ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާއިގުޅޭ ކަންކަން ދާދި އަވަހަށް ހަމަޖެހިގެންދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާއިގުޅޭ ކަންކަން ދާދި އަވަހަށް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މާފަރުގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައެވެ. އަދި ބައިނަލްއަޤުވާމީ އެއަރޕޯޓެއް މާފަރުގައި އޮތްއިރު، އެކަމަށް އެންމެ އެކަށޭނަ ފެންވަރުގައި، ވަށާޖެހޭ ގޮތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ މާފަރުގެ ޞިއްޙީ ދާއިރާއާއި ގުޅުންހުރި ކަންކަމެވެ. އެގޮތުން، އާދީއްތަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު، ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އަލުން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން، 2026 ވަނަ އަހަރު އަލަށް މަޝްރޫޢު ފެށިގެންދާ ރަށެއްގެ ގޮތުގައި، ނ. މާފަރު ހިމަނުއްވައި އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ދެންވެސް ހުރި މިފަދަ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މަސައްކަތް ނިމިފައިވާ މާފަރުގެ ނަރުދަމާގެ ޚިދުމަތްވެސް، މިއަދު ރަސްމީކޮށް ވަނީ އިފުތިތާހުކޮށްފައެވެ.

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *