(6 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)
ޝުޢައިބު ސާރާގެ ގާތުގައި މަޑުކޮށްލައިގެން އިންވަގުތު އެތަނަށް ވަޒީރު އައެވެ. އަދި ރަސްގެފާނު ޝުޢައިބުއާއި ބައްދަލުކުރަން ބޭނުންވާކަމާއި ބައްދަލު ކުރެއްވުމަށް ބަގީޗާއަށް ދިޔުމަށް ބުންޏެވެ. ވަޒީރު މިހެން ބުނުމުން އޭނާ ރަސްގެފާނާއި ބައްދަލުކުރުމަށް ބަގީޗާއަށް ދިޔައެވެ. އެވަގުތު ރަސްގެފާނު ފެނުމުން ހީވަނީ ވަރަށް ބޮޑު ކަމަކާއި ފިކުރު ބޮޑުވެފައި ހުރިހެންނެވެ. ޝުޢައިބު ރަސްގެފާނުގެ ކުރިމަތީގައި ހުއްޓުމަށްފަހު، ނަންގަތެވެ.
" މަނިކުފާނު އަޅުގަނޑާއި ބައްދަލުކުރަން ބޭނުންވެ ލައްވާ ވާހަކަ ވަޒީރު ބުނުއްވުމުން މިތަނަށް މިއައީ. ކިހިނެއްތޯވީ؟ "
ރަސްގެފާނު ޝުޢައިބުއަށް ނަންގަތެވެ.
" އަޅުގަނޑު ކަލެޔާއި ބައްދަލުކުރަން މިހުރީ ވަރަށް ބޭނުންވެފައި. މަޝްވަރާ ކޮށްލަންޖެހޭ ބައެއްކަންކަން ހުރީމަ ބައްދަލުކުރުމަށް އެދުނީ.
މަސައްކަތް ކިހިނެއްތޯ؟ ތިޔަ މަސައްކަތާއި ދޭތެރޭ ޝުޢައިބު ހިތްހަމަ ޖެހޭތޯ؟ "
ޖަވާބުގައި ޝުޢައިބު ރަސްގެފާނަށް ނަންގަތެވެ.
" މަސައްކަތާއި ދޭތެރޭ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ މަނިކުފާނު އެދިވަޑާއިގެންފައިވާ ގޮތަށް މިމަސައްކަތް މީހުނަށް އުނގަންނައިދީ، އެމީހުންގެ ފަރާތުން މިމަސައްކަތް މިމުޅި ޝަހަރުގައި ފެތުރުން. މިކަން ދަސްކުރުމަށް އައިސް ތިބި މީހުންނާއި ދޭތެރޭ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމީހުންގެ ފަރާތުން ފެނިގެން ދަނީ ވަރަށް ހިތްހަމަޖެހޭ ނަތީޖާ އެއް. އެހެން ކަމުން އެމީހުން އެގޮތުގައި ކުރިޔަށް ގޮސްފިނަމަ ކުރިޔަށް މިއޮތް އަހަރެއްހާ ދުވަސް ތެރޭގައި، ވެގެންދާނީ މަނިކުފާނު ތިޔަ ބޭނުންވާފަދަ ބޭސްވެރީންނަށް. އިންޝާ ﷲ މިކަން ކާމިޔާބު ކުރާނަން. "
ޝުޢައިބުގެ މިވާހަކަތައް އެހުމަށް ފަހު ރަސްގެފާނު ވިދާޅުވިއެވެ.
" ތިޔަ މަސައްކަތާއި މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. އަޅުގަނޑުގެ ހިތުގައި ކަލެޔާއި ދޭތެރޭ ވަރަށް ބޮޑު އިތުބާރާއި ޔަގީންކަން އެބައޮތް. މަސައްކަތުގައި ދައްކަމުން ތިޔަ ގެންދަވާ ހިތްވަރާއި، ސާބިތުކަމާއިމެދު އަޅުގަނޑު ވަރަށް އުފާ ކުރަން. އަދި ތިޔަ ހިތްވަރާއިއެކު ކުރިޔަށް ދާނަމަ ކާމިޔާބުވެސް ވާނެ. ތިޔަ މަސައްކަތް އަޅުގަނޑު މިދަނީ ވަރަށް ގާތުން ބަލަމުން. އަދި ވަރަށް ބޮޑަށް ހިތްހަމަ ޖެހި ޝުޢައިބުއާއި މެދު ފަޚުރުވެރިވަން. "
ރަސްގެފާނުގެ ފަރާތުން އިވުނު ހިތްވަރުގެ އެބަސްތަކުން ޝުޢައިބުގެ ހިތުގައި މިމަސައްކަތުގައި އިތުރަށް ކުރިޔަށް ދިއުމަށް ހިތްވަރު އާވެގެން ދިޔައެވެ. އަދި ހިތުގެ އަޑީން ރަސްގެފާނަށް ޝުކުރު އަދާކުރިއެވެ.
