57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

ރާއްޖޭގެ 57 ރަށެއްގައި 12040 ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް މާލީ ވުޒާރާއިން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތްތައް ހޯދަން އިޢުލާންކޮށްފައެވެ. އެގޮތުން 57 ރަށެއްގައި ޖުމްލަ 12040 ހައުސިން ޔުނިޓް ތަރައްޤީ ކޮށްދޭނެ ފަރާތްތައް ހޯދަންވަނީ އިޢުލާންކޮށްފައެވެ.

މީގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓް އަޅަނީ 20 ރަށެއްގައެވެ. މީގެ އިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓް، 9 ރަށެއްގައި 200 ހައުސިން ޔުނިޓް އަދި 14 ރަށެއްގައި 200އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށްވަނީ ހުޅުވާލާފައެވެ.

މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މާލީ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އާއި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާނެކަމަށްވެސް އެވުޒާރާއިން ކުރި އިޢުލާންގައިވަނީ ހާމަކުރައްވާފައެވެ.

މިހައުސިން ޔުނިޓްތަކަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މެއިމަހުގެ 11އިން 15 އަށް ކޮންމެ ދުވަހަކު ހެނދުނު 10އެއް ޖަހާއިރުއެވެ. ހައުސިން ޔުނިޓް އިމާރާތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ހިމެނޭހެން މިއިޢުލާންތައްވަނީ ގެޒެޓްގައި ޝާޢިޢުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *