(1 މެއި 2025 ގެ ނޫހާއި ގުޅޭ)
އޭނާއަށް ފެންނަ ގޮތަކަށް ސާރާގެ ކަންކަން ކުރުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. ހަމަ ގައިމުވެސް ޒޭނާގެ ތިޔަ ތަރުބިއްޔަތު ލިބިގެން ސާރާ ބޮޑު ވެއްޖެނަމަ އޭނާ އަކީ އަޅުގަނޑު ބޭނުންވާ ފަދަ ދަރިޔަކަށް ވާނޭކަން ކަށަވަރު. އަޅުގަނޑު ޒޭނާއަށް ވަރަށް އިތުބާރު ކުރަން. "
މިވާހަކަ ތައް ދައްކާ ނިމުމަށް ފަހު އެރޭ ޝުޢައިބު ހިނގައްޖެއެވެ. އޭނާ ގެޔަށް ދިއުމަށްފަހު ޒޭނާގެ އެވާހަކަތަކާއި މެދު ވިސްނިއެވެ.
" ޒޭނާ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ…؟ ޒޭނާ އަހަރެންނާއި ކައިވެނި ކޮށްފާނެ ބާވައެވެ….؟ ސާރާއާއި މެދު އޭނާ އެހާ ފޮނި އުންމީދެއް އެކުރަނީ އޭނާގެ ހިތުގައި އަހަރެންނާއި މެދު ވަރަށް ޚާއްސަ ކަމެއް އޮތުމުންކަން ގައިމެވެ. ސީދާ ނުބުނި ކަމުގައި ވިޔަސް އެކި ގޮތްގޮތުން އޭނާއަށް އަހަރެންގެ މުހިންމުކަން ބުނެދީފިއެވެ. އަދި މިރޭވެސް ނުސީދާ ގޮތެއްގައި އޭނާ ބޭނުންވާ ކަންކަން ބުނެދީފިއެވެ… އާހް… ނޫނެކެވެ. މިއީ އޭނާއަށް ކުރެވޭ ކުށްހީ އެކެވެ. ޒޭނާ އެފަދަ ނަޒަރަކުން އަހަރެންނާއި މެދު ނުވިސްނާނެއެވެ. ޒޭނާ ބަލީން ރަނގަޅުވުމުން ރަސްގެފާނު އޭނާ ކައިވެނި ކުރުމަށް ކޮންމެވެސް ޝާހީ ޢާއިލާއަކުން މީހަކު މިހާރު ހުންނާނީ ހަމަޖައްސާފައިކަން ޔަގީނެވެ. އޭނާގެ ހިތަށް އެރިއެވެ. ޒޭނާ މިރޭ އެދެއްކީ ހަފުލާގައި ކޮންކަމެއް އޭނާއަށް ހާމަ ވެގެން ދާނޭ ކަމެއްގެ ވާހަކައެއް ބާވައެވެ. ރަސްގެފާނާއި ޒޭނާ، ޝުޢައިބުއާއި ބެހޭގޮތުން އެދެއްކީ ކޮން ވާހަކަ އެއް ހެއްޔެވެ. އަދި ނިންމާފައިވާ އެބޮޑު ނިންމުމަކީ ކޮބާ ބާވައެވެ. ވެދާނެއެވެ. އޭނާގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޮޑު އިނާމެއް ރަސްގެފާނު އެހަފުލާގައި އޭނާއަށް އަރުވަނީ އެވެ."
ޖެހިގެން އައި ދުވަހު ޝުޢައިބު ކުޑަކޮށް އަރާމު ކޮށްލުމަށްފަހު މެންދުރުފަހު ގަނޑުވަރަށް ހިނގައްޖެއެވެ. އަދި ޒޭނާއަށް ދޭންޖެހޭ ބޭސް ތައްޓެއް ތައްޔާރުކޮށްގެން ޒޭނާގެ ގާތަށް ދިޔައެވެ. އަދި ޒޭނާގެ ގާތުގައި ތަފާތު އެކި ވާހަކަ ތަކުގައި ކުޑައިރުކޮޅަކު މަޑުކޮށްލައިގެން އިނެވެ. އެވަގުތު ހަފުލާ ފެށޭ ވަގުތު ކައިރިވުމުން ހަފުލާއަށް ދިޔުމަށް ތައްޔާރުވުމަށް، ޒޭނާ ޝުޢައިބުގެ ގާތުގައި ބުންޏެވެ. ޒޭނާ އެހެން ބުނުމުން ހަފުލާ ނިންމާފައި ބައްދަލުކުރަން އަންނާނޭ ވާހަކަ ބުނުމަށްފަހު އޭނާ ހިނގައްޖެއެވެ.
ހަފުލާ ފެށުމަށް ހަމަޖެހިފައިވާ ވަގުތު ޖެހިއްޖެއެވެ. ޝުޢައިބުވެސް ހަފުލާއަށް އައިސް ރަސްގެފާނާއި ދަރިފުޅު ސާރާގެ ގާތުގައި މަޑު ކުރިއެވެ. ގިނައިރު ތަކެއް ނުވެ، ޝަހަރުގެ އެކި ފަންތީގެ ބޮޑުންނާއި ތަފާތު ބޭސްވެރީންގެ އިތުރުން ދަޢުވަތު ދެވުނު އެކިފަރާތް ހަފުލާއަށް ވަޑައިގެން، ރަސްގެފާނާއި ދިޔައީ ބައްދަލު ކުރަމުންނެވެ. އަދި މިހަފުލާއަށް ހާޒިރުވި ކޮންމެ ފަރާތަކާއި ޝުޢައިބުއާއި ބައްދަލު ކުރުވިއެވެ. އަދި މިއަދުގެ ހަފުލާ އެންމެ ޚާއްޞަ ކުރެވިފައިވާ، އަލަށް ފަތްޕިލާވެލީގެ ބޭސްވެރިކަން ދަސްކުރި ބޭސްވެރިންވެސް ހަފުލާއަށް ހާޒިރުވެއްޖެއެވެ.
ހަފުލާ ފެށިއްޖެއެވެ. ހަފުލާ ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން، ވަޑައިގެން ތިއްބެވި ހުރިހާ ފަރާތްތަކާއި މުޚާތަބު ކުރެއްވެވީ ރަސްގެފާނެވެ. އަދި ރަސްގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވިއެވެ.
" ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތް ތެރީން. މިއަދުގެ މިހަފުލާ އަކީ އަޅުގަނޑާއި މިޝަހަރުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ގުޅިގެން ބޭއްވޭ ހަފުލާއެއް. ސަބަބަކީ މިތިއްބެވި "ވިހި" ބޭކަލުންނަކީ މިޝަހަރުގައި މީގެ ކުރީން އުވިގެން ގޮސްފައިވާ ފަތްޕިލާވެލީގެ ބޭސްވެރިކަން، އެކަމުގެ ކުޅަދާނަ އެދުރެއްގެ ގާތުން ދަސްކޮށް މާދަމާ މިޝަހަރުގެ ބަލި މީހުންގެ ޚިދުމަތަށް ނުކުންނަން ތިއްބެވި ކުޅަދާނަ ބޭސްވެރީން ތަކެއްކަމުގައި ވުން. މިހަފުލާއަކީ މިބޭފުޅުންގެ ޝަރަފުގައި ބޭއްވިގެންދާ ހަފުލާއެއް ކަމުން އަޅުގަނޑު އެހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔަން. "
" މިއަދު ތިޔަ ފަރާތްތަކާއި އަޅުގަނޑު ކަމެއް ހިއްސާ ކޮށްލަން ބޭނުން. އެނގޭނޭ ފަދައިން މީގެ ދުވަސް ކޮޅެއް ކުރީން، އަޅުގަނޑުގެ އިސް ވަޒީރު ވަނީ ބޮޑު ބައްޔެއްގެ ޝިކާރަ އަކަށްވެ މިޝަހަރުގެ ހުރިހާ ބޭސްވެރީން އޭނާއާއި މެދު އުންމީދު ކަނޑާލާފައި. ދުނިޔޭގެ އެކި ހިސާބު ތަކަށް ދަތުރު ކޮށްގެންވެސް ހުރިހާ އެންމެންވެސް ބުނަމުން ގެންދިޔައީ ހަމަ އެންމެ ވާހަކައެއް. އޭނާ އެބަލިން ފަސޭހަ ނުވާނޭ ކަމަށް. ނަމަވެސް މިކަރައިގެ ޝަހަރަކުން ދިމާވި ކުޅަދާނަ ބޭސްވެރިޔެއްގެ މިންނެތް މަސައްކަތުން ވަޒީރު މިއަދު އެވަނީ އެކަމުން އެކީ ފަސޭހަ ވެފައި. "
" ތިޔަ ބޭސްވެރީންނަށް އެނގިލައްވާނެ، އަޅުގަނޑުގެ ދަރިފުޅަށް ދިމާވި ކަންތައް. މީގެ ދުވަސްކޮޅެއް ކުރީން ހަމަ އެފަދަ ހިތާމަވެރި ކަމަކާއި ކުރިމަތިލާން ޖެހުނުކަން. އަދި މިގޮތް ނޭނގޭ ބަލީގައި މިޝަހަރުގެ އެތަކެއް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައި. އަޅުގަނޑުގެ ދަރިފުޅަށް އެބަލި ޖެހުމުން ތިޔަ ބޭސްވެރީން އެދަރިފުޅާއި މެދުވެސް އުންމީދު ކަނޑާލި. "
ރަސްގެފާނުގެ ވާހަކަ މިހިސާބަށް ދިޔައިރު ހިތަށް ކޮށްފައިވާ އަސަރުން ވާހަކަ ފުޅު ކުރިޔަށް ގެންދެވުމަށް އުނދަގޫފުޅުވިއެވެ. އަދި އިސްދަށަށް ޖައްސަވާލެއްވުމަށް ފަހު ހިތްވަރާއި އެކު ވާހަކަ ފުޅު ކުރިޔަށް ގެންދެވިއެވެ.
" ދަންނަވަންތޯ؟ ތިޔަ ބޭފުޅުންނަށް ހީކުރެވިފައިވާނީ، އަޅުގަނޑުގެ ދަރިފުޅު މިހާރު މިދުނިޔޭގައި ނެތް ކަމަށް. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެއް. އަޅުގަނޑުގެ ދަރިފުޅު ޒޭނާ މިއަދު އެވަނީ އެބަލީން އެކީ ފަސޭހަ ވެފައި. ދަރިފުޅު ހެޔޮ ހާލުގައި އަޅުގަނޑާއިއެކު މިގަނޑުވަރުގައި އެބަ އުޅުއްވާ. ވަރަށް ހައިރާންވެލައްވައިފި ދެއްތޯ؟"
ރަސްގެފާނު ޒޭނާއާއި ބެހޭގޮތުން މިދިން ޚަބަރާއި އެކު އެންމެންވެސް ތިބީ ވަރަށް ހައިރާން ވެފައެވެ. އަދި އެވާހަތައް ގަބޫލު ކުރަންވެސް ދަތިވެފައެވެ.
އަދިވެސް ރަސްގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވިއެވެ.
" ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އަރާފާނެ ތިމަންނާމެންނަށް ނުކުރެވުނު ފަރުވާއެއް އެހާ ފުރިހަމައަށް ކޮށްފައި އެވަނީ ކޮންފަރާތަކުން ބާވައޭ؟"
އެވަގުތު ޝުޢައިބުގެ ގާތަށް ޖެހިވަޑައިގަތުމަށްފަހު ރަސްގެފާނު ވިދާޅުވިއެވެ.
" ވަޒީރާއި އަޅުގަނޑުގެ ދަރިފުޅުގެ ބައްޔަށް ބޭސްކޮށް، ފަރުވާދީ އެބަލީން ފަސޭހަކޮށް ދީފައިވާ މީހަކީ މި ކުޅަދާނަ ބޭސް ވެރިޔާ ޝުޢައިބު. އާން، ޝުޢައިބު އަކީ ކުޅަދާނަ ބޭސްވެރިއެއް. އޭނާގެ މަސައްކަތުން މިތިބަ ބޭސްވެރީން އެފަންނު ދަސްކޮށް ދީފި. ﷲ ގެ ތަނަވަސް ރަޙުމަތުން މިޝަހަރުން އުވިގެންގޮސްފައިވާ ފަތްޕިލާ ވެލީގެ ބޭސްވެރިކަން ކުރާނޭ ފަރާތްތަކެއް ޝުޢައިބުގެ މަސައްކަތުން ތަމުރީނުކޮށް ދެއްވައިފި. އަޅުގަނޑު އެދެނީ ތިޔަ ބޭސްވެރީންވެސް މިރޮނގުން އިތުރަށްވެސް ޝުޢައިބުގެ ގާތުން އުނގެނުމަށް."
" ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން މިއަދު މިހަފުލާގެ އެންމެ ޝަރަފުވެރި ފަރާތަކީ އެބޭފުޅަކަށްޓަކައި މިމުޅި ޝަހަރުގެ އެންމެހާ ފަރާތްތައް ފަޚުރުވެރި ވާނޭ ފަރާތެއް. އަދި އެބޭފުޅަކީ މިހުންނެވި ޝުޢައިބު. ވީމާ މިހަފުލާގައި ޝުޢައިބުއަށް ޚާއްސަ ޝަރަފެއް އެރުވުމަށް އަޅުގަނޑު ބޭނުންވޭ. "
ރަސްގެފާނު މިހެން ވިދާޅުވުމަށްފަހު ކޮންމެވެސް އެއްޗެއް ގެނައުމަށް ވަޒީރަށް އިޝާރާތް ކޮށްލެއްވިއެވެ. އެވަގުތު ބިއްލޫރި ފޮއްޓެއްގެ ތެރެއަށް ލާފައިވާ ރަނުގެ ތާޖެއް ގެނެސް ރަސްގެފާނުގެ އަތްޕުޅަށް އެރުވިއެވެ. ރަސްގެފާނު އެތާޖު ނެންގެވުމަށްފަހު ހަފުލާގައި ތިބި އެންމެންގެ ކުރިމަތީގައި ޝުޢައިބުގެ ބޮލުގައި އަޅުއްވައި ދެއްވިއެވެ. އަދި ހުރިހާ ބޭފުޅުންނަށް އެންގެވިއެވެ.
" މި ރަނުގެ ތާޖަކީ މުޅި މިކަރައިގެ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ޚާއްސަ މަސައްކަތެއް ކޮށްދީފައިވާތީ އާއި މުޅި މިކަރަޔަށް ރީތި ނަމެއް ހޯއްދަވައި ދެއްވާފައި ވުމުން، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އަޅުގަނޑު ޝުޢައިބުއަށް އަރުވާ އެންމެ މަތީ ޝަރަފުގެ ތާޖު. އަދި މިއަދުން ފެށިގެން ޝުޢައިބުއަކީ މިކަރައިގެ ބޮޑުންގެ ތެރޭގައި ހިމެނޭނެ އިސް ފަރާތެއް. އަދި އިސްވަޒީރުގެ އިތުރުން ޝުޢައިބުއަކީ އަޅުގަނޑަށް ލަފާ އަރުވާ އިސް ފަރާތެއް ކަމުގައި ހަމަޖައްސާ މިކަން އިޢުލާނު ކުރަން. "
" މިއަދުގެ މިހަފުލާގައި މުހިންމު އެހެން ކަމެއްވެސް އެބައޮތް. އެއީ އަޅުގަނޑުގެ ދަރިފުޅު ޒޭނާގެ ފަރާތުން، ޝުޢައިބުއަށް ޚާއްޞަ ކުރެވިގެން އޭނާގެ އެމަތިވެރި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރުވޭ ވަރަށް ޚާއްޞަ ހަދިޔާއެއް ހަވާލުކޮށް ދިނުން. "
" މީގެ ދުވަސް ކޮޅެއް ކުރީން ޒޭނާ ވަނީ އަޅުގަނޑުގެ ކިބައިން އެދިފަ، މުޅި މިކަރައިގަވާ ފަތްޕިލާ ވެލީގެ ބޭސްވެރިކަމަށް ޚާއްޞަ ކުރެވޭ ހަސްފަތާލު މި ޝަހަރުގައި ގާއިމުކޮށް ދެއްވުމަށް. ދަރިފުޅުގެ އެދުމަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑު ވާނީ އެހަސްފަތާލު ބިނާކޮށް ހުރިހާ މަސައްކަތެއްވެސް ނިންމާފައި. މިކަމުގެ އެއްވެސް ޚަބަރެއް އޭރު ޝުޢައިބުއަށް ނުދިނުމަށް ޒޭނާ އަޅުގަނޑުގެ ގާތުގައި ވަނީ އެދިފައި. އަދި ހުރިހާ ކަމެއް ނިމުމުން ޒޭނާ ވަނީ ހަސްފަތާލަށް ނަން ދެއްވުމަށްފަހު، ޝުޢައިބު ބޭނުންފުޅުވެ ލައްވާ ދުވަހަކު ހަސްފަތާލުގެ ޚިދުމަތް ފެއްޓެވުމަށްވެސް ނިންމަވާފައި. އަދި މިހަފުލާގައި ހަސްފަތާލަށް ދެވިފައިވާ ނަން އަޅުގަނޑުގެ ކާފަ ދަރިފުޅު ސާރާ ތިޔަ އެންމެހާ ފަރާތްތަކަށް ޢިއުލާނު ކޮށް ދެއްވާނެ. "
ސާރާ އެންމެންގެ ކުރިމަތީގައި ހުއްޓި ރަސްގެފާނާއި ޝުޢައިބުގެ އަރިހުގައި ހުންނަވައިގެން ޒޭނާ ހަސްފަތާލަށް ދީފައިވާ ނަން އިއުލާން ކުރިއެވެ.
" މިޝަހަރުގެ އެންމެ ބޮޑު ހަސްފަތާލުގެ ނަމަކަށް ދެވިފައިވާ ނަމަކީ، " އައްޠަބީބް ޝުޢައިބު މުސްތަޝްފާ "
ސާރާ ހަސްފަތާލުގެ ނަން އިޢުލާނު ކުރި ވަގުތު ޝުޢައިބު ވަރަށް ބޮޑަށް ހައިރާންވެ ރަސްގެފާނުގެ މޫނުފުޅަށް ބައްލަވާ ލެއްވިއެވެ. އަދި ބުނާނެ އެއްވެސް އެއްޗެއް ނޭނގި ހުރެވުނެވެ. އެވަގުތު ރަސްގެފާނު ޝުޢައިބުއަށް މަރުޙަބާ އާއި ތަހުނިޔާ އަދާކުރުމަށްފަހު ވަރަށް ހިނިތުންވެ ހުންނަވާ ކޮނޑާއި ކޮނޑު ޖައްސަވާ ސަލާން ކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ.
" ވަރަށް ބޮޑަށް ހައިރާންވެ ލައްވައިފިދޯ؟ ޝުޢައިބު، މިހަސްފަތާލުގެ ވެރިޔަކީ ޝުޢައިބު. "
ހަސްފަތާލުގެ އުފާވެރި ޚަބަރު ހުރިހާ ފަރާތްތަކަށް ދެއްވުމަށްފަހު ރަސްގެފާނު ހުރިހާ ބޭސްވެރީންނަށް އެންގެވިއެވެ.
" ހަސްފަތާލުގެ ވެރިޔަކީ ޝުޢައިބު. ތިޔަ ބޭފުޅުން މިއަދުން ފެށިގެން ޝުޢައިބުގެ އެންގެވުމާއި އެއްގޮތަށް ހަސްފަތާލުގައި މަސައްކަތް ކުރަން ފެއްޓެވުމަށް އަޅުގަނޑު އަންގަން. އަދި އޭާ ގެ އިރުޝާދާއި އެއްގޮތަށް މިޚިދުމަތް ދެމުން ގެންދެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް."
ހަފުލާ ނިމިގެން ދިއުމުން އެހުރިހާ ފަރާތަކުން ޝުޢައިބުއާއި ބައްދަލުކޮށް ޝުކުރާއި މަރުހަބާ ދެންނެވިއެވެ. އަދި ބޭސްވެރީން އޭނާއާއި ބައްދަލުކޮށް އޭނަގެ ޚިދުމަތް ޝަހަރުގެ ރައްޔިތުންނަށް ދެއްވުމަށް ވެސް އެދުނެވެ.
ހަފުލާ ނިމި ހުރިހާ މީހުން ދިޔުމުން ޝުޢައިބު ރަސްގެފާނާއި ސުވާލު ކުރެއްވިއެވެ.
" ރަސްގެފާނު، ތިޔަ ވަރުގެ ބޮޑު ކަމެއް ތިޔަ ނިންމެވީ ކީއްވެގެންތޯ؟ އަޅުގަނޑު އެންމެ އަޖައިބުވި ކަމަކީ މިމުޅި ކަރައިގެ އެންމެ ބޮޑު ހަސްފަތާލު މިޝަހަރުގައި ބިނާކޮށް ހަސްފަތާލަށް ނަން ދެއްވާފައި އެވަނީވެސް އަޅުގަނޑުގެ ނަމާއި ގުޅުވާފަ ވުމުން. މިރޭ އަޅުގަނޑު މިހުރީ ނަންގަންނާނޭ އެއްވެސް އެއްޗެއް ނޭނގިފައި. "
ޝުޢައިބުގެ އެސުވާލަށް ޖަވާބު ދެއްވަމުން ރަސްގެފާނު ވިދާޅުވިއެވެ.
" ޝުޢައިބު، މިކަން މިގޮތުގައި ކުރެވުން މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އަޅުގަނޑު މިކަމާއި އެންމެ އުފާވާ ސަބަބަކީ، މިވަރުގެ ހަސްފަތާލެއް މިޝަހަރުގައި ގާއިމު ކުރެވުމުން މުޅި އަރަބި ދުނިޔޭގައި މިކަރައިގެ ބޭސްވެރިކަން މަގުބޫލު ވެގެންދާނެތީ. އަދި ކަލޭގެ ސަބަބުން މިކަރަޔަށް ރީތި ނަން ލިބިގެންދާނެތީ، އޭގެ އިތުރުން މިޝަހަރަށް ލިބެމުންދާ ކުރިއެރުން އެތަށް ގުނަޔަކަށް އިތުރުވެގެން ދާނެ. "
" ޝުޢައިބު، މިއަދު މިއޮތީ ކަލޭގެ ކުރިމަގަށް ވަރަށް ބޮޑު ދޮރެއް ހުޅުވިފައި. މިހާރު މިޝަހަރުގައި ކަލޭ ނޭނގޭ އެކަކުވެސް ހުންނާނޭ ހެނެއް ހިޔެއްނުވޭ. މިހާރު ޝުޢައިބުއަކީ، މިކަރައިގެ ނުފޫޒު ގަދަ ވެރިޔެއް. މުޅި މިކަރައިގައި އެންމެ ބޮޑު ހަސްފަތާލުގެ ވެރިޔާ. އެއީ އަޅުގަނޑު ގެ އަދި ޒޭނާގެ ވެސް ތަނެއް ނޫން. އެއީ ކަލޭގެ މިލްކިއްޔާތު ގައިވާ ކަލޭގެ އަމިއްލަ ތަނެއް. އެއީ އަޅުގަނޑުގެ ދަރިފުޅުގެ ފަރާތުން ކަލެޔަށް އަރުވާފައިވާ ކުޑަ ހަދިޔާއެއް. ޝުޢައިބު، ކަލޭގެ ތިޔަ މަސައްކަތާއި ހިތްވަރުން މުޅި މި އަރަބި ދުނިޔެއަށް މިކަރަ ހުޅުވާލަ ދެއްވާ. އަދި ބޭސްވެރި ކަމުން މިކަރައާއި މެދު މުޅި މިއަރަބި ދުނިޔޭގެ އިތުބާރު ވެސް ހޯއްދަވާ ދެއްވާ. މިއީ އަޅުގަނޑު ދުނިޔޭގައި ހުރެ ދެކެން ބޭނުންވާ ވަރަށް ބޮޑު ހުވަފެނެއް. ކަލެޔަށް މިކަން ކުރެވޭނެ. މިކަން ކުރެވޭނޭ ގާބިލުކަން މިއަދު ކަލޭގެ ގައިގައި ހުރިކަން ތިޔަވަނީ ސާބިތުކޮށް ދީފައި. މި ލިބުނު ފުރުސަތުގައި ވިސްނުން ތެރިކަމާއިއެކު ކުރިޔަށް ގޮސްފިނަމަ ކަލެޔަކީ ވަރަށް ކާމިޔާބު މީހަކަށް ވެގެން ދާނެ."
" މިކަމުގެ ހުރިހާވެސް ޝުކުރެއް ހައްގުވާ ފަރާތަކީ އަޅުގަނޑުގެ ދަރިފުޅު ޒޭނާ. ޒޭނާ ކަލޭގެ މުސްތަގުބަލާއި މެދު ވަރަށް ދުރަށް ވިސްނެވުމަށް ފަހު މިގޮތަށް ކަންކުރުމަށް އަޅުގަނޑު ގާތުގައި އެދުނީ. އަދި މި މަސައްކަތް މިގޮތަށް ކުރިޔަށްދިޔަ ދުވަސްތަކުގައި މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ކަލެޔަށް ހާމަ ނުކުރުމަށް ޒޭނާ އަޅުގަނޑާއި ވަޒީރުގެ ގާތުގައި ވަނީ އެދިފައި. ހަސްފަތާލުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ސީދާ ވަޒީރުގެ ބެއްލެވުމުގެ ދަށުން. މިއަދު ހަފުލާގެ ތެރެއިން ކަލެޔަށް މި ހަދިޔާ އެރުވުމަށް ޒޭނާ އަޅުގަނޑުގެ ގާތުގައި އެދުނު. "
" ޝުޢައިބު، ހަފުލާ ކުރިޔަށް ދިޔަ ވަގުތު މިތަނުގައި ހިނގާދިޔަ ހުރިޔާ ކަމެއް އެހެރަ ކުޑަ ދޮރުން ޒޭނާ ހުރިހާ މަންޒަރެއްވެސް ދިޔައީ ބަލަމުން. ހަސްފަތާލުގެ ނަން އިއުލާނު ކުރުމަށް ސާރާއާއި ހަވާލު ކުރީވެސް ޒޭނާގެ އެދުމަށް. ޒޭނާ ބޭނުންވީ، ޝުޢައިބުގެ ދަރިފުޅު ލައްވާ އެކަން އިއުލާނު ކުރުމަށް. ބޭނުމަކީ ސާރާވެސް މިއުފަލުގައި ބައިވެރިކުރުވުން. "
މިވާހަތައް ޝުޢައިބުއަށް ކިޔާދެއްވުމަށްފަހު ރަސްގެފާނު ހިނިފުޅުވެޑުވި އެވެ. އަދި މާދަމާ ހަސްފަތާލު ބައްލަވާލެއްވުމަށް ވަޒީރާއި އެކު ދިއުމަށް ވިދާޅުވިއެވެ.
( ނުނިމޭ )
