މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ. ޑރ. މަރިޔަމް މާރިޔާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. މިހާތަނަށް 30 ބުޅާ ފެސިލިޓީއަށް ގެންގޮސް ބަލަހައްޓަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގަވާފައެވެ. އަދި އެތަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 26ގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މާރިޔާ ވިދާޅުވީ އެތަނާ ވުޒާރާއިން ހަވާލުވީ އިރު އެތަން ހުރީ ބުޅާ ގެންގޮސް ބެލެހެއްޓޭނެ ހާލަތެއްގައި ނޫން ކަމަށާއި، އެހެން ނަމަވެސް ވުޒާރާގެ މުވައްޒަފުންގެ މަސައްކަތުން އެތަނާއި ހަވާލުވިތާ 16 ގަޑިއިރުތެރޭގައި 15 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިހާރު މަސައްކަތްކުރަމުންދަނީ އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
ބުޅަލުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
