ޙަޤީޤީ ޙާދިސާ: އަނބިދަރިންނަށްޓަކާ ހިތުގެ ލޯބި ޤުރްބާންކުރި ޢިބްރަތްތެރި ލޯބީގެ ކުޅިގަނޑެއް

އޭނާއަކީ އަޅުގަނޑުގެ އަވަށްޓެރިއެކެވެ. ވަރަށް ޚާއްޞަ އަވަށްޓެރިއެކެވެ. އެއީ ލޯބިވުމަކީ ކޮބައިކަން އެނގުނީއްސުރެ އޭނާދެކެ އަޅުގަނޑު ލޯބިވާތީއެވެ. އޭނާ އާއި ކައިވެނިކުރަން ބޭނުންވާތީއެވެ. ނަމަވެސް އޭނާ އަޅުގަނޑު ދެކެ ލޯތްބެއް ނުވެއެވެ. އޭނާ ލޯބިވަނީ އަވަށްޓެރި އެހެން ޒުވާނަކު ދެކެއެވެ.

އެއީ މަސައްކަތްކުރާ ޒުވާނެއްވެސް ނޫނެވެ. ބަސްމަގު ހުތުރު ޒުވާނެކެވެ. ތަޅާއަނިޔާކުރާ ޒުވާނެކެވެ. ކިތަންމެ ފަހަރަކު މަގުމަތީގައި އަނިޔާކުރަނިކޮށް ދެމީހުންގެ ދެމެދަށްވެސް ވަންނަމެވެ. ޢަޖައިބުވާންޖެހޭ ކަމަކީ އެވަރަށް އަނިޔާކޮށް ނުބައިބަސްތައް ބުނާއިރުވެސް އޭނާދެކެ އަންހެންކުއްޖާ ލޯބިވާތީއެވެ.

އެއްރޭ ގޭދޮރުމަތީގައި ހުއްޓާ އަންހެން ކުއްޖާ އައެވެ. މޫނުގެ އެއްފަޅި ހުރީ ދުޅަވެފައެވެ. ލޯބިވާ މީހާ ޖެހުމުންނެވެ. އަޅުގަނޑު ގާތުގައި ހުރެ ރޯންފެށުމުން އޭނާ ދޫކޮށްލައި އަޅުގަނޑާއި ކައިވެނިކުރަން އެދުނީމެވެ. ނަމަވެސް އޭނާކުރީ އިންކާރެވެ. ބުނީ އެހެން މީހަކު ދެކެ ލޯބި ނުވެވޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކަންކަންކުރި ނަމަވެސް ކައިވެނިކުރާނީ ހަމަ އޭނާ އާއި ކަމަށެވެ.

އެގޮތަށް ބުނުމުންވެސް އަޅުގަނޑު އޭނާއަށް އިންތިޒާރުކުރީމެވެ. ނަމަވެސް ހިތުގައި ސުވާލުތަކެއް އުފެދެން ފެށިއެވެ. "އޭނާއަށް ހުތުރު ބަސްތައް ގޮވައި ތަޅާ އަނިޔާކުރާއިރުވެސް އޭނާ ކައިވެނިކުރަން ބޭނުންވަނީ ހަމަ އޭނާއާއިއެވެ. އޭނާ އަހަރެންދެކެ ލޯބިނުވާކަމަށް ބުނާއިރުވެސް އަހަރެންނާއި ކައިވެނި ނުކުރާނެ ކަމަށްބުނާއިރުވެސް އަހަރެންނަށް މިބޭނުންވެވެނީ ހަމަ އޭނާ އާއި ކައިވެނި ކުރާށެވެ. މިއީ އަޅެ ބޮޑު އަރަތެއް ނޫން ހެއްޔެވެ؟"

ކޮންމެއަކަސް އެންމެފަހުން އަޅުގަނޑު ނިންމީ އަޅުގަނޑުދެކެ ލޯބިވާ، އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާ އަންހެނެކާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމަށެވެ. ޙަޔާތަކީ އަގުބޮޑު އެއްޗަކަށްވާތީއެވެ. ގެއްލިގެންދާ އެންމެ ދުވަހެއްވެސް އަނބުރައި ނުލިބޭނެތީއެވެ.

އަޅުގަނޑުދެކެ ލޯބިވާ ކަމަށާއި ކައިވެނިކުރަން ބޭނުން ކަމަށް ބުނަމުން އައި ކުއްޖަކާއި އަޅުގަނޑު ކައިވެނިކުރީމެވެ. ކައިވެނީގެ ކަންކަން ދިއައީވެސް ވަރަށް ރަނގަޅަށެވެ. ކައިވެނިކުރިއިރު އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަށް ލޯބި ނެތްނަމަވެސް އޭނާގެ ކިބައިގައި ހުރި ރިވެތި އަޚްލާޤްގެ ސަބަބުން ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިތުގައި ލޯބި އުފެދުނެވެ.

ކައިވެންޏަށް 4 އަހަރުވީއިރު ދެ ދަރިންވެސް ވަނީ ލިބިފައެވެ. ދުވަހަކުވެސް މައްސަލަ ޖެހި، ދެބަސްވެ ޒުވާބުކުރާކަށް ވެސް ނުޖެހެއެވެ. އުފެދޭ ކުދިކުދި މައްސަލަތައް ވާހަކަ ދައްކައިގެން ޙައްލުކުރެވެއެވެ.

އެއްރޭ ކައި ނިމުނުތަނާހެން އެޕާޓްމަންޓްގެ ބެލް ޖެހުމުން ހުޅުވިއިރު ހުރީ އަޅުގަނޑު އެއަންހެނަކަށް އެންމެ ބޭނުންވި އަންހެނާއެވެ. މޫނުގެ ތަންތަން ހުރީ ދުޅަވެފައެވެ. ނޭފަތުންނާއި އަނގައިން ލޭ އާދެއެވެ. އަނގައިން ލޭ އަންނަނީ އަނގަމަތި ފަޅައިގެން ގޮސްފައި ހުރުމުންނެވެ.

އެމަންޒަރު ފެނުމުން ވަރަށް އަސަރުކުރިއެވެ. އަދި އަވަސް އަވަހަށް ގެއަށް ވައްދާފައި އޭނާއަށް އެހީތެރިވެދިނުމަށް އަނބިމީހާގެ ގާތުގައި އެދުނީމެވެ. އަނބިމީހާ ބޭނުންވީ އޭނާ ގޮވައިގެން ހޮސްޕިޓަލަށްދާށެވެ. އެކަމަށްވެސް އެއްބަސްވީމެވެ.

އަނބިމީހާ އެބުރި އައީވެސް އޭނާ ގޮވައިގެންނެވެ. އޭނާ އެދުނީ ރަނގަޅުވެލަންދެން ގޭގައި ބައިންދާލަ ދިނުމަށެވެ. އަނބިމީހާ ހުރީ އެކަމަށް އެއްބަސްވެގެންނެވެ. އެހެންވެ އަޅުގަނޑުވެސް އެއްބަސްވީމެވެ.

މަސް ދެމަސް 3 މަސްވުމުން ވެސް އޭނާ ދާކަށް ނޫޅުނެވެ. އަނބިމީހާ އާއި ގުޅާލައިގެން އުޅުނީ ގޭގައެވެ. ނަމަވެސް ދެން ކުރިމަތިވީ ޙައްލުކުރަން އެންމެ އުނދަގޫވި މައްސަލައެވެ. އަނބިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ރުއްސައިގެން އޭނާ ބޭނުންވީ އަޅުގަނޑާއި ދެއަނތްބަށް ކައިވެނިކުރާށެވެ.

އަނބިމީހާ އެކަމަށް ރުހުނީ އަޅުގަނޑު އޭނާދެކެ ލޯބިވާވަރު އެނގުމުން އަޅުގަނޑަށް އުފާވެރިކަން ހޯދައިދޭށެވެ. ނަމަވެސް އެކަން އަޅުގަނޑަށް ޤަބޫލެއް ނުކުރެވުނެވެ. އަޅުގަނޑު ބިރުގަތީ އެކަންކޮށްފިނަމަ އަނބިމީހާ ދެކެ ފޫހިވެދާނެތީއެވެ. ދެދަރިންގެ މަންމަ ހިތުގައި ޖެހޭނެ ފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ. ދެދަރިންގެ މަންމަގެ ހިތުގައި ޖެހިދާނެ ފަދަ ކަމެއް ކުރަން ބޭނުންނުވާތީއެވެ.

ތަކުރާރުކޮށް އަޅުގަނޑު އިންކާރުކުރުމުން އޭނާ ގެއިން ނުކުމެގެންދަމުން ބުނީ އަޅުގަނޑު އޭނާދެކެ ކުރިންވެސް ލޯބިނުވާކަމަށެވެ. ލޯބިވީނަމަ ދެއަނތްބަށް ކައިވެނިކުރާނެ ކަމަށެވެ. އަޅުގަނޑު އޭނާދެއްކި އެ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. އެއީ ދިރިއުޅުން ފަށައި ދަރިން ލިބުމުން ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދަން ބޭނުން ނުވާތީއެވެ. އަދި ލޯބިވުމަކީ ބޭނުންވުމުން ފަތިޖަހާ ގަޔަށް ހެޔޮވަރުކުރާ ލިބާހަކަށް ހަދަން ބޭނުންނުވާތީއެވެ. އަޅުގަނޑުގެ ވިސްނުމަކީ ގަޔަށް ހެޔޮވަރުނުވީމާ ދޫކޮށް ނުވަތަ ބާރުކޮށް އޮތަސް ހަމަ އެންމެ ރަނގަޅު ކަމަށް ޤަބޫލުކޮށްލުމެވެ.

ނޫހުގެ ކިޔުންތެރިންނަށް ބުނާނެ ވަކިބަހެއް ނެތެވެ. ނަމަވެސް ސުވާލެއް ކޮށްލާނަމެވެ. އެ ސުވާލަކީ އަޅުގަނޑަށް ކަންކަން މިކުރެވުނީ ގޯސްކޮށްތޯއެވެ؟ މިކިޔައިދިން ގޮތަށް ކަންކަން ދިމާވުމުން ދެއަނތްބަށް ކައިވެނި ނުކުރުމަކީ ކުރިން އަޅުގަނޑުދެކެ ލޯބިނުވާކަމުގެ ހެއްކެއްތޯއެވެ؟

ޖަވާބުދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަމެވެ!

– ރަމީޒް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *