ވާހަކަ: ޝުޢައިބު (14 ވަނަބައި)

(27 އޭޕްރިލް 2025 ގެ ނޫހާއި ގުޅޭ)

މާދަމާ ރޭ އެގަޑިއަށް އޭނާ ޝުޢައިބުއަށް އިންތިޒާރު ކުރާނޭ ވާހަކައެވެ. އަނެއްކާ ޒޭނާ ޝުޢައިބުގެ ގާތުގައި ދައްކަން އެއުޅެނީ ކޮންކަހަލަ ވާހަކަ ތަކެއް ބާވައެވެ. ކޮންމެ ގޮތަކަށް ކަންވީ ނަމަވެސް އެންމެ ރަނގަޅެވެ. މިއަދު ރަސްގެފާނާއި ޒޭނާ ދޫކޮށް މިޝަހަރުން ދެވޭކަށް ނެތެވެ. ރަސްގެފާނު ސާރާ އޭނާގެ ދަރިޔެއްގެ ގޮތުގައި ބަލައިގަނެފިއެވެ. އެމީހުންގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމާއި ގާތްކަމުގެ ސަބަބުން ޝުޢައިބުއަކީ އެމީހުންނަށް ވަރަށް މުހިންމު ފަރާތެއްގެ ގޮތުގަ މިވަނީ ވެފައެވެ.

ޒޭނާއަކީ ރަނގަޅު އަޚުލާގެއްގެ ވެރި މާތް އަންހެން ކުއްޖެކެވެ. ވޭތުވެގެން މިދިޔަ ދުވަސްތަކުން ޒޭނާގެ ކިބައިން ޝުޢައިބުއަށް ފެނިފައިވާ މިސިފަ ތަކުގެ ސަބަބުން ޝުޢައިބުގެ ހިތުގައިވެސް ޒޭނާއަށްޓަކައި ބުނެދޭން ނޭނގޭ ގާތްކަމަކާއި ލޯތްބެއް މިވަނީ އުފެދިގެން ގޮސްފައެވެ. އަނތްބެއްގެ ފަރާތުން އޭނާ ބޭނުންވާނޭ ހުރިހާ ސިފަތަކެއް ޒޭނާގެ ގައިގައި އެބަ ހުއްޓެވެ. ފަހަކަށް އައިސް އޭނާއަށް އަބަދުވެސް ޒޭނާއާއި ދޭތެރޭ ވިސްނެއެވެ. އަދި ޒޭނާ ފެންނަ ކޮންމެ ވަގުތަކު ބުނެދެން ނޭނގޭ ހާސްކަމެއް އެހިތަށް ވެރި ކުރުވައެވެ.

ޝުޢައިބުގެ ހިތަށް އެރިއެވެ. އެފަދަ މަތިވެރި އާރާއި ބާރު ލިބިފައިވާ ރަސްކަލެއްގެ ދަރިޔަކު ޝުޢައިބު ފަދަ މީހަކަށް އެކަށީގެންވާނެ ހެއްޔެވެ؟ ޒޭނާ އަކީ ގަނޑުވަރުގެ ރާނީ އެވެ. ޝުޢައިބަކީ ޒޭނާއާއި ރަސްގެފާނުގެ ނޯކަރެކެވެ. ނަމަވެސް ތަގުދީރުގައި އޭނާގެ އަނތްބެއްގެ ގޮތުގައި ވުމަށް ޒޭނާ ލިޔެވިފައި ވާނަމަ އެކަން އެގޮތުގައި ހަމަޖެހިގެން  ދާނޭކަން ކަށަވަރެވެ.

ރަސްގެފާނުގެ އެދިވަޑައިގަތުމަށް ޝަހަރުގައި ބޭސްވެރިކަން އުނގެނުމަށް އައިސްތިބި މީހުން އެމީހުންގެ އެމަސައްކަތް އަމިއްލަޔަށް ކުރެވޭނޭ ވަރަށް މިހޭދަވީ މުއްތަތުގެ ތެރޭގައި އެމަސައްކަތް ދަސްކޮށްފިއެވެ. ޝުޢައިބު އެމީހުނާއި ބައްދަލުކޮށް ބޭސްވެރިކަމާއި ގުޅޭ ތަފާތުއެކި ސުވާލުތައް ކުރަމުން ގެންދިޔައެވެ. އަދި އެކި ބަލިތަކުގެ ފަރުވާތަކާއި ގުޅޭގޮތުން އޮޅުން އަރާނޭ އެއްވެސް ކަމެއް އޮތްނަމަ ރަނގަޅަށް އޮޅުން ފިލުވުމަށް ޝުޢައިބު އެމީހުނަށް އެންގިއެވެ. އަދި އެމީހުނާއި ބައްދަލު ކުރުމަށްފަހު މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކިއެވެ.

" މިއަދު ކަލޭމެންނަކީ އަޅުގަނޑު ބޭނުންވި ފެންވަރުގެ ބޭސްވެރީން. އެކަމަކު އަޅުގަނޑު ކަލޭމެނަށް ދޭން ބޭނުންވާ ވަރަށް ބޮޑު ނަސޭހަތެއް އެބައޮތް. ބޭސް ވެރިކަމަކީ ވަރަށް ބުރަ މަސައްކަތެއް ކަން މިހާރު ކަލޭމެނަށް ކިޔައިދޭކަށް ނުޖެހޭނެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މިކަމަކީ ވަރަށް ފަރުވާ ތެރިކަމާއިއެކު މިކަމަށް ވަގުތު ދީގެން ކުރެވޭނޭ ކަމެއްކަން. ބޭސްފަރުވާގައި އެއްވެސް މީހަކަށް މަކަރުހަދާ އޮޅުވާލައިގެން ނުވާނެ. ބޭސްވެރިޔަކު އަމިއްލަ މަންފާއެއް ހޯދުމަށް ކުރެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުންވެސް ބަލިމީހާ މުޅި އުމުރުގައި ބަލީގެ ވޭނުގައި އުޅެން ޖެހިދާނެކަން ހަނދާން ބަހައްޓާތި! ފަރުވާ ނިމިގެންދާ މީހާ އެނބުރިދާނީ ހިތްހަމަޖެހުމާއި އެކު ބޭސްވެރިންނާއި މެދު އެމީހުންގެ ހިތުގައި އިތުބާރު އޮންނާނެ ގޮތަށް ކަންކޮށްގެން. "

ޝުޢައިބު އެމީހުނާއި ބައްދަލުކޮށް މިގޮތަށް ނަސޭހަތް ދިނުމަށްފަހު އެއިން ކޮންމެ ފަރާތަކީވެސް މިހާރު އަމިއްލަޔަށް ބޭސްފަރުވާ ކުރެވޭނެ ފެންވަރުހުރި ފަރާތްތަކެއް ކަމުގައި ބުންޏެވެ. އަދި އަމިއްލަޔަށް ބަލިމީހުނަށް ބޭސްކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައިބުނެ އެމީހުނަށް ތަހުނިޔާ ކިޔެއެވެ.

ޝުޢައިބު ރަސްގެފާނާއި ބައްދަލުކުރުމަށް ގަނޑުވަރަށް ހިނގައްޖެއެވެ. އަދި ރަސްގެފާނާއި ބައްދަލުކޮށް ބޭސްވެރިކަން ދަސްކުރަމުން ގެންދިޔަ މީހުން އެމަސައްކަތް ވަރަށް ފުރިހަމަޔަށް ދަސްކޮށްފި ކަމުގައި ދެންނެވިއެވެ. އަދި މިއަދު އޭނާއާއި ނުލާވެސް މިޝަހަރުގައި އެމަސައްކަތް ކުރެވޭނޭ ކަމުގެ އުފާވެރި ޚަބަރު ރަސްގެފާނަށް ދެއްވެވިއެވެ. އިތުރު ބަޔަކަށް މިމަސައްކަތް ދަސްކޮށް ދެއްވުމަށް ބޭނުންފުޅުވެ ލައްވާ ކަމުގައިވާނަމަ ޒޭނާގެ ފަރުވާގެ ކަންކަން ނިމުމުން، އިތުރު ބަޔަކު ހޯދުމަށްފަހު މަސައްކަތް ކުރިޔަށް ގެންދެވިދާނޭ ކަމުގައިވެސް ދެންނެވިއެވެ.

ޝުޢައިބުގެ މިމަސައްކަތާއި ހިތްވަރަށް ރަސްގެފާނު ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އޭނާއަށް ތައުރީފު ކުރެއްވިއެވެ. އަދި މިކަމާއިމެދު ވަރަށް އުފާ ކުރައްވާ، ވަޒީރަށް އެންގެވިއެވެ.

" މާދަމާ ހަވީރު މިގަނޑުވަރުގައި ބޮޑު ހަފުލާއެއް ބާއްވަން އަޅުގަނޑު ބޭނުންވޭ. ޝަހަރުގެ ހުރިހާ ބޮޑުންނަށް މިހަފުލާއަށް ދަޢުވަތުދީ. އަދި ބޭސްވެރިކަން ދަސްކޮށް އެކަން ފުރިހަމަ ކުރެއްވި ހުރިހާ ބޭސްވެރީންނަށްވެސް ދައުވަތު ދޭންވާނެ. މިއީ ޝުޢައިބުއާއި ބޭސްވެރީންނަށް ޚާއްސަ ކުރެވިގެންދާ ހަފުލާއެއް. "

އަދި ރަސްގެފާނު ވިދާޅުވިއެވެ.

" ޝުޢައިބު، ކަލޭގެ ތިޔަ މަސައްކަތާއިމެދު އަޅުގަނޑު ފަޚުރުވެރިވަން. މިއަދު ކަލޭ ސާބިތު ކޮށްދެމުން ތިޔަގެންދަވަނީ، ކަލެޔަކީ ކުޅަދާނަ މީހެއްކަން. ވީމާ ކަލޭ އަޅުގަނޑުގެ ފަރާތުން އެދޭ ކޮންމެ އެދުމެއް ހަމަ އުފަލާއިއެކު ހެޔޮހިތުން ކޮށްދޭނަން. އެހެންވީމާ ކަލޭ ބޭނުންވެލައްވާ ކަމެއް އޮތްނަމަ ފަސްޖެހި ނުލައްވާތި. އެކަމަކީ ކަލެޔަށްޓަކާ އަޅުގަނޑުގެ މުޅި މިލްކިއްޔާތު ދޭންޖެހޭ ވަރުގެ ކަމެއްކަމުގައި ވިޔަސް ދިނުމަކަށް އެއްވެސް ފަހެއް ނުޖެހޭނަން. "

" ޝުޢައިބު، ކުރީންވެސް ވަރަށް ގިނަފަހު ބުނެދެވުނު ފަދައިން، ވަޒީރާއި އަޅުގަނޑުގެ ދަރިފުޅު ޒޭނާއަށް އެދިމާވި ކަންކަމުން ސަލާމަތް ކުރުމަށް ބޭނުންވާނޭ ބޭސްވެރީން މިޝަހަރުގައި ނެތުން. އެއީ އަޅުގަނޑަށް ކުރިމަތި ލެއްވި ވަރަށްބޮޑު ގޮންޖެހުމެއް. ވަޒީރު ކަލޭގެ ގާތަށްގޮސް އޭނާ ބަލީން ފަސޭހަވެގެން އައުމުން އަޅުގަނޑު އަޒުމް ކަނޑައެޅިން. ޝުޢައިބު މިޝަހަރަށް ގެނެސް ކަލޭގެ އެހީތެރިކަމާއިއެކު ރަނގަޅު ބޭސްވެރިން ތަކެއް މި ޝަހަރުގައި އުފެއްދުމަށް. ކަލޭ މިޝަހަރަށް ގެނައި އެންމެ ބޮޑު މަގުސަދަކީ ވެސް އެއީ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން. ޝުޢައިބުގެ ބުރަ މަސައްކަތުން އަޅުގަނޑަށް މިއަދު މިކަން ކާމިޔާބު ކުރެވިއްޖެ. އަދި މިކަމަކީ އަޅުގަނޑުގެ ރަސްކަމުގައި މިޝަހަރަށާއި މުޅި އިންސާނިއްޔަތަށް ކޮށްދެވުނު އަގުހުރި މަސައްކަތެއްގެ ގޮތުގައި ދެކެން. އަޅުގަނޑާއި ޝަހަރުގެ ރައްޔިތުންނަށް މިލިބުނު އުފަލާއި ކާމިޔާބު އެންމެ ބޮޑަށް ހައްގުވާ ފަރާތަކީ ޝުޢައިބު. ވީމާ އަޅުގަނޑު ކަލޭގެ ތިޔަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާނަން. "

ޝުޢައިބު ރަސްގެފާނަށް ދެންނެވިއެވެ.

" ރަސްގެފާނު، އަޅުގަނޑު މަނިކުފާނުގެ ފަރާތުން އެއްވެސް އެއްޗަކަށް އެދޭކަށް ބޭނުމެއް ނޫން. މިހާރުވެސް އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅަށް ތިޔަ ވެވަޑައިގެންނަވާ އެހީ ކުޑައީތޯ؟ މަނިކުފާނުގެ ހެޔޮދުޢާ ފިޔަވާ އިތުރު އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. "

އެރޭ އިޝާ ނަމާދު ކޮށް ނިމިގެން ރަސްގެފާނާއި ވަޒީރާއިއެކު ވަގުތު ހޭދަ ކުރެއްވުމަށްފަހު، ޒޭނާ ޝުޢައިބުއާއި ބައްދަލުކުރުމަށް އެދުނު ވަގުތަށް ޒޭނާގެ ގާތަށް ދިޔައެވެ. އެވަގުތު ޒޭނާ ހުރީ ފެންވަރާ ޒީނަތްތެރި ވެގެން ކޮންމެވެސް މީހެއްގެ އިންތިޒާރުގައިކަން ފެންނަ ކޮންމެ މީހަކަށް ހީވާނެއެވެ. އެވަގުތު ޒޭނާއަށް ޝުޢައިބު ފެނުމުން އެތެރެއަށް ވަނުމަށް ބުންޏެވެ. ޝުޢައިބު މިއަދު ބޭސްވެރީންނާއި ބައްދަލުކޮށް އެމީހުނާއި ދެކެވުނު ވާހަކަތަކުގެ އިތުރުން، ރަސްގެފާނާއި ބައްދަލުކޮށް ދެކެވުނު ވާހަކަތައް ވަރަށް ތަފުސީލުކޮށް ޒޭނާއަށް ކިޔައި ދިނެވެ. އަދި ރަސްގެފާނު އެކަމާއި އުފާފުޅު ކުރައްވާ، މާދަމާގެ ހަވީރަށް ގަނޑުވަރުގައި ބޮޑު ހަފުލާއެއް ބޭއްވުމަށް ހަމަޖެއްސެވި ވާހަކަ ޒޭނާގެ ގާތުގައި ބުންޏެވެ. އެކަމަކު އެހާ ބޮޑު ހަފުލާއެއް އޭނާގެ ޝަރަފުގައި ބާއްވާއިރު ޒޭނާ ނެތުމުގެ ފަޅުކަން އިހުސާސްވާނޭ ކަމުގައި ޝުޢައިބު ބުންޏެވެ.

ޒޭނާވެސް މިކަމާއި އުފާކޮށް ލިބުނު ހެޔޮ ހަބަރާއިއެކު ޝުޢައިބުއަށް ޝުކުރު އަދާ ކުރިއެވެ. އަދި ރަސްގެފާނުގެ މިހާތަނަށް ހާސިލު ނުވެ އޮތް ވަރަށް ބޮޑު އެދުމެއް އޭނާ ހާސިލުކޮށް ދިނީތީ ޒޭނާވެސް ހުރީ ވަރަށްހިތްހަމަ ޖެހިފައެވެ.

" ޝުޢައިބު، އަޅުގަނޑު އެތަނުގައި ނެތަސް ދެރަނުވާތި. ކޮންމެ ތަނެއްގައި ހުރިކަމުގައި ވީނަމަވެސް އަޅުގަނޑުގެ ހެޔޮ ދުޢާ، ކަލެޔާ ސާރާ އާއި އެކީ ވާނެ. ކަލެޔަށް ލިބޭ ކޮންމެ އުފަލެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑު އަބަދުވެސް ހިއްސާވާނަން. ލިބޭ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި، އެހީތެރި ވުމަށް އަބަދުވެސް ހުރެދޭނަން. ކަލޭ އައުމުގެ ކުރިން ބައްޕަ އަޅުގަނޑާއި ބައްދަލުކޮށް ތިޔަ ހުރިހާ ވާހަކަ ތަކެއްވަނީ ދައްކަވާފައި. އަޅުގަނޑު ބައްޕަގެ އަރިހުގައި ދެންނެވީން، ބައްޕަ އެދިވަޑައިގަންނަވާ ގޮތަށް އެކަން ކުރިޔަށް ގެންދިޔުމަށް. "

ޒޭނާގެ ވާހަކަތައް އަހަން އިނުމަށްފަހު ޝުޢައިބު ބުންޏެވެ.

" ކީއްވެ އަޅުގަނޑާއި މެދު ޒޭނާ ތިހާ ބޮޑަށް ތިޔަ ވިސްނަނީ. މީގެ ކުރިން ދުވަހަކުވެސް މީހަކު އަޅުގަނޑާއި މެދު ނުވިސްނާ ވަރަށް ޒޭނާ ވިސްނާކަން އެބަ އެނގޭ. އެއީ ކީއްވެގެންތަ؟ "

" ޝުޢައިބު، މިއަދު ކަލެޔަކީ އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް މުހިންމު ފަރާތެއް. މުހިންމު ވާން ޖެހުނު ސަބަބުތައްވެސް ވަރަށް ގިނަ. އަޅުގަނޑު ކަލެޔާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން. އަޅުގަނޑުގެ މުޅި ދިރިއުޅުން ވިއްސި ވިހާލި ވެފައިވީ ވަގުތު އަޅުގަނޑުގެ އަތުގައި ހިފައިގެން ކުރިޔަށް ގެންގޮސް ދިނީ ޝުޢައިބު. ބައްޕަ އަޅުގަނޑާއި މެދު ހިތާމަ ކުރައްވާ މުޅި ދުނިޔެ މަތީން ފޫހިވެފައި ހުރި ވަގުތު އެމޫނު މައްޗައް ހިނިތުން ވެރިކަމާއި އުފާވެރިކަން ގެނުވައި ދިނީވެސް ކަލޭގެ މިންނެތް މަސައްކަތުން. އެހެންވީމާ އަޅުގަނޑަށް ކަލޭ މުހިންމު ނުވާންވީ ސަބަބެއް ބުނެބަލަ؟ "ޝުޢައިބު" އަޅުގަނޑު ސުވާލެއް ކޮށްލަންތަ؟ ތިޔަ އެކަނިވެރި ދިރިއުޅުން އަދިވެސް ވޭތު ކުރަމުން ހަމަ ގެންދާނީ ތިޔަ ގޮތުގައިތަ؟ ކަލެޔަށްވެސް އަނތްބެއްގެ ލޯތްބާއި އަޅާލުން ހަމަ ބޭނުންވާނެ ނޫންތަ؟ ޝުޢައިބު އަމިއްލަ ދިރިއުޅުމަކާއި ދޭތެރޭ ނުވިސްނަންތަ؟ "

ޒޭނާ އެގޮތަށް ޝުޢައިބުއާއި ސުވާލު ކުރުމުން ވިސްނާލުމަށް އިނުމަށްފަހު ބުންޏެވެ.

" އަޅުގަނޑުވެސް ތިޔަކަންކަމާއި މެދު ވިސްނަން. ނަމަވެސް ޒަވާޖީ ހަޔާތެއް ފަށައިފިނަމަ ރަސްގެފާނާއި ޒޭނާ އާއި ވަކީން އުޅެން ޖެހިދާނެ. އަޅުގަޑު މީގެ ކުރީން ވައުދުވެފައިވާނެ، ތިޔަދެބަފައިން ދޫކޮށް އެއްވެސް ތަނަކަށް ނުދިއުމަށް. ވީމާ އަޅުގަނޑު ކައިވެންޏެއް ކުރާކަށް އަދި ގަސްތެއް ނުކުރަން. "

މިހެން ބުނުމަށްފަހު ޝުޢައިބު ވަރަށް ފަރުވާތެރި ކަމާއިއެކު ޒޭނާގެ މޫނަށް ބަލާލިއެވެ. އެވަގުތު ޒޭނާ ވަރަށް ލަދުން އިނދެ އިސްދަށަށް ޖެހިއެވެ. އަދި އޭނާގެ ހިތަށް އެރިއެވެ. ޝުޢައިބު ގާތުގައި ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށް މިއީ އަދި އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.

ޒޭނާ ވާހަކަތައް ކުރިޔަށް ގެންދަމުން ޝުޢައިބުގެ ގާތުގައި ބުންޏެވެ.

" ކަލޭ މީހަކާއި ކައިވެނި ކުރިޔަސް އަޅުގަނޑު މެންނާއި ވަކީން އުޅޭކަށް ނުޖެހޭނެ. މުޅި އުމުރަށްވެސް އަޅުގަނޑު މެންނާއި އެކު މިގަނޑުވަރުގައި ދިރިއުޅެވޭނެ. "

ޒޭނާގެ އެވާހަކަ ހުއްޓުވުމަށްފަހު ޝުޢައިބު ބުންޏެވެ.

" ތިޔަކަމާއި ދޭތެރޭގައި ވިސްނަން އަދި ތަންކޮޅެއް އަވަސްހެން ހީވަނީ. ތިޔަފަދަ ކަންކަމާއި އަޅުގަނޑު ވިސްނާނީ ޒޭނާގެ ފަރުވާ އެކީ ފުރިހަމަވީމަ. އެންމެ ރަނގަޅެއްނު. ކޮންމެ ކަމެއްވެސް ވުމަށް އެކަމަކަށް ވަގުތު ޖެހުމުން އެކަމެއް ހަމަޖެހިގެންދާނެ، ޒޭނާ ރޭގަ ބުނީމެއްނު ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުމޭ. އެއީ ކޮންވާހަކައެއް؟ "

ޝުޢައިބު މިހެން ބުނުމުން ވިސްނާލުމަށް އިނުމަށްފަހު ގަސްތުގައި އޭނާ ދައްކަން ބޭނުންވި ވާހަކަ މަޑުޖައްސާލިއެވެ. އަދި ރަސްގެފާނާއި ޒޭނާ މީގެ ދުވަސްކޮޅެއް ކުރީން ކުރުމަށް ނިންމާފައިވާ ކަމެއް ނުސީދާ ގޮތަކަށް އޭނާއަށް ހާމަ ކުރިއެވެ.

" އަޅުގަނޑު ކަލެޔާއި ދައްކަން ބޭނުންވި ވާހަކައަކީ ކަލޭގެ ދިރިއުޅުމާއި ގުޅިފައިވާ، ވަރަށް މުހިންމު ކަމެއްގެ ވާހަކައެއް. ނަމަވެސް މިރޭ އެކަން ހާމަ ކުރާކަށް ބޭނުމެއްނޫން. އެކަމަކު މާދަމާ ހަވީރު ހަފުލާގެ ތެރެއިން އެއީ ކޮންކަމެއްކަން އެނގި ސާފު ވެގެންދާނެ. އަދި އެކަން ހާމަ ވެގެން ދިއުމުން ކަލޭ ވަރަށް ބޮޑަށް ހައިރާންވެސް ވާނެ. އަދި އެހާމެ އުފާވެސް ވާނެ. އެކަމާއި ބެހޭގޮތުން މިރޭ އިތުރަށް ސުވާލު ނުކުރޭ! "

" ޝުޢައިބު، މިފެށޭ އަހަރު ސާރާ އެހެން މަކުތަބަކަށް ފޮނުވަން ވީނު. މިއީ އަޅުގަނޑު ސާރާއާއި މެދު ކުރާ ވަރަށް ބޮޑު އުންމީދެއް. ސާރާ ދީނީ ޢިލްމު އުނގަންނައި ދިނުން. އޭނާ ދީނީ އިލްމު އުނގެނި އޭނާގެ ފަރާތުން އެޢިލްމު މީހުނަށް އުނގަންނައިދެވިގެން ދިޔުމަކީ އަޅުގަނޑާއި ބައްޕަގެ ވެސް ވަރަށް ބޮޑު ހުވަފެނެއް. ސާރާ އަދި އަޅުގަނޑުގެ ލޮލަށް ފެނިފައި ނުވާކަމުގައި ވީނަމަވެސް އަޅުގަނޑަކީ ބައްޕަ ލޯބިވެ ލައްވާ މީހުންދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެއް. އެހެންކަމުން ސާރާއަކީ ވެސް އަޅުގަނޑުގެ ދަރިޔެއްގެ ގޮތުގައި ދެކެން ބޭނުން. "

ހަމަ އެވަގުތު ޒޭނާއަށް އިޚުތިޔާރުން ބޭރު ވެވިއްޖެއެވެ. އަދި ބޭއިޚުތިޔާރުގައި ޝުޢައިބުގެ މޫނަށް ބަލަން ހުރުމަށް ފަހު މަޑުމަޑުން ބުނެލެވުނެވެ.

" ޝުޢައިބު، ކަލެޔާއި ގުޅިފައިވާ ކޮންމެ ކަމަކީ އަޅުގަނޑާއިވެސް ގުޅިފައިވާ ކަމެއް. ކަލޭ ލޯބިކުރާ ކޮންމެ ކަމަކާއި ކޮންމެ އެއްޗަކީވެސް އަޅުގަނޑު ލޯބި ކުރާނެ އެއްޗެއް. އަދި ކަލޭ ލޯބިވާ މީހުންނަކީވެސް އަޅުގަނޑު ލޯބިވާ މީހުން. "

ޒޭނާ ލޯ މަރާލުމަށްފަހު، ވަރަށް މަޑުމަޑުން ޝުޢައިބު ގާތުގައި ބުންޏެވެ. " ޝުޢައިބު " އަޅުގަނޑު ކަލޭ ދެކެ…… "

ޒޭނާ އަށް މިހިސާބަށް ބުނެވުނު ވަގުތު އެވާހަކަ ހުއްޓުވުމުގެ ނިޔަތުގައި، ހަމަ ގަސްތުގައި އޭނާގެ އެވާހަތައް ހުއްޓުވުމުގެ ގޮތުން ޝުޢައިބު ޒޭނާގެ ގާތުގައި ބުންޏެވެ.

" ރަސްގެފާނާއި ޒޭނާ ސާރާއާއި ދޭތެރޭ ތިޔަ ގޮތަށް ވިސްނަވަމުން ގެންދަވާތީ، އެކަމަކާއި އަޅުގަނޑު ވަރަށް އުފާ ކުރަން. އަޅުގަނޑުވެސް ސާރާގެ މުސްތަގުބަލާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން. އެކަމަކު ޒޭނާގެ ތިޔަ ވާހަކަ ތަކުން ދަރިޔަކާއި ދޭތެރޭ މަޔަކު ވިސްނާނެ ވަރާއި ކުރާ އުއްމީދު، މިރޭ ތިޔަ ވާހަކަ ތަކުން ހާމަ ވެގެން ހިނގައްޖެ. ޒޭނާ ފަސޭހަ ވެގެން އެނބުރި އައިސް ސާރާއާއި ހަވާލުވޭ! ސާރާ އަކީ ޒޭނާގެ ދަރިޔެއް. އެންމެ ރަނގަޅެއްނު؟

(ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *