މިދިޔަ އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހުގެ ބިލުގައި ޑިސްކައުންޓް ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ މެއި މަހުގެ ކަރަންޓު ބިލު އޭގެ ކުރީގެ 3 ކަރަންޓު ބިލާ އަޅާބަލާއިރު ބޮޑު ކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރުމާ ގުޅިގެން އެކަމުގެ ތަފްސީލް ހިއްސާކޮށް ކުރި ޕޯސްޓެއްގައެވެ
ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ ޓެރިފް ރޭޓުތައް އަގުހެޔޮ ކުރުމަށް ނިންމެވުމާ ގުޅިގެން އެ ނިންމެވުމާ އެއްގޮތަށް ހަދާފައިވާ މެއި މަހުގެ ކަރަންޓު ބިލުތައް އޭޕްރިލް މަހުގެ ބިލަށްވުރެ ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ. އަދި ޓެރިފް ރޭޓުތަކަށް އައި ބަދަލުތަކާއެކު ކަރަންޓު ބިލަށް އައި ބަދަލު ސާފުކޮށް ފެންނާނީ އެންމެފަހުން ގޭބިސީތަކަށް ފޮނުވި ތިން ބިލުގެ ކުރިން ގޭބިސީތަކަށް ފޮނުވާފައިވާ ބިލުތަކާ އަޅާ ކިޔުމުން ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.
މެއި މަހުގެ ކުރިން ފޮނުވާފައިވާ ތިން ބިލުގެ ތެރޭގައި ދެ ބިލަކީ ރަމަޟާން މަހާ ދިމާކޮށް، ސަރުކާރުން ދެއްވާފައިވާ ޑިސްކައުންޓް ހިމެނޭ ދެ ބިލެވެ. އަދި އަނެއް ބިލަކީ ކުރު މުއްދަތަކަށް ކޮށްފައިވާ ބިލެކެވެ. އެހެންވެ ޓެރިފުގެ ބަދަލާއެކު ކަރަންޓު ބިލުތަކަށް އައި ހަގީގީ ފަރަގު ފެންނާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ބިލު ނުވަތަ މި އަހަރުގެ ޖެނުއަރީ މަހުގެ ބިލު އަޅާ ކިއުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
