ރައީސްގެ އިނގިރޭސިވިލާތުގެ ދަތުރުފުޅުގެ ޚަރަދަކީ، ދޮޅު ލައްކަ ރުފިޔާ

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް އާއި އެމްއެމްޕީއާރުސީ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ޚަރަދު ހާމަކޮށްފިއެވެ.

ރައީސް އެ ދަތުރުފުޅު ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް އެ އޮފީހުން ޚަރަދުކުރީ 153،689.92 ރުފިޔާ ކަމަށެވެ. ނަމަވެސް އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފުސީލެއް އެ އޮފީހުން ހާމައެއްނުކުރެއެވެ.

އެ ދަތުރުފުޅުގައި ރައީސްވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިނާއެކު މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި ފުޓުބޯޅަ މެޗު ބައްލަވާލައްވައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި އެ މެޗުގައި ވަނީ، އެމްއެމްޕީއާރްސީ އާއި ލިވަޕޫލް ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައެވެ.

އެ ކެމްޕޭނު ލޯންޗު ކުރުމާއެކު ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑުގެ ވަށައިގެން ޖަހާފައިވާ ލެޑު ބޯޑުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިސްތިހާރުތައް ވަނީ ދައްކައިފައެވެ.

އެމްއެމްޕީއާރްސީން ވަނީ، 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *