(20 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)
ހެނދުނު ސައިބޮއެގެން ޝުޢައިބު ބޭސްވެރިކަން ކުރާތަނަށް ހިނގައްޖެއެވެ. މިމަސައްކަތުގައި އަވަދި ނެތި އުޅެމުން، ބަލިމީހުން ކަންކަންވެސް އެއްވެސް ފޫހި ކަމެއްނެތި ދިޔައީ ކުރަމުންނެވެ. އޭނާގެ އެހީތެރި ކަމާއިއެކު ފަރުވާހޯދަމުން އައިސް ބަލިން ފަސޭހަވެގެން އެނބުރިދާ މީހުންގެ އަދަދު ދިޔައީ އިތުރު ވަމުންނެވެ. ފަރުވާ ލިބިގަނެގެންދާ ކޮންމެ މީހަކުވެސް އެނބުރި ދަނީ، ފަރުވާ އާއި މެދު ހިތްހަމަޖެހި ހިނިތުންވެރި މޫނަކާއި އެކުއެވެ. ނަތީޖާ އެއްގެ ގޮތުން މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި މުޅި އެޝަހަރަށް ޝުޢައިބުގެ ބޭސްވެރިކަން މަޝްހޫރުވެ މީހުންގެ މެދުގައި އޭނާ މަގުބޫލު ވާން ފަށައިފިއެވެ. އަދި މުޅި ޝަހަރުގައި މަޝްހޫރު ބޭސްވެރިއެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ވެގެން ގޮއްސައެވެ. ތަފާތު އެކި ފަންތީގެ މީހުންގެ މެދުގައި، އިތުބާރާއި ލޯބިވެސް ލިބިފައިވެއެވެ. ޝުޢައިބުގެ ބޭސްވެރިކަމުގައި ހޯދަމުންދާ މިކާމިޔާބީ އެންމެ ކައިރިން ދެކެ ރަސްގެފާނާއި ވަޒީރުވެސް ހުންނަވަނީ އެކަމާއި މެދު ވަރަށް ބޮޑަށް އުފާފުޅުވެ، ހިތްޕުޅު ހަމަޖެހި ވަޑައިގެންފައެވެ. ފެންނަ ފެނުމަށް ޝުޢައިބުގެ މިކާމިޔާބީއާއި މެދު އެންމެ އުފާވެލައްވާ ފަރާތަކީ ވަޒީރެވެ. ވާނީވެސް އެހެންތާއެވެ. މިޔަދު ރަސްގެފާނުގެ އިތުރުން މިކަރަޔަށް ފަތްޕިލާވެލީގެ ބޭސްވެރިކަން ފުޅާވެގެން މިދާ ދިޔުމުގެ އެންމެ ބޮޑު ހިއްސާއެއް ވާނެ އެއް ފަރާތަކީ ވަޒީރުކަން ގައިމެވެ.
މެންދުރު ވަގުތު ޖެހުމުން މަސައްކަތްތައް ހުއްޓާލުމަށްފަހު ނަމާދުކޮށްލައިގެން ޝުޢައިބުއައެވެ. އަދި ޒޭނާގެ ފަރުވާއަށް ބޭނުންވާ ތަކެތި ހަމަ ކޮށްލުމަށްފަހު ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހަމަ އެދުވަހު ޒޭނާގެ ފަރުވާގެ މަސައްކަތް ފެށިއްޖެއެވެ.
ކޮންމެ ދުވަހަކުވެސް މެންދުރު ފަހުގެ ވަގުތުތަކުގައި ޝުޢައިބު ހޭދަކުރަމުން ގެންދަނީ ޒޭނާގެ ގާތުގައި އޭނާއަށް ފަރުވާ ކުރުމުގައެވެ. އެގޮތުގައި ޝުޢައިބު ޒޭނާގެ ފަރުވާ ކުރިޔަށް ގެންދާތާ ތިން ހަފުތާ ފާއިތުވެގެން ހިނގައްޖެއެވެ. އެއްރޭ ޝުޢައިބު ރަސްގެފާނުގެ އަރިހުގައި ހުރި ވަގުތެއްގައި ރަސްގެފާނު އޭނާއަށް ނަންގަތެވެ.
" ޝުޢައިބު، އަޅުގަނޑު ވާހަކައެއް ނަންގަންނަންތޯ؟ ރޭގައި އަޅުގަނޑު ޒޭނާއާއި ބައްދަލު ކުރިން. އޭނާގެ މޫނުމަތީން މިވީހާ ދުވަހު ނުފެންނަހާ އުޖާލާކަން ރޭގައި ވަނީ ފާހަގަ ކުރެވިފައި. އެކަން ފާހަގަ ކުރެވުމުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރިން. ޖަވާބުގައި ޒޭނާ އަޅުގަނޑުގެ ގާތުގައި ބުނެފައިވަނީ، ޝުޢައިބުގެ އެހީތެރިކަމާއި ފަރުވާގެ ސަބަބުން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އޭނާގެ ހަށިގަނޑަށް ވަރަށް ލުއިވަމުން އަންނަކަމަށް. އިތުރަށް ޒޭނާ އަޅުގަނޑުގެ ގާތުގައި ބުނިހާވެސް އެއްޗަކީ، ބައްޕަ އުފާ ކުރައްވާ! އިރާދަ ކުރެއްވިއްޔާ އޭނާ މިކަމުން ވަރަށް އަވަހަށް ފަސޭހަވެގެން ބައްޕަގެ ގާތަށް އަންނާނޭ ކަމަށް."
" ޝުޢައިބު " ކަލޭގެ ތިޔަ އެހީތެރިކަމާއި އޯގާތެރިކަން އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. ކަލޭ މިތަނަށް އައި ދުވަހުން ފެށިގެން އަޅުގަނޑު ހިތަށް ވަރަށް ހިތްހަމަ ޖެހުން ގެނުވައިފި. އަޅުގަނޑު އެމީހަކަށްޓަކާ މުޅި އުމުރަށް ހިތާމަކުރަން ޖެހިފައިވާ އެދަރިފުޅުގެ މޫނުމަތިން އުޖާލާކަން މިއަދު ފެނިއްޖެ. މިއީ ޝުޢައިބުގެ މިންނެތް މަސައްކަތް. ދަރިޔަކު ގާތުގައި ނެތްކަމުގެ ފަޅުކަމާއި އެކު ހޭދަކުރި ދުވަސްތަކަށް ނިމުމެއް ގެނެސް ތިޔަދިނީވެސް ހަމަ ޝުޢައިބު. އަދި ސާރާ މިގަނޑުވަރުގައި އަޅުގަނޑާއިއެކު ވޭތުކުރަމުން މިދާ ދުވަސްތަކަކީ އަޅުގަނޑަށް ދަރިޔަކު ގާތުގައި ހުރުމުގެ އިހުސާސް ކުރުވާ ކަމެއް. އަޅުގަނޑު ކަލެޔާއި މެދު ކޮންމެ ނަޒަރަކުން ވިސްނި ކަމުގައި ވީނަމަވެސް ޝުޢަބަކީ އަޅުގަނޑަށް ވަރަށް މުހިންމު މީހެއް. "
ރަސްގެފާނުގެ އެވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ޝުޢައިބު ނަންގަތެވެ.
" ރަސްގެފާނު، އަޅުގަނޑުވެސް ހަމަ ބުނަން ބޭނުންވަނީ ޒޭނާ އެބުނިހެން. އޭނާއަށް އަންނަމުން އެދާ ބަދަލަކީ އޭނާގެ ކެތްތެރި ކަމާއި ހިތްވަރު. އަދި ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހިތްވަރު އޭނާގެ ގައިގައި ހުރުން. ޒޭނާގެ ފަރާތުން ފެނިލެއްވި އެންމެ މާތް ސިފަޔަކީ، މިންވަރަށް ރުހި އެކަމުން އަރައިގަތުމަށް ނުގުޑާފަދަ އަޒުމެއް އެހިތުގައި އޮތުން. އެހެންވީމާ މަނިކުފާނު އުފާ ކުރައްވާ. ﷲ ގެ ތަނަވަސް ރަހުމަތުން ޒޭނާ އެބަލިން ފަސޭހަވުމުގެ ކޮޅުމަތި މިޔަދު މިދަނީ ފެންނަމުން. އަޅުގަނޑުގެ އުންމީދަކީ އޭނާ އެކަމުން ސަލާމަތްވެ މަނިކުފާނުގެ އަރިހަށް އެނބުރި އައުން. އަދި އަޅުގަނޑުގެ ދަރިފުޅު ސާރާ ވެސް ހުންނާނީ މިތަނުގައި، މަނިކުފާނުގެ ދަރިޔެއްގެ ގޮތުގައި. "
ޝުޢައިބުގެ ވާހަކަތައް މިގޮތަށް އިވުމުން ރަސްގެފާނު ވަރަށް އުފާފުޅުވެ އޭނާއަށް ޝުކުރު އަދާކުރި އެވެ.
ރަސްގެފާނުގެ އަމުރަށް ސުރައްޔާ ޝަހަރަށް ގެނެވިއްޖެއެވެ. އަދި އޭނާ މިޝަހަރުގައި އުޅެމުން އަންނަތާ ހަފުތާއެއް ވެގެން ހިނގައްޖެއެވެ. ކޮންމެ ދުވަހަކު ހަވީރު ސުރައްޔާ އާއި ބައްދަލު ކުރުމަށް ސާރާ އެގެޔަށް ދެއެވެ. މަންމައާއި މިގޮތަށް ބައްދަލުވާތީ ސާރާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހި އުފާވެފައެވެ. ސާރާ މިކަމާއި ހިތްހަމަ ޖެހިފައި ހުންނަތަން ފެނުމުން ޝުޢައިބުވެސް އެކަމާއި ނުހަނު އުފާވިއެވެ.
ސުރައްޔާ އަމިއްލަ ވަޒަން ދޫކޮށް މިހާދުރު ހިސާބަކަށް އަންނަން ޖެހުނީ ކީއްވެތޯ އަމިއްލަ ނަފުސާއި ދިޔައީ ސުވާލު ކުރަމުންނެވެ. އޭނާގެ އެސުވާލު ތަކުގެ ޖަވާބު އެކަމާއި ވިސްނާލުމުންވެސް ދިޔައީ ލިބެމުންނެވެ.
ސުރައްޔާ ޝުޢައިބުއާއި ދޭތެރޭ އެހާ ރަހުމު ކުޑަކޮށް ކަންތައް ކުރުމުންވެސް އޭނާއާއި ދަރިފުޅު ދިރިއުޅެމުން އަންނަ ޝަހަރަށް ގެނެސް މިގޮތަށް ބަހައްޓާނީ ޝުޢައިބުގެ ހިތުގައި އޭނާ އާއި ދޭތެރޭ ކޮންމެވެސް ހަމްދަރުދީ އޮތުމުން ކަމަށް އޭނާ އަށް ގަބޫލު ކުރެވުނެވެ. އަދި އެ ދަރިފުޅު އޭނާއަށް ނުފެންނާނޭހާ ދުރުގައި ބަހައްޓަން ޝުޢައިބު ބޭނުންނުވާތީ ކަމުގައި ސުރައްޔާ ގަބޫލުކުރިއެވެ.
ސުރައްޔާ މިވިސްނުމުގައި، އޭނާއަކީ ކުށްވެރިއެއްކަން ގަބޫލުކުރެވޭ ހާލުގައި އިނދެ ވަރަށް ހިތުގައި ޖެހިފެންކަޅި ވިއެވެ. އޭނާ ޝުޢައިބުއާއި ދޭތެރޭ ކަންތައް ކުރިގޮތް ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. ޝުޢައިބު އަކީ ހެޔޮލަފާ ކެތްތެރި ފިރިއެއްކަން އޭނާއަށް ވިސްނުނު އިރު މިއޮތީ ވަގުތު ފާއިތުވެގެން ގޮއްސައެވެ.
ސުރައްޔާ އޭނާއަށް ކުރެވުނު ހަޑިމުޑުދާރު އަމަލުތަކުގެ ހިތި ރަހަ ވަރަށް ރަނގަޅަށްވެސް މިއަދު އެވަނީ އޭނާގެ ކަރުބުޑުގައި ލާފައެވެ. ނަހަލާލަށް ބަލިވެ އިނދެ އެކަން ސިއްރުނުވެ މުޅި ދުނިޔެއަށް އޭނާ އެވަނީ ބޭޒާރުވެސް ވެފައެވެ. ވިހޭ ދަރިފުޅު އެއްމަސް ނުވަނީސް ކުއްލި ގޮތަކަށް މަރުވެގެން ދިޔުންވެސް އެއީ އޭނާއަށް ލިބިގެން ދިޔަ ހިތާމައެކެވެ. އެދަރިފުޅު މަރުވި ހިސާބުން ސުރައްޔާގެ މުޅި ދިރި އުޅުން އޭނާ ބަދަލު ކުރިއެވެ. އޭނާ ކުރަމުން ގެންދިޔަ މުޑުދާރު އަމަލު ތަކުގެ ސަބަބުން އެލިބުނު ހުތުރު ނަމާއި، ގަތް ލަދުން ސަލާމަތް ވުމަށްވެސް ކޮންމެ ސިފައެއްގައި ނަމަވެސް އޭނާއަށް މަގު ކޮށައި އެދިނީ ޝުޢައިބު ކަން ގަބޫލު ކުރިއެވެ.
ސުރައްޔާގެ ދިރިއުޅުމަށް ގެނައި ބަދަލުގެ ނަތީޖާ އެއްގެ ގޮތުން، ދަރިފުޅު ސާރާއާއި ބައްދަލުވުމަށް މިލިބުނު ފުރުސަތަކީ އޭނާގެ އެކަނި ވެރިވި ދިރިއުޅުން ބަދަލުކޮށް އިސްލާހުވުމަށް ލިބުނު ފުރުސަތެއް ކަމުގައި ދެކުނެވެ. ދިރި އުޅުމުގައި ދެވަނަ ފުރުސަތެއް ލިބޭނީ މަދު ފަހަރެއް ކަމުގައި ދެކި މިލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހިތުގައި އަޒުމް ކަނޑައަޅާ، އޭނާގެ މުޅި ދިރިއުޅުން ބަދަލު ކުރިއެވެ.
ފަސް ވަގުތު ނަމާދުކޮށް ޤުރުއާން ކިޔަވާ، ދީނީ އަޅުކަންތަކުގައި އުޅުން އެއީ އުފަލެއް ކަމުގައި މިއަދު ވަނީވެފައެވެ. އޭނާ ކުރި ކުށްތަކަށް މިއަދު ތައުބާ ވެއްޖެއެވެ. ކޮންމެ ދުޢާ އަކަށްފަހު އޭނާގެ ތައުބާ ގަބޫލުކޮށް ދިނުން އެދި ރޮއެ ރެޔާއި ދުވާލު އެކަން ތަކުރާރު ކުރެއެވެ. ރަނގަޅު ދިރިއުޅުމެއް ދެއްވުމަށާއި، ޞާލިހު ފިރިޔަކު ދެއްވުން އެދި ދުޢާ ތަކުރާރު ކުރެއެވެ. އޭނާގެ ކުށް ފާފަތައް ޢަފޫ ކޮށް ދެއްވުން އެދި ދަންނަވާ ރޮއެ ހިތާމަ ކުރެއެވެ. ބައްޕަޔަށް އަބަދުވެސް ހެޔޮކޮށް ހިތުމަށާއި ކިޔަމަންތެރި ދަރިޔެއްކަމުގައި ވުމަށް ބުނެދީ ދަރިފުޅު ސާރާއަށް ނަސޭހަތްދީ ހަދައެވެ. މިގޮތުގައި ސުރައްޔާ ގެންދިޔައީ އޭނާގެ އެކަނިވެރި ކަމުގައި ދިރިއުޅުން ވޭތިކުރަމުންނެވެ.
ޝުޢައިބު ޒޭނާއަށް ފަރުވާ ކުރަމުން އަންނަތާ ހަތަރު މަސް ފާއިތުވެގެން ހިގައްޖެއެވެ. މި ވޭތުވެގެން ދިޔަ ދުވަސް ތަކުގައި ޒޭނާއަށް އަންނަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އޭނާގެ ހަށިގަނޑަށް ލުއި ވަމުން އަންނަ ލުއިވުން އައީ ހީނުކުރާހާ އަވަސް މިނެއްގައިކަން އިހުސާސް ކުރެވެއެވެ. އަދި މިކަން ޝުޢައިބުވެސް ދިޔައީ ފާހަގަކޮށް ޒޭނާއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ ރަސްގެފާނާއިވެސް ހިއްސާ ކުރަމުންނެވެ.
އެއްދުވަހު ޒޭނާ ބުއިމަށް ބޭސް ތައްޓެއް ތައްޔާރު ކޮށްގެން ޝުޢައިބު ޒޭނާގެ ގާތަށް ދިޔައެވެ. އަދި ކައި ނިމިގެން މި ބޭސް ތަށި ބުއިމަށް ބުނުމަށްފަހު ކޮޓަރީން ނުކުންނަން ދިޔަ ވަގުތު ޒޭނާ ޝުޢައިބުއަށް ގޮވާ އޭނާ މަޑުކުރުވިއެވެ. އަދި އޭނާގެ ގާތުގައި ޒޭނާ ވާހަކައެއް ދައްކަން ބޭނުންވާތީ މަޑުކޮށްލުމަށް ބުންޏެވެ. އަދި އޮޅުން ފިލުވަން ބޭނުންވާ ބައެއް ވާހަކަތައް ހުރި ކަމުގައި ބުންޏެވެ.
" ޝުޢައިބު، މިވީ ދުވަސްތަކުގެ ތެރޭގައި ކަލެޔާއި ބެހޭ ގޮތުން އިވިފައި ހުރި ބައެއް ވާހަކަތަކާއި ދޭތެރޭ އަޅުގަނޑު ވަރަށް ވިސްނައިފިން. އަދި ކަލެޔާއި ސާރާގެ ދިރިއުޅުމުގައި ތިޔަ ދިމާވި ކަންކަމާއި ދޭތެރޭ ވަރަށް ދެރަވަން. ޝުޢައިބު ފަދަ މީހަކަށް އުފާވެރި ދިރި އުޅުމެއް ހޯދުން އެއީކީ އުނދަގޫ ކަމެއް ކަމުގައެއް އަޅުގަނޑު ނުދެކެން. ކަލޭގެ ގައިގައި ތިޔަހުރީ، ހަރުދަނާ ދިރިއުޅުމެއް އުޅެން ބޭނުންވާ އަންހެނަކު ބޭނުންވާނޭ ހުރިހާ ސިފަ ތަކެއް ލިބިފައި. ހަމަ ގައިމުވެސް ސުރައްޔާ ކަލެޔާއިއެކީ އުޅެން ބޭނުން ނުވުމަކީ އޭނާގެ ނުކުޅެދުންތެރިކަންކަން ކަށަވަރު. މިވާހަކަތައް މިގޮތަށް ދައްކާއިރުވެސް އަޅުގަނޑަށް އެނގޭ ޝުޢައިބު ސުރައްޔާ ދެކެ ލޯބިވާކަން. އެހެން ނޫންނަމަ އޭނާ އެގޮތަށް ކަލެޔާއި ދޭތެރޭ އެހުރިހާ ކަމެއް ކޮށްފައިހުރި އިރުވެސް އެހާ ދުރުން މިޝަހަރަށް އޭނާ ނުގެންނާނެ. "
އެވާހަތަކަށް ރައްދު ދިނުމުގެ ގޮތުން ޝުޢައިބު ޒޭނާ ގާތުގައި ބުންޏެވެ.
" ޒޭނާ، ތިޔަ ހީކުރައްވަނީ މުޅީން އަދި ރަނގަޅަކަށް ނޫން. އޭނާ އަޅުގަނޑާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވާ ކަމުގައި ވީނަމަވެސް އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަށް ވަރަށް ބޮޑު ކުލުނެއް ވަނީ އުފެދިފައި. އޭނާ ވަރިކޮށްފައި ކިތަންމެ ދުރުގައި ބެހެއްޓި ކަމުގައި ވިޔަސް އަޅުގަނޑަކަށް އޭނާގެ ހަނދާންތަކަކުން ދުރަކަށް ނުދެވޭނެ. މުޅި ހަޔާތުގައިވެސް ލޯބީގެ ގޮތުން ގުޅި އަނތްބެއްގެ ފަރާތުން ކުޑަ ނަމަވެސް އުފަލެއް ލިބިފައިވާ މީހަކީވެސް އެއީ. ސާރާ އަޅުގަނޑުގެ ގާތުގައި ހުރިހާ ދުވަހަކު އަޅުގަނޑަށް އޭނާގެ ހަނދާނާއި ދުރަކަށް ނުދެވޭނެ. މިއަދު އޭނާ މިތަނަށް ގެނެވިފައި އެހުރީ ސާރާގެ ހައްގުގައި އޭނާގެ އެދުމަށް. ސާރާ މަންމައަށް އެދޭތީ. އެކަމަކު އަޅުގަނޑު އޭނާ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނޫން. އަދި އޭނާއާއި ކައިވެނި ކުރާކަށްވެސް ބޭނުމެއް ނޫން. އޭނާ ދެކެވީ ލޯބި ވާނީ މިހިތުގައި މިއަދު ކަފުންކޮށް ވަޅުލެވިފައި. "
ޝުޢައިބުގެ މިހާކަތައް އިވުމުން ޒޭނާއަށް ވެސް ވަރަށް އަސަރު ކުރިއެވެ. އަދި އޭނާގެ ކެތްތެރިކަން އެނގި، އެކަމާއި ތައުރީފުކޮށް އޭނާއަށް ހިތްވަރު ދިނެވެ.
ޝުޢައިބު ދިއުމުން ދެންމެ އޭނާއާއި ދެކެވުނު ވާހަކަތަކާއި މެދު ވަރަށް ފުންކޮށް ވިސްނާލެވުނެވެ.
" ޝުޢައިބު އަކީ ހާދަ ކެތްތެރި އޯގާތެރި މީހެކެވެ. މީހަކު ކިތަންމެ ގޯސްކޮށްވެސް އޭނާއާއި މެދު ކަންކުރި ކަމުގައި ވީނަމަވެސް، ބަދަލުގައި އެމީހަކަށް ދައްކައިދެމުން އެގެންދަނީ އޭނާގެ އިހުސާން ތެރިކަމެވެ. އޭނާއަކީ ލާމަސީލު ނަމޫނާ ފިރިހެނެކެވެ. އޭނާގެ ދުލުން އަލުން ސުރައްޔާ އާއި ކައިވެނި ނުކުރާނޭ ވާހަކަ ބުނެފިއެވެ. އެހެން ނަމަވެސް އޭނާގެ އެޒުވާން އުމުރުގައި މީހަކާއި ކައިވެނި ނުކޮށް އަނތްބެއްގެ ލޯތްބާއި އޯގާތެރިކަން ނެތި އުޅުން އެއީ އޭނާއަށް ފަސޭހަ ކަމެއްކަމުގައި ވެދާނެ ބާއެވެ. އޭނާ ފަދަ މާތް އިންސާނަކު އެކަނިވެރި ހަޔާތެއް އެގޮތުގައި ވޭތު ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ނޫނީ ނުވާނޭކަން ގައިމެވެ. ހަމަ ގައިމުވެސް އޭނާގެ އަނތްބެއްގެ ގޮތުގައި ހުންނަން ލިބޭނީ ވަރަށް ނަސީބު ރަނގަޅު އަންހެނަކަށެވެ. ޝުޢައިބު ފަދަ މާތް އިންސާނެއްގެ އަނތްބަކަށް ވޭވޭ މީހަކަށް ދުނިޔެއިން ހުރިހާ އުފަލެއް ލިބުނީކަން ގައިމެވެ. "
މިޚިޔާލު ތަކުގައި އިންދައި ޒޭނާގެ މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދި އޭނާގެ ބޭއިޚުތިޔާރުގައި ބުނެލެވުނެވެ.
" ޝުޢައިބުގެ އަނތްބަކަށް ވުމުގެ ނަސީބު އަހަރެންނަށް ލިބޭނޭ ނަމަ…… "
މަސައްކަތްތައް ނިންމާލުމަށްފަހު ދުވަހުގެ ވަރުބަލިކަމާއިއެކު ޝުޢައިބު ނިދަން އޮށޯތެވެ. ނިދަން އޮށޯވެ އޮވެ، މިއަދު ޒޭނާގެ ގާތުގައި ދެއްކި ވާހަކަތަކާއި މެދު ވިސްނަން ފެށިއެވެ. އޭނާ އެހުރިހާ ސުވާލުތަކެއް އެކުރަނީ ކީއްވެގެން ބާއެވެ. ސުރައްޔާ އާއި ބެހޭގޮތުން އޭނާގެ ގާތުގައި ދެއްކި ކޮންމެ ވާހަކައަކުން އޭނާގެ މޫނު މައްޗަށް އަންނަމުން ދިޔަ ކުލަވަރު އޭނާ ފާހަގަކުރިއެވެ. އަދ މިވޭތުވެ ދިޔަ ދުވަސް ތަކުގައި، ޒޭނާ ޝުޢައިބުގެ ގާތުގައި ދައްކާފައިވާ ވާހަކަތަކުން ޒޭނާ ވަރަށް ބޮޑަށް އޭނާއާއި ރުހިލައްވާ ހެންވެސް ޝުޢައިބު އަށް ހީކުރެވުނެވެ. ޒޭނާއަކީ ބަލާ ބެލުމަށް ވަރަށް ފުރިހަމަ ކުއްޖެކެވެ. އެހާ ބަލިވެ އުޅޭއިރުވެސް އެހަށިގަނޑުން ދިގު މުއްދަތެއްގައި ބަލިވެ އުޅޭ މީހެއް ކަމުގައި ފާހަގައެއް ނުކުރެވެއެވެ. ހެޔޮވަރުގެ ރީތި އިސްކޮޅަކާއި، ދިގު ފަން އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި، ބަލާ ބެލުމަށް ޒޭނާއަކީ، ފިރިހެނުންގެ ހިތްތައް މިލްކު ކުރެވިދާނޭހާ ފުރިހަމަ ކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.
( ނުނިމޭ )