ރަސްގެފާނުގެ ވާހަކަތައް މިގޮތަށް ކުރިޔަށް ގެންދިޔައިރުވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަމާއި މާޔޫސްކަމުގެ އަސަރު ހުރިކަން ޝުޢައިބު އަށް ފާހަގަ ކުރެވުނެވެ. އަދި އެހުރިހާ ކަމަކާއި އެކުވެސް އެމޫނުމަތިން ހިނިތުންވުން ދެއްކެވުމަށް ވަރަށް މަސައްކަތް ކުރާކަން ދެނެގަންނާކަށް ޝުޢައިބުއަށް އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި ރަސްގެފާނާއި މެދު މިއުފެދޭ ސުވާލުތައް ކޮށްލުމަށް މީވަރަށް ރަނގަޅު ވަގުތެއްކަމަށް ވެދާނެއެވެ. ވީމާ މިއަދު މިކަމާއި ބެހޭ ގޮތުން ރަސްގެފާނާއި މިސުވާލު ކުރަން ވީބާވައޭ އޭނާގެ ހިތަށް އެރިއެވެ. މިވިސްނުމުގައި ހުއްޓާ ރަސްގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ
" ޝުޢައިބު، ކޮންކަމަކާ ތިވިސްނަނީ؟ ކޮންމެވެސް ވާހަކައެއް އަޅުގަނޑުގެ ގާތު ދައްކަން ބޭނުންވާހެން އެބަ ހީވޭ. ބުނެބަލަ ކަމެއް ބޭނުންވީތަ؟ ނޫނީ ހިތްހަމަ ނުޖެހޭ ކަމެއް ހިނގަނީތަ؟
ރަސްގެފާނުގެ ސުވާލަށް ޖަވާބު ދެމުން ޝުޢައިބު ނަންގަތެވެ.
" މަނިކުފާނާއި ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އަޅުގަނޑަށް ވަނީ ކަމެއް ފާހަގަ ކުރެވިފައި. އަދި އެކަމާއި ވަރަށް ބޮޑަށް ވިސްނޭ. އެކަމަކު އެކަމާއި ބެހޭގޮތުން މަނިކުފާނުގެ އަރިހުގައި އެވާހަކަ ދައްކަން އަޅުގަނޑު ފަސްޖެހެވެނީ. ސަބަބަކީ އެކަމަކީ މަނިކުފާނުގެ ޒާތީ ދިރިއުޅުމުގެ ކަމެއް ކަމުގައިވުން. އެކަމާއި ގުޅޭ ގޮތުން އަޅުގަނޑު ސުވާލު ކޮށްފިނަމަ މަނިކުފާނު އަޅުގަނޑާއި ނުރުހުންވެ ލައްވާ ކޯފާ އިސްވެދާނެތީ، އެކަމާއި ޖެހިލުންވެ ކަންބޮޑުވެސް ވޭ. "
ޝުޢައިބު މިހެން ބުނުމުން ރަސްގެފާނު މަޑުމަޑުން ހިނިފުޅު ވެޑުވުމަށް ފަހު ވިދާޅުވިއެވެ.
" ކަލެޔަށް އަޅުގަނޑު ގާތުގައި ނުދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ. އަދި ކަލޭ ދައްކާ ވާހަކައެއްގެ ޒާތުން އެކަމާ ނުރުހުމެއްވެސް ނުވާނަން. ވީމާ ތިޔަ ހިތުގައި އަޅުގަނޑާއި މެދު އުފެދިފައިވާ ސުވާލު ތަކާއި، ތިޔަ ފާހަގަ ކުރެވުނު ކަމެއް ނިކަން ބުނެބަލަ. ބޭނުން ކޮންމެ ވާހަކައެއްވެސް ހަމަ އަހަންވީ. "
ރަސްގެފާނު މިހެން ވިދާޅުވުމުން ޝުޢައިބު ވަރަށް ޖެހިލުންވެ ހުރުމަށްފަހު ރަސްގެފާނުގެ އަރިހުގައި ނަންގަތެވެ.
" ރަސްގެފާނު، އަޅުގަނޑަށް މަނިކުފާނާއި ފުރަތަމަ ދިމާވި ވަގުތުގައިވެސް ތިޔަ މޫނުމަތިން ވަރަށް ހިތާމަޔާއި މާޔޫސީގެ އަސަރު ފާހަގަވެގެން ދިޔަ. އަދި ހިތްވަރާއި އެކީ ހިނިތުން ވެރިކަން މީހުނަށް ދައްކަމުން ގެންދަން މަސައްކަތް ކުރަމުން އައިކަންވެސް ފާހަގަ ކުރެވުނު. އަޅުގަނޑަށް ހީވާ ގޮތުގައި މަނިކުފާނުގެ އަމިއްލަ ދިރިއުޅުމާއި ގުޅިފައިވާ ކޮންމެވެސް ކަމަކާއި ވަރަށް ބޮޑަށް ވިސްނާ ހިތާމަ ކުރަމުން އަންނަހެން އަޅުގަނޑަށް ވަރަށް ހީވޭ. ފަހަރުގައި މިހީވި ހީވުމަކީ ކުން ހީއެއް ކަމުގައި ވެސް ވެދާނެ. މި ފާހަގަ ކުރެވުނު ކަންކަމަކީ، އަޅުގަނޑަށް ކުރެވިފައިވާ ކުށްހީއެއް ކަމުގައި ވާނަމަ މަނިކުފާނުގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް ވެސް އެދެން."
ޝުއަޢިބުގެ މިވާހަކަ އަޑުއަހަން ހުންނެވުމަށް ފަހު ހައިރާން ކަމާއި އެކު ރަސްގެފާނު ޝުޢައިބުގެ މޫނަށް ބައްލަވާ ލެއްވިއެވެ. އަދި އޭނާއަށް ނަންގަތެވެ.
" ޝުޢައިބު، ކަލޭ ތިޔަ ދެއްކި ވާހަކަ ތަކާއި މެދު އަޅުގަނޑު އެއްވެސް ހާލެއްގައި ދެކޮޅު ހަދާކަށް ނެތިން. ކަލެޔާއި ބެހޭގޮތުން އަނެއްކާވެސް ބުނެލަން ބޭނުންވާ އެއްޗަކީ، ކަލެޔަކީ މީހުންގެ އިހުސާސްތައް ވަރަށް ފަސޭހައިން ދެނެގަންނަ އަދި މީހުނާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނާ މީހެކޭ. "
" ކަލެޔަށް އެނގޭނޭހެން މިގަނޑުވަރަށް ކޮންމެ ދުވަހަކު ތަފާތު އެކި ކަންކަމުގައި އަޅުގަނޑާއި ބައްދަލުކުރުމަށް މީހުން އައިސް އުޅޭ. އަދި ތަފާތު ކަންކަމުގައި ވަރަށް ގިނަ ވާހަކަތައްވެސް ދެކެވިފައި އެބަހުރި. އަދި ބައެއް ފަރާތްތަކާއިއެކު ވަރަށް ގާތުން މަސައްކަތްތައް ކުރެވިފައިވެސް ހުންނާނެ. އެހެން ނަމަވެސް ކަލެޔަކީ އެއެންމެނާއި ވަރަށް ތަފާތު މީހެއްކަން ދެންމެ ތިޔަ ދެއްކި ވާހަކައިން އަޅުގަނޑަށް އެނގިއްޖެ. " "ޝުޢައިބުގެ ތިޔަ ވިސްނުންތެރިކަމާއި ކަމާއި ހުށިޔާރު ކަމުން އުނދަގޫ ކަމެއްނެތި އަޅުގަނޑުގެ އިހުސާސްތައް ފާހަގަ ކޮށްފި. ކަލެޔަކީ އަހަރެންގެ މިމޮޅިވެރިކަމާއި ހިތާމަތައް ފާހަގަކުރި ފުރަތަމަ މީހާ. އަޅުގަނޑު ހަމަ ހައިރާން ވެއްޖެ. "
" ކަލެޔަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ މިހާރު އަޅުގަނޑަށް ވަރަށް ޚާއްސަ މީހެއް. ވީމާ އަޅުގަނޑުގެ ޒާތީ އެއްވެސް ވާހަކައެއް ކަލެޔާ ހިއްސާ ކުރަން ފަހެއް ނުޖެހޭނަން. "
