ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސްއިން 17 އަހަރު ފަހުން ތަށްޓެއް ހޯދައިފިއެވެ.
ސްޕެއިންގެ ބިލްބާލޯގެ ސޭން މަމޭސް ސްޓޭޑިއަމްގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމް ހޮޓްސްޕަރ އަށް ކާމިޔާބުކޮށްދީފައިވަނީ ބްރެނަން ޖޯންސަން އެވެ.
މި ލަނޑާއެކު ބްރެނަން ޖޯންސަން ވެފައިވަނީ 2010 ވަނަ އަހަރު ފުލަމްގެ ސައިމޮން ޑޭވީސް އަށް ފަހު ޔޫރޮޕާ ލީގުގެ ފައިނަލްގައި ލަނޑެއް ޖެހި ވޭލްސްގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.
ޔުނައިޓެޑް ހުސް އަތާ ސީޒަން ނިންމާލި އިރު، އެޓީމަށް އަންނަ ސީޒަނުގައ ޔޫރަޕް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތެއްވެސް ނެެތެވެ.
މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވުމާއިއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނީ އެ ޓީމުގެ ގޯކު އެންޖޭ ޕޮސްޓެކޮގްލޫ އަށެވެ. ނަމަވެސް މި ސީޒަނުގައި ޕްރިމިއާ ލީގުގައި ހޯދިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާއަށް މަގާމުގައި ދެމި ހުރުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އަށް އެންމެ ފަހުން މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރު އިނގރޭސި ލީގު ކަޕެވެ.
ޓޮޓެންހަމްއިން އެތައް އަހަރެއް ފަހުން ތަށްޓެއް ހޯދާފައިވާ އިރު، އެ ތަށްޓަކީ ކޯޗު އާންގޭ ޕޮސްޓެކޮގްލޫއަށް ހާއްސަ ތަށްޓެކެވެ. ޓޮޓެންހަމްއާ ހަވާލުވި ގޮތަށް އޭނާ ބުނެފައި ވަނީ "އަހަންނަކީ އަބަދުވެސް ދެވަނަ ސީޒަނުގައި ތަށި ހޯދާ،" ކޯޗެއް ކަމަށެވެ. އެކަން އޭނާއަށް ހާސިލު ކޮށްދެވިއްޖެއެވެ.
