(8 މެއި 2025 ގެ ނޫހާއި ގުޅޭ)
މިއީ ކަލޭގެ ގާތުން އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް. ހީކުރަން މިއެދުން ކަލޭ ފުރިހަމަ ކޮށްދޭނޭ ކަމަށް. އަދި މިކަން ގަބޫލު ކޮށްފިނަމަ އަޅުގަނޑުގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ޝުޢައިބުއަށް ލިޔެ ހިބައިން ދޭނަން. "
ރަސްގެފާނުގެ ވާހަކަ އަހަން ހުރުމަށްފަހު ޝުޢައިބު ރަސްގެފާނަށް ދެންނެވިއެވެ.
" މަނިކުފާނު ތިޔަ ވިދާޅުވަނީ ކޮންކަހަލަ ވާހަކަ ތަކެއްތޯ؟ މަނިކުފާނު އަޅުގަނޑުގެ ގާތުގައި އެދިލައްވާ ކޮންމެ އެދި ލެއްވުމެއް އެކަމަކީ އަޅުގަނޑަށް ވެވޭ ވަރުގެ ކަމެއް ކަމުގައި ވާނަމަ ހެޔޮހިތުން އެކަމެއް ކުރުމަށް ވައުދުވަން. ބަދަލުގައި މަނިކުފާނުގެ މުދަލުން އެއްވެސް އެއްޗެއް އަޅުގަނޑު މިއަދު ބޭނުމެއް ނޫން. މިހާރުވެސް އަޅުގަނޑުގެ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ކޮށްފައި އިތުރުވެސް ވޭ."
" ޝުޢައިބު، ރަނގަޅަށް އަޑު އަހާބަލަ. ދަންނަވަން މިއުޅޭ ވާހަކައަކީ، ތިޔަ ހީކުރާ ވަރުގެ އާދައިގެ ވާހަކަ އެއްނޫން. އަޅުގަނޑު ކަލޭގެ ކިބައިން އެދޭ އެންމެ ބޮޑު އެދުމަކީ އަޅުގަނޑު ނެތް ދުވަހަކުން ޒޭނާގެ ހުރިހާ ކަމަކާއި ހަވާލުވެ އޭނާ ހިތުގައި ނުޖައްސާ މުޅި އުމުރަށް އޭނާ ކަލޭގެ އެހީތެރި ކަމާއިއެކު ގެންގުޅެ ދިނުން. މިއީ އަޅުގަނޑު ޝުޢައިބުއަށް ކުރާ ވަރަށް ބޮޑު ވަސިއްޔަތެއް. އަޅުގަނޑު ހީކުރަން މިވަސިއްޔަތް ގަބޫލުކޮށް މިކަން ދަމަހައްޓައި ދޭނޭ ކަމަށް. އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ ޒަމާނުއްސުރެ ބަފާ ފުށުން ވާރުތަ ވެފައިވާ މިރަސްކަން އަޅުގަނޑު މަރުވާ ދުވަހުން ފެށިގެން ގެއްލިގެން ހިނގައިދާނެތީ. އަޅުގަނޑުގެ އަބަދުވެސް އެދުމަކީ އަޅުގަނޑު ނެތް ދުވަހަކު ވެސް ޒޭނާއަށް މިކަން ވާރުތަ ވެގެން ދިއުން. "
" އަޅުގަނޑު މިހާރު އެންމެ ދެކެން ބޭނުންވާ ހުވަފެނަކީ އަޅުގަނޑު ދުނިޔޭގައި ހުރެ ޒޭނާ އުފާވެރި ޒަވާޖީ ހަޔާތެއް ފެށުން. އަދި ގަނޑުވަރުގައި ކާފަ ދަރިޔަކާއިއެކު އުޅެވޭނޭ ދުވަސް. މިއީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް. އަޅުގަނޑު މި އެދުނު ކަންތައް ޝުޢައިބުއަށް ކޮށްދެވިދާނެތަ؟ "
ރަސްގެފާނުގެ އެވާހަކަތަކަށް ޖަވާބު ދެމުން ޝުޢައިބު ދެންނެވިއެވެ.
" ތިޔަ ވިދާޅުވި ކަންކަމަކީ ވަރަށް ބޮޑެތި ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން. ނަމަވެސް މަނިކުފާނުގެ ދިރިއުޅުއްވުމާއި ގުޅި ލައްވާފައިވާ ތިޔަވަރު ކަމެއް އަޅުގަނޑާއި ހަވާލު ކުރެއްވުމަށް ނިންމަވާނީ، މަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑާއިމެދު ވަރަށް ބޮޑު ޔަގީން ކަމަކާއި އިތުބާރެއް އޮތުމުން. އަޅުގަނޑު މަނިކުފާނު އެދިވަޑައިގަންނަވާ އެއްވެސް ކަމެއްގައި ފުރަގަސްދޭކަށް ބޭނުމެއް ނުވޭ. މަނިކުފާނު ދުނިޔޭގައި ހުއްޓަސް އަދި ނެތްކަމުގައި ވިޔަސް މަނިކުފާނާއި ޒޭނާއަކީ އަޅުގަނޑުގެ އާއިލާގެ ބައެއްގެ ގޮތުގައި ވާނީ މީގެ މާކުރީންވެސް ބަލައިގަނެފަ. އަދި މަނިކުފާނުގެ ތިޔަ ވަސިއްޔަތް މުޅި އުމުރަށް ދަމަހައްޓައި ދެއްވުމަށް ވައުދުވަން. "
" ރަސްގެފާނު، އެކަމަކު ނަންގަންނަންތޯ؟ ޒޭނާ މީހަކާއި ކައިވެނި ބައްލަވައިގެން އަމިއްލަ ދިރިއުޅުމެއް ފެއްޓެވުމުން އޭނާގެ ހުރިހާ ޒިންމާތަކާއި ހަވާލުވެ ލައްވާނީ، އޭނާގެ ފިރިމީހާ ނޫންތޯ؟ އެހެންކަމުން ޒޭނާއަށް އަޅުގަނޑުގެ ފަރާތުން ބޭނުންފުޅު ވާނޭ މާބޮޑު ކަމެއް ނޯންނާނެ ނޫންތޯ؟ އެކަމަކު ތިޔައިގެ ދެބަފައިންގެ އާއިލާގެ ބައެއްގެ ގޮތުގައި މުޅި ޢުމުރަށް އަޅުގަނޑާއި ސާރާ އަށް އުޅެވިދާނެ. އަޅުގަނޑު ދުވަހަކުވެސް ތިޔައިގެ ދެބަފައިން ދޫކޮށް މިތަނުން ނުދާނަން."
" ޝުޢައިބު، ކަލޭ ތިޔަ ހީކުރައްވަނީ އަދި ވަރަށް ބޮޑު ކުން ހީއެއް. ޒޭނާ އާއި ކައިވެނި ކުރަން މީހަކު ހޯދުމަކީ އަޅުގަނޑަށް އުނދަގޫ ކަމެއް ނޫން. އަދި ކައިވެނި ކުރަން މީހަކު ހަމަޖައްސައި ޒޭނާއަށް އެކަން ކުރުމަށް އަންގައިފިނަމަ އޭނާ އެކަމަކާއި ދެކޮޅެއްވެސް ނުހަދާނެ. އަޅުގަނޑު ވާނީ ޒޭނާ ކައިވެނި ކުރަން މީހަކާއި މެދު ވަރަށް ބޮޑަށް ވިސްނާފައި. އޭނާއަކީ އަޅުގަނޑު ދެކޭ ގޮތުގައި ޒޭނާ ގޮވައިގެން މުޅި އުމުރުގައި ޒޭނާއަށް އުފާވެރި ހަޔާތެއް ހޯދައި ދެވޭނޭ މީހެއްކަމާއިމެދު ޝައްކެއް ނުކުރަން. "
ރަސްގެފާނުގެ ވާހަކަ ފުޅު މިގޮތަށް ފެއްޓެވުމުން ޝުޢައިބުގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ޝުޢައިބުގެ ހިތަށް އެރިއެވެ. އޭނާ ޒޭނާ އާއިމެދު ކުރަމުން އައި އުންމީދުގެ ހުޅުކޮޅު މިރޭ މިނިވެނީ ބާއެވެ. އެވަގުތު އޭނާގެ މޫނު މަތީން މާޔޫސްކަމުގެ ކުލަވަރު ހާމަވާން ފެށިއެވެ. އެކަން ރަސްގެފާނަށްވެސް ވަރަށް ފަސޭހައިން ފާހަގަ ކުރެވިގެން ދިޔައެވެ.
" ރަސްގެފާނު، ތިޔަވީ މާ ރަނގަޅަކަށް ނޫންތޯ؟ ތިޔަ ފަދަ ރަނގަޅު މީހަކު ޒޭނާގެ ހަޔާތަށް އައުން އެއީ އަޅުގަނޑުވެސް ދެކެން ބޭނުންވި ވަރަށް ބޮޑު ހުވަފެނެއް. މަނިކުފާނު މީހަކާއި މެދު ހިތްޕުޅާ ވެލައްވާނީ، އެމީހެއްގެ ގައިގައި ވަރަށް މާތް ތެދުވެރި ސިފަ ތަކެއް ހުރީމަ. ވީމާ ލަސްނުކުރައްވާ ޒޭނާއާއި ވާހަކަ ދެއްކެވުމަށްފަހު ރަނގަޅު ތާރީޚެއް ކަނޑައަޅާ ކައިވެނީގެ ކަންކަން ނިންމަވަންވީ ނޫންތޯ؟
ޝުއަޢިބު ގަދަކަމުން ކަހަލަ ގޮތަކަށް މޫނުމައްޗަށް ހިނިތުންވެރިކަން ގެނައުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
" ޝުޢައިބު، ކަލޭ މީހަކާއި ކައިވެނި ކުރަން ގަސްތެއް ނުކުރަންތަ؟ އަބަދު އެންމެ މީހެއްގެ ހަނދާނުގައި ޒުވާން އުމުރު ތިޔަގޮތަށް ވޭތު ކުރުމަކީ ކިހާ ބޮޑު ބޭއިންސާފެއް. ކަލޭވެސް އަނތްބެއްގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެ. އެކަނި ތިޔަގޮތުގައި ދިރިއުޅުމެއް ވޭތު ކުރުމަކީ ވަރަށް ބޮޑު ނުކުޅެދުންތެރި ކަމެއް. "
ރަސްގެފާނުގެ އެވާހަތައް ކަނުލާ އަހަން ހުރުމަށްފަހު ޝުއަޢިބު ރަސްގެފާނަށް ދެންނެވިއެވެ.
" ރަސްގެފާނު، އަޅުގަނޑު މަނިކުފާނާއި ޒޭނާއަށް ވައުދުވިން ތިޔައިގެ ދެބަފައިން ދޫކޮށްލާފައި ނުދިޔުމަށް. އަޅުގަނޑު މީހަކާއި ކައިވެނި ކޮށްފިނަމަ މިތަނުން ދާން ޖެހިދާނޭ ކަމުގެ ބިރު ހިތުގައި އެބައޮތް. އެހެންވެ ކައިވެންޏެއް ކުރަން ފަސް ޖެހެވެނީ. "
ރަސްގެފާނަށް ޝުޢައިބުގެ މިވާހަކަތައް އިވުމުން އޭނާގެ އެމޮޔަކަމާއި މެދު ވިސްނާ ބޯހޫރާލެއްވިއެވެ. އަދި ހިނިފުޅު ވެޑުވެ ލެއްވުމަށްފަހު ވިދާޅުވިއެވެ.
" އަޅުގަނޑު މިހުރިހާ ދުވަހަކު ހީކޮށްގެން މިހުރީ ކަލެޔަކީ ވަރަށް ވިސްނުންތޫނު ކަންކަމުގެ ރަނގަޅާއި ނުބައި ވަރަށް ބޮޑަށް އެނގިފައިވާ މީހެއް ކަމަށް. ކަލޭ ހަމައެކަނި ވިސްނަނީ ފަތްޕިލާ ވެލީގެބޭސްވެރިކަން ފުޅާ ކުރެވޭނޭ ގޮތްތަކާއި، އަދި އެކަން ކުރިޔަށް ގެންދެވޭނޭ އެންމެ މޮޅެތި ގޮތްތައްކަން މިއަދު އަޅުގަނޑަށް އެނގިއްޖެ. އަދި އިތުރަށް ވިސްނަމުން ތިޔަ ގެންދަނީ އަޅުގަނޑާއި ޒޭނާ ދޫކޮށްފައި މި ގަނޑުވަރުން ދާން ޖެހިދާނެތީ އެކަމާ. މިހާރު އަޅުގަނޑަށް ގަބޫލު ކުރެވިއްޖެ އަޅުގަނޑާއި ޒޭނާގެ އުފަލަށްޓަކައި ކަލޭގެ ހުރިހާ އުފާ ތަކެއްވެސް ގުރުބާން ކޮށްފާނެކަން. އެކަމަކު ބުނަންތަ ޝުޢައިބު؟ އަނތްބަކާއި ނުލާ އެކަނިވެރި ދިރިއުޅުމެއް ވޭތު ކުރުމަށް ނުވިސްނާތި. އެއީ ކަލޭ ފަދަ ވިސްނޭ ހެޔޮލަފާ މީހަކަށް ކުރެވޭ ވަރަށް ވިޔާނުދާ ކަމެއް. އެހެންވީމާ ވީއެންމެ އަވަހަކަށް މީހަކާއި ކައިވެނި ކުރުމަށް ތައްޔާރުވޭ! އެކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ހަމަޖައްސައި ދޭނަން. "
" ޝުޢައިބު، އަޅުގަނޑު ވަރަށް ވިސްނުމަށްފަހު ކަލޭގެ ކައިވެންޏަށް ވާނީ މީހަކު ހަމަޖައްސާފަ. އަދި އުންމީދު ކުރަން މިކަމަކާއި ކަލޭ އިންކާރު ނުކުރާނެ ކަމަށް. ކައިވެންޏަށް ފަހުވެސް ދިރިއުޅެމުން ގެންދަވާނީ އެންމެން އެކުގައި މިގަނޑުވަރުގައި. "
ރަސްގެފާނު މިހެން ވިދާޅުވުމުން ޝުޢައިބު ވަރަށް ޖެހިލުންވެ ހުރެ އޭނާގެ ކައިވެންޏަށް ހަމަޖެއްސެވީ ކާކުތޯ، ރަސްގެފާނާއި ސުވާލުކުރެއްވިއެވެ. އަދި ރަސްގެފާނު ޝުޢައިބު އާއި ގާތަށް ޖެހިލުމަށްފަހު ވިދާޅުވިއެވެ.
" ހަމަގައިމުވެސް ކައިވެންޏަށް ހަމަޖައްސާފައިވާ ފަރާތާއިމެދު ކަލޭވެސް ވަރަށް ރުހޭނެހެން ހީވަނީ. "
ރަސްގެފާނުގެ ވާހަކަ އިރުކޮޅަކަށް މަޑުޖައްސަވާ ލެއްވިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު ޝުޢައިބުގެ މޫނަށް ބައްލަވާލުމަށްފަހު ވިދާޅުވިއެވެ.
" ޝުޢައިބު، ކަލޭ އަޅުގަނޑާއިއެކު މިގަނޑުވަރުގައި ތިޔަ ހޭދަކުރި މުއްދަތުގެ ތެރޭގައި ކަލޭގެ ފަރާތުންވެސް ވަރަށް ގިނަ ކަންކަން ވަނީ ފާހަގަކުރެވިފައި. އަޅުގަނޑަށް ހީވާގޮތުގައި ޝުޢައިބުގެ ކައިވެންޏަށް ހަމަޖެއްސި ފަރާތާއި ދޭތެރޭ ކަލޭވެސް ވަރަށް ބޮޑަށް ގަޔާވާހެން ހީވަނީ. "ޝުޢައިބު، އެމީހަކީ އަޅުގަނޑުގެ ދަރިފުޅު ޒޭނާ. އަޅުގަނޑުގެ މިއެދުމަށް އިންކާރު ނުކުރާނޭ ކަމަށް ހީކުރަން." ރަސްގެފާނު އެދިވަޑައިގަންނަވާ ގޮތް ޝުޢައިބުއަށް ހުށަހެޅުމުން އޭނާ މިކަމާއި ވަރަށް ހައިރާންވެ ހުރެ ރަސްގެފާނާއި ސުވާލު ކުރެއްވިއެވެ.
" ރަސްގެފާނު، އަޅުގަނޑާއި ޒޭނާ އެކަށީގެންވާނީ ކޮން ގޮތަކުންތޯ؟ ޒޭނާއަކީ މިގަނޑުވަރު ރާނީ. އަޅުގަނޑަކީ މިގަނޑުވަރުގެ ޚިދުމަތަށް އައިސްހުރި މަނިކުފާނުގެ ނޯކަރެއް. ޒޭނާ ތިޔަފަދަ ގޮތަކަށް އަޅުގަނޑާއި މެދު ދެކިލައްވާނޭކޭ ހިޔެއް ނުވޭ. "
" ޝުޢައިބު، އަޅުގަނޑު ޒޭނާގެ ކައިވެނި ކަލެޔާއި ކުރުމަށް މިނިންމީ ވަރަށްގިނަ ސަބަބުތަކެއް ހުރީމަ. އަޅުގަނޑު ބޭނުންވާ ހުރިހާ ސިފަ ތަކެއް ކަލޭގެ ގައިގައި އެބަހުރި. ކަލޭގެ ހަސަބާއި ނަސަބަށް ބެލުން މުހިންމެއްނޫން. އަޅުގަނޑާއި ޒޭނާ އަދި މުޅި މިޚާންދާނުގެ ހުރިހާ ޒިންމާއެއް އެންމެ ފުރިހަމަޔަށް ކަލެޔަށް ނެގިދާނޭ ކަމާއިމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް. އަދި ކަލެޔާއި އެންމެ ރުހެވުނު ސަބަކީ ކަލޭގެ ތިޔަ ހަރުދަނާ އުސޫލު ތަކުގެ ސަބަބުން. ކަންކަމުގައި ޒިންމާ ނަގާ ކަންކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތައް އެނގުން އެއީ ކަލޭގެ ގައިގައިވާ ހަރުދަނާ ސިފައެއް. އަޅުގަނޑު ނެތް ދުވަހަކުންވެސް މިޚާންދާނުގެ ހުރިހާ ކަމެއްގެ ޒިންމާ ހަވާލު ކުރަން ބޭނުން ވަނީ ޝުޢައިބުއަށް. ވީމާ ޒޭނާއާއި އެންމެ އެކަށޭނަ މީހަކވެސް ހަމަ ޝުޢައިބު. "
" ޝުޢައިބު، ޒޭނާ ކަލެޔާއި ނުރުހެންވީ ކީއްވެ؟ ޒޭނާވެސް ކަލެޔާއިމެދު ވަރަށް ބޮޑަށް ރުހޭކަން އަޅުގަނޑަށް އެނގޭ. ކަލެޔާއި ބެހޭ ގޮތުން އަޅުގަނޑުގެ ގާތުގައި ޒޭނާ ދައްކަމުން ގެންދާ ވާހަކަތަކާއި އޭނާގެ އަމަލުންވެސް އެކަން ވަރަށް ރަނގަޅަށް އެނގޭ. އަބަދުވެސް އެދުލުން ޝުޢައިބުއަށް ތަޢުރީފުގެ ބަސްތައް ފިޔަވާ އެހެން އެއްޗެއް ނީވޭ. ޒޭނާގެ ކޮންމެ ހަރަކާތެއް ވަރަށް ގާތުން އަޅުގަނޑު މިއަންނަނީ ފާހަގަ ކުރަމުން.
" ޝުޢައިބު، އަޅުގަނޑު މިއެދޭ އެދުމަށް އިންކާރު ނުކުރޭ! މިއީ އަޅުގަނޑު ކަލޭގެ ކައިރިން އެދޭ ވަރަށް ބޮޑު އެދުމެއް. "
އެވާހަކަ ތަކަށް ޖަވާބު ދިނުމުގެ ގޮތުން ޝުޢައިބު ރަސްގެފާނަށް ދެންނެވިއެވެ.
" ރަސްގެފާނު، އަޅުގަނޑު ބުނާނީ ވަކި ކީކޭތޯ؟ އެނގޭހާވެސް ކަމަކީ މަނިކުފާނު އަޅުގަނޑާއި މެދު ފޮނި އުންމީދުތަކެއް ކުރައްވަމުން ގެންދަވާކަން. އަދި އަޅުގަނޑަށް ގެއްލުމެއް ވާނޭ ގޮތަކަށް ދުވަހަކުވެސް ކަމެއް ނުނިންމަވާނޭކަން. ވީމާ މަނިކުފާނުގެ ތިޔަ އެދިވަޑައިގަތުމާއި އެއްގޮތަށް އަޅުގަނޑު ޒޭނާއާއި ކައިވެނި ކުރަން އެއްބަސްވަން. އެކަމަކު އަޅުގަނޑު މަނިކުފާނުގެ އަރިހުން ވަރަށް ބޮޑު ކަމަކަށް އެދެން ބޭނުންވޭ. މި ކައިވެނީގެ ޚަބަރު ޒޭނާއަށް އެންގުމަށް އަޅުގަނޑު ބޭނުންވަނީ ޒޭނާ އެކަމުން ސަލާމަތްވެގެން އެނބުރި އައުމުން. އޭގެ ކުރީން މިކަން ސިއްރެއްގެ ގޮތުގައި ބާއްވައި ދެއްވާ. "
" އެންމެ ރަނގަޅު. ޝުޢައިބު އެދޭ ގޮތަށް ތިކަން ސިއްރެއްގެ ގޮތުގައި ބާއްވައި ދޭނަން. އަދި ޒޭނާ އެނބުރި އައުމުން ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައަޅާ، އެކަން އިއުލާނު ކުރާނީ. އެންމެ ރަނގަޅެއްނު؟ "
ޝުޢައިބު ޒޭނާގެ ކައިވެންޏަށް އެއްބަސްވުމުން ރަސްގެފާނު އެކަމާއި ވަރަށް އުފާ ކުރެއްވިއެވެ.
ޝުޢައިބު ގެއަށް ދިއުމަށްފަހު ރަސްގެފާނު ދެއްކެވި ވާހަކަތަކާއި މެދު ވަރަށް ވިސްނިއެވެ. ރަސްގެފާނުގެ ހުރި ހަމައެކަނި ދަރިފުޅު އޭނާއާއި ކައިވެނި ކުރަން އެނިންމެވީ އޭނާގެ ހިތުގައި ޝުޢައިބު އާއިމެދު ވަރަށް މަތިވެރި މަގާމެއް ދެވިފައި ވުމުން ކަން ގައިމެވެ. މިއީ ދުވަހަކުވެސް އޭނާގެ ޚިޔާލަށްވެސް އައިސްފައި ނުވާ ކަންކަމެވެ.
އޭނާގެ ހިތަށް އެރިއެވެ. ދުނިޔޭގެ ކަންކަން ބަދަލުވެގެން ދާ ގޮތް ނިކަން ދެކެބަލާށެވެ. އޭނާ ފަދަ އާދައިގެ ބޭސްވެރިޔަކު ދިރިއުޅުމުގައި އެތަކެއް ކަމަކާއި ކުރިމަތިލަމުން ދިޔައިރުވެސް ދިރިއުޅުމާއި މެދު މާޔޫސްނުވެ ކެތްތެރި ކަމާއިއެކު، ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ ނަތީޖާ އައި ގޮތް ނިކަން ދެކެބަލާށެވެ. އަމިއްލަ ވަޒަން ދޫކޮށް މިހާ ދުރު ހިސާބަކަށް އަންނަން ނިންމި ނިންމުމަކީ އޭނާގެ އެދިރިއުޅުން ބަދަލު ވުމަށް މެދުވެރި ކުރެއްވެވި ސަބަބެއް ކަމުގައި ވީއެވެ. އަދި ރަސްކަލެއްގެ ދަރިޔަކާއި ކައިވެނި ވުމަށް މެދުވެރި ކުރެއްވެވީއެވެ.
ރަސްގެފާނު ޒޭނާ އާއި ޝުޢައިބުގެ ކައިވެންޏަށް މިގޮތަށް ރުހިވަޑައިގެންނެވި ކަމުގައި ވިޔަސް ޒޭނާ މިކައިވެންޏަށް ރުހޭނެ ބާއެވެ. ރަސްގެފާނު ވިދާޅުވި ގޮތަށް ޒޭނާގެ ހިތުގައި ޝުޢައިބުއާއި މެދު އެފަދަ ލޯތްބެއް އޮތީ ހެއްޔެވެ. ނަމަވެސް ޒޭނާގެ އަމަލުތަކުންނާއި ދައްކަމުން އަންނަ ބައެއް ވާހަކަ ތަކުން ޒޭނާވެސް ޝުޢައިބުއާއި މެދުވިސްނަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
މިގޮތަށް ޒޭނާއާއި މެދު އެތައް ފިކުރު ތަކެއް ޝުޢައިބު ދިޔައީ ކުރަމުންނެވެ.
ޝުޢައިބުގެ ސީދާ ބެލުމުގެ ދަށުން ހަސްފަތާލު ހުޅުވާ، މަސައްކަތްތައް ކުރެވެން ފެށިއްޖެއެވެ. އަދި ހަސްފަތާލަށް ޚިދުމަތް ހޯދުމަށް އަންނަމުންދާ ބަލި މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ. ބޮޑެތި ބަލިތަކުގައި އަންނަ ގިނަ މީހުން އެމީހުންގެ އެދުމާއިއެކު އެފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރަމުން އަންނަނީ ޝުޢައިބުގެ ބެލުމުގެ ދަށުންނެވެ. ނަތީޖާއެއްގެ ގޮތުން ފަރުވާ ނިމިގެން އެނބުރިދާ ފަރާތްތަކުގެ މެދުގައި މިހަސްފަތާލާއި މެދު މަގުބޫލުކަން ދިޔައީ އިތުރު ވަމުންނެވެ. އަދި، ފަތްޕިލާ ވެލީގެ ފަރުވާގައި މުޅި އަރަބި ދުނިޔޭގައި މަޝްހޫރުވެ، އެންމެ އިތުބާރު ލިބިފައިވާ ހަސްފަތާލެއްގެ މި ހަސްފަތާލު ވެގެން ހިނގައްޖެއެވެ. މިވީ ކުޑަ މުއްދަތެއްގެ ތެރޭގައި، މިވަރުގެ ބޮޑު ކުރިއެރުމެއް ހަސްފަތާލަށް އަންނަމުން ދިޔުމާއި އެކު ޝުޢައިބު މިކަމާއި ނުހަނު ހިތްހަމަ ޖެހުނެވެ.
ޝުޢައިބު ލަފާކުރި މުއްދަތު ހަމަވުމުން ޒޭނާ އެނބުރި ގަނޑުވަރަށް ނުކުމެއްޖެއެވެ. ޒޭނާ ފެނުމުން ގަނޑުވަރުގައި އުޅޭ އެކި ފެންވަރުގެ ނޯކަރުން ވެސް ތިބީ އެކަމާއި ވަރަށް ހައިރާންވެފައެވެ. އަދި އެންމެން ވެސް ތިބީ އެކަމާއި ވަރަށް އުފާ ވެފައެވެ.
( ނުނިމޭ )