" ޝުޢައިބު، ރަނގަޅަށް ކަނުލައި އަޑުއަހާތި! މިއަދު ކަލެޔަށް މިކިޔައިދެނީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ހިނގާފައިވާ ކަންތައްތަކެއްގެ ވާހަކަ. އަދި މިވާހަކަ ތަކަކީ ވަރަށް ބޮޑެތި ސިއްރު ތަކެއް. އަދި މީން އެއްވެސް ސިއްރަކަށް ކަލޭ ޚިޔާނާތް ނުވާނޭ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އަޅުގަނޑަށް އެބައޮތް. "
" ޝުޢައިބު، ކަލޭ ބުނީ ވަރަށް ރަނގަޅު ވާހައެއް. އަޅުގަނޑަކީ ވަރަށް ބޮޑު ހިތާމައެއް ކުރަމުން އަންނަ މީހަކީން. އަދި މި ދިރިއުޅުމުގައި މިޔަދާ ހަމަޔަށްވެސް މިއަންނަނީ އެހުރިހާ ހިތާމަތަކެއް ތަހައްމަލް ކުރަމުން. ކޮންމެ މީހަކަށްވެސް އަޅުގަނޑާއި ބެގޭގޮތުން އެނގިފައިވާނީ، ހަމަ އެކަނި އަޅުގަނޑަކީ މިކަރައިގެ ރަސްގެފާނުކަން އެކަނި. ނަމަވެސް ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ އިސް ވަޒީރު ފިޔަވާ އިތުރު އެއްވެސް މީހަކަށް ނޭނގޭނެ. "
"އަޅުގަނޑަކީ ދުނިޔޭގެ އާރާއި ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވާ ރަސްކަލެއް. މީހުންގެ ގަދަރާއި ލޯބި ހޯދުމަށް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރީން. ވަރަށް ބުރަ މަސައްކަތުން އެގަދަރާއި ލޯބި މިވަނީ ލިބިފައި. މިދުނިޔެއިން އަޅުގަނޑަށް ނުލިބެނީ ކޮން އެއްޗެއް؟ ދެންމެ މިބުނިހެން، މުދަލާއި ފައިސާގެ އިތުރުން އިއްޒަތާއި ގަދަރު ލިބިއްޖެ. ނަމަވެސް އަޅުގަނޑަކީ ވަރަށް ބޮޑު އެކަނި ވެރިއެއް."
" ޝުޢައިބު، އަޅުގަނޑުގެ ވަރަށް ޒުވާން އުމުރުގައި މައިންބަފައިން ވަނީ މިދުނިޔެ ދޫކޮށްފައި. އަދި އެދެމީހުންގެ ހުރި ހަމައެކަނި ދަރިޔަކީ ވެސް އަޅުގަނޑު. ބައްޕަ އަކީ އަޅުގަނޑު މިރަސްކަމާއި ހަވާލުވީއިރު އޭރުގައި މިކަރައިގެ ރަސްގެފާނު. ބައްޕަ އަވަހާރަވުމުން ބައްޕަގެ ފުށުން އަޅުގަނޑަށް މިރަސްކަން ވާރުތަވެ، މިކަރައިގެ ރަސްކަމަށް އަޅުގަނޑު އިސްކުރެވުނީ. ރަސްކަމަށް އިސްކުރެއްވުމުން މިޝަހަރުގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކާއި ކައިވެނި ކުރިން. އަދި ކައިވެންޏަށް ފަހު ދެމީހުން އުޅެމުން ގެންދިޔައީ ވަރަށް ލޯބިން އެހާމެ އުފަލާއި އަރާމުގައި. ކައިވެންޏަށް ދެއަހަރު ވީއިރު އަޅުގަނޑުމެންގެ އަލަތު ދަރިފުޅު ލިބިއްޖެ. އެހެން ނަމަވެސް އަނބިމީހާ އެދަރިފުޅު ވިހެއުމަށްފަހު ދެވަނައަށް ވީދުވަހު ގަދަހުމެއް އައީ. އަދި އެހުން ރަނގަޅުނުވެ، އިތުރަށް ހާލު ގޯސްވެ އޭގެ ހަތް ދުވަސް ފަހުން އަނބިމީހާ މިފަނާކުރުވަނިވި ދުނިޔެއާއި ޢަލްވަދާޢު ކިޔައިފި. "
ރަސްގެފާނަށް މިހެން ބުނެވުނު ވަގުތު ހަމަ ރަނގަޅަށްވެސް ފެންކަޅިވެއްޖެއެވެ. ނަމަވެސް ލޯފުޅު ފޮހެލެއްވުމަށްފަހު އުނދަގޫ ކަމާއެކުވެސް ވާހަކަ ކުރިޔަށް ގެންދެވިއެވެ.
" އަޅުގަނޑުގެ ލޯބިވާ އަނބިމީހާ ކުއްލި ގޮތަކަށް އަޅުގަނޑާއި އަޅުގަނޑުމެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު "ޒޭނާ" އާއި ވަކިވެގެން އެދިޔަ ދިޔުން ވެގެން ދިޔައީ ބަރުދާސްތު ކުރަން ދަތިވި ހިތާމަޔަކަށް. އެދުވަހަށްފަހު މިޔަދާ ހަމަޔަށްވެސް އަޅުގަނޑު އަދި އެއްވެސް މީހަކާއި ކައިވެންޏެއް ނުކުރަން. އެދުވަހަށްފަހު ދަރިފުޅާއިއެކު އުޅެމުން މިއައީ ވަރަށްވެސް އެކަނިވެރި ދިރިއުޅުމެއް. "ޝުޢައިބު" އަޅުގަނޑުގެ ދަރިފުޅު ޒޭނާގެ އުމުރުން މިހާރު ވިހި އަހަރު ފުރިގެން ހިނގައްޖެ. އަޅުގަނޑުގެ މިހާރުގެ ދިރިހުރުމުގެ އެންމެ ބޮޑު އުންމީދަކީވެސް އެދަރިފުޅު. ޒޭނާ އާއި ބެހޭގޮތުން މިހާތަނަށް ދެއްކުމުން ކަލޭގެ ހިތުގައި ސުވާލު އުފެދޭނެ. މިގަނޑުވަރު ތެރެއިން މިހުރިހާ ދުވަހެއް ވެގެން ދިޔައިރުވެސް އޭނާ ފެނިފައި ނެތުމުން، ޒޭނާ ކޮބައިބާވައޭ ކަލޭގެ ހިތަށް އަރާނެ. އެކަމަކު ރަނގަޅަށް އަޑު އަހާ! "
ވާހަކަ މިހިސާބަށް ދިޔައިރު ހަމަ ރަނގަޅަށް ވެސް ރަސްގެފާނު ދެޅޯ ފެންކަޅިވެއްޖެއެވެ. އަދި ލޯފުޅުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ނަމަވެސް އިތުރަށް ޝުޢައިބުއަށް އޮޅުންފިލުވައި ދެއްވަމުން ވާހަކަފުޅު ކުރިޔަށް ގެންދިޔައެވެ.
" މިއީ މިގަނޑުވަރުގެ ތެރޭގައި އަޅުގަނޑުގެ ދިރިއުޅުމާއި ގުޅިފައިވާ އެންމެ ބޮޑު ސިއްރު. މިކިޔައިދޭ ވާހަކަ ހަމައެކަނި އެނގޭނީ ވަޒީރަށް އެކަނި. އަދި އަޅުގަނޑު އޭނާގެ ގާތުން މިވާހަކަ އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށް ވާނީ އަންގާފައި. އަޅުގަނޑުގެ މިހާރުގެ ހުރިހާވެސް ހިތާމައަކާ ހިތްދަތިކަމަކީ އަޅުގަނޑުގެ ދަރިފުޅު ޒޭނާގެ ހާލަތު. މީގެ ދުވަސްކޮޅެއް ކުރީން އޭނާ ވަނީ ވަރަށް ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވެ ހުރިހާ ބޭސް ވެރިން އޭނާއާއި ދޭތެރޭ އުންމީދު ކަނޑާލާފަ. އަޅުގަނޑުގެ ދަރިފުޅަށް ޖެހިފައިވާ ގޮތްނޭނގޭ އެބަލީގެ ޝިކާރަކައަށްވެ މިޝަހަރުގައި މީގެކުރީން އެތައް ބަޔަކު ވަނީ މިދުނިޔެ ދޫކޮށްފައި. ޒޭނާއަށް ފަރުވާ ކުރި ހުރިހާ އެންމެންވެސް މިހާރު ހީކޮށްގެން ތިބީ ޒޭނާ މިދުނިޔޭގައި ނެތް ކަމުގައި. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެއް. އަޅުގަނޑު ހިތާއި ދެކޮޅަށް، އަދި ހަދާނޭ އިތުރު ގޮތެއް ނެތުމުން، އޭނާ ވާނީ ގަނޑުވަރުގެ ސިއްރު ކޮޓަރިއެއްގައި ބަހައްޓާފައި. އަދި އޭނާއަށް ބޭނުންވާ ހުރިހާ ކަމެއްކޮށް ހަދަނީ ކޮންމެ ވަގުތަކުވެސް ވަޒީރު. ނަމަވެސް ކޮންމެ ރެޔަކު އަޅުގަނޑު ޒޭނާ އާއި ބައްދަލުކުރަން ގޮސްހަދަން. އޭނާ އެފަދަ ކަމަކާއި ކުރިމަތިވުމުން ވެސް ދިރިއުޅުމާއި މެދު އުންމީދު ކަނޑައެއް ނުލާ. އަދި އަޅުގަނޑު ގާތުގައި އަބަދު ބުނަމުން އަންނަނީ އެކަމުން މިންޖުވުމަށް ވެސް ތަގުދީރުގައި ކަނޑައެޅިފައި ވާނަމަ ވަގުތު ޖެހުމުން ޝިފާ ދެއްވާނޭކަމަށް. ޒޭނާ އަކީ ވަރަށް ހިތްވަރު ގަދަ ދަރިއެއް. "
" ޝުޢައިބުގެ ދަރިފުޅު ސާރާ ފުރަތަމަ ފެނުނު ވަގުތުވެސް އަޅުގަނޑަށް އިހުސާސް ކުރެވުނީ އެއީ އަޅުގަނޑުގެ ދަރިއެއްގެ ގޮތުގައި. އެ ތުއްތު ސާރާގެ ކޮންމެ ހަރަކާތަކުންވެސް ހަނދާންވަނީ ޒޭނާގެ ކުޑަ ދުވަހުގެ ހަނދާންތައް. ގިނަ ގިނައިން ސާރާގެ ގައިގައި ބައްދާލެވޭ. އަވަސް އަވަހަށް އެމޫނުގައި ބޮސް ދެވޭ. ކާފާއޭ ކިޔާލާފައި އައިސް ބައްދާލާ ކޮންމެ ވަގުތަކު ޒޭނާގެ ޅައިރުގެ ހަނދާން އާވެ ލޮލުން ކަރުނަ އާދޭ. މިއަދު ސާރާ އަޅުގަނޑުގެ ގާތުގައި ހުރުން އެއީ އަޅުގަނޑުގެ މިހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ގެނުވާ ކަމެއް. ސާރާ އަޅުގަނޑުގެ މޫނު މައްޗަށް އުފާވެރިކަން ގެނުވައި ދީފި. އަޅުގަނޑު ޝުޢައިބުގެ ގާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އަޅުގަނޑުގެ އެދުމަކީ އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު ސާރާ އަޅުގަނޑާއި ވަކިނުކުރުން. އެދަރިފުޅު ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ލޯމަތިން ގެއްލޭކަށް ނޭދެން. އުފަން ދަރިޔެއް ނޫން ކަމުގައި ވީނަމަވެސް އެއީ ހަމަ އަޅުގަނޑުގެ ދަރިއެއް. "
ރަސްގެފާނުގެ ވާހަކަ ނިމުމުން ޝުޢައިބު ރަސްގެފާނަން ނަންގަތެވެ.
" މަނިކުފާނު ސާރާ ގެންގުޅެން ހުރިހާ ދުވަހަކު ސާރާ މަނިކުފާނާއި ވަކި ނުކުރާނޭ ކަމުގެ ޔަގީންކަން އަޅުގަނޑު ދޭނަން. "
( ނުނިމޭ )
