ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި އިއްޔެ ބޭއްވުނު "ޢީދު ހަވީރު" ހޯމަ އަދި އަންގާރަ ދުވަހުގެ ހަވީރުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
އެ ހަރަކާތްތަކާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00އަށް ވެސް އެ ހަރަކާތްތައް ޖުމްހޫރީ މައިދާނާއި އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައި "އީދު ހަވީރު"ގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ހަމައެކަނި ފިތުރު އީދު ދުވަހެވެ.
ސިފައިންނާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތްތަކަށް އިއްޔެ ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. ގިނަ އާއިލާތަކެއް ބައިވެރިވި އެ ހަވީރުގައި އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އާއިލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްއާއި އެ މަނިކުފާނުގެ އާއިލާއިން ވަނީ "އީދު ހަވީރު" ގައި ސަރުކާރުގެ އެކި ކުންފުނިތަކުން އިސް ނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލައްވައިފައެވެ. ސްޓޯލްތައް ބެއްލެވުމަށްފަހު ރައީސް ވަނީ އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ދިޔަ ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ބައިވެރިވެވަޑައިގެންފައެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން އިންތިޒާމުކުރި މި ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން ހިމެނެއެވެ. ސަރުކާރުން މި ހަރަކާތް އިތުރު ދެ ދުވަހަށް ދަމައިލުމަށް ނިންމީ ގިނަ އާއިލާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާތީއެވެ.
މި ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއްގައި އާއިލާތަކާއެކު އެއްތަނަކަށް ޖަމާވެ، އުފާ ފާޅުކުރުމަށް ލިބުނު އެންމެ ފުރިހަމަ ފުރުސަތު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ގޭމުތައް ކުޅުމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި ބެލުމަށާއި، އެ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެއެވެ.
