ކުރީ ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ހިމަނާފައި ހުރި "ޝަރުތު ހަމަނުވާ" މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓް ލިސްޓުގެ ފައިނަލް ލިސްޓުގެ ގޮތުގައި އަލުން އާ ލިސްޓެއް ނުނެރޭނެ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާ އެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭސީސީން އަންގާފައިވާ ގޮތަށް ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ވެސް އެޕީލް ކުރުމުގެ ފުުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"އެ ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ސާބިތުވާ މީހުންނަށް އެޕީލް ކުރަން ފުރުސަތު ދީ އަންގައި މުއާމަލާތް ކުރަމުން ދާނީ. އެފަދަ ފަރާތްތަކަށް އެ ޕްރޮސެސްތައް ނިމިގެން ފްލެޓް ނުލިބޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވެފައި ވަނީ 1،820 މީހުންނެވެ. އެ ލިސްޓަށް 8،000 އަށް ވުރެ ގިނަ ޝަކުވާ ވަނީ ލިބިފައެވެ.
މި ސަރުކާރުން ފޯމުތައް ބެލިއިރު ބަލައިފައިވަނީ ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު ފޯމުތަކާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު ފޯމެވެ. އެއީ 4،939 ފޯމެވެ.
އެ ފޯމުތަކުން ފާހަގަވި މައްސަލަތައް ކަމަށް މުއްތަލިބު ވިދާޅުވީ: ދެމަފިރިންނަށް ވަކިވަކިން ފުލެޓް ލިބިފައިވުމާއި ފުލެޓެއް ނުވަތަ ގޯއްޗެއް ކުރިން އޮތް 302 މީހުންނަށް ފުލެޓް ލިބިފައިވުމާއި ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ 305 މީހުންނަށް ފުލެޓު ލިބިފައިވުމެވެ. އެ އެންމެންނަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށާއި، ފުލެޓު ދިނުން ކުރިއަށްގެންދާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރުތު ހަމަނުވާ މީހުން ފުލެޓު ލިސްޓުން އުނިވުމުން، 75 ޕޮއިންޓް ލިބިފައިވުމުން ގުރުއަތު ނެގުމުގައި ބައިވެރިވެވޭ މީހުންނަށް އެ ފުލެޓުތައް ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން މިހިރަ ނަންބަރުތަކަށް ބަލާއިރުގައި، 75 ޕޮއިންޓުން ގުރުއަތު ލިސްޓުގައި ތިބި ހުރިހާ ފަރާތްތަކަށް ވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ، އެހެންވީމަ މީގެ ތެރެއިން ސްޕެސިފިކްކޮށް ވެރިފަޔަބަލްކޮށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އަޅުގަނޑުމެން ވީހާވެސް އަވަހަކަށް އަންގާނަން،" މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފަށައި، ސެޕްޓެމްބަރު މަހަށް އެ މަސައްކަތް ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
