ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެދިވަޑައިގެންފި

Dފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ފުލުހުންގެ އިސްވެރިންނާއި، އޮފިޝަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް އެ މަޢުލޫމާތެއް ޙިއްޞާކުރުމަށެވެ. އަދި ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ގެނަސްދިނުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމަށާއި، ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި، ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މަޢުލޫމާތު ފެތުރުންވެސް ދުރުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށެވެ. އަދި އެގޮތަށް ފުލުހުންގެ މުއައްސަސާ ކުރިއަށްގެންދިއުމުގައި އަދި ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަޚުރެއްކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *