މާރޗް މަހުގެ ހޫނުގަދަ ދުވަސްތަކުގެ ތެރެއިންވެސް ވަކިން ހޫނުގަދަ ދުވަހެކެވެ. ސްކޫލްތަކުން ކުދިން ނިކުންނަ ގަޑިއާއި، ގަޑިޖެހޭތީ އަވަސް އަރުވާލައިގެން ސުކޫލް ދޮށަށް ކުދިން ދާގަޑިއާއި ދިމާވެފައިވުމުން މުޅި މަގުތައްވަނީ ތޮއްޖެހިފައެވެ. ދޭތެރެއަކުން މުދާ އަރުވައިގެން ދުއްވާ ޕިކަޕްތަކުގެ ފަހަތުގައި ސަފުހަދައިގެން އޮންނަ ސައިކަލުތަކުގެ ބަރުގޮނުގެ އަޑުން ކަންފަތް ފަޅައިގެން ދާހާ ވަރުވެއެވެ. މަގުހުރަސްކުރަން ކަފިހި ހުރަސް ފާހަގަ ކޮށްފައިވިޔަސް އެމީހަކު ބޭނުންދިމާއަކުން މަގުހުރަސް ކުރަމުންދާތީ ހަނިދޭތެރެއަކުން ދެމިގަންނަ ސައިކަލުވެސް ޖެހެނީ ހުއްޓޭށެވެ.
އޮފީހުން ނިކުމެގެން ކާރޫބާރު ބޮޑު މަގުތަކުން ނަރީމާ ސައިކަލު ދުއްވަމުން ދިޔައީ މަގުގެ ދެކޮޅުންއަންނަ އެއްޗިއްސަށް މާބޮޑަށް ފަރުވާލެއް ނުބަހައްޓައެވެ. ގޭގައި އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު މިހާރު ހުންނާނީ ސްކޫލަށްދާން ތައްޔާރުވެފައިކަން އޭނާއަށް އެނގެއެވެ. ފިކުރުބޮޑުކަމުން ރޭގަނޑުނިދަން އުދަނގޫވެފައިވާތީ މިއަދު ހޭލެވުނީވެސް ތަންކޮޅެއް ލަހުންނެވެ. އެހެން ކަމުން އެކުދިންނަށް ހެނދުނުގެ ނާސްތާވެސް ނުދީ މިއަދު އޮފީހަށް ދެވުނީ ގަޑިޖެހިގެންނެވެ. ކައިރީގައި ހުރި ފިހާރަކުން ސޭންޑްވިޗެއް ގަނެގެން އޭނާ އަނެއްކާވެސް ސައިކަލަށް އަރާ ދުއްވާލިއެވެ. ކުއްލިއަކަށް އައި ސައިކަލެއް އޭނާގެ ސައިކަލުގައި ޖެހި އޭނާ ވެއްޓިއްޖެއެވެ. އެ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާވެސް ވެއްޓިއްޖެއެވެ. ނަމަވެސް އަނިޔާއެއް ލިބިފައި ނުވާތީ އަވަސް އަވަހަށް ތެދުވިއެވެ.
"ތަނަކަށް ތަދުވިތަ؟" ވެއްޓިފައި އޮތް ނަރީމާ ގާތަށް ގުދުވެލާފައި އަތްދިއްކޮށްލަމުން ސައިކަލު ދުއްވަން އިން ފިރިހެންމީހާ ބުންޏެވެ. އެއީ އިސްކޮޅުންދިގު ރީތި ޒުވާނެކެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރި ކަމާއި ރަހުމެވެ.
"ބަލައިގެން ދުއްވާނަމަ މިހެނެއް ނުވީސްދޯ." ނަރީމާ އުޅުނީ ވަރަށް އެއްޗިހި ގޮވާށެވެ. ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކޮށްލާށެވެ. ނަމަވެސް އޭނާއަށް ތަދުވެފައި ހުރިވަރުން އެހެން ބުނެވުނީވެސް ވަރަށް އުނދަގުލުންނެވެ. އޭނާގެ ކަނާތުފައި ވަނީ ބިނދިފައެވެ. ތެދުވަން އުޅުނު ވަގުތު އޭނާއަށް ފުރަތަމަ ފަހަރަށް ތަދު އިހުސާސްވިއެވެ. އޭނާއަކަށް ނުތެދުވެވުނެވެ.
"ޒަހީން ދޭ އޭނާ ގޮވައިގެން ޓެކްސީއެއްގައި. އަހަރެން ދާނަން ސައިކަލުގައި." ވެއްޓުނުއިރު ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާ ޓެކްސީއެއް ހުއްޓުވަމުން ބުންޏެވެ. އެ މަންޒަރު ބަލަން އޭރު މަގުމައްޗަށް މީހުން ޖަމާވަމުން ދެއެވެ.
"އާދޭ. މިކާރަށް އަރާ. ހޮސްޕިޓަލަށް ހިނގާ." ޒަހީން ނަރީމާ އަތުލަފިކޮށްގެން ކޮޅަށް ނެގިއެވެ. އަދި ކާރަށް އެރުމާއިއެކު އޭޑީކޭ ހޮސްޕިޓަލަށް ދާން ބުންޏެވެ.
"ކީއްކުރަން އޭ.ޑީ.ކޭ. އައި.ޖީ.އެމް.އެޗް އަށް ހިނގާ. އޭ.ޑީ.ކޭއަކީ އަހަރެމެންކަހަލަ އާދައިގެ މީހުންނަށް ދެވޭވަރު ތަނެއް ނޫން." ނަރީމާ ނުރުހިފާ ބުންޏެވެ.
ޒަހީން ލޮލުގެ އިޝާރާތުން ޑުރައިވަރަށް އޭ.ޑީ.ކޭއަށް ދާން ބުންޏެވެ. އޭ.ޑީ.ކޭއަށް ގެންދެވުމާއިއެކު ނަރީމާ އެޑްމިޓް ކުރެވުނެވެ. އޭނާ ޓެސްތައް ހަދާ ބިނދިފައިވާ ފައި އޮޕްރޭޝަން ކުރިއެވެ. ނަރީމާ ހޮސްޕިޓަލް ގައި ހަފްތާއެއް ވިއެވެ. މިދުވަސްތަކުގައި ޒަހީން އޭނާގެ ހާލުއަހުވާލު ބެލުމާއި ކެއިން ބުއިމުގެ ހުރިހާ ކަމެއް ހަމަޖައްސައިދިނެވެ. އޭނާގެ އަންހެނުން ރިޔާޝާއާއި އެކު ހޮސްޕިޓަލަށް ޒިޔާރަތް ކޮށްހެދިއެވެ. ހޮސްޕިޓަލުގެ ހުރިހާ ބިލްތަކެއް ޒަހީން ދައްކައިދިނެވެ.
"ޑޮކްޓަރު ބުނުއްވީ ގޭގައި އެއްމަސްދުވަހު މަޑުކޮށްލުމަށް. ފަޔަށް ރެސްޓް ދިނުމުގެ ގޮތުން އެއްގޮތަކަށްވެސް ހިނގާ ނޫޅުމަށް. އެއްމަސްވުމުން ޑޮކްޓަރަށް ދައްކާފައި ދެން ހިނގިދާނެކަމަށް ބުނުއްވި. ދެންވެސް ސައިކަލު ދުއްވާއިރު ބަލައިގެން ދުއްވާތި." ޒަހީންގެ އޯގާވެރި ބަސްތަކުން ނަރީމާ ވަރަށް އުފާވިއެވެ. އޭނާގެ ރީތިކަމާއި އެއްވަރަށް އަޚުލާގުވެސް ރަނގަޅެވެ. މުއްސަނދިކަމާއި އެއްވަރަށް ހެޔޮވެސް މެއެވެ. ޒަހީންކަހަލަ ފިރިއެއް ލިބޭނީ މަދު މީހަކަށޭ އޭނާ ހިތަށް އެރިއެވެ.
ގެޔަށްދިޔައިރު މުޅި ގެ ވަނީ ގޮނޑުވެފައެވެ. ކޮއްކޮއަކާއި ކުދިންކޮޅު ހަވާލުކުރި ނަމަވެސް އެއްހަފްތާ ތެރޭ ގޭތެރެ އެއްވެސް ވަރަކަށް ސާފުކޮށްފައެއް ނުވެއެވެ. ސިންކު ވަނީ ނުދޮވެހުރި ތަށިތަކާއިއެކު ފެންބޮޑުވެފައެވެ. ކުނި ބޭރަށް ނުނެރުމާއި ކައްކާފައި ހުރި ތެލިތައް ނުދޮވުމުގެ ސަބަބުން ގޭތެރެ ވަނީ ކުނިވަހުން އެއްވަސް ވެފައެވެ. އޭރު ދެކުދިން ތިބީ ޓީވީ ބަލާށެވެ. ކޮޓަރިއަށްވަދެ އޮށޯވެލާ މުޑުދާރުވެފައިވާ ގޭތެރެއަށް ބަލާލިއެވެ. ދެލޮލުން އައި ކަރުނަތައް އަތުން ފޮހެލިއެވެ. ފޯނަށް ބަލާލާފައި ފޯނު ބޭއްވިއެވެ.
އޭނާ ދެލޯ މަރާލިއެވެ. ހިތަށްވެރިވީ ޝުޢޫރުތަކުން އޭނާއަށް ފުންއަސަރުތަކެއް ކުރަމުން ދިޔައެވެ. އޭގެ ނިޝާންތައް ދެލޮލުން ކަރުނަތަކެއްގެ ގޮތުގައި ފައިބަމުން ދިޔައެވެ. ކުދިންގެ ބައްޕައަށް އޭނާ އެކްސިޑެންޓް ވީކަން އެނގެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ކުދިންގެ ހާލު ބަލާލަންވެސް ގުޅާފައެއް ނުވެއެވެ. މި އެކަނިވެރި ދިރިއުޅުމުގައި އޮތީ ކޮންއުފަލެއް ހެއްޔެވެ؟ ގަނަތެޅުމާއި ވަރުބަލިކަން ފިޔަވާ ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟ ޒަހީންއަކީ ކޮންފަދަ ހެޔޮ މާތް މީހެއް ހެއްޔެވެ؟ އޭނާ ލިބޭނީ ނަސީބުވެރިއަކަށެވެ. އެކަހަލަ ހެޔޮ ފިރިއެއް އޭނާއަށް ނުލިބުނީ ކީއްވެ ހެއްޔެވެ؟
"ނޫން. ލިބިދާނެ. އަހަރެން ޒަހީނު ބޭނުން." ނަރީމާއަށް މަޑުމަޑުން ބުނެލެވުނެވެ.
ގޭގައި އޮންނަން ޖެހުނު ދުވަސްތައް ހޭދަވެގެން ދިޔައީ ޒަހީނާއި މެދު ވިސްނުމުގައެވެ. އެވީ ދުވަސްތަކުގައި ޒަހީންގެ ސޯޝަލް މީޑިޔާގެ ހުރިހާ ޕްލެޓްފޯމެއް އޭނާ ބެލިއެވެ. ފޭސްބުކާއި، ޓުވިޓަރއާއި އިންސްޓަރ ގްރާމްއެވެ. ޒަހީނަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމާއި އެއީ ދެކުދިންގެ ބައްޕައެއްކަމާއި މީހުންނަށް ހެޔޮ ރަނގަޅު މީހެއްކަން އޭނާ ދެނެގަތެވެ. ޒަހީންގެ ޚިޔާލުތަކާއިމެދު ވިސްނަން އޮއްވާ އޭނާއަށް ނިދުނު ގޮތްވެސް ނޭނގުނެވެ. ކުއްލިއަކަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ. އެކްސިޑެންޓްގެ ފަހުން އޭނާ ދުވަހަކުވެސް އުފާ ނުވާމިންވަރަށް އެކޯލް އައުމުން އުފާވިއެވެ.
"އަހަރެން ހީކުރީ ހަނދާން ނެތުނީކަމަށް." ނަރީމާ ސަމާސާ ރާގަކަށް ބުންޏެވެ.
"ނޫނޭ. ރާއްޖޭން ބޭރަށް ދާންޖެހުނީ. އަދި ދެތިންދުވަސް މިވީ އައިފަހުން. ހިތަށްއެރީ ނަރީމާގެ ހާލު ބަލާލާނަމޭ. މިހާރު ކިހިނެއް." ޒަހީން އާދައިގެ ގޮތަކަށް އެހިއެވެ.
"މާދަން ހުރެފަ ޑޮކްޓަރަށް ދެއްކީމަ ދެން އެނގޭނީ." ނަރީމާއަށް ޒަހީންގެ ކޮންމެ ޖުމްލައެއްވެސް ވަރަށް ކަމުދިޔައެވެ. އޭނާ ޖަވާބުދިނީ ވަރަށް ލޯބިންނެވެ.
"ޑޮކްޓަރަށް ދައްކަން ދާއިރު އަހަރެން ދާނަން." ޒަހީން ފޯނު ބާއްވަމުން ބުންޏެވެ.
ފޯނު ބޭއްވުމާއެކު ނަރީމާއަށް އުފަލުން ހަޅޭއްލަވައި ގަނެވުނެވެ. އޭނާއަށް ހީވީ އީދެއް އައީ ހެންނެވެ. ފައި ދަމަމުންކަހަލަ ގޮތަކަށް އަލަމާރި ކައިރިއަށް ގޮސް ހޭނާގެ އަލަމާރި ހުޅުވާލިއެވެ. ހެނދުންތައް ހާވާލުމަށްފަހު އޭނާއަށް އެންމެ ރީތި ހެދުން ނަގާ ޑޮކްޓަރަށް ދައްކަން ދިއުމަށްޓައި ތިންދުވަސް ކުރިން ތައްޔާރުވާން ފެށިއެވެ. އެއީ އޭނާގެ ހަޔާތް ބަދަލުކޮށްލާނޭ ދުވަސްކަމަށް އޭނާ ވަނީ ކަނޑައަޅާ ނިންމާފައެވެ.
ޑޮކްޓަރަށް ދައްކަންދާން އޭނާ ނިކުތެވެ. ގަޑިޖެހުނުއިރުވެސް ޒަހީންގެ ޚަބަރެއް ނުއެވެ. އެންމެ ފަހުން ކާރަކަށް އަރައިގެން އޭޑީކޭއަށް އޭނާ ދިޔައެވެ. ޑޮކްޓަރަށް ދައްކަން ވަންނަން އުޅެނިކޮށް ޒަހީން އޭނާއާ ދިމާއަށް އަންނަނީއެވެ.
"ކީއްވެ ނުގުޅީ؟" ޒަހީން އެހިއެވެ.
"ދެން ގުޅާކަށް ނުކެރޭނެއްނު. އެހެންނޫނަސް މީހުންގެ ފިރިންނަށް ގުޅާކަށް ނުވާނެއެއްނު." ނަރީމާ ޒަހީންގެ ލޮލަށް ބަލާލިއެވެ.
"ކީކޭ. ނަރީމާ ތިއުޅެނީ އަހަރެންގެ އަނތްބަކަށް ވާކަށް ނޫނެއްނު. އެހެންނޫނަސް އަންހެނުން ބޭނުންވީ ނަރީމާއަށް އެހީތެރިވެދޭން." ޒަހީން ރާގުގައިވަނީ ސީރިއަސް ކަމެވެ. ނަރީމާއަށް އޭނާގެ އަޑާއި ރާގު ހުރިގޮތުން ޒަހީން ހުރީ ހިތްހަމަ ނުޖެހިފައިކަން އެނގުމުން ލަދުގަތެވެ. ޑޮކްޓަރަށް ދައްކާ ނިމުމުން ދެމީހުން ޑޮކްޓަރުގެ ކޮޓަރިން ނިކުތެވެ.
"ދެން މިހާރު ރަނގަޅުވީތާ! އެކްސިޑެންޓްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މީ އަހަރެން ދޭ ކުޑަ ފައިސާކޮޅެއް. އަހަރެންގެ ސަބަބުން އަނިޔާއެއް ލިބުނީތީ ވަރަށް ބޮޑަށް މާފަށް އެދެން." ޒަހީން ސިޓީއުރަ ދިއްކޮށްލަމުން ބުންޏެވެ. ނަރީމާ އެއްޗެއް ބުނުމުގެ ކުރީން ޒަހީން ހިނގައްޖެއެވެ.
ނަރީމާ ގެއަށް ދިޔަ މަގުމަތީގައިވެސް ވިސްނެނީ ޒަހީންގެ ހެޔޮލަފާ މިޖާޖަށެވެ. އެއީ ކޮންކަހަލަ ރަނގަޅު މީހެއް ހެއްޔެވެ؟ މިޒަމާނުގައި އެފަދަ މީހުން މަދުވާނެއެވެ. ހަޔާތުން ހޭދަވާ ކޮންމެ ދުވަހެއް އޭނާ ޒަހީންގެ މަތީން ހަނދާންވެއެވެ. މިއީ ނުވާނެކަމެއްކަން އެނގިހުރެމެ އިންތިހާއަށް ޒަހީނާއި ގާތްކަން ބާއްވަން ބޭނުންވަނީއެވެ. އޭނާ ދެފަހަރަކު ޒަހީނަށް ގުޅާވެސް ލިއެވެ. ނަމަވެސް ޚަބަރެއް ނުވެއެވެ. ޒަހީން އޭނާގެ ފޯނަށް ޖަވާބު ނުދިނުމުން އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އެ ހިތާމައިގާ އޭނާ މޮޔަވެސް ވެދާނެހެން ހީވާން ފަށައިފިއެވެ.
"ބުނަން ނަރީ ވާހަކައެއް. އަހަރެން ދަންނަ މީހެއްހުރޭ ލޯބިވެރިން ހޯދައިދޭމީހެއް. އެކަމަކު އެއީ ރަނގަޅުކަމެއް ނޫން." ރަހްމަތްތެރިއެއް ކަމަށްވާ ރީޝާއާއި މަޝްވަރާ ކުރުމުން ބުންޏެވެ.
" އަހަރެން އޭނާއާއި ބައްދަލުކުރަން ބޭނުން." ނަރީމާ ހުރީ ކެތްމަދުވެފައެވެ.
"ވަރަށްބޮޑު އަގެއްވެސް ކިޔާނެ. އަހަރެންނަށް ފެންނަކަމެއްނޫންތީ." ރީޝާ ނުރުހުންވިއެވެ.
ނަރީމާގެ އާދޭހާއިއެކު ރީޝާ އެބުނާ މީހާގާތަށް ދިޔައެވެ. ނަރީމާ ބޭނުންވީ ޒަހީން ލިބޭނެ މުޖައްރިބު ކަމެއް ކުރާށެވެ. އޭނާ އެކަން ކުރީ ޒަހީން އޭނާއަށް ދިން ފައިސާއިންނެވެ.
"މި އަނގޮޓީ އަޅާ." ފާޑެއްގެ އެއްޗިހިތަކެއް ކިޔުމަށްފަހު ނޫކުލައިގެ ހިލައެއް ހަރުކޮށްފައިވާ އަނގޮޓިއެއް އެމީހާ ދިއްކޮށްލިއެވެ. އިސްކޮޅުން ދިގު ވަރުގަދަ ފާޑަކަށް ހުންނަ އެ ސިހުރުވެރިޔާގެ އަޑު ޖެހުމުން އޭނާ ބިރުގަތެވެ. އަދި އޭގައި ހިފަން ފަސްޖެހޭ ގޮތްވިއެވެ.
"ކޮންކަމަކާ ޖެހިލުންވަނީ. މީ މުޖައްރިބު އެއްޗެއް. ކަލޭ ބޭނުންކަންތައް ވާނެ." އެމީހާ ބުންޏެވެ.
"ޔަޤީންތަ؟" ސިއްރުސިއްރުން ނަރީމާ އެހިއެވެ.
"މި ދޭ ފެންފުޅި އޭނާގެ އޮފީސް ދޮރުމައްޗަށް އަޅާ. އަދި ކޮންމެވެސް ގޮތަކުން އޭނާއަށް މިފުޅީގައި ހުރި ފެންބޮވޭގޮތް ހަދާ." އެ ސިހުރުވެރިޔާ އަމުރުކުރިއެވެ.
"ތިކަން ރީޝާ ކޮށްދޭންވާނެ." ނަރީމާ ބުންޏެވެ.
"ބަރާބަރު ތިންމަސްވާއިރު ޒަހީން ހުންނާނީ ކަލޭގެ މީހެއްގެ ގޮތުގައި." އެމީހާ ބުންޏެވެ.
ނަރީމާއަށް މިކުރެވެނީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަމެއް އިހުސާސްވެސް ނުވެއެވެ. އަމިއްލަ އެދުމުގައި މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަނެގެން ޝައިތޯނާގެ އެހީގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. ތިންމަސްވެސް ނުވެއެވެ. ޒަހީން އޭނާއަށް ގުޅިއެވެ. ފުރަތަމަ ގުޅީ ހާލުބަލާލާށެވެ. ދެން ގުޅީ ކޮފީއެއް ބޯލާ ވާހަކަ ދައްކާލާށެވެ. ދެން ކުރީ އެކަހެރި ބައްދަލުވުންތަކެވެ. އެ ކޮންމެ ބައްދަލުވުމެއްގައި ސިހުރުވެރިޔާ ބުނެދީފައިވާ ސިއްރުން ކިޔަންޖެހޭ ތަކެތި ކިޔާ ޒަހީނުގަޔަށް ފުމެއެވެ. މިއިން އެއްވެސް ކަމެއް ޒަހީނަކަށް ރޭކާވެސް ނުލައެވެ.
"އަހަރެން ބޭނުންވަނީ ނަރީއާއި ކައިވެނި ކުރަން." އެންމެ ފަހުން ޒަހީން ބުންޏެވެ.
"އެކަމަކު އަހަރެން ބޭނުންވަނީ ޒަހީންއަކީ ހަމައެކަނި އަހަރެންގެ މީހަކަށް ވާން. ދޮށީއަނބި ވަރި ކުރަންވީނު." ނަރީމާ ބުންޏެވެ.
"އެކަމަކު އަހަރެންގެ ކުދިންނޯ." ޒަހީންއަށް އެގޮތަށް އެކަން ކުރަން އުނދަގޫވިއެވެ.
"ކުދިންގެ ކަންކަން ބެލެހެއްޓުމަށް ޒަހީނަށް އެއްވެސް ހުރަހެއް ނެތެއްނު. އެކުދިން މިހާރުވެސް ބަލާގޮތަށް މަންމަ ބަލާނެ. ޒަހީނަށް އެގެއަށް ކުދިންގެ ގާތަށް ދެވޭނެ." ނަރީމާގެ ހިތުގައި ވަނީ އަމިއްލަ އެދުމެވެ.
"އެންމެ ރަނގަޅު. ނަރީ އަހަރެންނާ އިންނަން އެއްބަސްވަންޏާ ތިކަން ކުރަންވެސް ތައްޔާރު." ޒަހީން މަޑުމަޑުން ނަރީމާގެ އަތުގައި ހިފާލިއެވެ.
ޒަހީން އިންތިހާއަށް ލޯބިވާތަން ފެނުމުން ނަރީމާ ހުންނަނީ ވަރަށް އުފަލުންނެވެ. ނަރީމާއަށްޓަކައި ދެކުދިންގެ މަންމަ ދޫކޮށްލާފައި އައެވެ. މުޅިއާއިލާ ބަރުބާދު ކޮށްފައި ޒަހީން ނަރީމާއާއި ކައިވެނި ކުރިއެވެ. ކައިވެނީގެ ފުރަތަމަ ދުވަސްތައް އެމީހުން އުޅުނީ ބައެއް ޤައުމުތަކުގައި މަޖާކުރާށެވެ. ދެމީހުންގެ ކުދިންނަކަށްވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަރީމާއަށް ޒަހީނުގެ އޯގާތެރިކަމާއި އޭނާގެ މުއްސަނދިކަމުން ލިބޭހާ ފައިދާއިން ހުންނަނީ އުފަލުން ފޮޅިފައެވެ. މާލޭގައި ނަރީމާ ދެކުދިންނާއިއެކު އުޅުނީ ޒަހީންގެ ގޭގައެވެ. އެންމެފަހުން ކުރީގެ އަނބިމީހާ ކުދިންކޮޅު ގޮވައިގެން އޭނާގެ ރަށަށްދާނެ ހުރިހާގޮތެއް ހެދީ ނަރީމާއެވެ. އެ ކޮންމެ ކަމަކާ ޒަހީން ހުންނަނީ ނަރީމާގެ ކޮޅަށެވެ. ހީވަނީ ޒަހީނަކީ ހެޔޮނުބައި ނޭނގޭވަރުގެ ކަނުވެފައި ވާ މީހެއް ހެންނެވެ.
"ޒަހީން ތިހުންނަނީ އަނދިރިވެފަތަ؟ އިންނާނެ މީހަކު ނުވެހުރި ކަސްބީ އަންހެނަކާ ކައިވެނިކޮށް އަމިއްލަ އާއިލާ ހަލާކުގެ ތެރެއަށް ދޫކޮށްލައިގެން ތިހުންނަނީ އަޅެފަހެ އެއްޗެއް ބޮވިފަތަ". ޒަހީންގެ އެންމެ ގާތް ރަހުމަތްތެރިޔާ ޒަހީނަށް ވިސްނައިދެވޭތޯ އުޅެއުޅެ އެކަން ކާމިޔާބު ނުވުމުން ރުޅިއައެވެ.
"އަހަރެންގެ އުފަލަށް ހުރަސްއަޅަން ކަލޭތީ ކާކު؟. އަހަރެންނަކީ ކުށްވެރިއެއްކަމަށް ގަބޫލު ކުރެވެންޏާ އިތުރަށް އަހަންނާ ބައްދަލުކުރަން ނާދޭ." އެންމެފަހުން ޒަހީނުގެ އެންމެ ގާތް ރަހުމަތްތެރިޔާއާވެސް ގުޅުން ކަނޑާލިއެވެ.
ކައިވެންޏަށް 2 އަހަރު ވެގެން ބޭއްވި ކުޑަ ހަފްލާއެއްގައި ނަރީމާގެ ގިނަ ރައްޓެހިން ބައިވެރިވިއެވެ. ނަމަވެސް ޒަހީންގެ ގިނަރައްޓެހިންވަނީ އޭނާއާއި ވަރަށް ދުރުގައެވެ. އެމީހުންނަށް ނަރީމާގެ ޢަމަލުތަކާއިމެދު ޝަކުވާ ކުރެވެނީއެވެ. މިއީ ހަގީގަތުގައި ޒަހީން ބޭނުންވާ ގޮތެއް ނޫނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ނެތްކަމުގެ ފަޅުކަންވެސް އޭނާއަށް އިހުސާސް ކުރެވެއެވެ. އޭނާއަށް ފާޑެއްގެ އުނދަގޫތަކެއް ވާންފެށިއެވެ. އެންމެން ކާންތިބިއިރު ކާމޭޒު ދޫކޮށްފައި ޒަހީން ނިކުތެވެ.
"ޒަހީން ދަނީތަ؟" ނަރީމާ އެހިއެވެ.
"ނޫން. ފާޚާނާއަށް ގޮސްފައި އެބަ އަންނަން." ޒަހީން ބުންޏެވެ. އޭނާ ފާޚާނާއަށް ދިޔައިރު ފަހަތުން ކޮންމެވެސް މީހަކު އަންނަހެން ހީވިއެވެ. ނަމަވެސް މީހަކު ފެންނާކަށްނެތެވެ. އެރޭ ނިދަން ވަދެފައި އެވާހަކަ ނަރީމާ ގާތު ބުންޏެވެ.
"މިދުވަސްކޮޅު އަހަރެން އެހާ ފިޓެއް ނޫން. އަބަދުވެސް ވަރުބަލިވެފަ ހުންނަނީ. ބަނޑަށް އުނދަގޫވުންވެސް ރަނގަޅެއްނުވި." ޒަހީން ނިދަންއޮވެފައި ބުންޏެވެ.
"ތިވާނީ މާބޮޑަށް ބުރަކޮށް އުޅެވޭތީ ކަމަށް. ހިނގާ އެއް ހަފްތާ އަރާމުކޮށްލަން. ރާއްޖޭން ބޭރަށްގޮސްލާ މަޖާކޮށްލަން." ނަރީމާ ބުންޏެވެ.
"ނޫން. ބައެއްފަހަރު އުނދަގޫވާވަރުން ތެދުވާ ހިތްވެސް ނުވޭ. ހީވަނީ އަބަދުވެސް މީހަކު ކައިރީގައި ހުރެ ބޮލަށް އުނދަގޫ ކުރާހެން". ޒަހީން ބުންޏެވެ.
"ތިވާނީ ހީވާ ގޮތެއް ކަމަށް." ނަރީމާ އެހެން ބުނީ އޮޅުވާލަން ވެގެންނެވެ. ފަހަކަށްއައިސް އޭނާއަށްވެސް މީހަކު އޭނާ ގާތުގައި އުޅޭހެން ހީވެއެވެ. ބިރުވެރި ހުވަފެންތައްވެސް ފެނެއެވެ. ނަމަވެސް އެކަންކަން އެއީ މާބޮޑު ކަމަކަށް އޭނާ ނުހަދައެވެ.
ހެނދުނު ހޭލިއިރު ޒަހީނެއް ނެތެވެ. ނަރީމާ ދުވެފައި ކަހަލަ ގޮތަކަށް މުޅި ގެ ބަލައިފިއެވެ. ޒަހީނު ނުފެނުމުން ފޯނަށް ގުޅިއެވެ. ފޯނެއްވެސް ނުނަގައެވެ. ޒަހީނުގެ އިންތިޒާރުގައި ވީގޮތް ނޭނގި ހުއްޓާ ކުއްލިއަކަށް ގެއަށް އައިސްވަނީ އޭނާގެ ކުރީގެ އަނބިމީހާއެވެ.
"ނަރީމާ. ކަލޭ ހީކުރީ ޒަހީން އެހާފަސޭހައިން ކަލޭގާތަށް ދިޔައީ ލޯބިވާތީ ކަމަށްތަ؟ ކަލޭ ކުޅޭ ހުރިހާ ކުޅިގަނޑެއް އަހަރެން ބަލައިފިން. ޒަހީން ދެން ކަލޭ ގާތަކަށް ނާންނާނެ." އޭނާ ބުންޏެވެ.
"ޒަހީން. ބަލާބަލަ މި އަންހެނާ ކިޔާއެއްޗެއް." އެތެރެއަށް ވަދެގެން އައި ޒަހީން ފެނުމުން ނަރީމާ ޝަކުވާ ކުރިއެވެ.
"ދެމީހުން ޒުވާބު ނުކުރޭ. ކަލޭމެންގެ ކަންތަކާހުރެ އަހަރެންގެ ބޯ ހަލާކު ވާވަރުވެއްޖެ. ދެމީހުންވެސް މިގެއިން ނިކުމޭ. ކަލޭމެންނަކާހުރެ އަހަރެންނަށް މަސައްކަތެއް ކުރެވެނީކީ ނޫން. ހަމަނިދި ލިބެނީކީ ނޫން." ޒަހީން ހުރީ ވަރަށް ރުޅިގަދަވެފައެވެ. މިއީ އެއިން އެކަކުވެސް ޒަހީންގެ ފުށުން ކުރިން ފެނިފައިނުވާ ވަރުގަދަ ރުޅިއެކެވެ. ޒަހީން ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ.
"އެނގިއްޖެއެއްނު. ދެން މިގޭން ނިކުމޭ." ނަރީމާ ހަޅޭއްލަވައިގަތީ ޒަހީން ކުރީގެ އަންހެނުންނާ ދިމާއަށެވެ. އޭނާ މަޑުމަޑުން ނިކުމެގެން ހިނގައްޖެއެވެ.
ޒަހީނަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަތަން ނަރީމާއަށް ފެނެއެވެ. ނިދީގައި ރުއިމެވެ. ހަޅޭއްލެވުމެވެ. އަބަދު ބޮލުގައި ރިއްސުމެވެ. ވިޔަފާރީގެ މަސައްކަތަށް ފަރުވާ ކުޑަކުރުމެވެ. އަބަދުވެސް ކޮންމެވެސް މީހަކު އޭނާއަށް އުނދަގޫ ކުރާހެން ހީވަނީއޭވެސް ބުނެއެވެ. ދޭތެރެއަކުން ނަރީމާދެކެ އިންތިހާއަށް ރުޅިއައުމެވެ. ބާރަށް އެއްޗިހި ކިއުމެވެ. މިކަންކަމާހުރެ ނަރީމާ ހުންނަނީ އަބަދުވެސް ނުތަނަވަސް ވެފައެވެ. އޭނާ ޒަހީނު ހޯދިގޮތް އެއީ ނުބައިގޮތެއްކަން އިހުސާސްވިއެވެ. މިކަމުން ސަލާމަތްވާންވެސް އޭނާ ބޭނުމެވެ.
ކާރަކަށް އަރައިގެން އޭނާ ދިޔައީ ރީޝާއާ ބައްދަލު ކުރެވޭތޯއެވެ. ދިމާވެގެން އުޅޭމައްސަލަ އޭނާއަށް ކިޔައިދޭށެވެ. ރީޝާމެންގެއާއި ހަމައަށް ދެވުނުއިރު ރީޝާ ހުރީ ބޭރަށް ނިކުމެއެވެ. ނަރީމާއަށް ދިމާވެގެން އުޅޭ މައްސަލަ ރީޝާއަށް ކިޔައިދިނެވެ.
"ތީ ނަރީގެ އަމިއްލަ ކަމެއް. މާބޮޑަށް ޒަހީން ބޭނުންވެފަ ހުރީމަ ކަންކުރެވުނު ނުބައި ގޮތެއް. އެދުވަހުވެސް އަހަރެން ބުނިން ތިކަން ނުކުރުމަށް." ރީޝާ ބުންޏެވެ.
"ހިނގާބަލަ އެމީހާ ގާތަށް ދާން." ނަރީމާ ހުރީ ބިރުންނެވެ.
"އެމީހާ ވަރަށް ބަލިވެގެން ކޮންމެވެސް ރަށެއްގައި ދިވެހި ބޭސް ކުރަނީ. މީހަކު ބުނި އޭނާގެ އެއްފަޅި ވާގިނެތުނިއްޔޯ." ރީޝާ ބުންޏެވެ. ލިބުނު މާޔޫސްކަމާއިއެކު ނަރީމާ އެނބުރި ދިޔައެވެ. ޒަހީންއަށް އޭނާކުރި ނުބައިކަންތައް ރަނގަޅު ކުރާކަށް އޭނާއަކަށް ނޭނގެއެވެ. އެވާހަކަ މީހެއް ގާތުގައި ދައްކާކަށްވެސް ނުކެރެއެވެ. އޭރުން އޭނާގެ ހަގީގަތް ފަޅާއަރާ ބޭޒާރު ވާނެއެވެ.
ގެއިންފެންނަ އާދަޔާ ޚިލާފު ކަންތައްތަކުގެ ސަބަބުން ނަރީމާ ކަންބޮޑު ވިއެވެ. މީހަކު އުޅޭހެން ހީވުމެވެ. ފާޑުފާޑުގެ އަޑުތައް އިވޭހެން ހީވުމެވެ. ބިރުވެރި ހުވަފެންތައް ފެނުމެވެ. ދުވަހުން ދުވަހަކަށް ޒަހީނުގެ ރުޅިގަދަވެފައިވާ މިޖާޖުގެ ސަބަބުން ކޮންމެ ދުވަހަކު ކޮންމެވެސް މައްސަލައެއް ދިމާވެއެވެ. ނަމަވެސް އޭނާ ރަނގަޅު އިރަކު ނަރީމާއަށް އިންތިހާއަށް ހެވެއެވެ. ރުޅިގަނޑުގައި ކިޔާއެއްޗިހި އޭގެ ސަބަބުން ހަނދާން ނެތެއެވެ.
ހަވީރު ގަޑިއެވެ. ނަރީމާއޮތީ ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ފާޚާނާ ތެރެއިން ބާރު އަޑުފަށްގަނޑެއް އިވުނެވެ. ނަރީމާ ދުވެފައިގޮސް ފާޚާނާ ދޮރު ހުޅުވާލިއެވެ. އޭރު ޒަހީނުއޮތީ ބިންމައްޗަށް ވެއްޓިފައެވެ. ލޯބިވާ ފިރިމީހާ އެހާލުގައި އޮއްވާ ފެނުމުން އޭނާއަށް ރޮއިގަނެވިއްޖެއެވެ. އެމްބިއުލެންސް ގެނެސް ޒަހީން ވަރަށް އަވަހަށް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އޭނާއަށް ޖެހިފައިވާ ބަލި ރަނގަޅު ނުކުރެވޭނެ ކަމުގައި ޑޮކްޓަރު ބުންޏެވެ. ޒަހީންގެ ސިކުނޑިއަށް ސްޓްރޯކެއް ޖެހި ހަށިގަނޑުގެ އެއްފަޅި ވާގި ނެތުނީކަމުގައިވެސް ޑޮކްޓަރު ބުންޏެވެ.
"ހޮސްޕިޓަލްގައި ބޭއްވުމުގެ ބޭނުމެއް ނެތް. ޒަހީން ގެއަށް ގެންގޮސްގެން ދެވޭނެ ފަރުވާތަކަކީ ނަރީމާއަށްވެސް ދެވިދާނެ ފަރުވާ." ޑޮކްޓަރުގެ ނަސޭހަތަކީ ޒަހީން ގެއަށް ބަދަލު ކުރުމެވެ.
"ގޭގައި ކަމެއް ދިމާވިޔަސް ނޭނގޭނެ. މިތަނުގައި ޒަހީން ބާއްވާދެއްވާ. އަޅުގަނޑު އިތުރަށް ފައިސާވެސް ދީފާނަން." ނަރީމާ ރޮމުން ބުންޏެވެ.
"ބަލިމީހުން ތަކެއްގެ ތެރޭގައި ބޭއްވުމުން ބަލިމީހާ އިތުރަށްވާނީ ބަލި. އަހަރެމެންގެ ލަފާއަކީ އޭނާ ގޭތެރޭގެ މާހައުލުގައި ގެންގުޅުން." ނަރީމާ އެދުނު އެދުމަށް ޑޮކްޓަރު އިންކާރު ކުރިއެވެ.
ނަރީމާއަށް ޖެހުނީ ޒަހީންގެއަށް ގެނެސް އެނދުގައި ބާއްވައިގެން ބަލާށެވެ. ކިތަންމެ ވާހަކައެއް ޒަހީނު ދެއްކިޔަސް ނަރީމާއަކަށް އޭނާ ކިޔާއެއްޗެއް ނުވެއް އެނގެއެވެ. ޒަހީނަށް ކާން ދޭންޖެހެނީ ކުޑަކުދިންނަށް ބަކުން ދޭހެން މިކްސަރުން މުގުރައިގެންނެވެ. ކޮންމެފަހަރަކު ނެޕީ ބަދަލުކޮށް ފެންވަރުވާ ހަދަންޖެހެނީ ނަރީމާއަށެވެ. ޒަހީންގެ މައިންބަފައިންގެ އިތުރުން ކުރީގެ އަނބިމީހާއާއި ދަރިންވެސް އޭނާއަށް ގޮވާލަންވެސް ނާދެއެވެ. ނަރީމާގެ ކުދިންވެސް އޭނާ ދޫކޮށް އެކުދިންގެ ބައްޕަގާތަށް ބަދަލު ވެއްޖެއެވެ.
"ކަލޭގެ ސުންޕާކަމުން އަހަރެންނަށް ޖެހުނު ހާލު ބަލާބަލަ. ކަލެއަށް އެހީތެރިކަން ފޯރުކޮށްދިނުމުން އޭގެ ބަދަލުގައި އަހަންނަށް ދިން އަނިޔާ ދެކެބަލަ. އަހަރެންގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލާ މައިންބަފައިންނާއި ލޯބިވާ ކުދިންނާ ދުރު ކުރުވީ. ކުރިއަރަމުންދިޔަ ވިޔަފާރި ބަނގުރޫޓުކޮށްލާ ދިރިއުޅުން ބިކަކޮށްލާ ނުކުޅެދޭ މީހަކަށް ހަދާލީ." ސްޓްރޯކް ޖެހުންފަހުން އަނގައިން ބަހެއްވެސް ނުބުނެވޭ ޒަހީން ބިރުވެރި އަޑަކުން ނަރީމާއާއި ދިމާއަށް ކިޔަމުން ދިޔައެވެ. އެއީ ޒަހީންގެ އަޑެއް ނޫންކަން އޭނާއަށް އެނގެއެވެ. އެއީ ބިރުވެރި ނާމާން އަޑެކެވެ. ޒަހީންގައިގާ ވަނީ އާދަޔާ ޚިލާފު ބާރެކެވެ. ވާވެފައި ވުމުގެ ސަބަބުން ހަރަކާތް ނުކުރެވޭ އަތް އުފުލާލާ އަތަށް ގުޅާފައި އިން އައިވީފުޅި ނައްޓާލިއެވެ.
"ޒަހީން." ނަރީމާއަށް ހަޅޭއް ލަވައިގަނެވުނެވެ. އޭނާ ދުވެފައިގޮސް އައިވީފުޅި ގުޅިއެވެ. އަދި ޒަހީނަށް ބަލާލިއެވެ. އޭނާގެ ގައިގާ މީގެ ކުޑައިރުކޮޅެއް ކުރިން ފެނުނު އެއްވެސް ކަމެއްނެތެވެ. އެއީ ހަރަކާތެއްނެތް މަސްގަނޑެކެވެ. ވާހަކަ ނުދެކެވޭ ދިރިހުރި ފުރާނައެކެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދެއެވެ.
"އަހަންނަށް މާފުކުރޭ ޒަހީން. އަހަރެންގެ ކުށަށް އަހަރެން އިޢުތިރާފް ވަން. އެކަމަކު މިހާލުގައި ޒަހީން ދޫކޮށްލާފައި އަހަރެން ނުދާނަން. އުމުރަށް ބަލަންޖެހުނަސް އަހަރެން ޒަހީނަށް ފަރުވާދޭން ހުންނާނަން. މާތް ﷲ އަހަރެންގެ ކުށް އަފޫކުރައްވާ ކޮންމެވެސް މަގެއް މިކަމުގައި ދައްކަވާނެ." ނަރީމާ ރޮމުން ދިޔައެވެ.
އެމީހުން ދިރިއުޅޭގެ ހީވަނީ ފަޅުތަނެއް ހެންނެވެ. ގޭތެރޭގެ އަލި މަޑުވެފައި ހިމޭންކަމާއި ބިރުވެރިކަން ފެތުރިފައިވެއެވެ. ކުރިން ރައްޓެހިންނާއެކު އުފަލާ މަޖަލުގައި ހޭދަކުރި އެގެއަށް މިހާރު ވަދެލާނޭ މީހަކު ނެތެވެ. ދަންވަރު ގޭތެރޭން އިވޭ ފާޑުފާޑުގެ އަޑުތަކާއި ގޭތެރެއިން ފެންނަ އާދަޔާ ޚިލާފް ކަންކަމަށް ނަރީމާއަށް ޖެހުނީ ކެތްކުރާށެވެ. އަމިއްލަ އެދުމަށްޓަކައި ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ކުފުރެއްގެ ތެރެއަށް ވަދެވުމުގެ ސަބަބުން އުމުރު ދުވަހަށް އޭގެ އަގު އަދާކުރާށެވެ.
(ނިމުނީ)

ކިޔުންތެރިންގެ ޚިޔާލުތައް
ވާހަކަ ވަރަށް ރީތި. އަބަދުވެސް މިކަހަލަ ވާހަކަތަކަށް އިންތިޒާރު ކުރަން.
ޔަސްފާގެ ތަފާތު ވާހަކައެއް މީ. މިފަދަ ހަގީގީ ވާހަކައަށް ގެނެސްދޭ ވާހަކަ ވަރަށް ކަމުދޭ