(17 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)
ޖެހިގެންއައި ދުވަހު ހެނދުނު ޝުޢައިބު ބޭސްކުރަން ޚާއްސަ ކުރެވިފައިވާ މަރުކަޒަށް ދިޔައެވެ. ތަފާތު ބަލިތަކުގައި، ފަރުވާ ހޯދުމަށް އައިސް ތިބި މީހުންނާއި ބައްދަލުކޮށް އިތުރަށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދާނޭގޮތް ބުނެދެމުން ގެންދިޔައެވެ. އަދި މިމަސައްކަތް ދަސްކުރުމުގައި ތިބި މީހުންނާއި ބައްދަލުކޮށް މިއަދު ކަންކުރަންވީ ގޮތް ކިޔައިދީ ނިންމާލުމަށްފަހު ގަނޑުވަރަށް ދިޔައެވެ. އެވަގުތު ވަޒީރާއި ދިމާވުމުން، އެކިކަންކަމާއި ގުޅޭ ވާހަކަތައް ދައްކާލުމަށް، މަޑުކޮށްލިއެވެ. އިރުކޮޅަކު މިހެން އިނުމަށްފަހު، ރަސްގެފާނު ކޮބައިތޯ ވަޒީރާއި ސުވާލު ކުރިއެވެ. ރަސްގެފާނު ގަނޑުވަރުގެ ގޯތީގެ ތެރޭގައި ސާރާ އާއި އެކު އެބަ ހުންނެވިކަމަށް ވަޒީރު ބުނުމުން، ރަސްގެފާނާއި ބައްދަލުކުރުމަށް އޭނާ ބަގީޗާއަށް ދިޔައެވެ.
ސާރާ ބަގީޗާގައި ހުރި އުނދޯއްޔެއްގައި ރަސްގެފާނާއިއެކު އިންތަން ޝުޢައިބުއަށް ފެނުނެވެ. ދަރިފުޅާއިއެކު އެހާ ގާތްކޮށް، އަދި އެހާމެ ލޯބިން، ރަސްގެފާނު އުޅުއްވަމުން ގެންދިޔަ މަންޒަރު ބަލަން ޝުޢައިބު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތު ޝުޢައިބުގެ ހިތަށް އެރިއެވެ.
" ހަގީގަތުގައިވެސް ރަސްގެފާނު ސާރާ ދެކެ ވަރަށް ލޯބި ވާކަން ގަބޫލު ކުރަން. އޭނާގެ ހިތުގައި ސާރާ އާއި މެދު އެވަނީ ވަރަށް ޚާއްސަ މަގާމެއް. ރަސްގެފާނަކީ ވަރަށް ހިތްހެޔޮ މީހުންދެކެ ލޯބިވާ މީހެއްކަން ކިތަންމެ ރަނގަޅަށްވެސް އެބަ ހާމަވޭ. އެކަމުގެ ސަބަބުން މިއަދު ސާރާވެސް އެހުންނަނީ އުފަލުން ފޮޅިފައި. "
ޝުއަޢިބު ހިނިތުން ވެލުމަށްފަހު އެދިމާއަށް ހިނގައިގަތެވެ. އަދި ސާރާ ޝުޢައިބު ފެނުމުން ބައްޕާއޭ ކިޔައި ދުވެފައި އައިސް އޭނާގެ ގައިގާ ބައްދާލިއެވެ. އެވަގުތު ސާރާ ޝުއަޢިބުގެ ގާތުގައި ބުންޏެވެ.
" ބައްޕަޔަށް އެނގޭތަ. ކާފަ އަޅުގަނޑުގެ ގާތުގައި ވަރަށް އަވަހަށް މަންމަ ގެނެސްދޭނަމޭ ބުނެފި. އެހެންވެ އަޅުގަނޑު މިހުރީ ވަރަށް އުފާވެފަ. ބައްޕަވެސް އުފާވާނެ ދޯ؟ "
ޝުޢައިބު ހީލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ސާރާއާއި އެކުގައި ޖެހިގެން ހުރި އުނދޯލީގައި އިށީނެވެ. ޝުޢައިބު ރަސްގެފާނުގެ އަރިހުގައި ޒޭނާއާއި ބައްދަލު ކުރަން ދުރުވާނީ ކޮން ވަގުތެއްގައިތޯ ސުވާލު ކުރިއެވެ.
" ޝުޢައިބުއަށް ފަސޭހަ ވަގުތެއްގައި ހަމަ ދާންވީ. އަދި ޝުޢައިބު ޒޭނާ އާއި ބައްދަލު ކުރުމަށް ބޭނުން ކޮންމެ ވަގުތެއްގައި ދިޔުމުގެ ހުއްދަ އޮންނާނެ. "
މިހެން ބުނުމަށްފަހު ރަސްގެފާނު ޝުޢައިބުއަށް ނަންގަތެވެ.
" ޝުޢައިބު، އަންނަ ބުރާސްފަތި ދުވަހު ސުރައްޔާ މިޝަހަރަށް އެބަގެންނަން. އަޅުގަނޑު ވާނީ ވަޒީރަށް އަންގައިގެން އޭނާ ގެނައުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ބުނެދީފައި. މިހާރު އޭނާ ހުރި ތަނެއް ހޯދައިގެން ގެނައުމުގެ ދަތުރު ވާނީ ފަށާފައި. އަދި އޭނާ ހުރުމަށް ވަކިން ގެޔެއް ހަމަޖައްސާ އޭނާއަށް ބޭނުންވާނޭ ހުރިހާ ކަމެއްވެސް އެތަނުގައި ވާނީ ހަމަޖައްސާފައި. "
ރަސްގެފާނު މިހެން ބުނުމުން ޝުޢައިބު ނަންގަތެވެ.
" ރަސްގެފާނު، ކުރީން ބުނިހެން އަޅުގަނޑު އެއްވެސް ހާލެއްގައި މިވަގުތު ސުރައްޔާއާއި ބައްދަލު ކުރާކަށް ބޭނުމެއްނޫން. ސަބަބަކީ އޭނާއާއި އަޅުގަނޑު ބައްދަލު ކޮށްފިނަމަ އަޅުގަނޑުގެ މަސައްކަތަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނޭ ކަމުގެ ބިރު ހިތުތެރޭގައި އޮތުން. ނަމަވެސް އޭނާ މިޝަހަރަށް އައުމުން އޭނާ ބޭނުންވާ ކަމުގައި ވާނަމަ، ސާރާ ބަލަހައްޓަމުން އަންނަ މީހުނާއި އެކުގައި ސުރައްޔާ އާއި ބައްދަލު ކުރަން ސާރާ ފޮނުވުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެބަ އޮތް. ސުރައްޔާ އާއި ބައްދަލު ކުރުމަށް އެގެޔަށް ގޮސްއުޅޭ އެއްވެސް މީހަކު އަޅުގަނޑުގެ ގާތުގައި އޭނާ އާއި ބެހޭ ގޮތުން އެއްވެސް ވާހަކަ އެއް ނުދެއްކުން. "
ޝުޢައިބުގެ މިވާހަކައަށް ރައްދު ދިނުމުގެ ގޮތުން އޭނާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ހަމަޖެހޭނޭ ކަމުގައި ރަސްގެފާނު ވިދާޅުވުމަށްފަހު ރަސްގެފާނު ގަނޑުވަރުގެ އެތެރެއަށް ވަދެވަޑައިގަތެވެ. އަދި ޝުޢައިބު އާއި ސާރާވެސް ގަނޑުވަރު ތެރެއަށް ވަނެވެ.
މެންދުރުފަހުގެ ފަރީއްކޮޅު ނިންމެވުމަށްފަހު ރަސްގެފާނާއިއެކު ޝުޢައިބު ޒޭނާއާއި ބައްދަލުކުރުމަށް ދިޔައެވެ. އަދި ޒޭނާއާއި ވާހަކަ ދައްކަމުން ރަސްގެފާނު ނަންގަތެވެ.
" ދަރިފުޅާ، ޝުޢައިބު އެހުރީ މިއަދުން ފެށިގެން ދަރިފުޅުގެ ފަރުވާގެ ހުރިހާ ކަމަކާއި ހަވާލުވެގެން. ކޮންމެ ވަގުތަކު ބައްޕައަށް އޭނާއާއިއެކު މިތަނަށް ނާދެވި ހިނގައިދާނެ. މިއަދުން ފެށިގެން ދަރިފުޅުގެ ހުރިހާ ކަމަކާއި ހަވާލުވާނީ ޝުޢައިބު. މިވަގުތު ބައްޕަ ބަޔަކާއި ބައްދަލު ކުރުމަށް ގޮސްލަން އެބަ ޖެހޭ. "
ރަސްގެފާނު ޒޭނާގެ ގާތުގައި މިގޮތަށް ބުނުމަށްފަހު އަދި ފަހުން ދަރިފުޅާއި ބައްދަލުކުރުމަށް އަންނާނޭ ވާހަކަ ބުނެ ހިނގައްޖެއެވެ.
ރަސްގެފާނު ދިއުމުން ޝުޢައިބު ކޮޓަރީގައި ހުރި ގޮނޑިއެއްގައި ޒޭނާއާއި ކުރިމަތި ވާނޭހެން އިށީނެވެ. ޒޭނާ ޝުޢައިބު ފެނުމުން އަނގައިން ނުބުނެ އިސްދަށަށް ޖެހިއެވެ. އެވަގުތު ޝުޢައިބު ޒޭނާއަށް ބަލާލުމަށްފަހު ބުންޏެވެ.
" ރަސްގެފާނު ޒޭނާއާއި ބެހޭގޮތުން ވަރަށްގިނަ ވާހަކަ ތަކެއްވަނީ އަޅުގަނޑަށް ކިޔާ ދެއްވާފައި. ޚާއްސަކޮށް ޒޭނާގެ ތިޔަ ހާލަތާއި ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވަނީ ބުނެދެއްވާފައި. ނަމަވެސް އެއިރަކު އަޅުގަނޑުގެ ހިތަކަށް ނާރާ ޒޭނާއަކީ ތިހާ ހިތްވަރުގަދަ މީހެއް ކަމަކަށް. އެކަމަކު ރޭގައި ދެއްކި ވާހަކައިން އަޅުގަނޑަށް އެނގިއްޖެ ޒޭނާގެ ގައިގައި މިބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރާނޭހާ ހިތްވަރު އެބަހުރިކަން. އަޅުގަނޑު ޒޭނާ އާއި މެދު އެންމެ ރުހިލެއްވި ސަބަކީ، ތިޔަވަރުގެ ކަމަކާއި ކުރިމަތި ލައްވަން ޖެހުމުން ވެސް ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާ ހިތްވާރާއިއެކު ތިޔަކަމާއި ކުރިމަތި ލެއްވުން. ވީމާ ޒޭނާގެ ތިޔަ ބަލީން ސަލާމަތްކޮށް ދިނުމަށް އަޅުގަޑަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން ދެން. ނަމަވެސް އަޅުގަނޑަށް ތިޔަ ކަމުގައި ކޮށްދެވޭނީ މަސައްކަތް. ކާމިޔާބު ދެއްވާނީ އެފަރާތުން.
އޭނާގެ މިވާހަކަތައް ޝައުގުވެރިކަމާއިއެކު އަހަން އިނުމަށްފަހު ޒޭނާ ޝުޢައިބުއަށް ނަންގަތެވެ.
" ޝުޢައިބު، އަޅުގަނޑު މިހާރު މިބަލީގައި މިވޭން ތަހަންމަލް ކުރަމުން ގެންދާތާ އަހަރަކާއި ކައިރިވެގެން ހިނގައްޖެ. އެތަކެއް ބޭސް ވެރިންގެ ގާތުން ތަފާތު އެކި ފަރުވާ ހޯދިއްޖެ. ނަމަވެސް އެންމެންވެސް އަޅުގަނޑު ބެލުމަށްފަހު ދީފައިވަނީ އެންމެ ޖަވާބެއް. އަޅުގަނޑު އުމުރު ހޭދަކުރަން ޖެހޭނީ މިބަލީގައި ކަމަށް. އެކަމަކު ބައްޕަ ކުރައްވަމުން އެގެންދަވާ ހިތާމައަކީ އަޅުގަނޑަށް ކެތްވާ ވަރުގެ ކަމެއްނޫން. އަޅުގަނޑު މިބައްޔާއި މެދު އެއްވެސް ހިތާމައެއް ނުކުރަން. އެހެން ނަމަވެސް ބައްޕަ ކުރައްވަމުން އެގެންދަވާ ހިތާމަތަކާއިމެދު އަޅުގަނޑު ދެރަވެ މިހިތަށް ވަރަށް އަސަރުކުރޭ. އަޅުގަނޑު މިކަމުން ސަލާމަތްވާނޭ ކަމާއިމެދު ހިތުގައި އޮތް އުންމީދަކަށް ކުޑަވެސް ބަދަލެއް ނާދޭ. އަޅުގަނޑު އެދެނީ ޝުޢައިބު މިކަމުގައި އަޅުގަނޑަށް އެހީތެރިވެ ދިނުމަށް. "
ޒޭނާގެ އެވާހަތައް އަހަން އިނުމަށްފަހު ޝުޢައިބު ބުންޏެވެ
" ޒޭނާ ތިޔަ އަޒުމުގައި ހުރިކަމުގައި ވާނަމަ ފަރުވާގެ ކަންކަން ލަސްކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެހެންވީމާ މާދަމާ އަޅުގަނޑު މި މަސައްކަތް ފަށާނަން. އެކަމަކު އަޅުގަނޑު ޒޭނާގެ ހަށިގަނޑުން ބަޔެއް ބަލާލަން ބޭނުންވޭ. ސަބަބަކީ ގައިގެ ހަމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުން. އެކަން އެގޮތަށް ކުރެވިދާނެތޯ؟ "
ޝުޢައިބު މިހެން ބުނުމުން ޒޭނާ ވަރަށް ފަސްޖެހުމާއިއެކު އަދި ލަދު ގެންފައިވާ ހާލުގައި ތިކަން ތިނޫން އެހެން ގޮތަކަށް ކުރެވޭނޭ ހަމަ އެއްވެސް ގޮތެއް އޮތްތޯ ސުވާލުރިއެވެ. ޒޭނާގެ އެސުވާލަށް ޖަވާބު ދެމުން ޝުޢައިބު ބުންޏެވެ.
" ކަމަކީ އަޅުގަނޑުވެސް ކުރަން ބޭނުންވެގެން ކުރާ ކަމެއްނޫން. ނަމަވެސް ފަރުވާގެ ބާވަތުން އެކަން އެގޮތަށް ކުރަން ޖެހޭނެ. "
އޭނާގެ ވާހަކަތައް ވިސްނާލުމަށް އިނުމަށްފަހު ޒޭނާ ބުންޏެވެ.
" ޝުޢައިބު އެދޭ ގޮތަށް ތިޔަކަން ކުރާނަން. އަދި އަޅުގަނޑުގެ ހިތުގައި ކަލެޔާއިމެދު އިތުބާރު އެބައޮތް. އަޅުގަނޑު ކީއްތޯ ކުރަންވީ؟ "
ޒޭނާގެ އެސުވާލަށް ޖަވާބުދެމުން ޝުޢައިބު ބުންޏެވެ.
" އަޅުގަނޑަށް ފުރަގަސްދީ، ބޮލުގެ އެތެރެ ފެންނަ ގޮތަށް އިސްތަށިގަނޑު ހާވާލަ ދީ. އަޅުގަނޑު ޒޭނާގެ ގައިގެ އެއްވެސް ތަނެއްގައި އަތްނުލާނަން. "
ޝުޢައިބު އެދުނު ގޮތަށް ޒޭނާ ފުރަގަހަށް އެނބުރި ހުރެ، އަޅާފައިވާ ބުރުގާ ބާލާ، ބޮލުގެ އެތެރެ ފެންނާނޭހެން އިސްތަށިގަނޑު ނިއުޅާލިއެވެ. ޒޭނާ އެގޮތަށް ކަންތައް ކުރުމުން، ޝުޢައިބު އޭނާގެ ބޮލުގެ އެތެރެ ވަރަށް ފަރުވާތެރި ކަމާއިއެކު ބެލުމަށްފަހު އިށީނެވެ.
ޒޭނާގެ ބޮލުން ފެނުނު އަލާމާތްތަކަށް ބެލުމަށްފަހު ޝުޢައިބު ބުންޏެވެ.
" ޒޭނާ، އަޅުގަނޑަށް ސީދާ ކަނޑައެޅިގެން ބުނަން ވަރަށްދަތި ޒޭނާގެ ބައްޔަކީ މިވެނި ބައްޔެކޭ. އެހެން ނަމަވެސް މޫނުމައްޗާއި، ބޮލުން ފެންނަން ހުރި ބައެއް އަލާމާތް ތަކާއި ގުޅޭ، އެކަމަށް އެންމެ ރަނގަޅު ބޭހެއް އަޅުގަނޑު މާދަމާ ތައްޔާރު ކުރާނަން. އަދި ކުރިޔަށް ގެންދަންވީ ގޮތްވެސް ޒޭނާއަށް ކިޔާދެމުން ގެންދާނަން. "
ޝުޢައިބު މިވާހަކަތައް ޒޭނާއަށް ކިޔައިދިނުމަށް ފަހު މާދަމާ މެންދުރުފަހު އަންނާނޭކަމުގައި ބުންޏެވެ. އަދި މެންދުރު ކުރީގެ ވަގުތު ތަކުގައި އުޅޭނީ އެހެން ބަލިމީހުންގެ ފަރުވާގެ ކަންކަމުގެ އިތުރުން ބޭސް ވެރިކަމަށް ތަމުރީނުވާ މީހުންގެ ކަންކަމުގައި ކަމުގައި ބުންޏެވެ. ޒޭނާ ގެ މަސައްކަތަކަށް ޚާއްސަ ވަގުތަކީ މެންދުރު ފަހުގެ ވަގުތުތައް ކަމުގައި ބުނުމަށްފަހު ޝުޢައިބު ހިނގައްޖެއެވެ.
އެދުވަހު ގެޔަށް ދިއުމުގެ ކުރީން ޝުޢައިބު ބޭސްވެރިކަންކުރާ ތަނަށް ދިޔައެވެ. އަދި އެކި ބަލިތަކުގައި ފަރުވާ ހޯދަމުން ގެންދާ ބަލިމީހުންގެ ކަންކަން ބަލައި ބަލިން އެކީ ފަސޭހަ ވެފައިވާ މީހުންނާއި ބައްދަލުކޮށް ބަލިން ފަސޭހަ ވެފައިވާ ކަމުގެ ހެޔޮ ޚަބަރު އެފަރާތް ތަކަށް ދިނެވެ. އަދި ބޭސްވެރިކަން ކުރުމުގެ މަސައްކަތް ދަސްކުރުމަށް އައިސް ތިބި ފަރާތް ތަކާއި ބައްދަލު ކޮށް ތަފާތު އެކި ބަލި ތަކުގައި ފަރުވާ ކުރަމުން ގެންދާނޭ ބޭހުގެ ބާވަތްތައްވެސް އެމީހުނަށް ދިޔައީ ބުނެދެމުންނެވެ އޭނާއަށް އެންމެ ހިތްހަމަ ޖެހުމެއް ލިބިގެންދާ އެއްކަމަކީ، ބަލިތަކުގައި ފަރުވާ ހޯދުމަށް އައިސް ތިބި ބަލި މީހުންގެ ކަންކަން އޭނާގެ އިރުޝާދާއި އެއްގޮތަށް، މިކަން ދަސްކުރުމުގައި މަސައްކަތް ކުރަމުން އަންނަ މީހުން ސީދާ އެމަސައްކަތް ކުރަމުން ގެންދާތީއެވެ. ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރާހާ އަވަސް މިނެއްގައި އެމީހުން އަންނަނީ މިމަސައްކަތް ޝުޢައިބުގެ ގާތުން ދަސްކުރަމުންނެވެ.
އެހެންކަމުން ފަރުވާތެރި ކަމާއިއެކު ބަލިމީހުންގެ ބަލިތައް ދެނެގަނެ، އެބައްޔަކާއި ބެހޭ ފަރުވާ އެނގި ސީދާ އަމިއްލަ މަސައްކަތުން މިހާރުވެސް ތިޔަކުރަމުން ގެންދާ ގޮތަށް ކޮށްފިނަމަ ކުރިޔަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އެމީހުންނަކީ، ކުޅަދާނަ ބޭސްވެރިން ކަމުގައި ވާނޭ ކަމުގެ ހެޔޮ ޚަބަރު ޝުޢައިބު އެމީހުނަށް ދިނެވެ. ޝުޢައިބުގެ މިވާހަކައާއި މެދު އެމީހުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.
މަސައްކަތްތައް ނިންމާލުމަށްފަހު ޝުޢައިބު ގެޔަށް ދިޔައެވެ. އަދި ފެންވަރާލައިގެން އައިސް އޭނާ ބޭސްވެރި ކަމުގައި ގެންގުޅެމުން ގެންދިޔަ ފޮތްތައް ނަގައި އެފޮތްތައް ބަލަމުން ގެންދިޔައެވެ. އެފޮތް ތަކުގައި އެކިއެކި ބަލިތަކުގެ ފަރުވާއަށް ފަތްޕިލާ ވެލީގެ ބޭނުންކޮށްގެން ކުރާނޭ ފަރުވާތައް ވަރަށް ތަފުސީލުކޮށް ލިޔެވިފައި ހުއްޓެވެ. މިއަދު ޒޭނާގެ ގާތަށް ގޮސް އޭނާގެ ގައިން ފެނިފައި ހުރި އެކި އަލާމާތްތައް ފާހަގަކޮށް އެފޮތްތަކުގެ އެހީގައި، އެކަމަށް އެންމެ އެކަށޭނަ ބޭހަކީ ކޮބައިކަން ދެނެގަތެވެ. އަދި އެކަމުގެ ފަރުވާ ކުރަމުން ގެންދާނީ ކިހިނެއްކަމާއި، އެފަރުވާއިން ބަލި ފަސޭހަވުމަށް ނަގާނޭ މުއްދަތުވެސް ދެނެގަތެވެ. މިކަން ނިންމާލުމަށްފަހު މަޣުރިބު ނަމާދު ކޮށްލައިގެން، ޝުޢައިބު ގަނޑުވަރަށް ދިޔައެވެ.
އެރޭ ރަސްގެފާނު ޝުޢައިބުއާއި ބައްދަލު ކުރިއެވެ. އަދި ޒޭނާއާއި ބެހޭ ގޮތުން އެކި ސުވާލު އޭނާއާއި ކުރިއެވެ. ރަސްގެފާނުގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޝުޢައިބު ނަންގަތެވެ.
" ރަސްގެފާނު، އަޅުގަނޑު މިއަދު ޒޭނާއާއި ބައްދަލުކޮށް އެކަމާއި ގުޅުންހުރި އެކި ސުވާލުތައް ކުރިން. އަދި އޭނާގެ ހަށިގަނޑުން ފެނިފައިވާ އަލާމާތްތަކަށް ބަލާއިރު، އެކަމުގެ ފަރުވާގެ ބާވަތުން އެކަމަށް ދުވަސްތަކެއް ހޭދަވެދާނެ. ނަމަވެސް އަޅުގަނޑު ޒޭނާއާއި މެދު އުންމީދު ކުރަން. މިމަސައްކަތަކީ ބޮޑު މަސައްކަތެއްކަން ދެނެލައްވަންވާނެ. އަދި ވަރަށްގިނަ ފަތްޕިލާވެލީގެ ބާވަތްތައްވެސް މިކަމަށް ބޭނުން ވާނެ. އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑު ޒޭނާގެ ފަރުވާގެ މަސައްކަތް ފަށާނަން. މިކަން މިގޮތަށް ކުރިޔަށް ގެންދާނޭ ވާހަކަ އަޅުގަނޑު ވާނީ ޒޭނާގެ ގާތުގައިވެސް ބުނެދީފައި. "
ޝުޢައިބުގެ މިވާހަކަ އެހުމަށްފަހު ރަސްގެފާނު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެއްވުމަށް ފަހު އޭނާއަށް ނަންގަތެވެ.
" ތިޔަކަން ކުރަން ޖެހޭނޭގޮތް އެނގޭނީ ކަލެޔަށް. ފަރުވާއަށް ބޭނުންވާ ތަކެއްޗާއި ދޭތެރޭ އެއްގޮތަކަށްވެސް ހާސްވެ ލައްވާނެ ކަމެއްނެތް. އެކަމަށް ބޭނުންވާނޭ ހުރިހާ ތަކެއްޗެއް ވަޒީރާއި ވާހަކަ ދެއްކުމުން ހަމަޖެހޭނެ. މަސައްކަތް ފައްޓަވާ. "
ޝުޢައިބު ރަސްގެފާނާއި މިވާހަކަ ދެއްކުމަށްފަހު އެބުރި ގެއަށް ހިނގައްޖެއެވެ. އަދި ގެޔަށް ދިއުމަށްފަހު މާދަމާގެ މަސައްކަތްތައް ކުރިޔަށް ގެންދާނޭ ގޮތް ރާވާލިއެވެ. އޭނާ ގޭގެ ބަގީޗާގެ ތެރެއަށް ނުކުމެ އެކި ކަންކަމާއި ވިސްނަމުން ގެންދިޔައެވެ. އޭނާ ކުރިމަތިލާން މިޖެހެނީ ކިހާވަރެއްގެ ބޮޑު ކަމަކާއި ބާވައެވެ. ކުރިޔަށް އޮތީ ރަސްގެފާނުގެ ދަރިފުޅުގެ އެބައްޔަށް ފަރުވާކޮށް އޭނާ އެކަމުން ސަލާމަތް ކުރަން މަސައްކަތް ކުރުމެވެ. އަނެއްކޮޅުން ސުރައްޔާ މިޝަހަރަށް އަންނަނީ އެވެ. އޭނާ އައުމުން ސާރާގެ ފަރާތުން އަންނަމުން ދާނޭ ޝަކުވާ ތަކާއި ސުވާލު ތަކަށް ކުރިމަތި ލެވިދާނެ ހެއްޔެވެ. ކޮންމެ ހާލެއްގައިވެސް މިހުރިހާ ކަމަކާއި މިހާރު ކުރިމަތިލާން އެބަޖެހެއެވެ. މިޚިޔާލު ތަކުގައި އޭނާގެ ސިކުނޑިއަށް ހާސްކަން ގެނުވަމުން ދިޔައެވެ.
( ނުނިމޭ)
