ޓޭންކަރުތައް ގެނައީ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، އަސްކަރިއްޔާ ވަރުގަދަކުރުމަށް ކަމަށާއި ހަނގުރާމައެއް ކުރާކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އެކި އުޅަނދުތައް އެ ޚިދުމަތަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާތީ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އަސްކަރިއްޔާ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ. އަދި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަނީ ކޮންމެހެން ހަނގުރާމައެއް ކުރާކަށް ނޫން ކަމަށާއި އެހެނަސް ފަޚުރުވެރި މިނިވަން ޤައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަމަށެވެ. އަދި ޓޭންކަރުތައްވެސް ގެނައީ މި ސަބަބާހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިން ހުރި ޓޭންކަރުތަކުގެ ތެރެއިން ބައެއް ޓޭންކަރު ރަނގަޅަށް އޮޕަރޭޓުވެސް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެނމްނަކީ ސުލްހަވެރި ޤައުމެއް. ފަޚުރުވެރި މިނިވަން ޤައުމެއްވީމަ ދިފާޢީ ބާރުގައި ޤާބިލުކަން ބާރުވެރިކަން ހުންނަންޖެހޭނެ. ގާތްގަނޑަކަށް 25 އަހަރުވީ އެ އުޅަނދުތަކަށް އަޅާނުލައި އޮންނަތާ. ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ކުރާކަށް ނޫން. ކުރިން ހުރި އެއްޗެހި ނުވެސް ދުވަނީ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތްވެސް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމަށްވެސް މަސައްކަތްތަކެއް ކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދުގެ ހާލަތަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޯސްޓްގަރޑުގެ ގޮތުގައި ބޭނުންކުރާ ބައެއް އުޅަނދުތައް މިހާރު ހުރީ ބޭނުންނުކުރެވޭ ހާލަތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކޯސްޓްގަރޑުގެ ބާރު ދެގުނަ ކުރައްވާނެ ކަމަށާއި މިކަން ހާސިލުކުރުމަށް ބައެއް އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯސްޓްގަރޑުގެ ބާރު ވަރުގަދަކޮށް، ޚާއްސަ އިޤުތިޞާދީ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
