ކުރުވާހަކަ: ހިމާޔަތް

އުޑުމަތި ބަނަވެ ވިލާ ބޯކޮށްލީ ކުއްލިއަކަށެވެ. ހަތަރު އުދަރެސް ވަށާލާ ވިއްސާރައިގެ ތޫފާން ބާރުވީ އިންތިހާއަށެވެ. އޮއްސުނު އިރާއިއެކު ތޫފާނުގެ އަސަރު ކުރިއަށްވުރެވެސް ބާރު ގަދަވެއްޖެއެވެ. ވިދާލާ ވިދުވަރާއިއެކު ޖަހާލާ ބާރު ގުގުރީގެ އަޑަށް ނަތާއަށް ކަންފަތް މަތީގައި އަތް އެޅުނެވެ. އުމުރުން ބާރަ އަހަރުގެ އެ ކުޑަކުޑަ ނަތާ ބިރުވެރި ތޫފާނީ ރޭ  އެންމެ ބިރުގަތީ ތޫފާން ދެކެއެއް ނޫނެވެ. ނޫކުލައިގެ ޔުނީފޯމުގައި ތިބި އެ ރަށުގައި އެވަގުތު ހަރަކާތްތެރިވާ  ހުރިހާ ފުލުހުން އޭނާގެ ގެއަށް އައިސް ވަނުމުންނެވެ. ވަކިއެއްޗެއް ނުބުނެ ތަންތަން ބަލާ ފާސްކުރަން ފެށުމުންނެވެ. އެނދުތަންދޮށުގައި އޮތް ތަރުފާލުނަގާ އޭގެ ދަށުގައި އޮތް ފިލާގަނޑެއް ހިއްލާލިއިރު އޭނާއަށް ހުރި ދިމާގައި އިށީނދެވުނީ މިފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެގެންނެވެ.

"މީ ކިހިނެއް ހޯދި އެއްޗިއްސެއް؟" ފުލުހުންގެ އިސްމީހާ ސުވާލުކުރިއެވެ.

"ތީ އަހަރެމެންގެ އެއްޗެއް ނޫން." ނަތާގެ މަންމައާއި ބައްޕަގެ ވާހަކަ ނަތާއަށް ގަބޫލު ކުރެވުނަސް ފުލުހުން އެވާހަކައެއް ގަބޫލެއް ނުކުރިއެވެ. ބިންގަރާހެއް ކަހަލަ ހޮހޮޅައަކުން ނަގަމުން ދިޔައީ ދިވެހި ފައިސާއާއި ޑޮލަރެވެ. ބަންދުކޮށްފައިވާ ފާޑެއްގެ ޕެކެޓް ތަކެކެވެ. ފުލުހުން އެ ހުރިހާ އެއްޗެއް ހިފައިގެން ދިޔައީ އެދެމީހުންވެސް ގޮވައިގެންނެވެ. އެ ބޮޑުގޭގައި ނަތާ އެކަނި ކޮށްފައެވެ.

މުޅިރާއްޖޭގެ ނޫސްތަކުގައި އެވާހަކަ ފެތުރުނީ ވިދާލި ވިދުވަރެއް ފަދައިންނެވެ. ނަތާއާއިމެދު ކަންބޮޑުވާނެ މީހަކު ނެތެވެ. އެފަކީރު ގޭގައި އޮވެ ރޮއިރޮއި ބަލިވެއްޖެއެވެ. އުތުރުގެ ރަށެއްގައި ހުރި އޭނާގެ ދުރުތާ ތިމާގެ މީހަކަށް ނަތާގެ ޚަބަރުދިނީ ނަތާގެ މަންމަގެ އެދުމުގެ މަތީން ފުލުހުންނެވެ. ދުވަހަކުވެސް ހިތާމައެއް ދެކެފައި ނުވާ ނަތާގެ މުޅިހަޔާތް ބަނަވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ.

"މަންމައަށް އާދެވޭނެ ހެނެއް ހިއެއްނުވޭ. ފަރިއްތައާއި އެކު އެރަށަށްދޭ. ކޮންމެވެސް ދުވަހަކުން މަންމަ އަންނާނަން." ނަތާ މަންމައާއި ބައްދަލުކުރަން ދިޔަވަގުތު މަންމަ ބުންޏެވެ. އެމަންމަގެ ލޮލުގައިވަނީ ހިތާމައާއި ކަންބޮޑުވުމެވެ.

"މަންމަ އެކަހަލަ ކަމެއް ނުކުރަމެއްނު." ނަތާއަށް ގަބޫލެއް ނުކުރެވުނެވެ.

"މަންމަ ދޮގުހަދާކަށް ނެތިން. ދަރިފުޅު ރަށުގެ އެންމެ އުފާވެރި އަދި ދުލުން ބުނެލާ ކޮންމެ އެއްޗެއް މަންމައަށް ހޯދާދެވުނީ މި މަސައްކަތުން. ބަސްއަހައިގެން އެ ރަށަށްދޭ. މަންމަ ދަސްކޮށްދިން ގޮތަށް ހެޔޮލަފާ މޮޅު ކުއްޖެއްގެ ގޮތުގައި ބޮޑުވޭ." މަންމަ ރޯން ފެށިއެވެ. ފުލުހުން ނަތާގެ އަތުގައި ހިފައިގެން ގޮސް ފަރީދާއާއި ހަވާލުކުރިއެވެ.

ނަތާ ފުރައިގެން ދިޔައީ ވިއްސާރަ ދުއްޕާން ރެއެއްގައެވެ. ތިން ދުވަސްވާންދެން ކުރަމުންދިޔަ ގަދަ ކޮޅިގަނޑެއްގެ ތެރޭގައެވެ. އޭނާގެ ހަޔާތަކީވެސް މިހާރު ކޮޅިގަނޑަކަށް ވެއްޖެއެވެ. ހއ. ބާރަށުގައި އޭނާގެ ޒުވާންދުވަސްތައް ގުނަމުން ދިޔައިރު އޭނާ މަޝްހޫރު ވެފައިވަނީ މަސްތުވާތަކެތި އެތެރެކުރާ އާއިލާގެ ކުއްޖެއްގެ ގޮތުގައެވެ. އޭނާއާއި ހެޔޮހިތުން ވާހަކަ ދައްކާލާނެ ކުދިންނެއް ނުތިބެއެވެ. ސްކޫލުގައި އޭނާގެ ރައްޓެއްސެއް ނެތެވެ. މުޅިންވެސް އިވެނީ މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމުގެ އަޑެވެ.

"އޭނާއާއި ގާތްނުވާތި! އެއީ ޖައްސާ މަންޖެއެއް." އެއްދުވަހަކު ކުލާސްކުއްޖެއްގެ ފޮތް ހޯދަން އެދުމުން ޖެހިގެން ހުރިކުއްޖާ ބުންޏެވެ. ނަތާއަށް ކުރި އަސަރެއް ބުނަންވެސް ނޭނގުނެވެ. އޭނާއަކީ އެފަދަ އެއްވެސްކަމެއްގައި ބައިވެރިވީ ކުއްޖެއް ނޫނެވެ. އޭނާގެ މަންމަ އޭނާއަށް ދަސްކޮށްދީފައިވަނީ ރިވެތި އަޚުލާގުގެ މަތީގައި މޮޅު ކުއްޖަކަށް ވުމަށެވެ. މަންމަ ސިއްރުން އެހާބޮޑު ކަމެއް ކުރީތީ އޭނާއަށްވަނީ އޮޅުން އަރާފައެވެ.

ގޭތެރޭގެ ހާލަތު ސްކޫލުގެ ހާލަތަށްވުރެ ގޯހެވެ. އޭނާއަކީ އެގޭގައި ނޯކަރެކެވެ. ފަތިހު ހޭލައިގެން ގޭދޮށް ކުނިކަހާ ސައިކައްކާ ހަދާއިރު އޭނާގެ ފަރިއްތައާއި ދެ އަންހެން ކުދިން ތިބެނީ ނިދާފައެވެ. ކިރިޔާކަމެއް ނުކުރެވި ހުރިނަމަވެސް ވަރަށް ބާރަށް އެއްޗިހި ކިޔާހަދައެވެ. އެއްދުވަހަކު އެއްޗިހި ދޮންނަމުން ދިޔަވަގުތު ދޮންނަ މެޝިނު ހަލާކުވިއެވެ. އެދުވަހު ކީ އެއްޗިހި މިއަދުވެސް އޭނާގެ ހަނދާނަކުން ނުފިލައެވެ.

"މަސްތުގެ ދުނިޔޭގައި އުޅޭމީހުން އަބަދު ތިބޭނީ މަސްތުވެފަ. މެޝިނަށް އެވަރަށް އެއްޗިހި އަޅާއިރު ހަލާކުވާނެ ކަމެއް ނޭނގޭނީ އެހެންޏާފަހެ އެއްޗެއް ބޮއިގެން ހުރީމާ ނޫންތަ؟" ފަރީދާ ހަޅޭއްލަވައިގަތެވެ. އޭގެފަހުން އޭނާ އެންމެންގެ އެއްޗިހި ދޮންނަނީ އަތުންނެވެ. އޭނާގެ ރީތިރީތި އަތްތިލަވަނީ ކުރަކިވެ ހަލާކު ވެފައެވެ.

ގޭގެ ހުރިހާ މަސައްކަތެއް ކުރުމަށްފަހު އޭނާ ފިލާވަޅު ދަސްކުރަނީ ރޭގަނޑެވެ. ރޭގަނޑު އެންމެން ނިދުމުން ހޮޅިބުރި ދިއްލާފައި ހުންނާތީ އޭނާދެކެ ދައްތަ ރުޅި އާދެއެވެ. އެހެންކަމުން އޭނާ ކިޔަވަނީ ފުޅި ބައްތި ދިއްލައިގެންނެވެ. އެއްރޭ ފުޅިބައްތި ދިއްލައިގެން ކިޔަވަން އިންދާ ވެފައިހުރި ވަރުބަލިކަމުން އޭނާއަށް ނިދި ޖެހުނީއެވެ. ނިދީގައި އޭނާގެ އަތުންޖެހިފައި ފުޅިބައްތި ވެއްޓި އޭގައި ހުރި ތެޔޮތަކުގައި ހުޅު ހިފިއެވެ. އިސާހިތަކު ހުޅުގަނޑު ބާރުވެ އޭނާގެ ގައިގައި ހުޅު ރޯވެއްޖެއެވެ. ފަރީދާގެ ހުޝިޔާރުކަމުން ގޭގައި އަލިފާން ނުހިފަނީސް އަލިފާން ގަނޑު ނިވާލިއެވެ. ނަމަވެސް ނަތާގެ މޫނުމަތީގެ އެއްފަޅިއާއި ކަރުން ބައެއް ފިހިއްޖެއެވެ. ވަގުތުން ހެލްތު ސެންޓަރުން ފަރުވާދިންނަމަވެސް އޭނާގެ މޫނުމަތީގެ ރީތިކަން ވަނީ ގެއްލިފައެވެ.

މީހުންގެ ތެރެއަށް ނިކުމެލާއިރު ކޮންމެ މީހަކުވެސް އޭނާ ފެނުމުން ހީހަދައެވެ. އެއްބަޔަކު އޭނާއަކީ ފުރޭތައެކޭ ކިޔައެވެ. ކުޑަކުދިން އޭނާ ފެނުމުން ބިރުގަނެއެވެ. ލޯގަނޑު ކުރިމައްޗަށް އަރާ މޫނުމަތީގައި ހުރި ލަކުނު ތަކުގައި އޭނާ ފިރުމާލިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ހިތްވަރު ކޮށްފައި ސްކޫލަށް ދިޔައީ މޮޅުކުއްޖަކަށްވެ ވަޒީފާއެއް ހޯދާށެވެ. އޭނާގެ އަޒުމަކީ މާލެގޮސްގެން ނަމަވެސް އަމިއްލައަށް ދިރިއުޅެވޭތޯ ބެލުމެވެ. އަނިޔާވެރިންގެ ވަކިތަކުން ސަލާމަތްވެ މިނިވަން ޖައްވަކަށް ނޭވާލުމެވެ.

"އިތުރަށް ދެން ކިޔަވާނެ ކަމެއްނެތް. ކަލޭގެ މަންމައާއި ބައްޕަގެ ދަހިވެތި ކަމުގެ ސަބަބުން މިދުވަސް އަންނާނެ ކަމަކަށް އެމީހުނެއް ނުވިސްނާ. މަސްތުވާތަކެތި ވިއްކާ މީހުންނަކީ ދަރިންނާ ދޭތެރޭ ވިސްނާ ބައެއް ނޫން. މޫނުމަތީގެ ތިހިރަ ބިރުވެރި ސިފައިން ކިތަންމެ ކިޔެވިޔަސް ތި ބޭނުންވާ މޮޅު ވަޒީފާއެއް ނުލިބޭނެ. މިރަށު ހަސަނުގެ ވެސްޓް ގެސްޓް ހައުސްގައި މަސައްކަތްކުރާނެ ކުއްޖަކު ނުވެގެން ބަލައި އައިސްފި. ކިޔެވުން ހުއްޓާލާފާ ލާރި ހޯދަންފަށާ." ފަރީދާ ނުރުހުންވެފައި ބުންޏެވެ.

"އެކަމަކު އަދި ގްރޭޑް 9 ވެސް ނުނިމޭ." ނަތާއަށް ވަގުތުން ރޮވިއްޖެއެވެ.

"މައިންބަފައިން ނެތްކުދިން ޖެހޭނީ އަމިއްލަ މަސައްކަތުން ކިޔަވަން. އަހަންނަކަށް ކަލެއަކަށް ދެން ޚަރަދެއް ނުކުރެވޭނެ. މާދަން އެތަނަށް ދާންފަށާ." ފަރީދާ ނިކުމެގެން ހިނގައްޖެއެވެ.

ނަތާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މި ބޮޑު ދުނިޔޭގައި އޭނާއަށް ހަމްދަރުދީވެ އަޅާލާނެ އެކަކުވެސް ނެތެވެ. ދައްތައަކަށް ހުރި މީހާގެ ހިތުގައިވެސް އޭނާއާއިމެދު އެއްވެސް ކުލުނެއް ނެތެވެ. އޭނާއަށް އޯގާވެރިވާނެ އެކަކުވެސް މި ބޮޑު ދުނިޔޭގައި ނުވެއެވެ. އޭނާ ތެދުވެ ކަރުނަ ފުހެލިއެވެ. އޭނާއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ.

ކުއްލިއަކަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަކަމުންނެވެ. އޭރު ފަރީދާ ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. އަވަސްއަވަހަށް ފެންވަރާއިގެން އޭނާ ސްކޫލަށް ދާން ތައްޔާރުވިއެވެ. ދަބަހަށް ފޮތްތައްއަޅާ ނިކުންނަނިކޮށް ފަރީދާ އޭނާގެ ކުރިމައްޗަށް އެރިއެވެ.

"ކަލޭގާތު ނުބުނަންތަ ވެސްޓް ގެސްޓު ހައުސަށް މަސައްކަތް ކުރަންދާން. އެތަން ބަލަހައްޓާ ހަސަނު އެހުރީ ކަލޭ ލަސްވެގެން ބަލާއައިސް. ބުނާއެއްޗެއް ނޭނގެނީ ކީއްވެތަ؟" ފަރީދާ އޭނާގެ ދަބަސް އަތުލައިގަތެވެ. އަދި ލައިޓަރު ނަގާ ދަބަހުގައި ރޯ ކޮށްލިއެވެ.

"ތި ޔުނީފޯމު އިރާލާ އެންމެންތެރޭ އޮރިޔާން ނުކުރަނީސް ހެދުންލައިގެން އެތަނަށް މަސައްކަތް ކުރަންދޭ." ފަރީދާ ހަޅޭއްލަވައިގަތެވެ. އޭރު ހަސަނު ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ހުރީ ފާޑަކަށް ހެވިފައެވެ. ނަތާ ހެދުން ބަދަލުކޮށްގެން ނިކުތެވެ. ހަސަނުއާއެކު ދިއުމަށްޓަކައި މަޑުމަޑުން ހިނގައިގަތެވެ.

"ތިޔަ މޫނު ނިވާކުރޭ. އަން. މި މޫނު ބުރުގާ އަޅާ. އެތަނަށް އަންނަ މީހުންނަށް ކަލޭ ފެނިއްޖެއްޔާ ފުރޭތައެއްކަމަށް ހީކޮށް ބިރުން ފިލާފާނެ." ފަރީދާ މޫނު ބުގާ އެއްލަމުން ހަޅޭއް ލަވައިގަތެވެ.

ނަތާ ހިތް ހީވީ ކުދިކުދި ވީހެންނެވެ. އޭނާ މަންމަމެންނާއި އެކު އުޅުނީކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟ ރަށުގެ ނިސްބަތުން އޭނާއަކީވެސް އެރަށުގެ އަމީރާއެކެވެ. ކާންބޭނުން ކޮންމެ އެއްޗެއް ކައިގެން ލާންބޭނުން ކޮންމެ ހެދުމެއް ލައިގެން އޭނާ އުޅުނީ ފުދިގެންވާ ދިރިއުޅުމެކެވެ. މިރަށަން އަންނަންދެން އޭނާގެ ހުރިހާކަމެއް ކޮށްދިނީ އޭނާގެ ލޯބިވާ މަންމަގެ ދެއަތުންނެވެ. ނަމަވެސް މިހާރު އަމިއްލައަށް ކައްކާ ކާއެތިކޮޅުވެސް ނުލިބޭ ފަހަރު މާގިނައެވެ. ލާންލިބެނީ މީހުން ބާކޮށްފައިވާ ބާ ހެދުންތަކެވެ. އެރީތި ރީތި މޫނުވަނީ މީހުން ބިރުގަންނަ ސިފައެއް ގައެވެ. އެ އޮމާން އަތްތިލަ ވަނީ ކުރަކި ވެފައެވެ. އެ ރީތި ލޮލުގައި ވަނީ އަބަދުވެސް ކަރުނައިގެ އަސަރުތަކެވެ.

ގެސްޓް ހައުސްގައި އޭނާ ކުރަންޖެހެނީ ހައުސްކީޕިން ބައިގެ މަސައްކަތެވެ. ކޮޓަރިތައް ސާފުކުރުމާއި އެނދު ތަންމަތިއެޅުމާއި ޒީނަތްތެރި ކުރުމެވެ. ލޯންޑްރީ ބައިކަމުގައިވާ އެނދުތަކުގެ ބެޑްޝީޓާއި، ބާލިސް އުރަތަކާއި އަދި ގެސްޓުންގެ އަންނައުނު ދޮވުމެވެ. މިއީ އެ ޅަ ހަށިގަނޑަށް ކެތްވާވަރުގެ މަސައްކަތް ތަކެއް ނޫންނަމަވެސް މިއަދު އޭނާއަށް ވަނީ މިކަންކަން ކުރަން ޖެހިފައެވެ. މި ހުރިހާ ކަމެއްގެ އިތުރުން ހަސަނުގެ ފަރާތުން ލިބެމުންދާ ގޯނާ ތަކުގެ ޝިކާރަކަށް ވާތީ ކުރަންޖެހޭ ހިތާމަ މާބޮޑެވެ. ވަށްކަޅިން ބެލުމާއި، އަތުގައި ހިފުމާއި، ހަޑިހުތުރު ވާހަކަ ދެއްކުމާއި އަދި ބައެއްފަހަރު ގައިގާ ހޭކޭތީ އޭނާ ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ.

"ކިތައްފަހަރު ބުނެފިންތަ އަހަންނާ ގާތްނުވާށޭ." އެއްދުވަހަކު ކޮޓަރި ސާފުކުރަން އުޅެނިކޮށް ހަސަނު އައިސް ވަނުމުން ނަތާ ހަޅޭއްލަވައިގަތެވެ.

"ކާކުތަ އުޅެނީ ކަލޭ ރީތިވެގެން ގާތްވާން." ހަސަނު ހީގަތެވެ. ހަމަ އެ ދަނޑިވަޅުގައި ހަސަނު ފުންމައިގެން ގޮސް ނަތާގެ ގައިގައި އޮޅުލައިގަތެވެ. އަދި ހިފައިގެންފައި އެނދުމައްޗަށް ވައްޓާލިއެވެ.

"ދޫކުރޭ. މަންމާ…" ނަތާއަށް ހަޅޭއް ލަވައިގަނެވުނެވެ.

"ހަސަނާ ކަލޭ ތިއުޅެނީ ކޮންވައްތަރަކަށް." ކުއްލިއަކަށް މީހަކު އައިސް އެ ކޮޓަރިއަށް ވަނެވެ.

ހަސަނު ފުންމައިގެން ތެދުވެއްޖެއެވެ. ނަތާގެ ބުރުގާ ރަނގަޅު ކޮށްލާ މޫނު ފޮރުވިއެވެ. އެއީ ނަތާ ކުރިން ދުށް މީހެއް ނޫނެވެ. އެއީ އިސްކޮޅުން ދިގު ރީތި މީހެކެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ހެވެވެ. އެމީހާ ނައިނަމަ މިއަދު އޭނާގެ ދުވަސް ދާނެކަން ކަށަވަރެވެ.

"މީގެ ފަހުން ހަސަނު މިތާނގެ ވަޒީފާއިން ވަކިކޮށްފިން." އެމީހާ ބުންޏެވެ. އެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. އޭނާ ނިކުމެގެން ދިޔައީއެވެ.

ނަތާއަށް އެނގުނު ގޮތުގައި އެއީ މިތަނުގެ ވެރިމީހާއެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އޭނާގެ ގެސްޓް ހައުސްތައް ހިންގާ މާލޭގައި އުޅޭ މީހެކެވެ. އަބަދުވެސް އޭނާގެ މަސައްކަތުގައި ދަތުރުކޮށް ހަދާ ހަރުދަނާ ވިޔަފާރި ވެރިއެކެވެ. ހަސަނަކީ މިރަށުގައި ހުންނަ އޭނާގެ ވިޔަފާރި ބަލަހައްޓަން ހަވާލުކޮށްފައިވާ މުވައްޒަފެކެވެ.

ހިނގައިދިޔަ ހާދިސާގެ ސަބަބުން ނަތާއަށް ގެއަށްދެވުނީ ތަންކޮޅެއް ލަސްވީ ފަހުންނެވެ. އޭރު ގޭގައި ކަންކަން ޖެހޭނެކަމާއި މިރޭ އަދި އިސްތިރި ކުރަންވެސް ޖެހޭނެކަން އެނގިހުރެ އޭނާއަވަސް އަވަހަށް ކޮޓަރިއަށްވަދެ ހެދުން ބަދަލު ކޮށްލިއެވެ.

"ކަމަނާ އަދިވެސް އާދެވުނުލެއް އަވަސްކަމުން ކޮޓަރިކޮޅުންވެސް ނުނިކުންނަވަނީތާ؟" ފަރީދާ ހުރީ ކޮޓަރި ދޮރުމަތީގައެވެ.

"ކަމެއް ދިމާވީމާ ލަސްވީ." ނަތާ މަޑުމަޑުން ބުނެލިއެވެ.

"މިމަހުގެ މުސާރަ ހުސްވެއްޖެ. ހަސަނުގާތު ބުނޭ މިއަންނަ މަހަށް ވީ މުސާރަ ދޭށޭ. މިއުޅެނީ ގެޔަށް ބައެއް ސާމާނު ގަންނަން. ދޮންނަ މެޝިނެއް ގަތީމާ ކަލެއަށްވެސް ފަސޭހަވާނެ. އެ އުޅޭ ހަސީނާމެން ގަނެފި އޮޓޯ މެޝިނެއް. މަވެސް ބޭނުން އޭގެ އެއްޗެއް ގަންނަން." ފަރީދާ ނިކުމެގެން ދިޔައެވެ.

ނަތާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މިއީ ކޮންފަދަ ބޮޑު އަނިޔާވެރި ހެއްޔެވެ؟ ހަސަނުވަނީ އޭނާގެ އިއްފަތްތެރިކަން ފޭރިގަންނަން މަސައްކަތް ކޮށްފައެވެ. އެހެން ނޫނަސް ހަސަނުވަނީ ވަޒީފާއިންވެސް ވަކިކޮށްފައެވެ. އޭނާ ވާހަކަ ދައްކަން ޖެހޭނީ އެ ނުދަންނަ އެތަނުގެ ވެރިޔާއާއެވެ. އެއީ ކޮންކަހަލަ މީހެއްކަން އޭނާއަށް ނުވެސް އެނގެއެވެ. މިއީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟ މި ދުނިޔެއަކީ ކޮންފަދަ ނުބައި ތަނެއްހެއްޔެވެ؟ މި އަނިޔާވެރިކަމުން ސަލާމަތް ވެވޭކަށްވެސް ނެތެވެ. ނަތާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ފަރީދާ އައިސް ދޮރުގައި ތަޅައިގަތުމުންނެވެ.

"މިހާރު އެހެރަ ދާގަޑި ޖެހުނީ. އަދި އެހުރީ އެކައްޗެއްވެސް ނުކައްކާ." ފަރީދާ ހަޅޭއް ލަވައިގަތެވެ.

ނަތާ އަވަސް އަވަހަށް ސައި ތައްޔާރު ކުރުމަށްފަހު ވަޒީފާއަށް ނިކުތެވެ. ހަސަނު ނުހުންނާނެތީ އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ.

"ދޭބަލަ އަމްރުއަށް ނާސްތާ ހަދައިދޭން. އޭނާ ދުވަސްކޮޅަކު މިކޮޅުގައި މަޑުކުރާނެ." ހަސަނު ނުބައި ފާޑަކަށް ބަލަންހުރެ ބުންޏެވެ. "ކަލޭ އެކަމަކު މި ތަނުން ވަކިކޮށްފިއެއްނު" ނަތާއަށް ބުނެވުނެވެ.

"ނޫން. ހަސަނުގެ ވަރަށްގިނަ އާދޭހާއިއެކު އޭނާ އެފަދަކަމެއް ނުކުރާނެކަމަށް އެއްބަސްވުމުން އަނެއްކާވެސް ވަޒީފާ ދިނީ. އެފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ އަހަރެންނަށް އަންގާ." އެތެރެއަށް ވަދެގެން އައި އަމްރު ބުންޏެވެ. އޭނާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އެ އަޑު ޖެހުމާއެކު ނަތާ ޖެހިލުންވިއެވެ.

"ކޮބާތަ އަހަރެންގެ ނާސްތާ؟" އަމްރު ނުކުންނަމުން ބުންޏެވެ.

ނަތާ އަވަސް އަވަހަށް ކައްކާ ގާތުބުނެގެން އޭނާއަށް ނާސްތާ ކައްކާ އޭނާގެ ކޮޓަރި ކުރިމަތީގައި ހުރި ލޮބީގައި ނާސްތާ ތައްޔާރު ކުރިއެވެ. ޕާނާއި ސޮސެޖެވެ. ތޮރާ މަސްހުންޏާއި ރޮއްޓެވެ. ބިސްގަނޑަކާއި މޭވާގެ ދެތިން ވައްތަރެވެ. ކަޅުސައިތައްޓެއް ގިރުމަށްފަހު އޭނާ އަމުރުއަށް ގޮވާލިއެވެ. އަމުރު އައިސް އިށީނދެ ކާންފެށިއެވެ. ވަރަށް ބިރުންހުރެ ފަރީދާ ބުނެފައިވާ މިއަންނަ މަހުގެ މުސާރަ ބޭނުންވާ ވާހަކަ މަޑުމަޑުން ބުނެފިއެވެ. އަމުރު ތުންޖަހާފައިވާ ކަޅުސައިތަށި ބަހައްޓާފައި އަނގައިގާ ހުރި ކަޅުސައިތައް ބުރުއްސާލިއެވެ. ނަތާ ބިރުން ސިއްސައިގެން ދިޔައެވެ.

"ކާކު ސައިހެދީ." އަމްރު ހުރީ ރުޅި އައިސްފައެވެ.

"އަހަރެން. ހަސަނުބުނީ ނާސްތާ ތައްޔާރު ކުރުމަށް." ނަތާ ބިރުން ހުރެ ބުންޏެވެ.

"ހަސަނަށް ރަނގަޅަށް އެނގޭނެ އަހަރެން ކަޅުސަޔަށް ހަކުރު ނާޅާކަން. އޭނާ ބުނެއެއް ނުދޭތަ؟" އަމްރު ތެދުވެގެން ދިޔައީއެވެ. ނަތާ އެދުނު މުސާރައިގެ ވާހަކަ އޭނާއަށް އަޑެއްވެސް ނީވޭ ކަހަލައެވެ.

މަސައްކަތް ނިންމާލުމަށްފަހު ނަތާ ގެއަށް ދިއައެވެ. ހަމަ ދާތަނުން ފަރީދާގެ އުނދަގޫ ޖެހޭނެކަން އޭނާއަށް އެނގިހުރެ ނުހަނު ޖެހިލުންވެ ހުރެއެވެ. މިރޭ ފަރީދާ ކިޔާނެ އެއްޗެއް ވަކި އިތުރަކަށް ނެތެވެ. އެހެންކަމުން މަޑުމަޑުން ގޭތެރެއަށް ވަދެ އަޅާފައިވާ ބުރުގާ ނަގާ ގޮޑިމަތީ ބޭއްވުމަށްފަހު އެންމެން ކައިފާ ހުރި ތަށިތައް ނަގާ މިރެއަށް ކައްކަން ފެށިއެވެ.

"ކޮބާތަ މުސާރަ؟ މަ ބުނީމެއްނު ހިފައިގެން އަންނަން." ފަރީދާ އައިސް އެހިއެވެ.

"އަހަންނަކަށް ބުނާކަށް ނުކެރޭނެ. މިހާރު ހަސަނެއް ނޫން ހުންނަނީ. އެތަނުގެ ވެރިމީހާ އައިސްގެން އުޅެނީ." ނަތާ ދޮގު ހެދިއެވެ.

"ކަލޭގެ ހުރި ގޮތްކުޑަކަން ބަލާބަލަ. އަހަރެން މިބުނީއެއްނު އޭނާގާތު ނަމަވެސް ބުނެގެން މުސާރަ ގެންނާށޭ." ފަރީދާ އައިސް ނަތާގެ ދިގު އިސްތަށިގަނޑުގައި ހިފާ ދަމައި ގަތެވެ. ނުވިސްނާހުރި ނަތާ އެވަގުތު ގޭތެރެއަށް ވަދެގެންއައި މީހާގެ ފައިމައްޗަށް ވެއްޓިއްޖެއެވެ. އެމީހާ ނަތާގެ އަތުގައި ހިފާ ނެގިއެވެ.

"އަން. މިއޮތީ ނަތާ އެދުނު މުސާރަ. ނުދެނީސް މިއަދު މާއަވަހަށް ތިއައީ." އަމްރު ސިޓީއުރަ ފަރީދާއަށް ދިއްކޮށްލިއެވެ. ފަރީދާ އޭގައި ހިފިއެވެ. ނަތާ ގެންފައި ހުރި ބިރުން މޫނު މަތީގައި އަތް އެޅިއެވެ. އޭނާގެ މޫނު އަމްރުއަށް ފެނިއްޖެ ނަމަ އޭނާ ވަޒީފާއިން ވަކިކޮށްފާނެތީ ކަންބޮޑު ވިއެވެ. އަމްރުއަށް ގޮނޑިމަތީގައި އޮތް ބުރުގާ ފެނުނެވެ. އޭނާގޮސް ނަތާގެ ގާތުގައި ހުއްޓުނެވެ. އަދި މޫނުގައި ފިހިފައި ހުރިތަނަށް ރަނގަޅަށް ބަލާލިއެވެ. އަދި ބުރުގާ ދިނުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ. ނަތާ ގޮސް ކޮޓަރިއަށްވަނެވެ.

އަމްރު އިނީ ގެސްޓް ހައުސްއާއި ދިމާ ގޮނޑުދޮށުގައި ހުރި މޭޒެއް ކައިރީގައެވެ. އޭނާ ފަހަރަކު ސިނގިރޭޓެއް ހުލިކުރަމުންދާއިރު އޭނާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ މޫނުގައި ހުރީ ރުޅީގެ އަސަރެވެ. ބައެއްފަހަރު އޭނާ ބޯން އިންނަ ސިނގިރޭޓް ނުނިމެނީސް އަޅިކެނޑިއަށްލާ ޗިސްޗިސް ކޮށްލައެވެ. ބައެއްފަހަރު އޭނާގެ އަތުން މޭޒުގައި ޖަހައެވެ. ބައެއްފަހަރު ބޯ ހާސްވެގެން އުޅޭ މީހެއްފަދައިން ދެއަތުން ބޮލުގައި ހިފަހައްޓާލައެވެ.

"ކިހާއިރެއްވަންދެން ތިހެން އިންނާނީ. އެއޮށް ދޭއް ޖަހަނީ. ދެން ނިދަން ދާންހިނގާ." ހަސަނު މަޑުމަޑުން ބުންޏެވެ.

"ހަސަނު ގޮސް ނަތާ ގެނޭ." އަމްރު އަޑުގައި ވަނީ އަމުރުވެރި ކަމެވެ.

"މިގަޑީގައި. އެގޭ އެންމެން ތިބޭނީ ނިދާފަ." ހަސަނު ހައިރާންވެގެން ބުންޏެވެ.

އަމްރުއަށް އެރޭ އެއްގޮތަކަށްވެސް ނުނިދެއެވެ. އޭނާ ކުރި އަމަލެއްގެ ސަބަބުން ކުށެއްނެތް ރީތި އަންހެން ކުއްޖަކަށް އަނިޔާ ލިބެމުންދާތަން ފެނުމުން އޭނާ ކަންބޮޑުވަނީއެވެ. އެރީތި މައުސޫމް އަންހެން ކުއްޖާ އެވަނީ ކިހާބޮޑު އަނިޔާއެއްގެ ތެރޭގައި ހެއްޔެވެ؟ އެކުއްޖާގެ ކުށަކީ ކޮބާހެއްޔެވެ؟ އޭނާގެ މައިންބަފައިންގެ ކުށުގެ ޝަޒާ އެ ރީތި ކުއްޖާއަށް ލިބުމަކީ ކިހާބޮޑު ބޭ އިންސާފެއް ހެއްޔެވެ؟ މީ ހުސްވެސް އަމްރުގެ މައްސަލައެވެ.

ނަތާ ހެނދުނު ހެނދުނާ ގެސްޓް ހައުސްއަށް އައެވެ. އޭރު އަމްރު އިނީ ރޭގައިވެސް އިން މޭޒު ކައިރީގައެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ބޯ ވަނީ ހޭވިފައެވެ. އޭނާ ނަތާއަށް ބަލަން ހުއްޓެވެ.

"ނަތާ. އާދެބަލަ." އެންމެ ފަހުން އޭނާ ނަތާ އަށްގޮވާލިއެވެ. ނަތާ މަޑުމަޑުން އެ ދިމާއަށް ދިޔައެވެ. އޭނާއަށް ކުރަމުންދިޔަ އިހުސާސްތަކެއް ބުނެދޭކަށްވެސް ނޭނގެއެވެ. އަމްރުދެކެ އޭނާ ބިރުގަނެއެވެ. އެކަމަކު އަމްރު އޭނާއަށް ގެއްލުމެއް ނުދޭނެކަން ޔަގީންވެސް ވެއެވެ. އަމްރުގެ މޫނަށް ބަލާލަންވެސް އޭނާ ޖެހިލުން ވެއެވެ. އެކަމަކު އޭނާގާތު ހުރިހާ ވާހަކައެއް ބުނެދީ ހިމާޔަތަށްވެސް އެދޭ ހިތްވެއެވެ.

"މުސާރަ ދިނީތީ ޝުކުރިއްޔާ؟" އެންމެފަހުން މަޑުމަޑުންހުރެ ނަތާ ދެއަތް ދެއަތާ ކުޅެލަމުން ބުންޏެވެ.

"ތި މޫނު ބުރުގާ ނަގާބަލަ." އަމްރު ބުންޏެވެ.

ނަތާ އަމްރުގެ މޫނަށް ބަލަން ހުއްޓެވެ. މި ވާން އުޅޭގޮތް އޭނާއަށް އެއްގޮތަކަށްވެސް ނޭނގޭތީ ކަންބޮޑުވިއެވެ.

"ބިރުނުގަނޭ. މިއުޅެނީ ނަތާއަށް ގޮތެއް ހަދާކަށް ނޫން." އަމްރު އައިސް ނަތާގެ ބުރުގާ ނެގިއެވެ. އަދި މޫނުގެ އެއްފަޅީގައި ލައިފައިއިން ލަކުނަށް ބަލަން ހުއްޓެވެ.

"މީ ކިހިނެއް ވީކަމެއް." އަމްރު މަޑުމަޑުން އެހިއެވެ.

ނަތާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. މިވީ ހުރިހާ ދުވަހު އެންމެން އޭނާއަށް ކުރީ މަލާމާތެވެ. ދިނީ އަނިޔާއެވެ. އޭނާގެ ހާލާއިމެދު ހަމްދަރުދީވެ އަހާލި މީހެއް ނެތެވެ. އޭނާގެ ހިތަށް ވެރިވީ ރައްކާތެރި ކަމުގެ ޝުޢޫރުކަމެއް ނުވަތަ ހަމްދަރުދީވާމީހެއްގެ ހެޔޮބަހުން ލިބުނު އުފަލެއް ކަމެއް ބުނާކަށް ނޭނގެއެވެ. އޭނާއަށް ރޮވެނީއެވެ. އޭނާގެ ހުރިހާ ވާހަކައެއް ގިސްލަ ގިސްލާފައި އަމްރުއަށް ކިޔާދެވިއްޖެއެވެ. މައިންބަފައިން ވަކިވި ގޮތެވެ. ޕޮލިހުން އޭނާގެ މައިންބަފައިން އޭނާގެ ލޮލުގެ ކުރިމަތީގައި ގެންދިޔަ ގޮތެވެ. ސަރުކާރުން އޭނާ ބަލަން ފަރީދާއާއި ހަވާލުކުރި ގޮތެވެ. ފަރީދާ ކީއެއްޗިއްސާ ދިން އަނިޔާތަކެވެ. ކުރި މަލާމާތާއި ކިޔަވަން އުޅުނު ހާލެވެ. ގައިގާ އަލިފާން ރޯވި ހާދިސާއާއި ކިޔެވުމުން މަހުރޫމުކޮށް ވަޒީފާ އަދާކުރަން މަޖުބޫރުކުރުވި ގޮތެވެ. ހަސަނުގެ ދުއްތުރާތަކާއި ބަނޑުހައި ހޫނުކަމުގައި އުޅުނު ވާހަކައެވެ. ނަތާގެ ވާހަކަ ނިމުނުއިރު އަމްރު ހުރީ ނަތާއާއި ނުހަނު ގާތުގައެވެ. އޭނާ ނަތާ ގަޔާލާ ކައިރިކޮށްލިއެވެ. އަދި ދެލޮލުން ކަރުނަ ފޮހެލާދިނެއެވެ.

"އެދުވަސްތައް އެ ނިމުނީ. އަހަރެން ނަތާއަށް އެއްވެސް އަނިޔާއެއް ދޭކަށް ފުރުސަތެއް ނުދޭނަން." އަމްރު ބުންޏެވެ.

ނަތާއަށް މިވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަމްރު ކަހަލަ މުއްސަނދި އަދި ހަރުކަށި މީހެއް ނަތާއަށް ހަމްދަރުދީ ވާންޖެހެނީ ކީއްވެހެއްޔެވެ؟ އޭނާއަކީ އޭނާގެ ރީތިކަން ގެއްލި ނިކަމެތި ވެފައިވާ ޔަތީމެކެވެ. ރަށުގެ މީހުންގެ މެދުގައި އަގެއްނެތް ކުށެއް ނުކުރިއަސް ކުށްވެރިއެކެވެ. މައިންބަފައިންގެ ކުށުގެ ޝަޒާ ލިބެމުންދާ އެކަނިވެރިއެކެވެ.

"ނަތާއަށް ގަބޫލު ނުކުރެވިދާނެ. ފަހަރުގައި އަހަރެންދެކެ ރުޅިވެސް އާދެވިދާނެ. ނަތާ މައިންބައިފައިން ޖަލުގައި ހުންނަން ޖެހުނީ އަހަރެންގެ ސަބަބުން." އަމްރު މަޑުމަޑުން ބުންޏެވެ.

"ކީއްވެ؟" ނަތާއަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެވުނީ ހަމައެކަނި އެވަރަށެވެ.

"ނަތާ މައިންބަފައިން މަސައްކަތް ކޮށްދިނީ އަހަރެންގެ ބައްޕައަށް. އެމީހުންނަކީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން. އަހަރެންގެ މަންމަ ނިޔާވީ ބައްޕަ އެސަކަރާތުގައި އުޅެނިކޮށް. ނަތާގޮތަށް އަހަރެންނަކީވެސް ކުޑައިރު ވަރަށްގިނަ އަނިޔާތައް ލިބެމުން ދިޔަ މީހެއް. އަހަރެންގެ މަންމަގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރީން. އަމިއްލަ ފައިމައްޗަށް ތެދުވެ ބައްޕަގެ ހުރިހާ ކަމެއް ފުލުހުންނަށް ހުށަހެޅިން. އެ ކުށުގައި ނަތާގެ މައިންބަފައިންވެސް އުމުރަށް ޖަލަށް ދާންޖެހުނީ. ނަތާގެ ހާލުއަހުވާލު އަހަރެން މިރަށަށް އައުމާއިއެކު ވަރަށް ގާތުން ބެލިން. އަހަރެން ނަތާއަށް އެހީވާނަން. ނަތާގެ ފިހިފައިވާ މޫނު ސާޖަރީ ހަދާ ރަނގަޅު ކޮށްދޭނަން." އަމްރު ފުންނޭވާއެއް ލިއެވެ. ހީވީ އޭނާ ވަރަށް ބުރަ މަސައްކަތެއް ނިންމާލިހެންނެވެ.

"އެކަމަކު އަހަރެން މައިންބަފައިންގެ ކުށަށް އަމްރު ޒިންމާ ވާހަކަށް ނުޖެހޭނެ. އެހެންނޫނަސް އަހަރެންނަކަށް ބަދަލުގައި އަމްރުއަށް ދެވޭނެ އެއްޗެއްނެތް. އަހަރެން މިވަނީ ވަރަށްބޮޑަށް ނިކަމެތިވެފާ."  ނަތާއަށް އަދިވެސް ރޮވެނީއެވެ.

ނަތާ އެއްވެސް އެއްޗެއް ނުދިނަސް އަހަރެން ނަތާއަށް އެހީތެރިވެދޭނަން. އަހަރެންނާ ކައިވެނި ކުރަން ހިނގާ." އަމްރު ނަތާގެ އަތުގައި ހިފާލިއެވެ. ނަތާ އިސްޖަހާލިއެވެ. އެއީ އޭނާ ކުރަން ކިތަންމެހާވެސް ބޭނުން ކަމެކެވެ. ހެޔޮލަފާ މީހެއްގެ ފަރާތުން ރައްކާތެރިކަން ހިންތިހާއަށް ބޭނުމެވެ. އޭނާ އަމްރުގެ ހުށަހެޅުމަށް އެއްބަސްވިއެވެ. މާދަމާގެ އުފާވެރި ހަޔާތަށްޓަކައި އަމްރުގެ ހިމާޔަތަށް ދާއިމަށް ދިއުމަށް އެއްބަސްވަމުންނެވެ.

(ނިމުނީ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *