ލާޖައްސާ އުސޫލުން މާލޭގެ ގޯއްޗެއް ދޫކުރުމުން ހިލޭ ގޯއްޗެއްދެނީ

މާލޭގައި ލޯނު ހޯދައިގެން ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ އިމާރާތްކުރަން ދަތިވެފައިވާ ބިންތައް، ލާޖައްސާ އުސޫލުން ސަރުކާރަށް ދިނުމަށްމަހު، މާލެ ސަރަޙައްދުން ހިލޭ ގޯތި ހޯދުމުގެ ފުރުޞަތު މިއަހަރު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް އުނދަގޫވާގޮތަށް ހަނި ގޯޅިތަކާއި ކުދި ކަންމަތިތަކުގައި ހުރި ގޯތިތައް އެބަހުރިކަމަށެވެ. އެފަދަ ބައެއް ބިންތަކަކީ ލޯނު ހޯދައިގެން ނުވަތަ ކޮންޓްރެކްޓަރ ފައިނޭސް އުސޫލުންވެސް އިމާރާތްކުރެވޭނެ ގޮތެއް ނެތިފައި ހުރި ތަންތަންކަމަށާއި އޭގެ ސަބަބުން އެފަދަ ގެތަކުގެ މީހުންނަށް، ދިރިއުޅެވޭނެ ގޮތެއް ހޯދިފައި ނެތް މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތަށް ހުރި ގެތަކުގެ މީހުން ގެދޮރުވެރިކުރެވޭނެ ގޮތެއް ހޯދުމަށް، އެބިންތައް ލާ ޖައްސާ އުސޫލުން ސަރުކާރަށް ދޫކޮށްލާ، މާލޭ އޭރިއާގައި ހިއްކާ ބިންތަކުން ގޯތި ހޯދުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލާ ޖައްސާ އުސޫލުން ދޫކޮށްލާ ބިންތަކަށް، އެ ގޯއްޗާ އެއް ސައިޒުގެ ގޯތި ދޭނެކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ، އިންތީޚާބުގެތެރޭގައި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންދާ ވަޢުދެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *