(15 މެއި 2025 ގެ ނޫހާއި ގުޅޭ) ހަމަ އެގޮތަށް ކާފަވެސް ސާރާ ދެކެ ވަރަށް ލޯބިވޭ. ނުބުންޏަސް އަޅުގަނޑު ބޭނުންވާ ހުރިހާ އެއްޗެއްވެސް ކާފަ އަޅުގަނޑަށް ހޯއްދަވާ ދެއްވާ. އަޅުގަނޑު ކާފަ އާއި ޒޭނާ ދައްތަ ދެކެ ވަރަށް ލޯބިވޭ. ބައްޕަ ތިއެދޭ ގޮތަށް، ޒޭނާ ދައްތަ ދެކޭނީ އަޅުގަނޑުގެ މަންމަގެ ގޮތުގައި. ބައްޕަ ލޯބިވާ މީހުން ދެކެ އަޅުގަނޑުވެސް ލޯބިވާނަން. " ސާރާގެ އެވާހަކަ ތަކުން އޭނާގެ ހިތުގައި ޒޭނާ އާއި މެދު އެއްވެސް ނަފުރަތެއް ނުބާއްވާނޭކަން ޝުޢައިބު އަށް ޔަގީން ކުރެވުނެވެ. އަދި ސާރާގެ ހިތުގައި ޒޭނާ އާއި މެދު ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވާ ކަން އެނގުމުން އެކަމާއި އުފާ ކުރިއެވެ. ހޯމަ ދުވަހެވެ. ޝުޢައިބު އާއި ޒޭނާގެ ކައިވެންޏަށް ވާންޖެހޭ ހުރިހާ ތައްޔާރީ އެންމެ ފުރިހަމަޔަށް ގަނޑުވަރުގެ ތެރޭގައި އަންނަނީ ކުރެވެމުންނެވެ. މިކަމުގައި އެންމެ އިސްކޮށް އުޅެނީ ވަޒީރެވެ. އެކި ނޯކަރުންނާއި އެކި ކަންކަން ހަވާލު ކުރެވި ވަލީމާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދައުވަތު ދިނުމުގެ ކަންކަންވެސް ދިޔައީ ކުރެވެމުންނެވެ. މިއަދަކީ ރަސްގެފާނުގެ މުޅި ދިރިއުޅުމަށް އައި އެންމެ އުފާވެރި ދުވަހެވެ. ހުރި ހަމަ އެކަނި ދަރިފުޅުގެ ކައިވެނި ކުރެވެނީ އެވެ. ކައިވެނީގެ ޙަފުލާއަށް ޓަކައި ގަނޑުވަރު ތައްޔާރު ކުރެވިފައިވާ ފުރިހަމަކަން ފެނުމުން ޒޭނާއާއި ޝުޢައިބު ވެސް ހުރީ އެކަމާއި ނުހަނު ހިތްހަމަ ޖެހިފައެވެ. ހިތްހަމަ ނުޖެހެން ވީ ކީއްވެގެން ހެއްޔެވެ؟ މިއީ ޒޭނާ ވެސް އެދުވަހަކަށް އިންތިޒާރު ކުރަމުން އައި އޭނާގެ އަލަތު ކައިވެނި ކުރެވޭ ދުވަހެވެ. ރަސްގެފާނު ވެސް ދުނިޔޭގައި ހުރެ ދެކެން ބޭނުންވި ދުވަހެވެ. ރަސްގެފާނު ދުނިޔޭގައި ހުރެ ޒޭނާ ކައިވެންޏެއްކޮށް އުފާވެރި ދިރިއުޅުމެއް އުޅޭނޭ ދުވަސް ދެކުން މިއީ އަބަދުވެސް ހުވަފެނެކެވެ. ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހޭ ވަގުތު ކުޑަތަން ވަނީއެވެ. ޒޭނާ އާއި ޝުޢައިބު ތަން ޒީނަތްތެރި ކުރުމުގައި އަވަދި ނެތި އުޅެމުން ގެންދިޔައިރު ސާރާވެސް ޒޭނާ އާއިއެކު އެކި ކަންކަމުގައި އުޅެމުން ގެންދިޔައެވެ. ސާރާ އުފަލުން ފޮޅިފައިވާ މަންޒަރު ކައިރިން ފެނުމުން ރަސްގެފާނާއި ޝުޢައިބު ހުރީ އެކަމާއި ވަރަށް ހިތްހަމަ ޖެހިލައްވާފައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ވަގުތު ޖެހިއްޖެއެވެ. ކައިވެނި ކޮށްދޭ ފަރާތާއި ހެކި ވެރިންވެސް ކަނޑައެޅިފައިވާ ވަގުތަށް ކައިވެނީގެ ދަރުބާރަށް ހާޒިރު ވެއްޖެއެވެ. ގިނައިރު ތަކެއްނުވެ ޝުޢައިބު އާއި ޒޭނާ އަދި ރަސްގެފާނުވެސް ދަރުބާރަށް ހާޒިރުވެއްޖެއެވެ. ގަޑިން ރޭގަނޑު އަށެއް ޖެހުމާއިއެކު ކައިވެނީގެ މަޖުލިސް ފެށިއްޖެއެވެ. ގިނައިރު ތަކެއްނުވެ ހެކިވެރީން ހެކިކޮށް ރަސްގެފާނު " މަޢުޒޫން " އާއި ވަލީ ހަވާލު ކޮށްފިއެވެ. ޝުޢައިބު އާއި ޒޭނާ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް، ކައިވެނީގެ ގޮތުން ގުޅި، އެކައިވެނީގެ މާތް ގޮށް ޖެހެވިއްޖެއެވެ. ކައިވެނި ކޮށް ނިމުމާއި އެކު، ދައުވަތު ދީގެން އައިސް ތިބި މީހންުނާއި އެކު ވަލީމާގެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމާއި އެކު ކުރިޔަށް ގެންގޮސް ނިންމާލިއެވެ. ވަލީމާގެ ހުރިހާ ކަމެއް ނިމުމުން ޝުޢައިބު އާއި ޒޭނާ ނިދުމަށް ކޮޓަރިއަށް ހިނގައްޖެއެވެ. ޒޭނާ އުފަލުން ފޮޅިފައިވާ ތަން ފެނުމުން ޝުޢައިބު ޒޭނާ އާއި ސުވާލު ކުރިއެވެ. " އަޅުގަނޑުގެ ލޯބިވާ ކަމަނާ، މިރޭ ހާދަ ހިތްހަމަ ޖެހިފައި ހުރިހެން ހީވެޔޭ. ޒޭނާ، މިރޭ އަޅުގަނޑު ވަރަށް އުފާ ވެއްޖެ. ދުވަހަކުވެސް އުންމީދެއް ނުކުރަން މިކަހަލަ ދުވަހެއް އައިސްދާނޭ ކަމަކަށް. ހަގީގަތުގައިވެސް މިރޭ ވަރަށް އުފާ ވެއްޖެ." ޒޭނާ ވަރަށް ލަދުން ހުރެ ޝުޢައިބުގެ ގާތުގައި ބުންޏެވެ. " އަޅުގަނޑުގެ ލޯބިވާ ފިރިމީހާ، މިއީ އަޅުގަނޑުގެ ހަޔާތަށް އައި އެންމެ އުފާވެރި ރޭ. އަދި މިއީ އަޅުގަނޑު ވަރަށް އިންތިޒާރު ކުރި ދުވަހެއް. " ޝުޢައިބު، އަޅުގަނޑު އުންމީދު ކުރަން ދުވަހަކުވެސް ކަލޭ އަޅުގަނޑު ދޫކޮށް ނުލާނޭ ކަމަށް. އެފަދަ ދުވަހެއް އައިސްފިނަމަ އަޅުގަނޑު ވަރަށް އެކަނި ވެރިވާނެ. " ޒޭނާ މިހެން ބުނުމުން ވަރަށް ލޯބިން ޒޭނާގެ ގައިގައި ބައްދާލުމަށްފަހު ޝުޢައިބު ބުންޏެވެ. " އަޅުގަނޑު ޒޭނާއާ ކައިވެނި މިކުރީ ދުވަހަކުވެސް ދޫކޮށްލާފައި ދިޔުމުގެ ނިޔަތެއް ހިތުގައި އޮވެގެނެއްނޫން. ދުޢާ އަކީ އަޅުގަނޑުގެ އެންމެ ފަހު ނޭވާ އާއި ޖެހެންދެންވެސް ޒޭނާ އަޅުގަނޑުގެ އަނތްބެއްގެ ގޮތުގައި ހުރުން. " " އެހެންނޫނަސް މިކަރައިގެ އެންމެ ބާރުގަދަ ރަސްގެފާނު އޭނާގެ ޚަޒާނާގައިވާ އެންމެ ބޮޑު ޖަވާހިރު އަމާނާތެއްގެ ގޮތުގައި މުޅި އުމުރަށް ރައްކާތެރި ކަމާއި ގެންގުޅުމަށް މިރޭ މިވަނީ އަޅުގަނޑާއި ހަވާލު ކޮށްފައި. އެހެންވީމާ ރަސްކަލެއްގެ އަގުބޮޑު އަމާނާތާކަށް ޚިޔާނާތް ވުމުން އޭގެ އަދަބުވެސް ވަރަށް ބޮޑު ވެގެން ދާނެ. " މިހެން ބުނުމަށްފަހު ޝުޢައިބު ހޭން ފެށިއެވެ. އޭނާ ހޭންފެށުމުން ޒޭނާ ބުންޏެވެ. " ކަލޭ ވަރަށް ކުޅަދާނަ އަޅުގަނޑުގެ ހިތް ފަތަހަ ކުރަން. ލޯބިވާ ފިރިމީހާ ފަރުވާ ތިޔަ ކުރެއްވީ ހަމަ އެކަނި އަޅުގަނޑު އެބައްޔަކަށް ނޫން. ތިޔަ ބޭސްވެރިކަމުގެ ޖާދޫއިން އަޅުގަނޑުގެ ހިތަށްވެސް ފަރުވާ ކުރީކީ ނޫންތަ؟ މިހާރު ތިޔައީ އަޅުގަނޑުގެ ލޯބިވާ ފިރިމީހާގެ އިތުރުން އަޅުގަނޑުގެ މުޅި ދިރިއުޅުން. " ޒޭނާ މިހެން ބުނުމަށްފަހު ދުވަހުގެ ވަރުބަލިކަމާއި އެކު ދެމީހުން ނިދަންއޮށޯތެވެ. ޝުޢައިބު އާއި ޒޭނާގެ ކައިވެނި ކުރެވި މުޅި ގަނޑުވަރަށް ވަނީ އުފާ ވެރިކަން ވެރި ކުރުވާފައެވެ އަދި އެދެމަފިރިން ދަރިފުޅު ސާރާ އާއި އެކު އުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ޝުޢައިބު އާއި ޒޭނާ ކައިވެނީގެ ގޮތުން ގުޅިފައިވުމުން މުޅި ގަނޑުވަރަށް އައި މިއުފާވެރިކަން އެންމެ ހިއްސާކުރި އެކަކީ ރަސްގެފާނެވެ. ވާނީވެސް އެހެން ތާއެވެ. ރަސްގެފާނު ދުނިޔޭގައި ހުރެ އޭނާގެ ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައި ދެވުނީއެވެ. ޒޭނާ އަށްޓަކައި ރަސްގެފާނު ކުރަމުން އައި ފޮނި އުންމީދުގައި ޝުޢައިބު ކުލަޖައްސައި ދިނީއެވެ. ޝުޢައިބު މަސައްކަތަށް ހަސްފަތާލަށް ދިއުމުން ޒޭނާ ސާރާ އާއިއެކު ގިނަ ވަގުތު ހޭދަކުރަމުން އަންނަނީ ރަސްގެފާނުގެ އަރިހުގައެވެ. އަދި ރަސްގެފާނު ސާރާ އާއިއެކު ހީ ސަމާސާކޮށް ކުޅެ ސަކަރާތް ޖަހަމުން ގެންދާ މަންޒަރު ފެނުމުން ޒޭނާގެ ދެމަފިރިން ތިބެނީ އެކަމާއި ނުހަނު އުފަލުންނެވެ. މިގޮތުގައި ޒޭނާ އާއި ޝުޢައިބު ހޭދަކުރަމުން ގެންދާތާ އަށް މަސް ފާއިތު ވެގެން ހިނގައްޖެއެވެ. ޒޭނާގެ ހަށިގަނޑަށް ތަފާތު ބަދަލެއް އަންނަކަން އޭނާއަށް ފާހަގަވާން ފަށައިފިއެވެ. ވަރުބަލި ބޯ އެނބުރުމާއިއެކު ހޮޑުލެވެންވެސް ފެށިއެވެ. މިކަމާއި ޒޭނާ ހިތް ނުތަނަވަސްވެ އެއްދުވަހު ޝުޢައިބު ގެއަށް އައުމުން އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ޝުޢައިބު ވަރަށް ކަންބޮޑުވެ ހުރެ މިކަން ރަނގަޅަށް ބެލި އިރު ޒޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. އެވަގުތު ޝުޢައިބު ޒޭނާގެ ގައިގައި ވަރަށް ލޯބިން ބައްދާލުމަށް ފަހު ބުންޏެވެ. " އަޅުގަނޑުގެ ލޯބިވާ ކަމަނާ، ވާހަކައެއް ބުނަންތަ؟ އަޅުގަނޑު އަނެއްކާވެސް މިޖެހުނީ ދުވަސްކޮޅަކަށް ޒޭނާ އަރާމު ކުރުވާ ޚާއްސަ ބެލުމަކުން ޒޭނާއަށް ބަލަން. އަނެއްކާވެސް ޒޭނާއަށް އިތުރު ފަރުވާއެއް ކުރަން މިވަނީ ޖެހިފައި. ގައިމުވެސް މިފަރުވާގައި ޒޭނާ އެކަހެރި ވާކަށް ނުޖެހޭނެ. އެކަމަކު ޒޭނާ މިކަމުގައި ނުވަ މަސްދުވަސް ހޭދަކުރަން ޖެހިދާނެ. " ޝުޢައިބު މިހެން ބުނުމުން ޒޭނާ އެކަމާއި ވަރަށް ބިރުގަތެވެ. ވާނީވެސް އެހެންތާއެވެ. މި ވޭތުވި ހުރިހާ ދުވަހަކުވެސް ޒޭނާ އުޅެން ޖެހިފައިވަނީ އެހާ ވޭނުގައިކަން އޭނާ އަށް އެނގެއެވެ. މިކަމާއި ބިރުން ޒޭނާ ޝުޢައިބު އާއި ސުވާލު ކުރިއެވެ. " ޝުޢައިބު، އަޅުގަނޑު ވަރަށް ބިރު އެބަގަނޭ. ސާފުކޮށް ބުނެދީބަލަ މިވީ ގޮތެއް. ޝުޢައިބު ހިނިގަނޑެއް ޖަހާލިއެވެ. އަދި ވަރަށް ލޯބިން ބުންޏެވެ. " އަޅުގަނޑުގެ ލޯބިވާ ކަމަނާ، ވަރަށް ދެރަ. ބައްޕާފުޅު މުސްކުޅި ފުޅުވީ. އަދި އަޅުގަނޑަށް އިތުރު ދަރިޔަކު ލިބެނީ. ޒޭނާ މަންމަ އަކަށް ވަނީ. މިއަދު އަޅުގަނޑު ވަރަށް އުފާ ވެއްޖެ. " ޒޭނާ އަށް އުފަލުން ރޮވުނެވެ. އަދި ބުނެވުނެވެ. " ހެޔޮ ޚަބަރެއް. އަހަރެން މިވަގުތު ބޭނުން މިވާހަކަ ބައްޕައަށް ދަންނަވަން. " މިހެން ބުނުމަށްފަހު ދެމީހުން އެކުގައި ރަސްގެފާނުގެ އަރިހަށް ގޮސް މި ޚަބަރު ދިނެވެ. ރަސްގެފާނުވެސް މިކަމާއި އުފާފުޅު ކުރައްވާ މި ލިބުނު އުފާވެރި ކަމުގެ ޚަބަރު ވަޒީރަށް ދިނެވެ. އަދި ސާރާއަށް އެއްބަފާ ކޮއްކޮއެއް ލިބެން އުޅޭ ކަމުގެ ހެޔޮ ޚަބަރު ސާރާއަށް ވެސް ދީފިއެވެ. މިކަމާއި ސާރާވެސް ހުރީ އުފަލުން ފޮޅިފައެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް ޒޭނާ ދުވަސްފުރި ބަނޑުގައި ރިހެން ފެށިއެވެ. އެހެންކަމުން ހަސްފަތާލުގެ ހުރިހާ ކަމެއް އެތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކާއި ޝުޢައިބު ހަވާލު ކުރިއެވެ. އަދި ޒޭނާ ވިހާ ގަދަވަންދެން ގޭގައި މަޑު ކުރިއެވެ. ޖެހިގެން އައިރޭ އިރާކޮޅުގެ ވަގުތެއްގައި ޒޭނާގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސުމަށްފަހު ﷲ ގެ ހެޔޮ ރަހުމަތްފުޅާއި އެކު ޒޭނާ ވަރަށް ލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. މިކަމާއި ޒޭނާ އާއި ޝުޢައިބު ވަރަށް އުފާ ވިއެވެ. ރަސްގެފާނަށް ކާފަ ދަރިޔަކު ލިބި ވަޑައިގަތުމުން އެކަމާއި ވަރަށް އުފާފުޅު ކުރައްވާ ޒޭނާ އާއި ޝުޢައިބު އަށް ވިދާޅުވިއެވެ. މި ދަރިފުޅަށް ނަން ކިޔާނީ ބައްޕަ. ބައްޕަ ވާނީ ފިރިހެން ދަރިޔަކު ލިބިއްޖެ ނަމަ ކިޔާނޭ ނަމެއްވެސް ހަމަ ޖައްސާފައި. އެހެންވީމާ އެދަރިފުޅަށް ކިޔާނީ " ޝުރެއިމް " ޒޭނާގެ ދަރިފުޅަށް ހަތް ދުވަސް ފުރިއްޖެއެވެ. އަދި ރަސްގެފާނު އެދިވަޑައިގެންފައިވާ ގޮތަށް ޢަޤީގާ ކަތިލެއްވުމަށް ފަހު އެދަރިފުޅަށް "ޝުރެއިމް" ގެ ނަމުން ނަން ދީފިއެވެ. ރަސްގެފާނުގެ ހުރިހާ ހުސްވަގުތެއް މިހާރު ހޭދަކުރައްވަމުން އަންނަނީ ދެ ކާފަ ދަރީން، ސާރާ އާއި ޝުރެއިމް އާއި އެކުގައެވެ. އެއްދުވަހު ރަސްގެފާނު ޒޭނާ އާއި ޝުޢައިބުއަށް ވިދާޅުވިއެވެ. " ބައްޕަ ދަރިފުޅުމެންނާއި ވަރަށް މުހިންމު ކަމެއްގައި މަޝްވަރާއެއް ކޮށްލަން ބޭނުން. ބައްޕަ އެބަ ގަސްތު ކުރަން މިޝަހަރުގައި ދިރިއުޅޭ ނިކަމެތި ފަގީރުންގެ ދަރީންނަށް ތަޢުލީމު އުނގަންނައި ދިނުމަށް މަކުތަބެއް ބިނާ ކުރުމަށް. އަދި އެތަން ބިނާ ކުރުމަށްފަހު އެކުދީންގެ ކިޔެވުމުގެ ހުރިހާ ކަމެއްވެސް ކުރަން ބޭނުން ވަނީ ހިލޭ ސާބަހަށް. " " ބައްޕާ، ތިޔައީ އިންސާނިއްޔަތަށް ޓަކައި ބައްޕަ ކުރަން ނިންމެވި ވަރަށް އަގުހުރި މަސައްކަތެއް. ތިޔަ ކަމުގެ ސަބަބުން ބައްޕައަށް ވަރަށް ގިނަގުނަ ސަވާބުވެސް ލިބިގެންދާނޭ ކަމެއް. ނިކަމެއްޗަކަށް އެހީއެއް ވެގެން އަޅުގަނޑުމެނަށް ގެއްލޭނޭ ހަމަ އެކައްޗެއްވެސް ނޯންނާނެ. ވީމާ ބައްޕައާއި ޝުޢައިބު ނިންމަވާ އެއްވެސް ކަމަކަށް އަޅުގަނޑު ދެކޮޅެއް ނުހަދާނަން. " ޝުޢައިބުވެސް މިކަމާއި އުފާ ކުރައްވާ ރަސްގެފާނުގެ މިނިންމެވުމަށް ރުހިލެއްވިއެވެ. ރަސްގެފާނުގެ އެންގެވުމާއި އެއްގޮތަށް ގިނަ ދުވަސްތަކެއް ނުވަނީސް ޝުޢައިބުގެ ބެލުމުގެދަށުން މަކުތަބު ބިނާ ކުރުމުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރިޔަށް ގެންދަން ފަށައިފިއެވެ. އަދި ތަނުގެ މަސައްކަތް އެކީ ނިމުމުގެ ކުރީން ތަނުގައި ކިޔަވައި ދެއްވާނޭ މުދައްރިސުންވެސް ހޯދައި ހަމަ ކުރިއެވެ. ގިނަ ދުވަސްތަކެއް ނުވެ މަކުތަބުގެ މަސައްކަތް އެކީ ނިންމާ އެތަނުގައި ކިޔެވުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށް ތައްޔާރު ކުރެވިގެން ހިނގައްޖެއެވެ. އަދި މިކަމުގެ ހުރިހާ މަޢުލޫމާތެއް އޭނާ ރަސްގެފާނަށް ދިނެވެ. ޝުރެއިމްގެ އުމުރުން ފަސް މަސް ފުރޭ ދުވަހު މަކުތަބު ހުޅުވުމަށް ތައްޔާރު ކުރެވިއްޖެއެވެ. އަދި ޝަޙަރުގެ ނިކަމެތީންގެ އަދަދު ބެލުމަށްފަހު އެއާއިލާތަކަށް މިކަން އަންގާ، ކިޔަވައިދޭން ފެށުމަށް ރަސްގެފާނު ޝުޢައިބުއަށް އެންގިއެވެ. މިމަކުތަބުގައި އެންމެ އިސްކަމެއްގެ ގޮތުގައި ދީނީ އިލްމު އުނގަންނައި ދިނުމަށާއި ކީރީތި ޤުރުއާން އުނގަންނައި ދިނުމަށް ނިންމެވިއެވެ. އަދި ކީރިތި ޤުރުއާން ހިތުން ދަސްކުރެވޭ ކޮންމެ ދަރިވަރަކަށް ރަސްގެފާނުގެ ފަރާތްޕުޅުން ޚާއްސަ އިނާމެއްވެސް ލިބިގެންދާނޭ ކަމުއި ނިންމަވައިފިއެވެ. ޝުރެއިމްގެ އުމުރުން ފަސް މަސް ފުރިގެން ދިޔަ ދުވަހު މަކުތަބަށް ޝުރެއިމްގެ ނަމުން ނަން ދިނުމަށްފަހު އެތަނުގައި ކިޔަވައި ދޭން ފަށައިފިއެވެ. އަދި ކިޔެވުން ކުރިޔަށްދާ ކޮންމެ ދުވަހަކު ރަސްގެފާނު މަކުތަބަށް ވަޑައިގެން ކިޔެވުމުގެ ކަންކަން ކުރިޔަށްދާ ގޮތް ދިޔައީ ބައްލަވަމުންނެވެ. އިސާހިތަކު ކަރައިގެ އެކި ފަންތީގެ މީހުންގެ މެދުގައި މިމަކުތަބު މަގުބޫލު ވެގެން ހިނގައްޖެއެވެ. އަދި ނުހަނު އަވަސް މިނެއްގައި، މަކުތަބުގައި ޤުރުއާން ހިތުން ދަސްކުރަމުން އަންނަ ފަރާތްތައް ދިޔައީ އިތުރުވަމުންނެވެ. ރަސްގެފާނު އެފަރާތް ތަކަށް ހުށަހަޅާފައިވާ ޚާއްސަ އިނާމު ކޮންމެ އަހަރަކު އެތަކެއް ދަރިވަރުން ނެއް ދިޔައީ ހާސިލު ކުރަމުންނެވެ. އެކަމާއި މެދު ކަރައިގެ މީހުންގެ މެދުގައި ރަސްގެފާނުގެ މަގުބޫލުކަން އެތަކެއް ގުނައެއް އިތުރުވެގެން ދިޔައެވެ. އެއްރޭ ރަސްގެފާނު ޒޭނާ އާއި ޝުއަޢިބުގެ ގާތުގައި ވަރަށް މުހިންމު ކަމެއްގެ ވާހަކަދައްކާލުމަށް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. " ދަރިފުޅުމެންނަށް އެނގޭތަ؟ ނިކަމެތީންނަށް އެހީވުމަށް ބައްޕަ މިފެށި މަސައްކަތަކީ ދާއިމަށް ދެމިގެންދާނޭ ގޮތުގައި ކުރިޔަށް ގެންދިއުމަށް ގަސްތުކޮށް ފެށި ޚިދުމަތެއް. އަދި ބައްޕަ ނެތް ދުވަހަކުން ވެސް މިކަން މިގޮތުގައި ކުރެވެން ވާނެ. މިއީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް. މިއީ މުޅި އިންސާނިއްޔަތަށްޓަކައި ބައްޕަ ކުރަމުން މަސައްކަތެއް. ހެޔޮ ނިޔަތެއްގައި މިކަން ކުރެވިއްޖެނަމަ މިކަމުގެ އަޖުރު އެތަކެއް ގުނައަކަށް ލިބިގެންވެސް ދާނޭ ކަމެއް. ވީމާ ދަރިފުޅުމެން މިކަން ހަނދާނުގައި ބަހައްޓައިގެން މިކަން ކުރިޔަށް ގެންގޮސްދީ. މިއީ ބައްޕަގެ ވަރަށް ބޮޑު ވަސިއްޔަތެއް. ބައްޕަ ތިޔައިގެ ދެކުދީންނަށް އަބަދުވެސް ވަރަށް އިތުބާރުކުރަން. " ( ނުނިމޭ )
