އީދުގައި އެކުވެރިކަން ބަދަހިކޮށް އިޖްތިމާއީ ރޫޙު އާލާކުރުން މުހިންމު: ރައީސް

މި އަޟްހާ އީދުގައި އެކުވެރިކަން ބަދަހިކޮށް އިޖްތިމާއީ ރޫޙު އާލާ ކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޢީދު ދުވަހުގެ މުނާސަބަތުގައި ރޭ ފޮނުއްވި ޚިޠާބުގައެވެ.

ޢީދުގެ ތަޙުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައިވެސް އަދި ޚިޠާބުގައިވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.

"ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ހަގީގީ ޒީނަތްތެރިކަމެވެ." އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަޞްޠީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަޞްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާދަންނަވަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *