ވާހަކަ: ޝުޢައިބު (16 ވަނަބައި)

(4 މެއި 2025 ގެ ނޫހާއި ގުޅޭ)

ރަސްގެފާނު ވަޑައިގަތުމުން މިވީ ކަންކަމާއިމެދު ޝުޢައިބު ވިސްނާލިއެވެ. އޭނާގެ މުސްތަގުބަލަށްޓަކައި ޒޭނާ މިއަދު ވަރަށް މަތިވެރި ގުރުބާނެއް ވެއްޖެކަން ގަބޫލު ކުރަން މަޖުބޫރެވެ. ތެދެކެވެ. ރަސްގެފާނު ވިދާޅުވީހެން މިއީ އޭނާގެ މުސްތަގުބަލަށްޓަކައި އަދި އޭގެ ދެފަބަފައިންގެ ކުރިމަގަށްވެސް ކޮށެވިގެން ދިޔަ މަގެއްކަން ގައިމެވެ. ޒޭނާ އާއި ރަސްގެފާނުގެ ހިތްޕުޅުގައި ވަރަށް ބޮޑު އުންމީދެއް އެބަ އޮތެވެ. މުޅި މިއަރަބި ދުނިޔޭގައި، އިންސާނިއްޔަތަށްޓަކައި ބޭސްވެރިކަން ފުޅާ ކުރުމަކީ ކުރަމުން އަންނަ އުންމީދެކެވެ. އަދި ހުވަފެނެއްވެސް މެއެވެ. ރަސްގެފާނުގެ މިއުންމީދު ގުޅިފައި މިވަނީ ޝުޢައިބުއާއި އެކުގައިކަން ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ވީމާ ރަސްގެފާނުގެ އެ އެދުން ހާސިލު ކޮށްދޭނަމެވެ. އެހެންކަމުން އެދެބަފައިންގެ މި ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އޭނާގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ޒޭނާ ޝުޢައިބުއަށް ޓަކައި މިހާ މަތިވެރި ގުރުބާނެއް މިވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ގޮތަކަށް ހީކުރެވުނު ކަމުގައި ވީނަމަވެސް ޒޭނާގެ ހިތުގައި ޝުޢައިބުއާއި މެދު ވަރަށް ޚާއްސަ ލޯތްބެއް އޮތްކަމުގައި މިއަދު ސާބިތު ވެއްޖެއެވެ. ގަބޫލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ޝުޢައިބުއަށް ލިބެމުން އަންނަ ކޮންމެ ކާމިޔާބީއަކާއި ކުރިއެރުމެއްގެ ފަހަތުގައި މިއަދު އެހުރީ ޒޭނާ އެވެ.

އެރޭ ޢިޝާ ނަމާދުކޮށް ނިމިގެން، ޝުޢައިބު ޒޭނާއާއި ބައްދަލު ކުރުމަށް ދިޔައެވެ. ޒޭނާ އެއިރު ޝުޢައިބުގެ އިންތިޒާރުގައި ހުއްޓެވެ. ޒޭނާ ޝުޢައިބު ފެނުމުން ވަރަށް އުފާވެފައި ހުރެ އެތެރެއަށް ވަނުމަށް ބުންޏެވެ. އަދި ޝުޢައިބުއާއި ސުވާލު ކުރިއެވެ.

" ޝުޢައިބު، ހަފުލާ ކިހިނެއް ދިޔައީ؟ އަޅުގަނޑަށް ވަރަށް އެބަހީވޭ ކަލޭ މިރޭ އަޅުގަނޑާއި ވަރަށްގިނަ ވާހަކަ ދައްކަން ބޭނުން ވެފައި ހުރިހެން. ކަލޭ ބޭނުން ކޮންމެ ވާހަކައެއް މިވަގުތު އަޅުގަނޑާއި ދައްކަންވީ. ހަމަ އަހާހިތުން މިރޭ ކަލޭގެ ވާހަކަ އަޑު އަހާނަން. "

މިހެން ބުނެ ޒޭނާ ރަކި ގޮތަކަށް ހީލިއެވެ.

" ޒޭނާ، އަޅުގަނޑު ހަގީގަތުގައިވެސް ޒޭނާއާއި ވަރަށް ގިނަ ވާހަކަ ދައްކަން ވަރަށް ބޭނުން. އަޅުގަނޑު މިރޭ މިހުރީ ވަރަށް ބޮޑަށް ހައިރާންވެ، ހިތުގައި ވަރަށް ގިނަ ސުވާލުތަކެއްވެސް އުފެދިފައި. ރަސްގެފާނާއި ޒޭނާ މިއަދު އަޅުގަނޑާއި މެދު ވަރަށް ފޮނި އުންމީދު ތަކެއް ކުރައްވާކަން ގަބޫލު ކޮށްފިން. ޚާއްސަކޮށް އަޅުގަނޑުގެ ދިރިއުޅުމާއިމެދު އެއްވެސް މީހަކު ނުވިސްނާ ވަރަށް ޒޭނާ ވިސްނަމުން ގެންދާކަންވެސް އެނގި ސާފުވެއްޖެ. އަޅުގަނޑު މިއަދު ގަބޫލު ކޮށްފިން ރަސްގެފާނު އަޅުގަނޑާއި މެދު އަދި މިކަރަޔާއި މެދު ވިސްނާ ވަރުވެސް. އަދި ރަސްގެފާނުގެ އުންމީދުތަކާއި އަޅުގަނޑާއި ވަރަށް ބޮޑަށް ގުޅިފައި ވާކަންވެސް މިއަދު ހާމަވެގެން ހިނގައްޖެ. "

" ޒޭނާ، ތިޔަވަރުގެ ބޮޑުކަމެއް އަޅުގަނޑަށްޓަކައި ތިޔަ ކުރެއްވީ ތިހިތުގައި އަޅުގަނޑާއި މެދު ވަރަށް ޚާއްސަ ކަމެއް ދެވިފައި އޮތުމުން. އަނެއްކާ ތިޔަ ވަރުގެ ގުރުބާނެއް އަޅުގަނޑާއި މެދު މިއަދު ތިޔަވީ ޒޭނާ ތިޔަ ބަލީން ސަލާމަތްކޮށް ދިނުމަށް އަޅުގަނޑު އެހީތެރިވެ ދިނުމުން އޭގެ ބަދަލުގައިތަ؟ އަޅުގަނޑު އެންމެ ހައިރާންވި ކަމަކީ، މިމުޅި ކަރައިގެ އެންމެ ބޮޑު ހަސްފަތާލު ގާއިމު ކޮށްދީ އެތަނަށް އަޅުގަނޑުގެ ނަމާއި ގުޅުވައި ނަން ދީފައިވާތީ. މިވަރުގެ ކަމެއް ޒޭނާ ތިޔަ ކުރެއްވި އަސްލު ސަބަބު އަޅުގަނޑުގެ ގާތުގައި ބުނެދީފާނަންތަ؟ "

" ޝުޢައިބު، އަޅުގަނޑު ވާހަކައެއް ނަންގަންތަ؟ އަޅުގަނޑުގެ ބައްޔަށް ކަލޭ ފަރުވާ ކުރަން ފެށި ހިސާބުން މިހަށިގަނޑަށް އަންނަން ފެށި ބަދަލު ތަކާއިއެކު އަޅުގަނޑު ހިތުގައި ދިރިއުޅުމާއި މެދު ވަރަށް ފޮނި އުންމީދު ތަކެއް ކުރެވެން ފަށައިފި. މިކަމާއި ގުޅޭ ގޮތުން އަޅުގަނޑު އައީ ބައްޕައާއި މަޝްވަރާ ކުރަމުން. މިޝަހަރަކީ މިފަދަ ބަލިތަކަށް ފަރުވާ ކުރެވޭނެ ފަދަ ބޭސްވެރިން ތިބި ޝަހަރެއް ނޫންކަން ކަލެޔަށް ވަރަށް ރަނގަޅަށް އެނގޭނެ. "

" ބައްޕައާއި އަޅުގަނޑު ނިންމީ، ޝުޢައިބުގެ އެހީތެރި ކަމާއިއެކު މިޝަހަރުގައި މިބޭސްވެރިކަން ފުޅާ ކުރުމަށް. އަދި ފަތްޕިލާވެލީގެ ބޭސްވެރިކަން މުޅި މިއަރަބި ދުނިޔޭގައި އެންމެ ފުރިހަމަޔަށް ކުރެވޭ ކަރަޔަކީވެސް މިކަރަ ވެގެން ދިއުމަށް. އެގޮތުން މިފަންނުގައި މީހުން އުފެއްދުމުގައި ހޯދަމުން ގެންދިޔަ ކާމިޔާބީ ފެނި އަޅުގަނޑުމެނަށް ގަބޫލު ކުރެވުނު ކަލެޔަށް އަޅުގަނޑުމެން މިއެދޭ ކަންކަން ކޮށް ދެވިދާނޭ ކަމަށް. އެގޮތުން ކަލޭގެވެސް ކުރިމަގަށް ވިސްނާފައި އަދި އިންސާނި މިޚިދުމަތަށް ވިސްނާފައި އަޅުގަނޑު ގޮތެއް ނިންމުމަށްފަހު ބައްޕައަށް ނަންގަތީ އެކަން އެގޮތަށް ކޮށްދެއްވުމަށް. އަދި އެކަން ކަލެޔަށް އަންގާނީ، މިއަދުގެ ހަފުލާގެ ތެރެއިން ކަމަށް. "

" ޝުޢައިބު، ކަލެޔާއި ގުޅުވައި ހަސްފަތާލަށް ނަންދީ އެތަނުގެ ވެރިޔަކަށް ކަލޭ ހަމަޖައްސާ އެތަނުގެ މިލްކުވެރިކަން ކަލޭގެ ނަން މައްޗަށް ލިޔެ ދީފައި އެވަނީ އެއްވެސް ހާލެއްގައި އަޅުގަނޑު ސަލާމަތް ކޮށް ދިނީމައޭ ހިތަށް ނާރުވާތި. އަޅުގަނޑު އެކަން އެގޮތަށް ކޮށްފައި އެވަނީ، ޝުޢައިބުއާއި ދޭރޭ މިހިތުގައި ވަރަށް ޚާއްސަ މަގާމަކާއި ގަދަރެއް ދެވިފައި އޮތުމުން. "

" މިއަދު ގަބޫލުކުރަން ބޭނުން އަޅުގަނޑުގެ ދިރި އުޅުމުގެ ކޮންމެ ކަމަކާއި ކަލެޔާއި ގުޅިފައިވާކަން. އަޅުގަނޑުގެ ހިތްހަމަޖެހުމާއި ހުރިހާ އުފަލެއްގައިވެސް ކަލޭ ހިއްސާ ކުރަން މިހާރު ބޭނުންވޭ. އަޅުގަނޑަށް ވިސްނެނީ ކަލޭގެ ފަރާތުން އަޅުގަނޑަށް އެފުރުސަތު ދީފިނަމަ މުޅި ދުނިޔެއިން ލިބޭނޭ ހުރިހާ އުފަލެއް ލިބުނީ ކަމަށް. "ޝުޢައިބު، ކަލެޔަކީ މިއަދު އަޅުގަނޑުގެ ދިރިއުޅުމާއި ގުޅިފައިވާ ވަރަށް މުހިންމު ފަރާތެއް. މިއީ ވަރަށް ބޮޑު ތެދު ހަގީގަތެއް. "

ޒޭނާ ނުސީދާ ގޮތަށް އޭނާ ޝުޢައިބުއާއި މެދު ދެކެމުން އަންނަ ގޮތް ހާމަ ކުރިއެވެ. އަދި އޭނާގެ ދިރިއުޅުމަށް ޝުޢައިބު އައުމަށް ދައުވަތު ވެސް ދެވުނީއެވެ. ޒޭނާ މިވާހަކަތައް މިގޮތަށް ދެއްކުނީތީ އެކަމާއި ވަރަށް ލަދުގަތެވެ. އަދި ޝުޢައިބު އޭނާ އާއި ދޭތެރޭގައި ދެކޭނީ ކޮންގޮތަކަށް ބާވައޭ ހިތަށް އަރައި އިސްދަށަށް ޖެހިއެވެ.

" ތިޔަ ވާހަކަ ތަކުން ޒޭނާ އަޅުގަނޑާއި ދޭތެރޭ ދެކޭ ގޮތާއިމެދު ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދިއްޖެ. ތިޔަ ވާހަކަތައް އަޅުގަނޑު ގަބޫލު ކުރަން. އަދި ޒޭނާއާއި ރަސްގެފާނު ތިޔަ އުންމީދު ކުރައްވާ ކަންކަން ހާސިލު ކޮށްދިނުމަށް އަޅުގަނޑަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން. އަދި ބުނެލަން ބޭނުންވަނީ، އަޅުގަނޑުގެވެސް މުސްތަގުބަލާއި ދިރިއުޅުމަށް ޒޭނާއަކީ ވަރަށް މުހިންމު ފަރާތެއްކަން ޒޭނާ މިއަދު އަޅުގަނޑަށް ސާބިތުކޮށްދީފިއޭ. ރަސްގެފާނާއި ޒޭނާގެ ތިޔަ ހެޔޮފުޅުކަން އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ. ޒޭނާ އުފާ ކުރޭ. ﷲ އިރާދަފުޅުން ޒޭނާ ދޫކޮށް އަޅުގަނޑާއި ސާރާ ނުދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން މިރޭ ދޭނަން. ތިޔައިގެ ދެބަފައިން ދޫކޮށް ދާންޖެހޭނެ ފަދަ ދުވަހެއް ނުދައްކަވާށި. "

ޝުޢައިބު މިހެން ބުނުމަށްފަހު ޒޭނާ އަށް ބަލާލުމަށްފަހު ހީލިއެވެ. އިރާދަކުރެއްވިއްޔާ އަދި ވަރަށް އަވަހަށް ޒޭނާ ބައްޕައާއި ސާރާގެ ގާތުގައި ގަނޑުވަރުގެ ތެރޭގައި އުޅޭނޭ ދުވަސްވެސް ފެނިގެންދާނޭ ވާހަކަ ބުންޏެވެ. އަދި ފަހުން ޒޭނާއާއި ބައްދަލުކުރުމަށް އަންނާނޭ ކަމުގައި ބުނުމަށްފަހު ޝުޢައިބު ހިނގައްޖެއެވެ.

ޖެހިގެން އައިދުވަހު ޝުޢައިބު ވަޒީރާއިއެކު ހަސްފަތާލަށް ދިޔައެވެ. ހަސްފަތާލު ފެންނައިރު ވަރަށް ދުރަށް ފެންނާނޭހެން ހަސްފަތާލުގެ ނަން ފެންނަ ގޮތަށް ބޮޑު ބޯޑެއްގައި އަރަބި ބަހުން " އައްޠަބީބު ޝުޢައިބު މުސްތަޝްފާ " ބޯޑެއްގައި ލިޔެފައި ހުއްޓެވެ. ޝުޢައިބުއާއި ވަޒީރު ހަސްފަތާލުގެ ތެރެއަށްވަދެ އެކިތަންތަން ބަލަމުން ގެންދިޔައެވެ. އެކަރައިގެ މެދުގައި ހަދާފައިވާ މިހަސްފަތާލަކީ، ބަލާ ބެލުމަށް ވަރަށް ތަނަވަސްކޮށް ހެދިފައި ހުރި ތަނެކެވެ. އެތެރޭގެ ކޮންމެ ދިމާއަކަށް ބަލާލި ކަމުގައި ވިޔަސް ޖާގައިގެ ގޮތުން އެހާމެ ތަނަވަހެވެ. ފަރުވާ ކުރުމަށް ޚާއްސަ ކޮށްގެން ހެދިފައިވާ ތަންތަންވެސް އެކަމާއި ގުޅޭގޮތަށް ހުރީ ތައްޔާރުވެސް ކުރެވިފައެވެ. އެނދުމަތި ކޮށްގެން ފަރުވާ ކުރަންޖެހޭ މީހަކަށް އެގޮތަށް ފަރުވާކުރަން ޖެހުނު ކަމުގައި ވީނަމަވެސް އެއްފަހަރާ ތިރީހަކަށް މީހުން އެނދުމަތި ކުރެވޭނެހާ ޖާގައިގެ ގޮތުން ތަނަވަސްވެފައި، މިވަގުތައް ކުރެވޭނެ އެންމެ ފުރިހަމައެއްކޮށް ތަނުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުއްޓެވެ. ހަސްފަތާލުގައި ޝުޢައިބުގެ ޚިދުމަތަށް އެތަކެއް ނޯކަރުން ތިބީހަމަ ޖައްސާފައެވެ. ހަސްފަތާލުގެ ކޮންމެ ތަނަކާއި ގުޅޭގޮތުން ވަޒީރު ދިޔައީ އޭނާއަށް މައުލޫމާތު ދެމުންނެވެ. އަދި ޝުޢައިބު ބޭނުންވާ ގޮތަކަށް ތަނުގެ ކަމެއް ބަދަލު ކުރަން ޖެހޭނަމަ އެކަމެއްވެސް ބުނުމަށް ވަޒީރު އޭނާގެ ގާތުގައި އެދުނެވެ.

ވަޒީރުގެ ގާތުގައި މިތަނުގައި ކަންކަން ހަމަޖެހިފައިވާ ގޮތާއި ދޭތެރޭ އޭނާ ހިތްހަމަ ޖެހޭ ކަމުގައި ބުންޏެވެ. އަދި ރަސްމީކޮށް މަސައްކަތް ފަށާނޭ ދުވަހެއް ފަހުން އަންގާނޭ ކަމުގައި ބުންޏެވެ. ބޭސްވެރިކަން ދަސްކޮށްދީފައިވާ މީހުން ހަސްފަތާލަށް ގެނުވާ އެމީހުންނަށް ހަސްފަތާލާއި ގުޅޭ ހުރިހާ މައުލޫމާތުތައް ދިނުމަށް ވަޒީރުގެ ގާތުގައި ބުންޏެވެ.

ގަނޑުވަރުގެ ބަގީޗާގައި ޝުޢައިބު ސާރާއާއިއެކު ހުރި ވަގުތެވެ. ވަޒީރު އެތަނަށް ވަޑައިގެން ރަސްގެފާނު ޝުޢައިބުއާއި ބައްދަލުކުރަން އެދޭ ވާހަކަ ވިދާޅުވިއެވެ. މިހެންބުނުމަށްފަހު ވަޒީރު ހިނގައިގަތް ވަގުތު ޝުޢައިބު އޭނާ މަޑުކުރުވިއެވެ. އަދި ބުންޏެވެ.

" ވަޒީރު، ކަލޭ އަޅުގަނޑަށް ތިޔަ ކޮށްދެއްވީ ވަރަށް ބޮޑު ހެޔޮކަމެއް. ކަލޭގެ ތިޔަ ހެޔޮކަމާއި އިހުސާންތެރިކަމަށް އަޅުގަނޑު ޝުކުރު އަދާކުރާނޭ ގޮތެއްވެސް ނޭނގޭ. އަޅުގަނޑަށް މިއަދު މިލިބޭ ކާމިޔާބީގެ ހިއްސާވާ އެކަކީ ހަމަގައިމުވެސް ވަޒީރު. އަޅުގަނޑުގެ ހިތުގެ އަޑީން މިކަންކަމަށް ކަލެޔަށް ޝުކުރު އަދާ ކުރަން ބޭނުން. "

" ޝުޢައިބު، މިއީ ކަލޭގެ ގަދަ ހިތްވަރާއި މިންނެތް މަސައްކަތުގެ ފޮނި މޭވާ. އަދިވެސް ކަލެޔަށް ދަރަނި ވެރިވެފައި މިވަނީ އަޅުގަނޑު. ކަލޭ ނެތްނަމަ އަޅުގަނޑުވެސް މިއަދު ރަސްގެފާނުގެ ޚިދުމަތުގައި މިގަނޑުވަރުގައި ނޫޅޭނޭ. ދެން އެވާހަކަ ބާއްވަމާ. ރަސްގެފާނު ކަލެޔާއި ވަރަށް މުހިންމު ވާހަކައެއް ދެއްކެވުމަށް އެބަ އެދިލައްވާ. އެހެންވީމާ ލަސްނުކޮށް ހިނގާ ދާން. "

ވަޒީރު މިހެންބުނެ ފަސް އެނބުރުނުނު ވަގުތު ކައިރީގައި ރަސްގެފާނު ހުންނެވިއެވެ. އަދި ރަސްގެފާނު ވިދާޅުވިއެވެ.

" ޝުޢައިބުއާއި ބައްދަލުކުރަން އެންމެ ރަނގަޅު ތަނަކީ މިއީހެން ހީވަނީ. އެހެންވީމާ ވަޒީރު ސާރާ ގޮވައިގެން ގަނޑުވަރުގެ ތެރެއަށް ވަޑައިގަތަސް އެންމެ ރަނގަޅު. "

ރަސްގެފާނު މިގޮތަށް ވިދާޅުވުމުން ވަޒީރު ސާރާ އާއިއެކު ގަނޑުވަރުގެ ތެރެއަށް ހިނގައްޖެއެވެ.                                                                                      ރަސްގެފާނު ޝުޢައިބުގެ ގާތުގައި މަޑުކުރުމަށްފަހު ހަސްފަތާލާއި ގުޅޭގޮތުން ސުވާލު ކުރެއްވިއެވެ. އަދި އެތަނާއިމެދު ހިތްހަމަ ޖެހިލައްވާތޯވެސް ސުވާލު ކުރެއްވިއެވެ. ރަސްގެފާނުގެ އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ރަސްގެފާނަށް ދެންނެވިއެވެ.

" ހަސްފަތާލާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އަދި މަނިކުފާނާއި ޒޭނާގެ ފަރާތުން ތިޔަ ކޮށްދެއްވެވީ އަޅުގަނޑާއި މިކަރައިގެ ކުރިމަގަށް ވަރަށް މުހިންމު ކަމެއް. އަދި މިކަމުގައި މަނިކުފާނަށް ވަރަށްބޮޑަށް ޝުކުރުވެރިވަން. މަނިކުފާނާއި ޒޭނާ އެދިލެއްވި ފަދައިން ބޭސްވެރި ކަމުގައި މިކަރަޔަކީ ފާހަގަ ކުރެވޭ ކަރަޔެއްގެ ގޮތުގައި ހެއްދެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނަން."

" ރަސްގެފާނު، ކުރިޔަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޒޭނާގެ ފަރުވާވެސް އެކީ ނިމިގެން ދާނެ. މިހާރުވެސް އޭނާގެ ގައިގައި އެބަލީގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތް. ކުރިން ބުނިހެން ކުރަންޖެހޭ ފަރުވާގެ ބާވަތުން އެފަރުވާގެ މުއްދަތު ހަމަ ކުރަންޖެހޭނެ. އަޅުގަނޑު ހީނުކުރާހާ ބާރު މިނުގައި ޒޭނާ އެވަނީ ބަލީން އެކީ ފަސޭހަ ވެފައި. މިއީ މަނިކުފާނާއި ޒޭނާގެ ހިތްވަރުގަދަ ކަމާއި، ތަކުރާރުކޮށް ކުރި ދުޢާގެ ނަތީޖާ. އަދި މިއީ މިހާތަނަށް އަޅުގަނޑުގެވެސް ބޭސްވެރި ކަމުގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން. ﷲ ގެ ރަހުމަތުން މިކަން ކާމިޔާބު ވެއްޖެ. "

ޝުޢައިބުގެ އެވާހަތައް އަހަން ހުންނެވުމަށް ފަހު ރަސްގެފާނު ވިދާޅުވިއެވެ.

" ޝުޢައިބު، ޒޭނާ އެކަމުން ސަލާމަތް ވުމުގެ މައިގަނޑު އަސްލަކީ ކަލޭގެ ބުރަ މަސައްކަތް. އަމިއްލަ ކަމެއްގެ ގޮތުގައި އެކަން ދެކިގެން، ފަރުވާތެރި ކަމާއިއެކު އަޅުގަނޑާއި ޒޭނާއަށް ދިން ހިތްވަރުގެ ފޮނި ނަތީޖާ. އެއްވެސް މީހަކަށް ނުކުރެވުނު ކަމެއް ކަލޭ އުންމީދު ކަނޑާނުލާ ހިތްވަރާއިއެކު މިކަމާއި ކުރިމަތި ލެއްވުން އެއީ ކަލޭގެ ކުޅަދާނަކަން. ވީމާ ކަލެޔަށް މިކަމުގައި ޝުކުރު ހައްގު. މުޅި އުމުރަށް އަޅުގަނޑު މިވަނީ ކަލެޔަށް ދަރަނި ވެރިވެފައި. މިއަދު އަޅުގަނޑު ދިރިއުޅުމާއިމެދު ހިތުގައި އުންމީދުގެ ހުޅުކޮޅު އަލުން ދިއްލިގެން ހިނގައްޖެ. އެކަން ތިޔަ ކޮށްދިނީ ޝުޢައިބު. "

ރަސްގެފާނު ވަރަށް އުފާފުޅު ކުރައްވާ އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.

" މިއަދު އަޅުގަނޑުގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ކަމެއްގެ ވާހަކަ ޝުޢައިބުއާއި ހިއްސާ ކުރަން ބޭނުން. އަދި މިކަމަކީ ކަލެޔާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. "ޝުޢައިބު، އަޅުގަނޑު މިހާރު ވިސްނަމުން ގެންދާ ވަރަށް މުހިންމު ކަމެއް އެބަ އޮތް. ކަލެޔަށް އެނގޭނޭ ފަދައިން އަޅުގަނޑުގެ މިހާރު މުޅި ދިރިއުޅުން ބިނާވެފައި ވަނީ، އަޅުގަނޑު ދަރިފުޅު ޒޭނާ އާއިކަން އެނގިލައްވާނެ. އަޅުގަނޑު މިއަދު މިވަނީ މުސްކުޅިވެ ގައިގެ ބާރު ދަށްވާން ފަށައިފައި. މާދަމާ އުމުރަށް ލޯ މަރާލަން ޖެހުނު ކަމުގައި ވިޔަސް އެދަރިފުޅު ވަރަށް ބޮޑަށް އެކަނިވެރި ވާނެ. ވަޒީރު ފިޔަވާ އޭނާއަށް އަޅާލާނެ އެއްވެސް މީހަކު ނެތް. އާއިލާގައިވެސް އަޅުގަނޑު ފިޔަވާ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. މިބުނި ކަންކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރަމުން އަންނަ ކަންކަން. "

" ޝުޢައިބު، އަޅުގަނޑު މިއަދު ކަލެޔަށް ވަރަށް ބޮޑު ވަސިއްޔަތެއް ކުރަން ބޭނުން. ކަލެޔަކީވެސް މިހާރު މިޝަހަރުގައި ނަން ހިނގާ ބޮޑުންގެ ތެރޭގައި ހިމެނޭ އެކަކު. އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް ކޮށް ދީފާނަންތަ؟

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *