މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދީފައިވާ 1،000 ކޯޓާގެ ތެރެއިން ނޫން ކަމަށާއި ހައްޖަށް ވަޑައިގަންނަވަނީ ސައުދީގެ މެހްމާންދާރީގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ނަމުގައި ގެނެސްދޭ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ މި އަހަރު, ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަށް ސައުދީން ދީފައިވާ ކޯޓާގެ ތެރެއިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ މިކަހަލަ ވާހަކަތައް އާންމުކޮށް، މީހުން ދޮގު ހަދައިގެން ވާހަކަ ދައްކައި އުޅޭ އުޅުމަކީ ދެރަކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ޙައްޖު ދަތުރުފުޅަކީ، ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ، ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. އެއީ ސައުދީގެ ފުރިހަމަ މެހެމާންދާރީގެ ތެރެއިން ދެއްވި ފުރުސަތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ވެސް ސައުދީން ދެއްވި ފުރުސަތެއްގައި މިދިޔަ އަަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ވަޑައިގެންފައެވެ.
އެކަމާ ގުޅިގެން މިއަދު ރައީސް ވިދާޅުވީ ސައުދީން މީގެ ކުރިން ދެއްވި ފުރުސަތުގައި އުމްރާއަށް ވަޑައިގަތް އިރު ވެސް މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށާއި، އެ ދަތުރުފުޅަށް ވެސް ޚާއްސަ ފްލައިޓެއް ހަމަޖައްސައިދެއްވި ކަމަށެވެ.
