ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރުހުން ހޯދަން, އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ. އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ، ޕީއެންސީގެ ސުޕަ މެޖޯރިޓީން ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ފަހެވެ.
އެއަށް ފަހު، ފަނޑިޔާރުކަމުގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ.
ޖޭއެސްސީން ވަނީ އެ ހުރިހާ ބޭފުޅުންނަށް އިންޓަވިއުކޮށްފައެވެ. އަދި އެންމެ މަތީ މާކްސް ލިބިފައިވަނީ ހަމީދަށާއި ސަލީމަށެވެ. މާކްސް ލިބިފައިވާ ތަރުތީބުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ވަނީ ރައީސަށް ލަފާ އަރުވައިފައެވެ.
ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގައެވެ.
ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ހަމީދު ކުރައްވާފައިވެއެވެ.
