ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައި، ތަޅުމަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރުން ވޯޓުދެއްވިއިރު ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މެއި 11 ގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު މަގާމުން ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޓީން ނިންމާފައިވަނީ ފިލްޒާގެ ލަފާއާއެކު، ކޮމިޓީން ފާސްކުރި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމަށް ފޮނުވުމަށެވެ.

މި ދެ ފަނޑިޔާރުންގެ ވަކި ކޮށްފައި ވަނީ ޑރ. އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރި މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅުހެދި ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީކުރުވި މަޖިލީހުގައި މަހާޒާއި ޑރ. އަޒްމިރާލްދާ ތިބި މައްސަލަ ވެސް ޖޭއެސްސީން ބަލަމުންދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *