މިސްކިތުގެ ތެރޭގައިވަނީ ކަނު އަނދިރިކަމޭ

މާތްﷲގެ މަގުގައި ހޭދަކުރުމަކީ ޘަވާބާ ދަރުމަ އިތުރުވެގެންވާ ހެޔޮ ޢަމަލެކެވެ. އެހެން ނަމަވެސް އެ ކަމުގެ ހެޔޮ ޖަޒާ އެ މީހަކަށް ލިބެނީ އެ ކަމުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮންގެންނެވެ. ދެއްކުންތެރިކަމެއް ނެތި ހަމައެކަނި މާތްﷲގެ ރުހުމާއި ޘަވާބަށް އެދި އެ ޢަމަލު ކުރެވިގެންނެވެ. ކިތަންމެ ބޮޑު އަދި ކިތަންމެ ގިނައިން ހޭދައެއް ކުރި ނަމަވެސް އެ ކަމުގައި ދެއްކުންތެރިކަމެއް އޮވެއްޖެ ނަމަ އެ ކަމުން ލިބޭނެ މަންފާއެއް، ފައިދާއެއް ނެތެވެ.

އައްޝައިޚް ނަޞްރުﷲ ޢަލީ ދަރުސެއްގައި މި ފަދަ ވަރަށް އިބުރަތްތެރި ވާހަކައެއް ކިޔައިދެއްވިއެވެ. އެ ވާހަކައިގެ އަސްލު ނުގެންލޭ ގޮތަށް މި ތަނުގައި ނަކަލް ކޮށްލާނަމެވެ. އިސްލާމީ ގައުމެއްގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ފައިސާއާއި ތަނަވަސްކަން މާތްﷲ އެނާއަށް ދެއްވައިފައިވެއެވެ. އޭނާ ބޭނުންވީ މާތްﷲ މަގުގައި ދެމިގެންދާ ޞަދަޤާތެއް ކުރުމަށެވެ. އެ ގޮތުން ވިސްނުމަށް ފަހު މިސްކިތެއް ބިނާކުރުމަށް އޭނާ ނިންމިއެވެ. ސަރުކާރުގެ ހުއްދަތައް ހޯދައި، ސަރުކާރުން ކަނޑައެޅި ބިމުގައި މިސްކިތް ބިނާކުރުމަށް އޭނާ މަސައްކަތް ފެށިއެވެ.

ފުރަތަމަ މަސައްކަތަކަށްވީ މިސްކިތް ބިނާ ކުރާ ސަރުހައްދު ސާފުކޮށް، މިސްކިތް ކުރެހުމެވެ. އެއަށް ފަހު އެ މަސައްކަތް ބަޔަކާ ހަވާލުކޮށް މިސްކިތް ބިނާކުރުމަށް ބޭނުންވާ ސާމާނު އެ ތަނަށް ޖަމާކުރުމެވެ. މަސައްކަތް ފެށުމުގެ ގޮތުން ވިޔަފާރިވެރިއާ އެ ސަރަހައްދުގައި ބޯޑެއް ބެހެއްޓިއެވެ. އޭގައި ލިޔެފައިވެއެވެ. "މި މިސްކިތް ބިނާކުރުމަށް އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަހަރެން ބޭނުން ނުވޭ" އެވެ. މި ކަމުގައި ވިޔަފާރި ވެރިއާގެ ނިޔަތަކަށްވީ އޭނާ އެކަނި މަސައްކަތުން މިސްކިތް ބިނާކޮށް ނިންމުމެވެ. އެހިތެރިވެދޭން އެދޭނެ މީހުން ތިބި ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން މި މިސްކިތް ބިނާކުރުމުގައި އެއްވެސް މިންވަރެއް ހިމަނާކަށް އޭނާ ބޭނުމެއް ނުވިއެވެ.

މިސްކިތުގެ މަސައްކަތް ފެށިގެން ވަރަށް ބާރަށް ކުރިއަށް ދެއެވެ. ވިޔަފާރިވެރިޔާ ވެސް ބަރާބަރަށް މަސައްކަތް ބަލަމުންދެއެވެ. މަސައްކަތް ކުރަމުންދާ ތަނަށް ޒިޔާރަތްކޮށް މަސައްކަތް ހިނގާ ގޮތް ބަރާބަރަށް ބަލައެވެ. ބޭނުންވި ފެންވަރުގައި އެކަން ކުރުމަށް ޓަކައެވެ. މި ގޮތުގައި މާ ގިނަ ދުވަހެއް ނުވެ މިސްކިތުގެ މަސައްކަތް ނިންމައި މިސްކިތް ހުޅުވައިފިއެވެ. ޒަމާނީ ފަންނުވެރިކަމާއި ޒީނަތްތެރިކަން ވަރަށް ފުރިހަމައަށް މިސްކިތުން ފެނެއެވެ.

މި މަސައްކަތް ނިންމާލުމަށް ފަހު ވިޔަފާރިވެރިޔާގެ އަމާޒަކަށް ދެންވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމެވެ. އުމުރުގެ ފަހު ދުވަސްތައް މާތްﷲއަށް ކުއްތަންވުން އިތުރުކުރުމަށް ހިތުގައި އޮތީމައެވެ. ވިޔަފާރިވެރިޔާ ހައްޖަށް ދިއައެވެ. މި ދަތުރުގައި އެއްރެއަކު ވިޔަފާރިވެރިޔާއަށް ވަރަށް ތަފާތު ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ފެންނަނީ ވިޔަފާރިވެރިޔާ ބިނާ ކުރި މިސްކިތެވެ. މިސްކިތުގެ ތެރޭގައި އެއްވެސް އަލިކަމެއް ނުފެނެއެވެ. އެއްވެސް ތަނެއް ނުފެނެއެވެ. އެކީ އެކައްޗަކަށް މުޅި މިސްކިތްތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އެ އަނދިރިކަމުގެ ތެރެއިން މިސްކިތުގެ މިހުރާބުގެއާ ކައިރިން ކުޑައަލިކަމެއް ފާޅުވެއެވެ. އެ އަލިކަމުގެ ތެރެއިން ފެންނަނީ އުމުރުން ދުވަސްވެފައިވާ ނިކަމެތި އަންހެނެކެވެ. މި ހުވަފެން ތަކުރާތުކޮށް ތިން ރޭ ފެނިއްޖެއެވެ. ވިޔަފާރި ވެރިއާއަށް މި ހުވަފެނާ މެދު ވަރަށް ބޮޑު ވިސްނެން ފަށައިފިއެވެ. ކަންބޮޑުވެ ހާސްވެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. އެހެންކަމުން ވިޔަފާތިވެރިޔާ ނިންމީ މި ކަމުގައި ދީނީ ޢިލްމުވެރިއަކާ ވާހަކަދެއްކުމަށެވެ. ހައްޖުން އެބުރިއައިސް އެ ޤައުމުގެ ޢިލްމުވެރިންގެ ތެރެއިން ވަރަށް ތަޤުވާވެރި ޝެއިޚެއްގެ އަރިހަށް ދިއައެވެ. އަދި ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ.

ވިޔަފާރިވެރިޔާގެ މި ވާހަކަތައް އަޑުއެހުމަށް ފަހު ޝެއިޚް ބުނުއްވިއެވެ. މިސްކިތުގެ ތެރެއިން ފާޅުވާ އަލިކަމުގެ ތެރެއިން ފެންނަ އަންހެންމީހާ ދަންނަން ތޯއެވެ. ވިޔަފާރިވެރިޔާ ދެންނެވިއެވެ. އާދޭހެވެ. ދަންނަމެވެ. އެއީ އޭނާ މިސްކިތް ބިނާކުރި ސަރަހައްދުގައި އުޅޭ ނިކަމެތި އެކަނިވެރި އަންހެނެކެވެ. ވިޔަފާރިވެރިޔާގެ ވާހަކަ އަޑުއިވުމާ އެކު ޝެއިޚް ބުނުއްވިއެވެ. ތިބާ ކިތަންމެ ޚަރަދެއްކޮށް ބިނާކުރި މިސްކިތެއް ނަމަވެސް، އެ ޞަދަޤާތުން ހަޤީޤީ ފައިދާއާއި މަންފާ ލިބިގަތީ ތިބާއެއް ނޫނެވެ. އެ ނިކަމެތި އަންހެންމީހާއެވެ. މިސްކިތުގެ ތެރެއިން ފާޅުވި އަލިކަމުން ދަލާލަތު ކޮށްދެނީ އެ މިސްކިތް ބިނާކުރުމަށް އެ އަންހެން މީހާ ކުރި މަސައްކަތުން މާތްﷲ އޭނާއަށް ދެއްވި އަޖުރެވެ.

މި ވާހަކަތައް އަޑުއިވުމުން ވިޔަފާރިވެރިޔާ ވަރަށް ދެރަވިއެވެ. މާޔޫސްކަމާ އެކު ޝެއިޚްގެ އަރިހުން އެދުނެވެ. އެ ނިކަމެތި އަންހެންމީހާއާ ބަދަލުކުރުމަށް ދިއުމަށެވެ. ވިޔަފާރި ވެރިއާގެ އެދުމާއެކު ޝައިޚް އެ އަންހެންމީހާ ގާތަށް ދިއައެވެ. ވިޔަފާރިވެރިޔާއާ އެކުގައެވެ. ސަލާމްގޮވައިލުން އަންހެންމީހާ ނުކުތެވެ. ވަރަށް އިޙްތިރާމާ އެކު އޭނާގެ ޖިފުޑީގެ ތެރެއަށް ވަނުމަށް އެދުނެވެ.

ވިޔަފާރިވެރިއާއަށް އަތުން އިޝާރާތް ކޮށްލަމުން ޝެއިޚް އެ އަންހެން މީހާއާ ސުވާލުކުރިއެވެ. "މިނާ ދަންނަންތޯއެވެ؟" ޝެއިޚްގެ ސުވާލު ނިމުމާއެކު އަންހެންމީހާ އާދޭހޭ ދެންނެވިއެވެ. އަދި ކުރިމަތީ ބިނާކޮށްފައިވާ ތީރި މިސްކިތް ދައްކާލަމުން ޝުކުރު އަދާކުރިއެވެ. އެ ވަގުތު ޝެއިޚް ސުވާލުކުރިއެވެ. އެ މިސްކިތް ބިނާކުރުމަށް އެއްވެސް ކަމެއް ކޮށްދިނިންތޯއެވެ؟ މި ސުވާލަށް އަންހެންމީހާ ޖަވާބެއް ނުދީ ހަނުހުރިއެވެ. ނަމަވެސް ތަކުރާރުކޮށް ޝެއިޚް އެ ސުވާލުކުރަން ފެށުމުން އަންހެންމީހާ ބޯޖަހައިލިއެވެ. އަދި ބުންޏެވެ.

" މާތްﷲ ގެ ދަރުމައަށް އެދި އަހަންނަށް ވީ މިންވަރަކުން އެ މިސްކިތް ބިނާކުރުމަށް އެހީތެރިވީމެވެ. ދުވާލު އެ ތަން މި ތަނުން ހޯދައި ކުދި ހިލަޔާއި ހިލަވެލި ފަދަ މަސައްކަތަށް ބޭނުން ހިފިދާނެ ތަކެތި ކޮންމެ ރެއަކު ވެސް އެ ސަރަހައްދަށް އަހަރެން ގެންދަމެވެ. އަދި މަސައްކަތް ކުރާމީހުންނަށް ދަތިވާނެ ކަންކަން ލުއިކޮށްދެވޭތޯ އަހަންނަށް ވީ ވަރަކުން މަސައްކަތް ކުރަމެވެ." މި ވާހަކަތައް އަޑުއެހުމަށް ފަހު ޝެއިޚް އެ އަންހެންމީހާގެ ބޮލުގައި ފިރުމާލިއެވެ. އަދި އެ މުސްކުޅި އެކަނިވެރި މީހާއަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތްﷲއަށް ދުޢާ ކުރިއެވެ.

އެއަށް ފަހު އެ ޖިފުޑިން ނުކުމެ، ވިޔަފާރިވެރިއާ އެކު މިސްކިތުގެ ކައިރިއަށް އައެވެ. އަދި ބުންޏެވެ. މާތްﷲގެ މަގުގައި ހޭދަކުރަންވީ އެ ގޮތަށެވެ. ސިއްރުންނެވެ. ދެއްކުންތެރިކަމެއް ނެތިއެވެ. އެ ޢަމަލެއް ކުރުމުގައި އެހެން މީހުންގެ ހިތުން ނުރުހުމެއް ނުލިބޭނެ ފަދަ ގޮތަކަށެވެ. ހެޔޮ ޢަމަލެއް ނަމަ އޭގައި ބައިވެރިވާން ބޭނުން ކޮންމެ މީހަކަށް ބައިވެރިވުމަށް ފުރުޞަދު ދޭންވާނެއެވެ. އެ ކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *