ފާފަކުރުން އަވަހަށް ހުއްޓާލާށެވެ!

ﷲ ތަޢާލާއަށް އުރެދި ފާފަތައް ކުރަން މިއަދު ޖެހިލުން ނުވަނީއެވެ. އެހެންވެ މިބަސްކޮޅުގެ އަޑުއަހައިލާށެވެ!

عُمر بن ذَرٍّ رحمه الله ވިދާޅުވިއެވެ. "އޭ ﷲ އަށް އުރެދުންތެރިވާމީހުންނޭވެ! ﷲ، ތިއަބައިމީހުންނަށް ޢުޤޫބާތްދެއްވުން ދެމިގެންދިއުމާމެދު، ތިއަބައިމީހުން ކެހިވެރިނުވާށެވެ! ތިއަބައިމީހުން އެކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް އުޅުމަށް ބިރުވެތިވާށެވެ.

ﷲ ތައާލާ ކޯފާވެވޮޑިގަންނަވާ ފަދައިން ޢަމަލުކުރަން މިއަދު ޖެހިލުންވަނީ މަދު މީހެއް ކަމަށް ބުނަން ޖެހެނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް ޢަރައިގަންނަން ބިރުވެތި ނުވާ މީހުންގެ ޢަދަދު ގިނަކަމުންނެވެ. އެހެން މިވަނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރިނަމަވެސް ދުނިޔެމަތީގައި އެކަމަށް ޢުޤޫބާތް ދެއްވަވާތަން ފެންނަ މިންވަރު މަދުކަމުންނެވެ.

ހަމަ އެކަނި މިއާޔަތަށް ވިސްނައިލި ނަމަވެސް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ޢަމަލުތައް ކުރަން ޖެހިލުންވާ މީހުންގެ ޢަދަދު އެތައް ގުނައަކަށް ގިނަވެގެންދާނެއެވެ.

"ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން ޣަރަޤް ކުރެއްވެވީމެވެ." (އައްޒުޚްރޫފް: 55)

ކޮންމެ މީހަކީ ކަނޑަށް ޣަރަޤް ކުރައްވަވާ މީހަކަށް ނުވެދާނެއެވެ! ނަމަވެސް މިއާޔަތުން އެނގިގެންދަނީ އެމީހަކަށް ކުރިމަތިލާން ޖެހިދާނެ ޢުޤޫބާތެއްގެ ބޮޑުކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތައާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމަށް ބިރުވެތިވާށެވެ! މިދުނިޔޭގައި އެކަމުގެ ވޭން އުފުލަން ޖެހުނު ނަމަވެސް އާޚިރަތް ދުވަހުން ކުރިމަތިލާން ޖެހިދާނެ ގަދަފަދަ ޢަޛާބަށް ބިރުވެެތިވާށެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *