މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިޔަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން އަހަރުގެ ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ.
މި އަހަރުގެ 1 މިލިއަން ވަނައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްއެވެ. ކާޖަލް ސިންގް މިއަދު ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓެއްގައި މެންދުރު 12:55 ގައެވެ.
ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށް ކާޖަލް ޒިޔާރަތް ކުރާއިރު، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ. އޭނާ ރާއްޖެއަށް އައުމުން އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެންނެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުޙަބާ ދަންނަވާފައެވެ.
މިކާމިޔާބީ ފާހަގަކުރައްވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، މިލަނޑުދަނޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ ދިވެހިން ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި މީގެ އިތުރުން އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް ވަޒީރު ޠާރިޤު ވަނީ ޝުކުރު ދަންނަވާފައެވެ.
1 މިލިޔަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ
ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ "ފަސް މިލިޔަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ. އެގޮތުން، ކާޖަލް ވަނީ ހުޅުލޭގައި މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފައެވެ.
