ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިސްމާޢީލް ނަވީން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަން ކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނަވީންއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުއްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ނަވީން އައްޔަންކުރައްވާފައިވަނީ އެމަޤާމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ތެރެއިންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާޢީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި، ޢަލީ ޝުޖާޢު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައި ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.
