"ކަނބުލޮ" ޕޯސްޓަރުންވެސް ނިމުމެއްނެތް ވޭނާއި ކެކުޅުން ދައްކުވާލައިފި

އަންނަ އޮގަސްޓު 31 ގައި އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ދިވެހި ފިލްމު “ކަނބުލޮ” ގެ ޕޯސްޓަރު މިއަދު ދައްކާލައިފިއެވެ.

މި ފިލްމުގެ ވާހަކައަކީ ޔަޝްފާ އަބްދުލްޢަނީ ލިޔުއްވާފައިވާ އަދި 2009 ވަަނަ އަހަރު ދިގު ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކަ ކަމަށްވާ “ޔުކްތާ” އަށް ބިނާކޮށް، މަހުދީ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަން ސްޓޫޑިއޯ އިންނެވެ.

ހުސައިން މުނައްވަރު (ކިޑް) އަކީ މިދިޔަ އަހަރު އޮލިމްޕަހުގައި މުޅިން ވެސް ހައުސްފުލް ޝޯތަކެއް ދެއްކި އަދި މަހުދީގެ ސްކްރީންޕްލޭއަކަށް ގެނެސްދިން “ކަމަނާ” ގެ ޑައިރެކްޓަރެވެ. “ކަނބުލޮ” އަކީ ކިޑްގެ ފަސް ވަނަ ޑައިރެކްޝަނެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

މިއީ، ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކާއި އެކަމަށް އިންސާފު ހޯދުމުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބުނެދެނީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ މީހުންގެ ފަރާތުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވުމެވެ.

މީގެއިތުރުން މި ފިލްމުގައި މުޖުތަމައުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކާއި، ކުޑައިރު އެ ލިބޭ އަނިޔާގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުތައް ވެސް ދައްކަދޭނެ އެވެ. އަދި ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާގޮތާއި، ނިކަމެތި ކުދިންނަށް ކުރި ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އެ ކުއްޖާ ކުރި ހިތްވަރުގަދަ މަސައްކަތް ވެސް ދައްކަދޭނެއެވެ.

“ކަނބުލޮ” ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގައެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *