ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް

އަރުމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ހާސިލް ކުރި ލައިބާއަށް ސާބަހާއި މަރުހަބާ ދަންނަވާ ކަމަށެވެ. މިއީ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑައްޔެއް ހޯދުނު ފުރަތަމަ ފަހަރެވެ.

ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް." ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *