(11 މެއި 2025 ގެ ނޫހާއި ގުޅޭ)
ޒޭނާ ފެންނަ ކޮންމެ މީހަކަށްވެސް ކުރިޔާއި ތަފާތުކޮށް އެމޫނު މަތީން ތާޒާ ކަމާއި އުފާވެރިކަން ފާހަގަ ކުރެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ބައްޔެއްގައި އުޅެފައި ވާހެނެއް ހިޔެއް ނުވެއެވެ.
އެއްރޭ ދެނަމާދު ދޭތެރޭ ވައި ޖައްސާލުމަށް ޒޭނާ ގަނޑުވަރުގެ ބަގީޗާއަށް ނުކުތެވެ. އެވަގުތު ބަގީޗާގެ ތެރޭގައި ވަޒީރު ހުރިތަން ފެނުމުން ޝުޢައިބު ކޮބާތޯ ސުވާލު ކުރިއެވެ. ޝުޢައިބު އަދި ވަޑައިނުގަންނަވާ ކަމަށް ބުނުމުން ޒޭނާ ވަޒީރަށް ނަންގަތެވެ. ޝުޢައިބު އައުމުން އަޅުގަނޑު އޭނާއަށް މިތަނުގައި އިންތިޒާރު ކުރަމުން ގެންދާކަން ނަންގަނެ ދިނުމަށް ވަޒީރު ގާތުގައި ބުންޏެވެ. ވަޒީރު އާނއެކޭ ބުނުމަށްފަހު ދިޔައެވެ.
ވަޒީރު ގަނޑުވަރުގެ ތެރެއަށް ވަދެ ނޯކަރަކާއި ކޮންމެވެސް ވާހަކައެއް ދައްކަން ހުރި ވަގުތު ޝުޢައިބު އެތެރެއަށް ވަދެގެން އަންނަތަން ފެނުމުން، އޭނާގެ ގާތަށް ގޮސް ބަގީޗާގައި ޒޭނާ ޝުޢައިބުއަށް އިންތިޒާރު ކުރައްވާ ކަމުގައި ބުންޏެވެ. ވަޒީރު މިހެން ބުނުމުން ޝުޢައިބު ބަގީޗާއަށް ދިޔައެވެ. އަދި އެތަނުގައި ޒޭނާ ހުއްޓާ ފެނުނުމުން ޒޭނާ ގާތުގައި ބުންޏެވެ.
" ޒޭނާ، އަޅުގަނޑު ހޯދިންތަ؟
އާނއެކޭ ބުނުމަށްފަހު އެތަނުގައި ހުރި ގޮނޑީގައި އިށީނުމަށް ޒޭނާ ޝުޢައިބު ގެ ގާތުގައި އެދުނެވެ.
" މިއަދު ކޮންތާކު ތިއުޅެނީ؟ އަޅުގަނޑު ވަރަށް ހޯދައިފިން. ނުފެންނާތީ ބައްޕައާއިވެސް ސުވާލު ކޮށްފިން. "
" މިއަދު ހަސްފަތާލުގައި ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެއް. ކައިރީ ޝަހަރަކުން ހަސްފަތާލަށް ގެނައި އުމުރުން ދުވަސްވީ މީހެއްގެ ފަރުވާގެ ކަންތަކުގައި އުޅެން ޖެހުނީމަ ނާދެވުނީ. "
" ޒޭނާ، ވާހަކައެއް ބުނަންތަ؟ އަޅުގަނޑު އެބަ ގަސްތުކުރަން ރަސްގެފާނާއި ވާހަކަ ދައްކަވައިގެން، މިތާ ކައިރީ އެހެން ޝަހަރުތަކުން ބޭސްވެރިކަން އުނގެނެން ބޭނުންވާ މީހުން ގެނެސްގެން އެމީހުނަށް މިކަން ދަސްކޮށް ދިނުމަށް. މީރަނގަޅު ކަމެއްތަ؟ "
" ތިޔައީ ވަރަށް ރަނގަޅު ކަމެއް. ކަލޭގެ ސަބަބުން އިތުރު ބަޔަކަށް ތިޔަކަން ދަސްކޮށްދީފި ކަމުގައި ވާނަމަ އެއީ ކަލެޔަށް ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގަބޫލު ކުރަން. އެކަމަކު އަޅުގަނޑުވެސް ވާހަކަ އެއް ބުނަންތަ؟ "
" މިވަގުތު ކަލޭގެ ދިރިއުޅުމުގައި ހަމަ އެންމެ މުހިންމީ ތިޔަ ކަންކަން އެކަނިތަ؟ ތިޔަށްވުރެ މުހިންމު އެހެން ކަމެއް ހަމަ ނެތީތަ؟ މިހެން މިބުނީ އަޅުގަނޑު ކަލެޔާއި ވަރަށް މުހިންމު ސުވާލެއް ކުރަން ބޭނުން ވާތީ. އެހެންވެ މިތަނަށް އައުމަށް ދައުވަތު ދިނީވެސް. "
" ކަލޭގެ ކައިވެންޏާއި ބެހޭގޮތުން މީގެ ކުރީން އަޅުގަނޑު ވާނީ ސުވާލު ކޮށްފައި. އެސުވާލު އެގޮތަށް ކުރުމުން ޖަވާބުގައި ކަލޭ އަޅުގަނޑު ގާތު ބުނެފައިވަނީ އެކަމާއި ވިސްނާ އެވާހަކަ ދައްކާނީ އަޅުގަނޑު ބަލިން އެކީ ފަސޭހަވެ ގަނޑުވަރަށް ނުކުތުމުން ކަމުގައި. އަޅުގަނޑު މިހުރީ ބަލީން އެކީ ފަސޭހަވެ ގަނޑުވަރަށް އައިސް. ދެން އެސުވާލުގެ ޖަވާބު ދީބަލަ. "
" ޒޭނާ، ކައިވެންޏަކާއި ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑަށް މިދަނީ ވިސްނަމުން. އަދި މިކައިވެންޏަށް މިހާރު ވާނީ ރަނގަޅު ކުއްޖަކު ހަމަޖައްސާފަ. ރަނގަޅު ތާރީޚެއް ކަނޑައެޅުމަށްފަހު ކައިވެނި ކުރަންވީ. އަޅުގަނޑު ވާނީ މިކަމާއި ރަސްގެފާނާއި ވެސް މަޝްވަރާ ކޮއްފައި. އަދި މިކަން މިކުރަނީ ރަސްގެފާނުގެ މަޝްވަރާއާއި އެއްގޮތަށް ރަސްގެފާނު ރުހިވަޑައިގަންނަވާ ގޮތަށް. "
" ޒޭނާ، އަޅުގަނޑު ކައިވެނިކުރި ކަމުގައިވީ ނަމަވެސް ޒޭނާ ދޫކޮށްލާފައި ދުވަހަކުވެސް ނުދާނޭކަމަށް ވައުދުވަން. މިކައިވެންޏަށް ޒޭނާގެ ބަހަކީ ކޮބާ؟ "
ޝުޢައިބުގެ ވާހަކަތައް މިގޮތަށް އިވުމުން ޒޭނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަދި އިސްދަށަށް ޖަހައިގެން އިނެވެ. އެވަގުތު އެހިތަށް ކުރި އަސަރުން ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ހިލިގަތެވެ. އެކަން ޝުޢައިބުއަށް ވެސް ފާހަގަ ކުރެވުނެވެ. އަދި ވަރަށް މަޑުން އަޑު ބެދިފައި އިނދެ ޒޭނާ ޝުޢައިބުގެ ގާތުގައި ބުންޏެވެ.
" ތީގައި އަޅުގަނޑު ބުނާނީ ވަކި ކީކޭ. ކަލޭ ރުހޭ މީހަކާއި ކައިވެނި ކުރުމަކީ ކަލޭގެ އަމިއްލަ އިޚުތިޔާރުގައިވާ ކަމެއް. ކަލެޔަށް ލިބޭ ކޮންމެ އުފަލަކަށް ހިތުގެ އަޑިން އުފާކޮށް މަރުހަބާ ކިޔާނަން. އަޅުގަނޑު މިހުރިހާ ދުވަހަކު ހީކޮށްގެން ހުރީ ކަލޭ ކައިވެނި ކުރަން ބޭނުންވަނީ…….. "
މިހާ ހިސާބަށް ބުނެވުނު އިރު ޒޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ޒޭނާ އަތުގެ ނުފުށުން ދެލޯ ފުހެލުމަށްފަހު އަނެއް ފަޅިއަށް މޫނު އަނބުރާލިއެވެ.
ޝުޢައިބު ޒޭނާގެ ކޮނޑުގައި ވަރަށް މަޑުން ހިފާލުމަށްފަހު އޭނާއާއި ދިމާއަށް ޒޭނާގެ މޫނު އަނބުރާ ގަޔާ ކައިރި ކޮށްލުމަށްފަހު ބުންޏެވެ.
" ޒޭނާ، އެއީ ވަރަށް ރީތި ވަރަށް މާތް އަޚުލާގެއްގެ ކުއްޖެއް. އަޅުގަނޑު އޭނާ ދެކެ ވަރަށް ލޯބިވޭ. އޭނާއާއި ކައިވެނި ކުރެވިއްޖެ ނަމަ މުޅި ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނީ ކަމަށް ބަލާނަން. އޭނާ އަޅުގަނޑުގެ ދަރިފުޅު ދެކެވެސް ވަރަށް ލޯބިވޭ. ސާރާއަށް މަންމައެއްގެ ލޯބި އެންމެ ފުރިހަމަޔަށް ދެވޭނެ މީހަކީ ވެސް އެއީ. "
ޝުޢައިބު މިހެން ބުނުމުން ދެން އިތުރަށް ތިޔަވާހަކަ ނުދައްކާށޭ ބުނެ ޒޭނާ މޫނުގައި އަތް އެޅިއެވެ. އަދި އިޚުތިޔާރުން ބޭރުވެވި ޝުޢައިބުގެ ގާތުގައި ބުންޏެވެ.
" ޝުއަޢިބު، އަޅުގަނޑުވެސް ކަލޭ ދެކެ ވަރަށް ލޯބިވޭ. އަދި ސާރާ ދެކެވެސް ވަރަށް ބޮޑަށް ލޯބިވޭ. "
މިހެން ބުނުމަށްފަހު ޒޭނާ އަނެއް ފަޅިއަށް އެނބުރުނެވެ. އެވަގުތު ޝުޢައިބު ޒޭނާއާއި ގާތްވެލުމަށްފަހު ކަންފަތް ދޮށުގައި ބުންޏެވެ.
" ޒޭނާ، ނާހާނަންތަ އެއީ ކާކުތޯއެއް؟ ރަސްގެފާނުވެސް އެންމެ ރުހިވަޑައިގަންނަވާ ކުއްޖަކީ އެއީ. އެނގޭތަ އެއީ ކޮން އަންހެން ކުއްޖެއްކަން.؟ " އެއަންހެން ކުއްޖަކީ ތިޔަ ޒޭނާ. " އަޅުގަނޑުވެސް ލޯބިވަނީ ޒޭނާ ދެކެ. އަދި ކައިވެނި ކުރަންވެސް ބޭނުންވަނީ ޒޭނާއާ. "
ވީ އުފަލާއި އެކު ޒޭނާ ޝުޢައިބުގެ ގައިގައި ބައްދާލުމަށްފަހު އުފަލުން ރޯންފެށިއެވެ.
ޒޭނާ ޝުޢައިބު އާއި ކައިވެނި ކުރުމަށް ބޭނުންވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އޭނާގެ ހިތަށް އެރިއެވެ. " ޒޭނާ އާއި ކައިވެނި ކުރުމުން، ސާރާ ޝުޢައިބު އާއި ދޭތެރޭ ދެކޭނީ ކޮންގޮތަކަށް ބާވައެވެ؟ ސުރައްޔާ ޝުޢައިބު އާއި މެދު ކޮންމެ ގޮތަކަށް ކަންކޮށްފައި ވީނަމަވެސް ސާރާގެ ހިތުގައި މަންމައާއި މެދު ވަރަށް ބޮޑު ލޯތްބެއް އުފެދިފައި ވެއެވެ. ޒޭނާ އާއި ކައިވެނި ކުރުމުން ސާރާގެ ހިތުގައި ޒޭނާ އާއި މެދު މަންމައެއްގެ ލޯބި އުފެދިގެން ހިނގައިދާނެ ހެއްޔެވެ؟ އަދި ސާރާގެ ހިތުގައި ބައްޕައާއި މެދު ނަފުރަތު އުފެދިގެން ނުދާނެ ބާއެވެ؟ "
މިކަމާއި ޝުއަޢިބު ދިޔައީ ވަރަށް ފުންކޮށް ވިސްނަމުންނެވެ.
ޝުޢައިބު މިޚިޔާލު ތަކުގައި އިން ވަގުތު ޒޭނާ އެތަނަށް އަތުވެއްޖެއެވެ. އަދި ޝުޢައިބުގެ މޫނު މަތީގައިވާ މާޔޫސީގެ އަސަރު ވަރަށް ފަސޭހައިން ދެނެގަތެވެ. އެކަމާއި ބެހޭ ގޮތުން ޒޭނާ ޝުޢައިބު އާއި ސުވާލު ކުރިއެވެ.
" ޝުޢައިބު، " އަޅުގަނޑަށް ހީވަނީ ކަލޭ ވަރަށް ބޮޑު ކަމަކާއި ފިކުރު ކުރަމުން ގެންދާހެން. ތިޔަ މޫނު މަތީން އަޅުގަނޑަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް އެބަ ފާހަގަ ކުރެވޭ. ކަލޭ އަދިވެސް ސުރައްޔާ އާއި ދޭތެރޭ ވަރަށް ވިސްނާ ކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ގަބޫލު ކުރަން ކަލޭގެ ހިތުގައި ސުރައްޔާ އަށް ވަރަށް ސާފު ލޯތްބެއް ވާކަން. އަދި ކަލޭ އަޅުގަނޑުގެ ގާތުގައި ދައްކާފައި ހުރި ވާހަކަ ތަކުން އެކަން ވަރަށް ރަނގަޅަށް އެނގޭ. "
" ޝުޢައިބު، " ވެދިޔަތަން ހަނދާން ނައްތާލާ! ކަލޭގެ ހިތުން ސުރައްޔާގެ ހަނދާންތައް ނުދާހާ ހިނދަކު ދިރިއުޅުން ހަމަޖެހިގެން ކުރިޔަކަށް ނުގެންދެވޭނެ. އަޅުގަނޑުގެ ނަސޭހަތަކީ، އޭނާގެ ހަނދާންތަކާ ދުރަށް ދިޔުން. މިހެން ބުނާއިރުވެސް އަޅުގަނޑަށް އެނގޭ، އެއީކީ އެހާ ފަސޭހައިން ކުރެވޭނޭ ކަމެއް ނޫންކަން ވެސް."
" އެކަމަކު އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަލެޔަށް އެހީތެރިވުމަށް ކުރީގައި މީހަކު ނެތް ކަމުގައި ވިޔަސް، މިހާރު އަޅުގަނޑު މިހުރީ ހުރިހާ ކަމެއްގައިވެސް އެހީވާން ތައްޔާރަށް. އަޅުގަނޑުގެ އަޅާލުމާއި އޯގާތެރިކަން އަބަދުވެސް ލިބޭނެ. ސުރައްޔާގެ ފަރާތުން އުނިވެފައިވާ ހުރިހާ ލޯތްބެއް ފުރިހަމަ ގޮތުގައި އެއްވެސް ކަމެއް އުނިނުކޮށް ހޯދައި ދޭނަން. އެހެންވީމާ އެހަނދާންތަކާއި ދުރަށް ދިއުމަށް މަސައްކަތް ކުރޭ."
ޒޭނާގެ މިވާހަކަތައް އިވުމުން އެހިތުގައި ޝުޢައިބު އަށް އޮތް ޚާއްސަ ލޯތްބާއި ކުލުނު އިހުސާސު ކުރެވި ޝުޢައިބު ވަރަށް އުފާވެ ހުރެ ޒޭނާއަށް ޝުކުރު އަދާކުރިއެވެ.
ރަސްގެފާނުގެ ރުހިވަޑައިގެންނެވުމާއި އެކީ، ޒޭނާއާއި ޝުޢައިބު ލޯބީގެ ގޮތުން ގުޅިއްޖެއެވެ. ރަސްގެފާނުގެ އެދުމަށް ޝުޢައިބު ޒޭނާ އާއި ކައިވެނި ކުރުމަށް އެއްބަސްވުމުން ޒޭނާ ހުންނަނީ އުފަލުން ފޮޅިފައެވެ. ޝުޢައިބުއާއި ޒޭނާ ކައިވެންޏާއި ގުޅޭ ގޮތުން ދިޔައީ މަޝްވަރާ ކުރަމުންނެވެ. މިގޮތުން ދެމީހުން ވާހަކަ ދެއްކުމަށްފަހު، ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައަޅާނީ ރަސްގެފާނާއި މަޝްވަރާކޮށް ރަސްގެފާނު އެދިވަޑައިގަންނަވާ ތާރީޚެއްގައި ކަމުގައި ނިންމިއެވެ. އަދި ކައިވެނީގެ ކުރީން ޝުޢައިބު ޒޭނާގެ ގާތުގައި ދައްކަން ބޭނުންވާ ވަރަށް މުހިންމު ވާހަކަ ތަކެއް ހުރިކަމުގައި ބުންޏެވެ.
" ޒޭނާ، " ޒޭނާއަށް އެނގޭނެ އަޅުގަނޑުގެ ކުޑަ ދަރިޔަކު އެބަހުރިކަން. އަޅުގަނޑުގެ ދިރިހުރުމުގެ ހުރިހާވެސް އުންމީދަކީ އެދަރިފުޅު. ރަސްގެފާނު ވެސް ޒޭނާ އާއި ދޭތެރޭ ފޮނި ޢުންމީދު ތަކެއް ކުރާ ފަދައިން އަޅުގަނޑުވެސް އެދަރިފުޅާއި މެދު ވަރަށް ފޮނި އުންމީދު ތަކެއް ކުރަން. ސާރާއަށް ދުވަހަކުވެސް ދެރަގޮތެއް ވާކަށް އަޅުގަނޑު ނޭދެން. މަންމައަކާއި ނުލައި އެވަރު ކޮށްފައި އެވަނީ އެއްވެސް ކަމެއް އުނި ނުކޮށް. ސާރާ އެދުނު ކޮންމެ ކަމެއް އެއީ ކުރެވޭ ކަމެއް ކަމުގައި ވާނަމަ ވަގުތުން އެކަމެއް ކޮށްދެވޭތޯ ބަލަން."
" ސާރާ އޭނާގެ މަންމަ ބޭނުންވާ ވާހަކަ ބުނުމުން އޭނާއާއި ސުރައްޔާ ފަސޭހައިން ބައްދަލު ކުރެވޭނޭ ގޮތްވެސް އެވަނީ ހަދާ ދެވިފައި. ވީމާ ސާރާ އަކީ އަޅުގަނޑަށް ވަރަށް މުހިންމު މީހެއް. އަޅުގަނޑުގެ މިދިރިހުރުމުގެ އަސްލަކީ ސާރާ."
" މިވާހަކަތައް މިގޮތަށް ދައްކާ އިރުވެސް އަޅުގަނޑު ގަބޫލު ކުރަން ޒޭނާ ދުވަހަކުވެސް ސާރާ އަށް ދެރަ ގޮތެއް ނުހަދާނެ ކަން. އަދި މިހާރުވެސް ދެކެމުން ތިއަންނަނީ ސާރާ އަކީ ޒޭނާގެ އުފަން ދަރިއެއްގެ ގޮތުގައި. އެކަމަކުވެސް ކައިވެނީގެ ކުރީން އަޅުގަނޑު މިވާހަކަ ޒޭނާ ގާތުގައި ބުނެލަން ބޭނުންވީ. "
" ޝުޢައިބު، ސާރާ އަކީ ސުރައްޔާގެ ބަނޑުން އުފަންވެފައިވާ ދަރިޔެއް ކަމުގައިވީ ނަމަވެސް އެއީ ހަމަ އަޅުގަނޑުގެ އުފަން ދަރިއެއް. ކަލޭ ދެކެ މިހިތުގައިވާ ލޯބި ސާރާ އަށް ވެސް މިހިތުގައިވޭ. އަޅުގަނޑު ދުވަހަކުވެސް ސާރާ އަށް ދެރަ ގޮތެއް ނުހަދާނެކަމަށް ވަޢުދުވަން. ސާރާއަކީ ހަމަ މި ޒޭނާގެ ދަރިއެއް. "
ރަސްގެފާނު ޝުޢައިބު އާއި ޒޭނާ އާއި ބައްދަލު ކުރިއެވެ. އަދި ކައިވެންޏާއި ބެހޭގޮތުން ދެމީހުނާއި އެކި ވާހަކަ ދެއްކިއެވެ. ކައިވެންޏަށް ފަހު ރަސްގެފާނު ނެތް ދުވަހެއްގައިވެސް ޒޭނާ ހިތުގައި ނުޖައްސާ އުފާވެރި ދިރިއުޅުމެއްގައި އުޅުމަށް ޝުޢައިބު އަށް ނަސޭހަތް ތެރިވިއެވެ. އަދި ރަސްގެފާނު ހުރިހާވެސް އުންމީދެއް ގުޅިފައިވަނީ ޒޭނާ އާއި ކަމުން މުޅި އުމުރަށް ޒޭނާ ހިތުގައި ނުޖައްސާ ގެންގުޅުމަށް ޝުއަޢިބު އަށް ނަސޭހަތް ތެރިވިއެވެ. ޝުޢައިބު އާއި ޒޭނާ މިހަވާލު ކުރަނީ މުޅި މިޚާންދާނުގެ ފުރިހަމަ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނެގޭނޭ ފަރާތަކީވެސް ޝުޢައިބު ކަން ޔަގީން ކުރެވޭތީ ކަމުގައެވެ. އަދި ޝުޢައިބުއާއި ހަވާލުކުރެވުނު މިއަމާނާތަށް މުޅި އުމުރުގައިވެސް ރައްކާތެރި ވާނެކަމުގެ ކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި ވާކަން ބުނެދިނެވެ. ޝުޢައިބުގެވެސް ދަރިޔަކު ހުރިކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން ސާރާ އަށް މަންމައެއްގެ ފުރިހަމަ ލޯބިދީ، އެދަރިފުޅު ހިތުގައި ނުޖެއްސުމަށް ރަސްގެފާނު ޒޭނާއަށް ނަސޭހަތްތެރިވިއެވެ.
ފެށޭ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ކައިވެނީގެ ހުރިހާ ކަމެއް ނިންމުމަށް ރަސްގެފާނު ވިދާޅުވިއެވެ. އަދި ކައިވެންޏަށް ކުރަންޖެހޭ ހުރިހާ ތައްޔާރީ ތަކެއްވެސް އެންމެ ފުރިހަމަޔަށް ހަމަޖައްސާނޭ ކަމުގައިވެސް ވިދާޅު ވިއެވެ.
ކައިވެނީގެ ކުރިން ޝުޢައިބު ސާރާއާއި ވާހަކަ ދެއްކި ދުވަހެކެވެ. އަދި ސާރާއާއި ވާހަކަ ދައްކާ އެދަރިފުޅަށް ނަސޭހަތް ދިނެވެ.
" ބައްޕަ ދެން އަބަދުވެސް އުޅޭނީ ސާރާ އާއި އެކު މިގަނޑުވަރުގައި. މިއަދުން ފެށިގެން ޒޭނާ ދައްތަ އަކީ ސާރާގެ މަންމަ ކަމުގައި ދެކެން ވާނެ. ބައްޕަ މިހާރު މިއުޅެނީ ޒޭނާ ދައްތަ އާއި ކައިވެނި ކުރަން. ނަމަވެސް ދަރިފުޅު މަންމަ އާއި ބައްދަލު ކުރަން ބޭނުން ކޮންމެ ވަގުތަކު މަންމަ އާއި ބައްދަލު ކުރެވޭނެ. ސާރާ ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވީނަމަވެސް އަބަދުވެސް މަންމައަށް ހެޔޮކޮށް ހިތާ، އެމަންމައަށް ހެޔޮ ދުޢާ ކުރަން ވާނެ. "
" ބައްޕާ، އަޅުގަނޑު މަންމައާއި ބައްޕަ ދެކެ ވަރަށް ލޯބިވޭ. މަންމަ އަޅުގަނޑާއި ދުރުގައި އެހެން ގެއެއްގައި އުޅުނަސް މަންމަވެސް އަޅުގަނޑަށް ވަރަށް ރަނގަޅު. އަބަދުވެސް މަންމަ އަޅުގަނޑަށް ހެޔޮ ނަސޭހަތް ދީ ހަދާ. އަދި ބައްޕައަށް ހެޔޮކޮށް ހިތުމަށާއި، ބައްޕަ ނުރުހޭނޭ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑުގެ ގާތުގައި އަބަދުވެސް ބުނެ ދެއްވާ. "
" ބައްޕާ، ޒޭނާ ދައްތަ އަކީ ވަރަށް ރަނގަޅު މީހެއް. މަންމައަށް ވުރެ ބޮޑަށް ޒޭނާ ދައްތަ އަޅުގަނޑު ދެކެ ލޯބިވޭ. އަބަދުވެސް އުޅެނީ އަޅުގަނޑާއި އެކު. ދުވަހަކުވެސް އަޅުގަނޑު ދެރަވާނޭ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ދައްތަ ބުނެދީ ހަދާ.
( ނުނިމޭ )
