އެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީން ހޯދައިފިއެވެ. ޕީއެސްޖީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޓަރ މިލާނާ ދެކޮޅަށް ރޭ ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާ އާއެކު ޕީއެސްޖީ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާގެ މުބާރާތެއްގެ ފައިނަލުގައި މެޗެއް ކާމިޔާބުކުރި އެންމެ ތަފާތު ބޮޑު ނަތީޖާއަށް ވެފަ އެވެ.
މިރޭގެ ފައިނަލުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެ، ޕީއެސްޖީން ވަނީ މެޗު އެއްކޮށް ޑޮމިނޭޓްކޮށްފަ އެވެ. ފުރަތަމަ ކަށިގަނޑުން ފެށިގެން އެ ޓީމުން ވަނީ އިންޓަ ވަރަށް ބޮޑަށް ޕްރެސްކޮށް، އެ ޓީމަށް ހަމަނޭވާލިޔަ ނުދީފަ އެވެ. ނަތީޖާއަކަށްވީ އިންޓަ އަށް މެދުތެރޭގެ ކޮންޓްރޯލް ގެއްލި، ކުރީގައި ބޯޅަ ހިފެހެއްޓޭ ގޮތް ނުވުމެވެ. އޭގެ ހުރިހާ ލޯޑެއް ކުރިމަތިވީ ޑިފެންސަށެވެ. ޕީއެސްޖީން ކުދިކުދި ޕާސްތަކެއް ބޭނުންކޮށްގެން އުފައްދަމުން ދިޔަ އެޓޭކުތައް ދިފާއުކުރެވޭނެ އެއްވެސް ގޮތެއް އިންޓަ އަށް ނުހޯދުނެވެ.
ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި އަޝްރަފް ހަކީމީ ވަނީ ޑިސިޔޭ ޑުއޭ ދިން ޕާހަކުން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ޑިސިއޭ ޑުއޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ޕީއެސްޖީ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އިންޓަރ މިލާނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީ އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 19 އަހަރުގެ ޑިސިއޭ އެވެ. ޑިސިއޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑުޖެހި ތިންވަނަ ޓީނޭޖް ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން މި ޝަރަފު ލިބިފައިވާ އަނެއް ދެ ކުޅުންތެރިންނަކީ ޕެޓްރިކް ކްލައިވަޓް އާއި ކާލޯސް އަލްބާޓޯ އެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްވިޗާ ކްވަރަޓްސްކޭލިއާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
