމަ އެމީހަކު އުޅެން ޖެހޭނީ ހަމަ އެހެން. ކޮންމެ ބައެއްގެ ވެސް ހާލަތު އެބައެއްގެ އަތުން ބަދަލުކުރުމަށް މަސައްކަތް ނުކުރާހާ ހިނދެއްގައި އެކަން ހަމަޖެހިފައިވާނީ ހަމަ އެގޮތުއި، ހަމަ އެނިކަމެތިކަމާއި އެކު. ނަސީބަކީ އަބަދު ލިބޭނޭ އެއްޗެއް ނޫން. ނަސީބު މީހާގެ ފަހަތަކުން ނުދުވާނޭކަން ހަނދާންކުރާތި! އެހެންވީމާ އަޅުގަނޑު މިއަދު ކަލޭގެ ގާތަށް އައިސް މިހުށަހަޅާ ކަންކަމަކީ، ފަހަރުގައި ކަލޭގެ ނަސީބު ކަމުގައިވެސް ވެދާނެ. އަދި ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށް އަލުން ހުޅުވިގެންދާ ދޮރެއް ކަމުގައިވެސް ވެދާނެ. ވީމާ އަޅުގަނޑާއިއެކު ދާން ހިނގާ! "

ވަޒީރުގެ މިވާހަކަ ތަކަށް ވިސްނާލުމަށް އިނުމަށްފަހު، ވަޒީރާއި ރަސްގެފާނުގެ ތިޔަ ހުށަހެޅުން ގަބޫލު ކޮށްފީމޭ ބުނެ، ދަތުރަށް ތައްޔާރުވެލުމަށް އަދި ތިން ދުވަސް ދިނުމަށް ޝުޢައިބު އޭނާގެ ގާތުގައި އެދުނެވެ. އަދި ފުރުމުގެ ކުރިން ނިންމަންޖެހޭ ބައެއްކަންކަން ހުރިކަމުގައި ބުންޏެވެ. ވަޒީރުގެ މިހުށަހެޅުމަށް އެއްބަސްވުމަށްފަހު ދަތުރުގެ އެންމެހާ ކަންކަން ކުރުމަށް ޝުޢައިބު އަވަސްވެ ގަތެވެ.

ޖެހިގެން އައިދުވަހު ޝުޢައިބުގެ ގާތަށް ބޭސްފަރުވާ ކުރުމަށް އައިސް ތިބި މީހުންގެ ގާތުގައި، ދިގުމުއްދަތަކަށް ދުރު ހިސާބަކަށް ފުރަން ޖެހިއްޖެ ކަމުގެ ވާހަކަ ބުނެފިއެވެ. އަދި އޭނާގެ މަސައްކަތުގައި އެހީތެރީންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ދެމީހުންގެ ގާތުގައި މިވާހަކަ ބުނުމަށްފަހު މިހާރު ތިބި ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދާނޭގޮތް ވަރަށް ރަނގަޅަށް ބުނެދިނެވެ. އަދި ފުރުމުގެ ކުރީން އެމީހުން ހިތްހަމަ ޖެހޭނޭ ވަރުގެ އުޖޫރައެއްވެސް ދިނެވެ. އަވަދިނެތި ފުރުމުގެ ކަންކަން ހަމަޖައްސަމުން ޝުޢައިބު ދިޔައީ ދަތުރަށް ތައްޔާރުވަމުންނެވެ.

ފުރުމުގެ ކުރީން ކޮންމެހެންވެސް ސުރައްޔާ އާއި ބައްދަލުކުރަން ބޭނުން ވާތީ އެރޭ މަޣުރިބު ނަމާދުން ފައިބައިގެން އޭނާ ސުރައްޔާއާއި ބައްދަލު ކުރުމަށް އެގެޔަށް ދިޔައެވެ. ގޭގެ ދޮރުމަތީގައިހުރެ ސަލާން ގޮވާލުމުން ދޮރު ހުޅުވުމަށްފަހު ސަލާން ބަލައިގަތީ ސުރައްޔާގެ ބައްޕައެވެ. އަދި ޝުޢައިބު ފެނުމުން ވަރަށް މާޔޫސްވެ ހުރެ، ކިހިނެއްވީތޯ ސުވާލު ކުރިއެވެ. ބައްޕަ ސުވާލުކުރުން މިއައީ ވަރަށް މުހިންމު ކަމެއްގައި ވާހަކައެއް ދައްކާލަން ސުރައްޔާ އާއި ބައްދަލު ކޮށްލަން ކަމުގައި އޭނާ ބުންޏެވެ. ޝުޢައިބު މިހެން ބުނުމުން ވަރަށް ނުރުހުންތެރި ރާގެއްގައި ބައްޕަ އޭނާއާއި ދިމާއަށް ބުންޏެވެ.

"ކޮން ސުރައްޔާއެއް؟ އަހަރެން ދަންނަ ތިނަން ކިޔާ ދަރިޔަކު މިހާރު ނުހުންނާނެ. މިގެއަށް ހޯދަން ތިޔައައި ތިނަން ކިޔާ މީހާއަކީ މިހާރު އެއީ އަހަރެންގެ ދަރިއެއްނޫން. ޝުޢައިބު ކަލެޔަށް އެނގޭތަ؟ އޭނާގެ މުސްތަގުބަލަށްޓަކައި މިބައްޕަގެ ދެއަތުން ކޮން ގުރުބާނެއް ނުވަނީ. މަންމަޔަކާއި ނުލައި އެންމެ ކުޑަދުވަހުން ފެށިގެން އެއްވެސް ކަމެއް އުނި ނުކޮށް އޭނާ ބޭނުންވާ ހުރިހާކަމެއް ފުއްދައިދީގެން ބަލާ ބޮޑުކުރީ. މީހަކާ އިންނަ ވަރުވުމުން މިހިސާބުގައިހުރި އަޚުލާގުގެ ގޮތުން އެންމެ ރަނގަޅު ކަމުގައި ފެނުނު މީހާ، ކަލެޔާއި ކައިވެނިކުރުވާ އޭނާގެ ފަރާތުން އެތަކެއް ފޮނި އުންމީދުތަކެއް ކޮށްގެން ކަލެޔާއި އެކު ފޮނުވީ. އެކަމަކު އޭނާގެ ވިޔާނުދާކަމުން ގޮތެއްފޮތެއް ނެތްކަމުން ކަލެޔާ އެކުވެސް ނޫޅެވުނު. ދަރިޔަކު ލިބުނީމަވެސް ރީތިކޮށް ކަލެޔާއިއެކު އުޅޭކަށް ނޭނގުނު. ކަލޭ ގާތުން ވަރިވެގެން އައިސް ދެންވެސް އޭނާގެ އެއުޅުމަށް ބަދަލެއްނައި. އެންމެ ފަހުން ދުނިޔޭގައި ލެއްވި ހުރިހާ ނުބައި ކަމެއް ކުރަމުންގޮސް ނަހަލާލަށް ބަލިވެއިނީ. އެކަމަކާއި ހެދި އަހަރެން މިހުންނަނީ މީހުންގެ ތެރެއަށް ނުކުމެ އުޅެންވެސް ނުކެރިފައި. އޭނާ ބަލިވެ އިންކަން އެނގުނީމަ އަހަރެން އޭނާ މިގެއިން ނެރެ ފޮނުވާލައިފިން. ދުވަހަކުވެސް އޭނާއަށް އަހަރެންގެ މިހިޔާވަހިކަމުން އެއްވެސް ޖާގައެއް ނުލިބޭނެ. އެއީ އަހަރެންގެ ދަރިއެއް ނޫން."

މިހެން ބުނުމަށްފަހު ބައްޕަ ގޭތެރެއަށް ވަންނަން ފެށުމުން ޝުޢައިބުވެސް ބައްޕަ ފަހަތުން އެތެރެއަށް ވަނެވެ. އަދި ބައްޕަގެ ގާތުގައި ސުރައްޔާ ކަންތައް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމުގައި ބުންޏެވެ. އޭނާވެސް އެކި ގޮތްގޮތުން ސުރައްޔާއަށް ނަސޭހަތް ދިންކަމުގައި ބުންޏެވެ. އެހެން ނަމަވެސް އޭނާގެ އެކަންކަން އިސްލާހު ނުވުމުން ދޫކޮށްލަން މަޖުބޫރުވީ ކަމަށް ބައްޕަގެ ގާތުގައި ބުންޏެވެ. އަދި ބައްޕައަށް ނަސޭހަތް ދިނުމުގެ ގޮތުން ސުރައްޔާ އާއި ދޭތެރޭ ނަފުރަތު ނުވުމަށާއި، އޭނާގެ މައްޗަށް ހެޔޮ ދުޢާ ކޮށް އަދި އޭނާއަށް ހިތްހަލާލު ދިނުމަށް ޝުޢައިބު ބައްޕަގެ ގާތުގައި އެދުނެވެ. އަދި ކޮންމެ އިންސާނަކީވެސް ކުށެއް ކުރެވިދާނޭ މީހެއްކަމަށް ބުނެ، ކޮންމެ މީހަކަށް ވެސް ތައުބާވުމުގެ                                                                                                                ފުރުސަތު އޮންނާނޭ ކަމާއި، ސުރައްޔާ އަށް ވެސް ތެދުމަގު ދައްކަވަން އިރާދަ ކުރައްވައިފިނަމަ، އެކަމަށް ލަސްތަކެއްވެސް ނުވާނޭ ކަމަށް ބުނެ ބައްޕައަށް ނަސޭހަތް ތެރިވިއެވެ.

މިވާހަކަ ބައްޕަ ގާތުގައި ދައްކާ ނިމުމަށްފަހު ބައްޕަގެ ގާތުގައި އޭނާ ސުރައްޔާއާއި ބައްދަލު ކުރަން މިއައީ، މީގެ ދެ ދުވަސް ފަހުން، ދިގު މުއްދަތަކަށް ވަރަށް ދުރު ހިސާބަކަށް ފުރަން އުޅޭ ވާހަކަ ސުރައްޔާ ގާތުގައި ބުނަން ބޭނުން ވާތީ ކަމުގައި ބުންޏެވެ. އަދި ދާއިރު ދާނީ ދަރިފުޅު ސާރާ ވެސް ގޮވައިގެން ކަމުގައި ބުންޏެވެ. އަދި އޭނާއާއި ދިމާވި އަވަހެއްކޮށް މިޚަބަރު އޭނާއަށް ދިނުމަށްވެސް ޝުޢައިބު ބައްޕަގެ ގާތުގައި އެދުނެވެ.

މިހެން ބުނުމަށްފަހު ޝުއަޢިބު ބައްޕައާއި ސަލާން ކުރުމަށްފަހު އޭނާއާއިމެދު އެއްވެސް ހިތްބުރަ ކަމެއް ނުބޭއްވުމަށް ބައްޕަގެ ގާތުގައި އެދުނެވެ. އަދި އޭނާގެ ހިތުގައި ބައްޕައާއި މެދު އަބަދުވެސް ވަރަށް ސާފު ލޯތްބެއް އޮތްކަމުގައި ބުނެ އަބަދުވެސް އޭނާގެ ހެޔޮ ދުޢާ ބައްޕައާއި އެކު ވާނޭކަމުގައި ބުނުމަށްފަހު ހިނގައްޖެއެވެ.

ފުރުމަށް ތައްޔާރުވެ ދަތުރަށް ފުރުމުގެ ވަގުތު ކުޑަތަން ވެއްޖެއެވެ. ނަމަވެސް ޝުޢައިބުގެ މޫނު މަތިން ފެންނަމުން ދިޔައީ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. މިކަން ވަޒީރަށްވެސް ފާހަގަ ކުރެވުނެވެ. އަދި މިކަމާއި ވަޒީރު އޭނާއާއި ސުވާލު ކުރުމުން، ތިމަންނާ ފުރުމުގެ ކުރީން ސުރައްޔާ އާއި ބައްދަލުކުރަން ބޭނުންވި ކަމަށާއި، އަދި އެގެޔަށް ދިއުމުން ކަންތައްވީގޮތް ޝުޢައިބު ވަރަށް ތަފުސީލު ކޮށް ވަޒީރަށް ކިޔައިދިނެވެ. އޭނާގެ މިވާހައަކަށް ރައްދު ދެމުން ވަޒީރު ބުންޏެވެ.

" ދެރަވެ މާޔޫސް ނުވޭ! ކޮންމެ ކަމެއްވެސްވާނީ ހަމަ އެންމެ ރަނގަޅަށް. ކަލޭގެ ހިތުގައި ސުރައްޔާއި ދޭތެރޭ ވަރަށް ސާފު ލޯތްބެއް އޮތްކަން އަޅުގަނޑަށް އެނގޭ. އަދި އެލޯތްބަށް އަޅުގަނޑު އިހުތިރާމްވެސް ކުރަން. ކެތްތެރިވޭ ޝުޢައިބު. އޭނާއާއި ބައްދަލުވުމަށް އިރާދައިގަ ހުރިނަމަ އަދި ކޮންމެވެސް ދުވަހަކުން ކަލެޔާއި ސުރައްޔާއާއި ބައްދަލުވާނެ. "

ޖެހިގެން އައިދުވަހު ހެނދުނު ޝުޢައިބުއާއި ދަރިފުޅު ސާރާ، ވަޒީރާއިއެކު ރަސްގެފާނުގެ އަރިހަށް ދިއުމަށް ދަތުރު ފަށައިފިއެވެ.

ރަސްގެފާނުގެ އަރިހަށް ދިއުމަށް ކުރަންޖެހޭ ދިގު ދަތުރު ފެށިއްޖެއެވެ. ނަމަވެސް ޝުޢައިބުގެ މޫނުމަތީން ފެންނަމުން ދަނީ މާޔޫސް ކަމާއި ނުތަނަވަސް ކަމެވެ. އޭނާގެ ހިތަށް ތަފާތު އެކި އުނދަނގޫތައް ކުރަމުން ދިޔައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

" އެހާދުރު ހިސާބަކަށް ދަރިފުޅު ގޮވައިން ދިއުމަށް ދަތުރު ފެށިއިރު ސާރާއާއި ސުރައްޔާ ދިމާނުވެ ފުރައިގެންދާން މިޖެހުނީއެވެ. ސުރައްޔާ ޝުޢައިބުއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންކަން ކޮށްފައި ވީނަމަވެސް އެދެމީހުންނަށް ލިބިފައިވާ ކުޑަކުޑަ ދަރިފުޅުގެ ކުށަކީ ކޮބައިހެއްޔެވެ؟ "

އެހާ ދުރު ހިސާބަކަށް ސާރާ ގޮވައިގެން ދިއުމުން އޭނާ މަންމައާއި ބައްލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެކަންކުރަން އުނދަގޫ ވާނޭކަން ހިތަށްއަރާ ޝުޢައިބު ނުހަނު ކަންބޮޑު ވިއެވެ. އެހެން ނަމަވެސް މިކަހަލަ ޚިޔާލު ތަކެއްގައި އިންދާ އޭނާގެ ހަނދާނަށް އައީ ވަޒީރު އޭނާގެ ގާތުގައި ބުނި ވާހަކައެވެ. އިރާދަފުޅުގައި އަހަރެމެންނާއި ސުރައްޔާ ބައްދަލުވާން ހަމަޖެހިފައި ވާނަމަ ލަހެއްނުވެ އެކަން ހަމަޖެހޭނެއެވެ.

މިގޮތުގައި ރަސްކަންކުރާ ޝަހަރަށް ކުރަމުން ގެންދިޔަ މިދަތުރުގައި، ޝުޢައިބުއާއި ވަޒީރާއި ދެމެދު ދަތުރުގެ މަތީގައި، ތަފާތު އެކި ވާހަކަތައް ދެކެވުނެވެ. އަދި ވަޒީރުގެ ވެސް ދިރިއުޅުމުގެ ގިނަ ވާހަކަ ތަކެއް މިދަތުރުގައި ޝުއަޢިބު އާއި ހިއްސާ ކުރިއެވެ.

ހަދުވަހުގެ ދިގު ދަތުރަކަށްފަހު ކަރައިގެ ވެރިކަން ކުރާ ޝަހަރަށް އާދެވިއްޖެއެވެ. މި ޝަހަރަށް ބަލާލުމުން ފެނިގެންދަނީ ކަރައިގެ އެހެން ޝަހަރުތަކާއި ވަރަށް ތަފާތު ގޮތަކެށެވެ. މި ޝަހަރަކީ އެންމެ އިހުޒަމާނުން ފެށިގެންވެސް، މުޅި ކަރައިގެ ރަސްކަމާއި ގުޅިފައިވާ ޝަހަރެވެ. އެހެން ކަމުން ބަލާލި ކޮންމެ ދިމާއަކުން ވެސް ފެނިގެންދަނީ ވެރިކަން ކުރާ ރަށެއްގައި ފެނިގެންދާނޭ އެތައް ކަންތައްތަކެވެ. ތަފާތު އެކި ބޮޑެތި މަދުރަސާ މަކުތަބު ތަކާއި، އެކި ވިޔަފާރިތައް ކުރުމަށް ހުޅުވާލެވިފައިވާ ބޮޑެތި ބިންތަކާއި، ކާބޯތަކެތި ތައްޔާރު ކުރާ ބޮޑެތި ކާރުޚާނާ ތަކާއި، ބޮޑެތި ދަނޑުބިންތަކެވެ. ޝުޢައިބުއަށް ފެންނަމުން މިދާ ކޮންމެ ތަނަކާއި ބެހޭގޮތުންވެސް ވަޒީރު ދިޔައީ ވަރަށް ފުރިހަމައަށް އެތަނަކާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ދެމުންނެވެ.

ރަސްގެފާނުގެ ގަނޑުވަރަށް އާދެވިއްޖެއެވެ. ގަނޑުވަރަށް ވަނުމަށްފަހު ޝުޢައިބު މަޑުކުރުމަށް ޚާއްސަ ކުރެވިފައިވާ ތަނުގައި މަޑު ކުރުމަށް ވަޒީރު އޭނާގެ ގާތު ބުންޏެވެ. އަދި އެތަނުގައި ޝުޢައިބުއާއި ދަރިފުޅުގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ ނޯކަރުންގެ ގާތު އޭނާގެ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަޔަށް ކޮށްދިނުމަށް ވަޒީރު އެންގިއެވެ. ވަޒީރު ރަސްގެފާނުގެ އަރިހަށްގޮސް ކަލޭގެ ވާހަކަ ދަންނަވާ އަދި ބައްދަލުކުރާނޭ ވަގުތެއް ހަމަޖައްސާ ވަރަށް އަވަހަށް އަންނާނޭ ވާހަކަ ބުނުމަށްފަހު، މިވަގުތުވެސް މިތަނުން އެއްވެސް ކަމެއް ބޭނުންވާނަމަ ނޯކަރުން ގާތުގައި ބުނުމުން އެހުރިހާ ކަމެއް ހަމަޖެހޭނޭ ކަމުގައި ބުނުމަށްފަހު ވަޒީރު ހިނގައްޖެއެވެ.

އެރޭ އިޝާ ނަމާދު ކޮށްލައިގެން ސާރާއަށް ކާންދިނުމަށްފަހު އޭނާ ނިންދެވިއެވެ. އަދި ވައި ޖައްސާލުމަށް ޝުޢައިބު ގަނޑުވަރުގެ ބަގީޗާ ތެރެއަށް ނުކުތެވެ. ބަގީޗާއަށް ނުކުމެ ރޭގަނޑުގެ ހިތްފަސޭހަ ކަމާއި ޖެހެމުން ދިޔަ މަޑު ވައިރޯޅިއާއި އެކު، ފަނޑު އަލީގެ ތެރޭގައި މުޅި ބަގީޗާއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ބަގީޗާ ތެރޭގައި ހުރި ގޮނޑިއެއްގައި ޝުޢައިބު އިށީނދެ އިނދެ އެކިކަންކަމާއި ވިސްނަމުން ގެންދިޔައެވެ.

" އަމިއްލަ ޝަހަރުން މިހާ ދުރު ހިސާބަކަށް ދިރިއުޅުން މިކަހަލަ ގޮތަކަށް ބަދަލު ކުރަން ޖެހިދާނޭކަން އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އޭނާގެ އެންމެ ބޮޑު ފިކުރަކަށް ވެގެން ދިޔައީ، ފުރުމުގެ ކުރީން ސުރައްޔާ އާއި ބައްދަލުކުރަން އެގެޔަށް ދިއުމުން، ސުރައްޔާގެ ބައްޕަ އޭނާ އާއި ބެހޭގޮތުން ޝުޢައިބުގެ ގާތުގައި ދެއްކި ވާހަކަތަކެވެ. އަދި ސުރައްޔާ ކުރި މުޑުދާރު އަމަލުގެ ސަބަބުން ބައްޕަ އޭނާއާއި މެދު ކަންކުރި ގޮތެވެ. އެވަގުތު ޝުޢައިބުގެ ހިތަށްއެރިއެވެ. އަޅާލާނޭ އެއްވެސް މީހަކު ނެތި އެހާލުގައި އޭނާ އެކަނި ދިރިއުޅުން ވޭތުކުރާނީ ކޮންގޮތަކަށް ބާއެވެ. މިކަމާއި ވިސްނާ އޭނާގެ ހިތަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. ސުރައްޔާ އޭނާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންކުރި ކަމުގައިވީ ނަމަވެސް އޭނާހިތުގައި ސުރައްޔާއަށް ދެވިފައިވަނީ ބަޔާންކުރަން ދަތި ސާފު ލޯތްބެކެވެ. "

އެޚިޔާލު ތަކުގައި އޭނާ ބަގީޗާ ތެރޭގައި ހުއްޓާ " ޝުޢައިބު " އޭ ކިޔައި މީހަކު ގޮވާލުމުން ސިއްސައިގެން ގޮސް އެނބުރި ބަލާލިއެވެ. އަދި ކޮޅަށް ތެދުވެ ފަހަތަށް އެނބުރި ބަލާލިއިރު ވަރަށް ހިނިތުން ވެފައި ވަޒީރު ހުއްޓެވެ. އަދި ކަލޭ ކޮބައިތޯ ވަރަށް ހޯދައިފީމޭ ބުންޏެވެ. ވަޒީރު ފެނުމުން ވީކީއްތޯ ޝުޢައިބު އޭނާއާއި ސުވާލުކުރިއެވެ.

" ރަސްގެފާނުގެ އަރިހުގައި ކަލޭގެ ވާހަކަ ދަންނަވައިފިން. އަދި މާދަމާ ހެނދުނު ރަސްގެފާނާއި ބައްދަލުކުރުމަށް އައުމަށް ވަނީ އަންގާފަ. އެހެންވީމާ މާދަމާ ރަސްގެފާނާއި ބައްދަލުކުރުމަށް ތައްޔާރުވޭ. "

ވަޒީރު ޝުއަޢިބުގެ ގާތުގައި މިހާރު ވަރަށް ބޮޑަށް ލަސްވެއްޖެ ނޫންހޭ ބުނެ، މިވަގުތު ދެން އަރާމުކޮށްލުމަށް ދިއުމަށް ބުނުމަށްފަހު އޭނާ ހިނގައްޖެއެވެ.

ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *