ވާހަކަ: ޝުޢައިބު (13 ވަނަބައި)

(24 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)

ނަމަވެސް ރަސްކަލެއްގެ ޝާހީ އާއިލާ އަކަށް ލިބިފައިހުރި މިފަދަ ކުއްޖަކު ޝުޢައިބު ފަދަ އާދައިގެ މީހެއްގެ ހަޔާތަށް އައުން އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ޒޭނާ ޝުޢައިބުއާއި އެހާގާތް ކޮށް އެދެކެނީ އޭނާއަކީ ރަސްގެފާނުގެ އަރިސް މީހެއްގެ ގޮތުގައިވުން ކަމުގައިވާތީއެވެ. ޒޭނާ އާއި ދޭތެރޭ އެންމެ ގަޔާވެވޭ ސިފަތަކަކީ، އޭނާގެ ރީތި އަޚުލާގާއި، ދީންވެރި ކަމާއި ހެޔޮލަފާ ކެތްތެރި، އަންހެން ކުއްޖަކަށް ޒޭނާ ވުމެވެ. އަދި ޝާޙީ ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައި ވިޔަސް އޭނާގެ ގައިގައި އެއްވެސް ބޮޑާކަމެއް ކިބުރުވެރި ކަމެއް ނެތުމެވެ. އޭނާ އަށް ލިބިފައި ހުރީ ރިވެތި ތަރުބިއްޔަތެކެވެ. ހަމަ ގައިމުވެސް މިއީ ރަސްގެފާނުގެ އެރިވެތި ތަރުބިއްޔަތުގެ ހިޔަލުން ތަރުބިއްޔަތު ލިބިފައިވާ ދަރިޔެކެވެ. މިސިފަތަކާއިމެދު ޝުޢައިބު ޒޭނާ އާއި މެދު ވަރަށް ގަޔާވިއެވެ.

ޝުޢައިބުގެ ހިތަށް އެރިއެވެ. މިކަން ހަގީގަތަކަށް ނުވެވެސް ހަމަ ހިނގައިދާނެއެވެ. ޒޭނާއާއި ދޭތެރޭ މިހީކުރެވޭ ހީކުރުން ތަކަކީ ކުށްހީތަކެއް ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ޒޭނާއާއި ދޭތެރޭ، ވިސްނަން ބޭނުންނުވި ކަމުގައި ވިޔަސް އޭނާއަށް އެކަމާ ވިސްނި ބުނަން ނޭނގޭ އިހުސާސް ތަކެއް ކުރުވަން ފަށައިފިއެވެ.                                                                                                     ރަސްގެފާނުގެ އެދިލެއްވުމަށް މިޝަހަރަށް އައިސް ޝުޢައިބުއާއި ހަވާލުވި މަސައްކަތް ކުރުމުގައި އަހަރަކާއި ގާތްވެގެން ހިނގައްޖެއެވެ. އޭނާއަށް ހަވާލުކުރެވުނު މަސައްކަތްތައް ފުރިހަމަ ކުރުމުގައި ހީވެސް ނުކުރާހާ ބާރުމިނެއްގައި ދިޔައީ އެކަން ކާމިޔާބު ކުރަމުންނެވެ. އޭނާ އެކަނި ބޭސްވެރިކަމުގައި ކުރި އެމަސައްކަތް، މަސައްކަތް ދަސްކުރަމުން އައިސްތިބި މީހުންނަށް ދަސްކޮށްދީ އެމީހުންގެ އަތްމައްޗަށް އެކަން ދޫކޮށް ލެވިއްޖެއެވެ. މިކަމުގެ ސަބަބުން އޭނާގެ މިމަސައްކަތަށް އެތައް ފަސޭހަކަމަކާއި ލުއިކަންވެސް ލިބިގެން ދިޔައެވެ. ޝުޢައިބު އެންމެ ހިތްހަމަ ޖެހުނު ކަމަކީ މިހާރު އެޝަހަރުގައި އޭނާގެ ފަރާތުން ބޭސްވެރިކަން ދަސްކޮށް ދެވިފައިވާ ފަރާތްތަކެއް ތިބުމުގެ އެހިތްހަމަޖެހުމެވެ. އޭނާގެ މިބުރަ މަސައްކަތުން ހޯދަމުން އަންނަ ރަނގަޅު ނަތީޖާއާއި ކާމިޔާބީ ފެނި ރަސްގެފާނު އެކަމާއި ހުންނަވަނީ ވަރަށް ބޮޑަށްވެސް ޝުޢައިބުއާއި މެދު ހިތްޕުޅާވެފައެވެ.

ޝުޢައިބު ޒޭނާއަށް ފަރުވާ ކުރުމުގައި އަވަދި ނެތި އުޅެމުން ގެންދެއެވެ. އަދި މިވީ ދުވަސްތަކުގައި ފެންނަ ފެނުމަށް ޒޭނާ ހީވަނީ ބަލިން އެކުގައި ފަސޭހަވެފައި ހުރިހެންނެވެ. ނަމަވެސް އެބައްޔަށް ކުރަމުންއަންނަ ފަރުވާޔަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވާތީ، މުއްދަތު ހަމަނުކޮށް ފަރުވާ ހުއްޓާނުލުމަށް ޝުޢައިބު ނިންމިއެވެ.

އެއްރޭ ޝުޢައިބު ޒޭނާއާއި ބައްދަލު ކުރުމަށް ދިޔައެވެ. ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު އިރު ޒޭނާ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާ ރޯއަޑު ވަރަށް މަޑުން އޭނާއަށް ދިޔައީ އިވެމުންނެވެ. ކޮޓަރީގެ ދޮރުހުރީ ކޮންމެވެސް ވަރަކަށް ހުޅުވާފައެވެ. އެހެންކަމުން ކޮޓަރީގެ ތެރެއިން ދައްކާ ވާހަކަ ސާފުވާވަރަށް އިވެއެވެ. ޝުޢައިބު ކުޑަކޮށް އެތެރެއަށް ބޯދިއްކޮށްލާ ބަލާލިއެވެ. އޭނާއަށް ފެނުނީ ޒޭނާ ވަރަށް ބާރަށް ދުޢާ ކުރަމުން ގެންދިޔަ މަންޒަރެވެ. އަދި ބޭރުން އިވުނު އަޑަކީވެސް އެދުޢާގެ އަޑެވެ. ޒޭނާ ދުޢާގައި ކިޔަމުން ގެންދިޔަ އެއްޗެހި ވަރަށް ރަނގަޅަށް ޝުޢައިބުއަށް ސާފުވާވަރަށް އިވުނެވެ. ޝުޢައިބު މިކަމާއި ޝައުގުވެރިވެ ޒޭނާއަށް ނުފެންނާނޭހެން ބޭރުގައި އެއަޑު އެހުމަށް މަޑުކޮށްލިއެވެ. ޒޭނާ ރޮމުން އެފަރާތުގައި ދަންނަވަމުން ގެންދިޔައެވެ.

"  ޒޭނާއަށް ކުރިމަތިވެފައި މިވާ ގިލަންވެރިކަމުން އޭނާ ސަލާމަތް ކޮށް ދެއްވާ، ދުޅަހެޔޮ ސިއްޙަތެއްގައި ލެއްވުމަށެވެ. އޭނާގެ ބަލި ހާލަތާއިމެދު ބައްޕަ އެކުރާ ހިތާމަތައް ލުއިކޮށްދެއްވާ، އެބައްޕައަށް ކެތްތެރިކަން ދެއްވުމަށެވެ. ދުނިޔެ ދޫކޮށްފައިވާ އޭނާގެ މަންމަގެ ފާފަތައް ފުއްސަވައި ދެއްވާ އެމަންމައަށް ސުވަރުގޭގެ އެންމެމަތީ ދަރަޖަ ދެއްވައި، ލޯބިވާ ބައްޕައާއިއެކު ސުވަރުގޭގައި ލެއްވުމަށެވެ."

އަދިވެސް ދަންނަވުން ގެންދިޔައެވެ.

އޭނާގެ ދިރިއުޅުން އުޖާލާކޮށް ދެއްވާ ހެޔޮލަފާ ޞާލިހު ފިރިޔަކު ދެއްވުމަށެވެ. ޝުޢައިބުގެ މަސައްކަތުގައި ބަރަކާތް ލައްވާ އޭނާގެ ދިރި އުޅުން އުޖާލާ ކުރެއްވުމަށެވެ. ޝުޢައިބުގެ ހިތާމަތައް ފިއްލަވާ އޭނާއަށް އުފާވެރިކަމާއި ގަދަރާއި ޢިއްޒަތް ދެއްވުމަށެވެ. ޝުޢައިބުއާއި ސާރާ މުޅި އުމުރުގައި އޭނާއާއިއެކު ލެއްވުމުގެ ހެޔޮ ނަސީބު ދެއްވުމަށެވެ.

ޒޭނާ ރޮމުން އެދުޢާތައް ދިޔައީ ތަކުރާރު ކުރަމުންނެވެ. ޝުޢައިބުއާއި ސާރާގެ ނަން ޒޭނާގެ އެދުޢާގައި އިވުނު ވަގުތު ޝުޢައިބުގެ ގައިން ހީ ބިހި ނަގައިގެން ދިޔައެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާއާއި ދޭތެރޭ ޒޭނާ އެހާވަރަށް އެވިސްނަނީ ކީއްވެގެން ބާއެވެ؟ ޒޭނާގެ ހިތުގައި ޝުޢައިބުގެ މައްޗަށް ވަރަށް މަތިވެރި ގަދަރެއް އޮތްކަން ކިތަންމެ ރަނގަޅަށްވެސް މިރޭ ހާމަވެގެން ހިނގައްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. ޒޭނާއާއި އެކު ތާއަބަދަށް ޝުޢައިބު ލެއްވުމަށް އެދި އެދުޢާގައި އެހިމެނީ ކީއްވެގެން ހެއްޔެވެ. ވެދާނެއެވެ. އަހަރެމެން އެމީހުން ދޫކޮށް މިތަނުން ނުދިޔުން އެއީ، އެއެދޭ އެދުން ކަމުގައި ވެގެން ހިނގައިދާނެއެވެ.

ޒޭނާގެ އަޑު ކެނޑުމުން ޝުޢައިބު ވަރަށް ސިއްރުން ޒޭނާއަށް ބަލަމުން ގެންދިޔައެވެ. އޭރު އޭނާ އިނީ ޤުރުއާން ކިޔެވުމުގައެވެ. އޭރުވެސް އެ ދެލޮލުން ވަރަށް ގިނައިން ރޮއެފައި ހުރިކަން އެނގެއެވެ. ރުއިމުގެ ސަބަބުން ދެލޮލާއި މޫނުމަތި ހުރީ އެކީ ރަތް ވެފައެވެ. ޝުޢައިބު ކަޅި ޖަހާ ނުލައި ޒޭނާ އަށް ބަލަމުން ގެންދިޔައެވެ. ޒޭނާގެ އެމައުސޫމު މޫނުމަތީން ތާޒާކަން ގެއްލިފައި ހުރިތަން ފެނުމުން އޭނާއަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ހިތް އިޚުތިޔާރުން ބޭރުވެ އެހިތް މަޑުމަޑުން ޒޭނާއަށް ލެބެނމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ.

އޭނާގެ ހިތަށް އެރިއެވެ. " މިވަގުތު ޒޭނާގެ ގާތަށް ދިޔުމަށް މިއީ އެންމެ ރަނގަޅު ވަގުތު ބާވައެވެ. " އެހެން ހިތަށް އަރާ އޭނާއަށް ފަސްޖެހެވުނެވެ. އަދި ހިތަށް އެރިއެވެ. " އަހަރެންނަށް މިކުރެވެނީ ކޮންކަހަލަ އިހުސާސެއް ހެއްޔެވެ؟ " މިޚިޔާލުތަކުން ޝުޢައިބުގެ ހިތަށް އުދަނގޫ ކުރުވަމުން ގެންދިޔައެވެ. އަދި އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ނަމަވެސް އޭނާ ހިތްވަރު ކޮށްލާފައި ސަލާން ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ޝުޢައިބު އެތެރެއަށް ވަނުމުން ޒޭނާ ކިޔެވުން ހުއްޓާލުމަށްފަހު އޭނާގެ ގާތުގައި އިށީނުމަށް ބުންޏެވެ. އަދި ޒޭނާ އެއްވެސް އެއްޗެއް ނުބުނެ އެނދުގައި އިށީނދެ އިނެވެ. ޝުޢައިބު އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ވަރަށް ފުން ނަޒަރަކުން ޒޭނާ އަށް ބަލާލިއެވެ. އެވަގުތު ޒޭނާވެސް ޝުޢައިބުއާއި ހަތަރުކަޅި ހަމަވިއެވެ. ޒޭނާ ވަރަށް ލަދުރަކި ގޮތަކަށް ޝުޢައިބު އާއި ދިމާއަށް ބަލާލުމަށްފަހު އިސްދަށަށް ޖެހިއެވެ.

އިރުކޮޅަކު މިހެން އިނުމަށްފަހު ޝުޢައިބު ޒޭނާއާއި ސުވާލު ކުރިއެވެ.

" މިހާރު ކިހިނެއް؟ އެއްވެސް ކަހަލަ އުނދަގުލެއް ގައިގައި ހުރިކަން ފާހަގަ ކުރެވޭތަ؟ "

ޝުޢައިބުގެ ސުވާލަށް ޖަވާބު ދެމުން ޒޭނާ ބުންޏެވެ.

" ޝުޢައިބު، އަޅުގަނޑުގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ހުރިކަމަކަށް މިހާރު ގަބޫލެއް ނުކުރެވޭ. މިހާރު ހަށިގަނޑަށް ވަރަށްބޮޑަށް ލުއިވެއްޖެ. ދުވަހަކު ހަށިގަނޑަށް ނުވާހާ ލުއިކަން މިހާރު އިހުސާސް ކުރެވޭ. އަދިވެސް ފަރުވާ ނުނިމޭތަ؟ "

ޒޭނާގެ ސުވާލަށް ޖަވާބު ދެމުން ޝުޢައިބު ބުންޏެވެ.

" އާނ ޒޭނާ، ފަރުވާ އެއްކޮށެއް އަދި ނުނިމޭ. ބޭސް ފަރުވާއެއް ކުރާކަމުގައި ވަނީނަމަ އެފަރުވާއަކަށް މުއްދަތެއް ކަނޑައެޅިފައި ވާނެ. އެމުއްދަތު ހަމަނުކޮށް ފަރުވާ ހުއްޓާލައިފިނަމަ ފަހަރުގައި އެހެން އިތުރު އުނދަގޫ ތަކާއިވެސް ކުރިމަތިލާން ޖެހިދާނެ. އަދި ހިތްވަރު ކޮށްލާ ޒޭނާ. ކުރިޔަށް އޮތް ދެތިން މަސްތެރޭ އިރާދަ ކުރެއްވިއްޔާ މިކަމުން އެކީ އަތް ދޫކޮށްލެވޭނެ. އަޅުގަނޑު ލަފާކުރި މުއްދަތަށް ވުރެވެސް އަވަސް މިނެއްގައި ތިޔަ ދަނީ ފަސޭހަ ވަމުން. ޒޭނާއަށް އެނގޭތަ. މީކީ އަޅުގަނޑުގެ މޮޅު ކަމަކުން ލިބޭ ކުރިއެރުމެއްނޫން. މިއީ ޒޭނާގެ ހިތްވަރާއި ކެތްތެރިކަން. އަދި ތިހިތުގައި އޮތް ވަރުގަދަ ޢަޒުމް. ރަސްގެފާނާއި ޒޭނާގެ ދުޢާ މިއަދު އިޖާބަ ކުރައްވައިފި. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކޮންމެ ކަމަކަށް ވެސް އޮތް އެންމެ މޮޅު ފަރުވާއަކީ އިޚުލާސްތެރި ކަމާއިއެކު އެފަރާތުގައި ދެންނެވުމުން ޢިޖާބަ ކުރައްވާނޭކަން. އެހެންވީމާ އަދި ކެތް ކޮށްލާ! "

ޝުޢައިބުގެ ވާހަކަތައް މިގޮތަށް އިވުމުން ޒޭނާ މޫނު މަތީގެ ކުލަވަރު ބަދަލުވެ އެމޫނުމަތީން އުފާވެރިކަން ފާޅު ވެގެން ދިޔައެވެ. އަދި އޭނާ ހިތާއިހިތުން ކިޔާލިއެވެ. " އިރާދަ ކުރެއްވިއްޔާ ޝުޢައިބު އޭނާގެ ފިރިޔަކަށްވުން އެދި މިކުރާ ދުޢާވެސް ޢިޖާބަ ކުރައްވާނެ. " ޒޭނާ ޝުޢައިބުގެ ގާތުގައި ބުންންޏެވެ،

" ކަލޭ އެދޭ ގޮތަކާއި އަޅުގަނޑު ޚިލާފެއް ނުވާނަން. މިކަމުން ސަލާމަތް ވުމަށް ތަގުދީރުގައި ލިޔެވިފައި އޮތުމުން މިކަން ކާމިޔާބުވީ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން. އެކަމަކު މިކަމުން ސަލާމަތް ވުމަށް އެންމެ ބޮޑު ހިތްވަރަކާއި، އަދި އެހާމެ ބުރަ މަސައްކަތެއް ތިޔަ ކޮށްދިނީ ޝުޢައިބު. މިކަމުގެ ޝުކުރު އެންމެ ހައްގުވާ ފަރާތަކީވެސް ތިއީ. އަޅުގަނޑު ދުވަހަކުވެސް ޝުޢައިބުގެ މަތީން ހަނދާން ނައްތައެއް ނުލާނަން. އަޅުގަނޑު މި ދިރިހުރުމަށް ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލާލަދިން މީހަކީވެސް ޝުޢައިބު. ވީމާ ކަލެޔަކީ އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް މުހިންމު ފަރާތެއްކަން ބުނަން ވަރަށް ބޭނުންވޭ. "

" ޝުޢައިބު، އަޅުގަނޑަށް ކަމެއް ކޮށްދީފާނަންތަ؟ ކަލެޔާއި ސާރާ އެނބުރި ޝަހަރަށް ނުގޮސް މިތަނުގައި އަޅުގަނޑުމެނާއިއެކު މަޑުކޮށްދީފާނަންތަ؟ މިއީ އަޅުގަނޑު ކަލޭގެ ގާތުން އެދޭ ވަރަށް ބޮޑު އެދުމެއް. އެނގޭތަ؟ ބައްޕަވެސް އަޅުގަނޑަށް ވަނީ ވަރަށް ބޮޑު ވަސިއްޔަތެއް ކޮށްފަ. ބައްޕަ ނެތްދުވަހަކުންވެސް ކަލެޔާ ސާރާ އަޅުގަނޑާއިއެކު މިތަނުގައި އުޅުން. " ޝުޢައިބު " އެފުރުސަތު އަޅުގަނޑަށް ދީފާނަންތަ؟ މިކަމާއި އިންކާރު ނުކުރާނެކަމަށް އަޅުގަނޑު ހީކުރަން. "

ޒޭނާ ނުސީދާކޮށް އޭނާ ބޭނުންވާ ކަންތައް ޝުޢައިބުއަށް ހުށައެޅިއެވެ.

" ޒޭނާ، ރަސްގެފާނާއި ޒޭނާ ބޭނުންފުޅުވެ ލައްވާކަމުގައި ވާނަމަ ސާރާ ހުންނާނީ މިގަނޑުވަރުގައި. އެހެންނަމަވެސް އަޅުގަނޑަށް ދަންނަވަން ވަރަށްދަތި މުޅި އުމުރަށް މިތަނުގައި އުޅެވިދާނެކަމަށް. ސަބަބަކީ އަޅުގަނޑުވެސް އަމިއްލަ ދިރިއުޅުމެއް ފެށުމަށްފަހު އުޅެން ޖެހޭނީ ވަކި ދިރިއުޅުމެއް. ނަމަވެސް ރަސްގެފާނު އަޅުގަނޑުގެ ގާތު އެދިލައްވާ ކަމެއްގައި ނޫނެކޭ ބުނުން އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް. "

ޝުޢައިބުއަށް މިހެން ބުނެވުނު ވަގުތު ޒޭނާ އިސްދަށަށް ޖަހާލިއެވެ. އަދި ފެންކަޅިވެފައިވާ ހާލުގައި އަނެއްފަރާތަށް އެނބުރުނެވެ.

" ޒޭނާ، އަޅުގަނޑަށް އަނެއްކާ ގޯސް އެއްޗެއް ބުނެވުނީތަ؟ ޒޭނާ ހިތްހަމަ ނުޖެހޭ ވާހަކައެއް ބުނެވިފައި ވާނަމަ އަޅުގަނޑަށް މަޢާފް ކުރައްވާ! އަޅުގަނޑު މިދެއްކީ ގޯސް ވާހަކައެއްތަ؟ "

" ޒޭނާ، ތިވާހަކަތައް ދެއްކުން އަދި މާއަވަސްހެން އަޅުގަނޑަށް ހިވަނީ. މިވަގުތު އަޅުގަނޑުގެ އެންމެ ވިސްނާކަމަކީ، އަދި އެންމެ ބޮޑު އުންމީދަކީވެސް ރަސްގެފާނުގެ ގާތު ވެފައިވާ ވައުދު ފުއްދާ ރަސްގެފާނުގެ އެއެދުން ހާސިލު ކޮށްދެއްވުން. ﷲ ގެ ހެޔޮ ރަޙުމަތާއިއެކު އެކަން ވަރަށް ރަނގަޅަށް މިދަނީ ހާސިލު ވަމުން. އަދި މިކަމުގައި ޒޭނާގެ އެހީވެސް އަޅުގަނޑު ވަރަށް ބޭނުން. ދިރިއުޅުމުގެ ދެން ހުރި ކަންކަމާއި ވިސްނަން ބޭނުންވަނީ ޒޭނާ ތިޔަ ބަލީން އެކީ ފަސޭހަވެ އެންމެނާއި އެކު އުފަލުގައި އުޅޭތަން ފެންނާނެ ގޮތްވުމުން. އަޅުގަނޑު ޒޭނާއަށް ޔަގީން ކަންދެން، އަޅުގަނޑުގެ ފަރާތުން ދުވަހެއްގައިވެސް ރަސްގެފާނާއި ޒޭނާ ދެރަވާނޭ އެއްވެސް ކަމެއް ނުވާނެ. އަޅުގަނޑަށް މިއަދު ތިޔަ ޢާއިލާއާއި ވަކިވެވެން ނެތް އެންމެ ބޮޑު އެއްސަބަބަކީ، ރަސްގެފާނަކީ ސާރާގެ ކާފަ ކަމުގައި ސާރާ ގަބޫލު ކުރުން. އަދި އެހެންމެ ސާރާއަކީ ރަސްގެފާނުގެވެސް ދަރިޔެއް ކަމަށް ބަލައިގަނެފި. އޭނާގެ ސަބަބުން ރަސްގެފާނުގެ މިލާފައިވާ މޫނުފުޅަށް އުފާވެރިކަން ގެނުވައިދީފި. އެހެންވީމާ އަޅުގަނޑަށް ތިޔަ އާއިލާއާއި ވަކިވެވެން އެބަ އޮތްތަ؟ "

މިހެން ބުނުމަށްފަހު ޝުޢައިބު ހޭންފެށިއެވެ. އަދި ޒޭނާވެސް ވަރަށް ލަދު ރަކި ގޮތަކަށް ހީލިއެވެ.

މާބޮޑަށް ލަސްވުމުގެ ސަބަބުން ފަހުން ބައްދަލުކުރުމަށް އަންނާނޭ ކަމުގައި ޝުޢައިބު ޒޭނާގެ ގާތުގައި ބުނެ، ދިޔުމަށް ހިނގައިގަތެވެ. އޭނާ ހިނގައިގަތް ވަގުތު ޒޭނާ ޝުޢައިބު އަށް ގޮވާލުމަށްފަހު އޭނާ ހުއްޓުވިއެވެ. އަދި އޭނާގެ ކުރިމައްޗަށް އެރުމަށްފަހު އަސަރުން ފުރިގެންވާ ބެލުމަކުން ޒޭނާ ޝުޢައިބުއަށް ބަލާލިއެވެ.

" ދަނީތަ؟ އަޅުގަނޑު އަދި ބޭނުން ވަރަށް މުހިންމު ވާހަކައެއް ދައްކަން. ހީކުރަން އަޅުގަނޑަށް ވަގުތުކޮޅެއް ދޭނެކަމަށް. މާދަމާރޭ މިވަގުތަށް  އިންތިޒާރު ކުރާނަން. "

ޒޭނާ މިހެން ބުނުމުން ޝުޢައިބު އިސްދަށަށް ޖަހައިގެން ހުރެ އާނއެކޭ ބުނުމަށްފަހު ހިނގައްޖެވެ.

ޝުޢައިބު ގެޔަށް ދިއުމަށްފަހު މިރޭ އެދިމާވި ކަންތަކާއި އަދި ޒޭނާ ދެއްކި އެވާހަކަތަކާއި މެދު ވަރަށް ބޮޑަށް ވިސްނަން ފެށުނެވެ.

" ޒޭނާ ޝުޢައިބުއާއި ބެހޭގޮތުން އެދައްކަނީ ކޮންފަދަ ވާހަކަ ތަކެއް ބާވައެވެ. އޭނާގެ ހިތުގައި ޝުޢައިބަށްޓަކާ އެއޮތީ ކޮންކަހަލަ ހަމްދަރުދީ އަކާއި އޯގާތެރިކަމެއް ބާއެވެ. ރަސްގެފާނު އެވަރުގެ ބޮޑު ވަސިއްޔަތެއް ޒޭނާއަށް އެކުރީ ކީއްވެގެން ހެއްޔެވެ. ޒޭނާ ޝުޢައިބުއާއި ރުހި ކައިވެނި ކުރަން ބޭނުންވަނީ ހެއްޔެވެ. ޒޭނާ ދައްކަމުން ގެންދާ ބައެއް ވާހަކަތަކުން އޭނާ ބޭނުންވާ ގޮތަކީ އެއީ ކަމުގައިވެސް ޝުޢައިބު އަށް ހީކުރެވެއެވެ. އަދި މީގެ ކުރީން ޒޭނާ ދުވަހަކުވެސް ނުބުނާ ވާހަކައެއް މިރޭ ބުނެފިއެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *