ޢިބްރަތްތެރި ވާހަކަ: ދަރިއަކަށް އަޅާނުލައި އެއްލާލައިގެން ހުރި ތަނަވަސް ބައްޕައަށް ޖެހުނު ޙާލު

އަޅުގަނޑަކީ ޢުމުރުން 20 އަހަރުވެފައިވާ ފިރިހެން ކުއްޖަކީމެވެ. މިއަދާއި ހަމައަށްވެސް އަޅުގަނޑުގެ ލޮލަށް (ވާހަކަދެކެވޭހާ ގާތުން) ބައްޕަ ފެނިފައެއް ނުވެއެވެ. ބައްޕައަކީ ތަނަވަސްމީހެއްކަންވެސް އެނގެއެވެ. އެއީ ހިނގަންދާއިރު ބައްޕަގެ ފިހާރަތައް ދައްކާފައި މިހިރީ ދަރިފުޅުގެވެސް ބައްޕަގެ ފިހާރަކަމަށް މަންމަ ބުނާތީއެވެ.

އެންމެ ކުޑަމިނުން ސްކޫލަށްދާނެ ބޫޓެއްވެސް ބައްޕަދިން ހަނދާނެއް ނެތެވެ. ވީމާ މިއަދާއި ހަމައަށްވެސް ބައްޕަގެ ތަނަވަސްކަމާއި އަޅުގަނޑާއި އޮތް ހަމައެކަނި ގުޅުމަކީ ހަމައެކަނި ބައްޕައަކީ ތަނަވަސް މީހަކުކަން އެނގޭކަމެވެ. އެކަން ނޫން އެއްވެސް ގުޅުމެއް ނެތެވެ. އަޅުގަނޑުގެ ބައްޕައަށް ހެޔޮ ވިސްނުން ދެއްވެވުން އެދި ފޮނުވާލެވިދާނެ ވާހަކައެއް ނެތްތޯއެވެ.

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ފޮނުވައިލާށެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން ބައްޕައަށް ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ

ކޮންމެ ދަރިއަކުވެސް ދުނިޔެއަށް އުފަންވަނީ ބައްޕައެއްގެ ސަބަބުންނެވެ. އެ ބައްޕައަކީ ދަރިފުޅުގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނެ މީހެކެވެ. ހަމައެކަނި ޚަރަދުކުރުމަކުން ނުފުދެއެވެ. ތަރުބިއްޔަތުވެސްކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ ތަރުބިއްޔަތުނުކުރެވޭތަނުގައި ޚަރަދުވެސް ނުކުރާ އަދި އެއްވެސް ވަރަކަށް އަޅައިވެސް ނުލާ ބައްޕައިން ގިނަވަމުން އަންނަކަމެވެ.

މިކިޔައިދޭ ވާހަކައިން އެފަދަ ބައްޕައިންނަށް ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. އަދި ދަރިންގެ މަސްއޫލިއްޔަތު އުފުލާ ބައްޕައިން އެކަމަށް ދޭ ސަމާލުކަން އިތުރުވާނެކަމަށްވެސް އުންމީދުކުރަމެވެ.

މިކިޔައިދެނީ އެތައް ބައިވަރު ފިހާރަތައް ހިންގާ އުރުދުންގެ ވިޔަފާރިވެރިއަކަށް ދިމާވިކަމެއްގެ ވާހަކައެކެވެ. އޭނާ އަހަރުން އަހަރަށް ހުޅުވާ ފިހާރަތައްވެސް ގިނަވެއެވެ. ނަމަވެސް ދުވަހަކުވެސް ކުރިއެރުމެއް ނުލިބެއެވެ. އަބަދުވެސް އުޅެން ޖެހެނީ ދަރަނިން ސަލާމަތް ނުވެގެންނެވެ. ނުވަތަ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެންނެވެ. 

މިކަމުން ސަލާމަތްވޭތޯ ތަފާތު ފަންޑިތައް ހައްދުވައިގެންވެސް ވީހަމަ އެއްކަމެއް ނެތެވެ. ޙާލަތު ބަދަލެއް ނުވެއެވެ. އަހަރުން އަހަރަށް ކަންކަން ދަނީ ދަށަށެވެ. ކުރިމަތިވާ މުޞީބާތްތައް ވަނީ އިތުރެވެ. ވިޔަފާރީގެ ނަފާއިން ކުރާ މަންފާއެއް ނުފެނެއެވެ.

އެންމެފަހުން އޭނާ ދީނީ އިމާމަކާއި ބައްދަލުކޮށް ލަފައަކަށް އެދުނެވެ. އިމާމް ވިދާޅުވީ ކޮންމެ ރެއަކުވެސް ބައެއްގައި ނިދާފައި ތެދުވެ ދަމު ނަމާދުކުރުމަށްފަހު ތިމާއަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ނުވަތަ ކުރެވެނީ ކޮން ފާފައެއްކަން އަނގަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އިމާމް ވިދާޅުވިފަދައިން ކަންތައް ކުރަން ފެށިތާ ހަފްތާއެއްވެސް ނުވަނީސް އޭނާއަށް ހުވަފެނުގައި ފެނުނީ އޭނާގެ ފުރަތަމަ ދަރިފުޅެވެ. ވަރަށް ހެވިފައި ހުއްޓައެވެ.

ނިދީން ހޭލެވުމާއިއެކު ވިސްނުނެވެ. އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން 4 އަހަރުގައި އޭނާގެ މަންމަ ވަރިކޮށްފައި ފޮނުވައިލެވުނު ފަހުން ދަރިފުޅު ދިރިހުރިތޯވެސް ބަލައިލެވިފައެއް ނުވެއެވެ. އެހެންދަރިންނަށް މިހައި ބޮޑެތި ޚަރަދުތައް ކޮށް ކިޔަވައިދީ ކަންކަން ކުރަމުން ގެންދާއިރުވެސް އެންމެ ކުޑަމިނުން އެ ދަރިފުޅު އުޅެނީ ކައިގެންތޯވެސް ބަލައި ލެވިފައެއް ނުވެއެވެ.

ހަމަ އަނެއް ދުވަހު ފުރައިގެން ލެބަނަނަށް ދިއައެވެ. އަދި ދަރިފުޅުގެ މަންމަ އާއި ބައްދަލުކުރިއެވެ. ފާއިތުވި ހައަކަ އަހަރު ދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާ ކަމަށް ބުނެ މަޢާފަށްވެސް އެދުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިވާނެ ކަމަށްވެސް ބުނެ އޭނާގެ ވައުދު ފުއްދަން ފެށިއެވެ.

ނަތީޖާ އެނގޭ ހެއްޔެވެ؟ އޭނާ އެގޮތަށް ޢަމަލުކުރަން ފެށުމުން އިސާހިތަކު އޭނާގެ ވިޔަފާރިއަކީ ނަފާ ލިބޭ ވިޔަފާރިއަކަށް ބަދަލުވެގެން ދިއައެވެ. ހީވެސް ނުކުރާހައި ބޮޑު މަންފާ ވިޔަފާރިން ލިބެން ފެށިއެވެ.

މިފަދަ ކޮންމެ ހާދިސާއަކީ ޢިބްރަތެކެވެ. ފިލާވަޅެކެވެ. އެކަން ޤަބޫލުނުކުރާ މީހުންނަށް ދިރިއުޅުމަކީ ފަސޭހަކަމަކަށްނުވާނެއެވެ! ކިތަންމެ ބޮޑު ތަަނަވަސްކަމެއް ލިބިފައި އޮތްނަމަވެސް އެކަމުން ލިބެންވާ އުފާވެރިކަމެއް ނުލިބޭނެއެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *