ގެއެއްގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ. އަދި އެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުފުޅު ވެސް ކުރައްވައިފި އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މައްސަލަގަނޑު ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުމްނު، 21، ވެއްޓިފައިވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
